ތޮއްޑޫގެ ދަނޑުތައް މަތިން ނަގާފައިވާ ފޮޓޯއެއް: ރޯދައަށް ހެއްދި ކަރާ ދަނޑުތައް މިހާރު ފައްކާވެފައިވާ ކަމަށްް ކައުންސިލުން ބުނޭ. (ފޮޓޯ/ތޮއްޑޫ ކައުންސިލް)

ރޯދަ 2022

ރޯދައަށް ފައްކާކުރި ތޮއްޑޫގެެ ކަރާ ދަނޑުތައް ދައްކާލައިފި

ރޯދަ މަސް ފެށިގެން ނިމެންދެން، ތޮއްޑޫ ކަރާ ލިބޭނެ ކަމަށް އެ ރަށުގެ ދަނޑުވެރިން ބުނޭ

ރޯދައަށް ހާއްސަ ކަރައޭ ބުނެފި ނަމަ އެންމެ ފުރަތަމަ ހިތަށް އަރާނީ އއ. ތޮއްޑޫގެ މަތިންނެވެ. ނޫނީ ތޮއްޑޫއޭ ބުނެފި ނަމަ ގުޅުވާލެވޭނީ ކަރައާ އެވެ. އެހާ ވެސް ކަރާގެ ދަނޑުވެރިކަމުގައި އެ ރަށް އޮތީ ކުރީގަ އެވެ.

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން، ތޮއްޑޫއިން ހެއްދި ދަނޑުތަކުގެ ފޮޓޯތައް ކައުންސިލުން އާއްމު ކުރުމާ އެކު، މި ފަހަރު ވެސް ކަރާގެ ދަނޑުވެރިކަމުގައި އެ ރަށް ފަހަތަށް ނުޖެހޭކަން އެނގެ އެވެ.

އިއްޔެ ތޮއްޑޫ ކައުންސިލުން އާއްމުކުރި ޑްރޯން ފޮޓޯތަކުން، ދަނޑުތައް މަތިން ފެންނައިރު ގިނަ ދަނޑުތައް ހުރީ ވެޔޮ ދަމާލައި މުޅި ދަނޑުމަތި ފެހިކޮށްލާފަ އެވެ. އެކި ޑިޒައިންތަކަށް ކަރާވެޔޮތައް ދެމިފައި ހުރި އިރު، މަތިން ފެންނައިރު އެ މަންޒަރު ވަރަށް ޗާލެވެ.

ތޮއްޑޫގެ ކަރާ ދަނޑުތައް: މި ފަހަރު ދަނޑުތަކުން ބޮޑު ފައިދާއެއް ނެރެވޭނެ ކަމަށް ދަނޑުވެރިން އުއްމީދު ކުރޭ. (ފޮޓޯ/ތޮއްޑޫ ކައުންސިލް)
ތޮއްޑޫގެ ދަނޑުތައް މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ތޮއްޑޫ ކައުންސިލް)

ތޮއްޑޫ ކައުންސިލްގެ މެމްބަރު އަލީ އާދަމް ވިދާޅުވި ގޮތުގައި، މޫސުން ރަނގަޅުވުމުގެ ސަބަބުން މި އަހަރު ތޮއްޑޫގެ ދަނޑުތައް ވަނީ ވަރަށް ރަނގަޅަށް ހެދިފަ އެވެ. އެހެންވެ، ރޯދަ މަސް ފަށައިގެން ނިމެންދެން، މެދުނުކެނޑި ތޮއްޑޫ ކަރާ ބާޒާރުން ލިބެން ހުންނާނެ ކަމަށް އޭނާ އުއްމީދު ކުރައްވަ އެވެ.

އަލީ އާދަމް ވިދާޅުވި ގޮތުގައި:

  • ދަނޑު ހެއްދުމަށް މި އަހަރު 119 ދަނޑު ދޫކުރި

  • 300 ފޫޓުން ފެށިގެން 100 ފޫޓުގެ ބޮޑެތި ދަނޑުތައް ވެސް ހުރޭ

  • ދަނޑުތައް ދޫކުރާ ބޮޑުމިން ކަނޑައަޅަނީ ބޮލަކަށް ވާ ވަރަށް ބަލައިގެން، ގިނަ މީހުން އެކުގައި ދަނޑު ހައްދާ ނަމަ ބޮޑު ދަނޑެއް ލިބޭ ގޮތަށް

"މިދިޔަ އަހަރު ވިއްސާރައާ ދިމާވެގެން ދަނޑުތައް ހަލާކުވެ، މުޅިން ވެސް ގެއްލުމުގައި ދިޔައީ. އެކަމަކު މި އަހަރު ވާރޭ ނުވެހޭތީ ވަރަށް ރީތިކޮށް ދަނޑުތައް ހުރީ. އެހެންވެ، މިދިޔަ އަހަރާ ބަލާއިރު ދެ ގުނަ އަދަދަކަށް ކަރާ ލިބޭނެ ކަމަށް މި ބަލަނީ،" ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.

ތޮއްޑޫގެ ކަރާ ދަނޑުތައް. (ފޮޓޯ/ތޮއްޑޫ ކައުންސިލް)
ތޮއްޑޫގެ ދަނޑުތައް މަތިން ނަގާފައިވާ ފޮޓޯއެއް: މެދުނުކެނޑި ރޯދަ މަހު ކަރާ ލިބޭނެ ކަމަށް އުއްމީދު ކުރެވޭ. (ފޮޓޯ/ތޮއްޑޫ ކައުންސިލް)

ކައުންސިލްގެ ކުރީގެ މެމްބަރު އަދި މިހާރު ދަނޑު ހެއްދުމުގައި އުޅޭ ހަދީޖާ ނިއުޝާ ބުނި ގޮތުގައި، ދެ މަސް ކުރިން ދަނޑުވެރިން ކަރާ ހެއްދުމަށް ތައްޔާރުވާން ފަށައިފި އެވެ. އަދި މޫސުން ރަނގަޅުވުމާ އެކު، ދަނޑުތައް ރީތިކޮށް ހެދިފައި ހުރުމުން ގިނަ އަދަދެއްގެ ކަރާ ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

ނިއުޝާ ދަނޑުވެރިކަން ކުރަނީ 18 މީހުންނާ އެކު 100 ފޫޓުގެ ދަނޑެއްގަ އެވެ. އެ މީހުންގެ ދަނޑުން މި ފަހަރު، 5000-6000 ކިލޯގެ ކަރާ ބާޒާރަށް ނެރެވޭނެ ކަމަށް އޭނާ އުއްމީދު ކުރެ އެވެ.

"މިދިޔަ އަހަރު ވީ ގޮތަކީ ހުރިހާ ކަރާތަކެއް އެއް ފަހަރާ ދޮންވީ. އޭގެ ސަބަބުން ގެއްލުމާ ކުރިމަތިވި. އެކަމަކު މި ފަހަރު އެކި ދަނޑުތައް އެކި ވަރަށް ހެދިފައި ހުރުމުން، ރޯދަ މަސް ނިމެންދެން ކަރާ ލިބޭނެ ކަމަށް މި ބަލަނީ،" ނިއުޝާ ބުންޏެވެ.

ތޮއްޑޫގެ ކަރާ ދަނޑުތައް. (ފޮޓޯ/ތޮއްޑޫ ކައުންސިލް)

ނިއުޝާ ބުނި ގޮތުގައި:

  • އާއްމު ގޮތެއްގައި ކަރާ ވިއްކަނީ ކިލޯއެއް 15-20ރ.ގެ މަގުން

  • އޭނާގެ ދަނޑުން 20،000-30،000ރ.ގެ ފައިދާއެއް ނެރެވޭނެ ކަމަށް ބެލެވޭ

  • ބޮޑެތި ދަނޑުތަކުން 50،000-60،000ރ.ގެ ފައިދާއެއް ލިބޭނެ ކަމަށް ބެލެވޭ

  • ކަރާގެ އިތުރުން މެލަން އާއި ކިއުކަމްބާ ވެސް ގިނަ އަދަދަކަށް ހެއްދި

"ހަގީގަތުގައި މި ފައިދާއަކީ ކުރާ މަސައްކަތާ ބަލާއިރު މާ ބޮޑު އެއްޗެއް ނޫން. ވަރަށް ގިނަ މަސައްކަތާ އެކު ކަރާ ހައްދައި ބާޒާރަށް މި ނެރެވެނީ،" ނިއުޝާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް