ތޮއްޑޫގައި ކަރާ ހައްދާފައި: މި އަހަރު ތޮއްޑޫގައި ކަރާގެ ދަނޑުވެރިކަން ވަރަށް ރަނގަޅު. (ފޮޓޯ/ކައުންސިލް)

ރޯދަ 2022

ތޮއްޑޫން ރޯދައަށް 1،170 ޓަނުގެ ކަރާ ބާޒާރަށް ނެރެނީ

ރޯދައަށް ހާއްސަކޮށް އެ ރަށުން 119 ދަނޑު ކަރާ ހެއްދުމަށް ދޫކޮށްފައިވޭ
3 އޭޕްރީލު 2022

ރާއްޖޭގައި ޒަމާނުއްސުރެ އެންމެ ފުޅާ ދާއިރާއެއްގައި ކަރާގެ ދަނޑުވެރިކަން ކުރާ އއ. ތޮއްޑޫން މި ރޯދަ މަހުގެ ތެރޭގައި ބާޒާރަށް މަދުވެގެން 1،170 ޓަނުގެ ކަރާ ނެރޭނޭ ކަމަށް އެ ރަށުން މިއަދު ބުނެފި އެވެ.

ބުނީ ކީކޭ؟ - ތޮއްޑޫ ކައުންސިލްގެ މެންބަރު ހުސެއިން ޝައިބާން މިއަދު 'ދައުރު'އަށް ވިދާޅުވީ ރޯދައަށް ހާއްސަކޮށް އެ ރަށުން 119 ދަނޑު ކަރާ ހެއްދުމަށް ދޫކޮށްފައިވާ ކަމަށެވެ. އެ ދަނޑުތަކުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 25-30 ޓަނުގެ ކަރާ ނެރެވޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

ކޮންމެ ދުވަހަކު ވެސް އެ ރަށުން ކަރާ ބަރުކޮށްގެން ދޯންޏެއް މާލެ ދާނެ ކަމަށް ޝައިބާން ވިދާޅުވި އެވެ. އޭނާ ދެއްވި ޔަގީންކަމަކީ މުޅި ރޯދަ މަސް ނިމެންދެން ވެސް އެ ރަށުން މާލޭގެ މާރުކޭޓަށް ކަރާ ސަޕްލައިކުރެވޭނެ ކަމަށެވެ. 

"ކަރާގެ ދަނޑުވެރިކަން ވަރަށް ރަނގަޅު އަހަރެއް މިއީ،" ޝައިބާން ވިދާޅުވި އެވެ.

ތޮއްޑޫގައި ކަރާ ހައްދާފައި: އެ ރަށުގެ ދަނޑުތައް މި އަހަރު ތިޔާގި. (ފޮޓޯ/ކައުންސިލް)

ޝައިބާން ވިދާޅުވީ މި އަހަރު ކަރާގެ ދަނޑުވެރިކަން އެ ރަށުގައި ރަނގަޅުވީ ގަސްތަކަށް ބަލިޖެހުން ފަދަ ކަންކަން ކުރިމަތިނުވުމުން ކަމަށެވެ. މީގެ އިތުރަށް، މާ ބޮޑަށް ވިއްސާރަ ނުވުމަކީ ވެސް ދަނޑުތައް މި އަހަރު ރަނގަޅަށް ހެދެން ދިމާވި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޑޫގައި ކަރާގެ އަގު ކިލޯއެއް 15ރ.ގައި

ޝައިބާން ވިދާޅުވީ ތޮއްޑޫގައި ކަރާ ކިލޯއެއްގެ އަގު އުޅެނީ 15-20ރ.އާ ދޭތެރޭގެ އަގުތަކެއްގައި ކަމަށެވެ. އަދި މާލޭ ބާޒާރުގައި 25ރ.އަށް ކަރާ ކިލޯއެއް ވިއްކަނީ އެއީ މާލޭގެ ވިޔަފާރިވެރިން އަމިއްލައަށް ކަނޑައަޅައިގެން އުޅޭ އަގެއް ކަމަށް ވެސް ޝައިބާން ވިދާޅުވި އެވެ. 

"މި ކޮޅުން ހުސްނުވެ ލިބޭނެ ކަރާ،" ޝައިބާން ވިދާޅުވި އެވެ.

ތޮއްޑޫގެ ދަނޑުވެރިއަކު ދަނޑެއްގައި މަސައްކަތް ކުރަނީ. (ފޮޓޯ/ކައުންސިލް)

އޭނާ ލަފާކުރައްވާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކަރާގެ އަގު އަދި އިތުރަށް ދަށަށް ދާނެ އެވެ. އެގޮތުން، އިންޑިއާއިން ވެސް ކަރާގެ ޝިޕްމަންޓެއް ގެނެސްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބޭރުން ގެންނަ ކަރާ މާރުކޭޓަށް އައުމުން ކަރާގެ އަގު އިތުރަށް ދަށަށް ދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް