ދިރާގު ޓީވީީއަށް އިތުރުކުރި ޗެނަލްތަކެއް ދައްކާލަނީ (ފޮޓޯ/ކޯޕަރޭޓް މޯލްޑިވްސް)

ދިރާގު ޓީވީއަށް ރީބްރޯޑްކާސްޓިން ހުއްދަ ހޯދަން ބްރޯޑްކޮމް ގޮވައިގެން ކޯޓަށް

ދިރާގުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ރީބްރޯޑްކާސްޓިން ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ދިރާގު ޓީވީއަށް ދޫކޮށްފައިވާ ލައިސަންސް ހަމަވުމުން، އެ ހިދުމަތް ހުއްޓާލަން ޖެހިފައިވާތީ
7 ނޮވެމްބަރު 2022
1

ހަމައެކަނި %100 ދިވެހި ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ލައިސަންސް ދޫކުރާ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ގަވާއިދު އިސްލާހުކުރުމާ ގުޅިގެން ދިރާގުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ޖެނުއަރީގައި ބްރޯޑްކޮމުން އިސްލާހުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން:

  • ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި

  • މި ބަދަލާ ގުޅިގެން ބަހްރެއިން ބަޓެލްކޯގެ ހިއްސާ އޮންނަ، ދިރާގަކަށް ރީބްރޯޑްކާސްޓިން ލައިސަންސެއް ނުލިބޭ

ތަފްސީލް - ރީބްރޯޑްކާސްޓިން ލައިސަންސް އާކުރަން މިދިޔަ ޖުލައި މަހު ދިރާގުން ހުށަހެޅުމުން، ބްރޯޑްކޮމް އިން ވަނީ އާ ގަވާއިދުގެ ދަށުން ލައިސަންސް ދެވެން ނެތް ކަމަށް އަންގާފަ އެވެ. އެހެންކަމުން، ދިރާގު ޓީވީއަށް 2013ގައި ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ ޖެނުއަރީގައި ހަމަވުމުން ހިދުމަތް ހުއްޓާލަން މަޖުބޫރު ވާނެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން އެ ކޮމިޝަންގެ ބައްދަލުވުމެއްގައި. (ފޮޓޯ/ބްރޯޑްކޮމް)

ދިރާގުން ކޯޓަށް ހުށަހެޅީ، މި ގަވާއިދުގެ ސަބަބުން އެޅި ފިޔަވަޅަކީ ގާނޫނީ އިމުގެ ތެރެއިން އެޅި ފިޔަވަޅެއްތޯ ކަނޑައަޅައިދިނުމަށް، ޖުޑީޝަލް ރިވިއުގެ މައްސަލައެކެވެ. މި މައްސަލައިގައި ކޯޓުން ގޮތެއް ނިމެންދެން، ދިރާގު ޓީވީގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދަން ވަގުތީ އަމުރަކަށް ވެސް ދިރާގުން އެދިފައިވެ އެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި މިހާތަނަށް ދިރާގުން ވަކި އެއްޗެއް ނުބުނާތީ، އެ ކުންފުނީގެ ބަހެއް ލިބޭ ގޮތް ނުވެ އެވެ. އެކަމަކު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި، ހިދުމަތް ހުއްޓާނުލާ ކުރިއަށްގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

އެނގުން މުހިންމު - ވަކި ބަޔަކަށް މަންފާވާ ގޮތަށް ރީބްރޯޑްކާސްޓިން ގަވާއިދު ބަދަލުކުރުމާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނާއި ގަވާއިދު ކޮމިޓީން ދަނީ ބަލަމުންނެވެ. މި މައްސަލައިގައި ވާހަކަދެއްކި ގިނަ މެމްބަރުން ވަނީ ބްރޯޑްކޮމާ ދެކޮޅަށް ވާހަކަދައްކާފަ އެވެ.

ނަމަވެސް، ބްރޯޑްކޮމުން ވަނީ، މިއީ ދިވެހި ވިޔަފާރިތަކަށް ފަހިކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށާއި އެއްވެސް ގާނޫނަކާ ގަވާއިދަކާ ފުށުއެރުންތަކެއް ފާހަގަކުރެވިފައި ނުވާ ކަމަށް ކޮމިޓީގައި ބުނެފަ އެވެ.

ކޮމެންޓް (1)

ހަސަންދީ

7 ނޮވެމްބަރު 2022
ދިވެހި ވިޔަފާރިތަކަށް މަގުފަހިކޮށްދީ ބޭރުގެ އިންވެސްޓަރުންނަށް ބަންދު ދާއިރާތައް ކަނޑައެޅުމަކީ އިކޮނޮމިކް މިނިސްޓްރީން ކުރަންޖެހޭ ކަމެއް. ވަކި އެހެން އިދާރާއަކުން ކުރަންޖެހޭ ކަމެއްގެ ތެރެއަށް ވަނުމަކީ ބްރޯޑްކޮމްއަށް ކުރެވޭނެ ކަމެއް ނޫން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް