ރާނީ އެލިޒަބަތަށް ފަހު ރަސްގެފާނު ޗާލްސް III
ރާނީ އެލިޒަބަތު II އަވަހަރާވުމާ އެކު ދޮށީ ދަރިކަލުން ޗާލްސް ވަނީ ރަސްގެފާނު ޗާލްސް III އަށް ވެވަޑައިގެންފަ އެވެ.
އިނގިރޭސިވިލާތުގެ ތާރީހުގައި، ތަހުތަށް ވަޑައިގަތުމުގެ އިންތިޒާރުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ބޭފުޅަކީ ޗާލްސް އެވެ. އަދި އުމުރުފުޅުން 73 އަހަރުގައި ޗާލްސްއަކީ އެންމެ ދޮށީ އުމުރުގައި މަގާމަށް ވަޑައިގެންނެވި ރަސްގެފާނު ވެސް މެ އެވެ.
ތަހުތާ އެންމެ ގާތުގައި ޗާލްސް ހުންނެވީ އުމުރުފުޅުން 3 އަހަރުން ފެށިގެނެވެ. އެހެންކަމުން ރަސްކަންް ލިބިވަޑައިގަތުމާ އެކު އެ ހަވާލުވެވުނީ މުޅި ހަޔާތްޕުޅުގައި މަޑުކުރައްވައިގެން ހުންނެވި ޒިންމާއަކާ އެވެ.
ދެން ތަހުތު ވާރުތަވާނެ ބޭފުޅެއްގެ މަގާމު މިހާރު ލިބިވަޑައިގެންފައިވަނީ ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް އަށެވެ.
ރާނީ އަވަހާރަވުމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް ވަނީ އާ ރަސްގެފާނަށް އެއްބާރުލުންދިނުމަށް ހުރިހާ ރައްޔިތުން އެއްބައިވަންތަވުމަށް ގޮވާލައްވައިފަ އެވެ. "އަޅުގަނޑުމެން އެންމެންނަށްޓަކައި ރަސްގެފާނު މިހާރު ކޮނޑުއަޅައިގެން ހުންނެވި ޒިންމާތައް އަދާކުރެއްވުމަށް އެހީތެރިވުމަށް" ޓްރަސް އެދިވަޑައިގެންނެވި އެވެ. އޭނާގެ ވާހަކަ ނިންމަވާލެއްވީ "ގޯޑް ސޭވް ދަ ކިންގް"އޭ ވިދާޅުވަމުންނެވެ.
އިނގިރޭސި މީޑިއާ އިން ބުނާގޮތުގައި މަންމާފުޅު ކާމިޔާބުކަމާ އެކު 70 އަހަރު ވަންދެން އަދާކުރެއްވި ދައުރުގެ ތެރެއަށް ޗާލްސް ވަދެވަޑައިގަންނަވާނީ އެއީ ގޮންޖެހުމެއްކަން އެނގިވަޑައިގެން ހުންނަވަ އެވެ. އަދި ޗާލްސް ރަސްކަން ކުރައްވާނީ އެމަނިކުފާނުގެ އަމިއްލަފުޅު ގޮތަކަށް، އެކަމަކު ރަސްކަލަކު ގެންގުޅުއްވަން ޖެހިވަޑައިގަންނަވާނެ ހިފެހެއްޓުންތަކުގެ ތެރެއިން ކަމަށް އެނަލިސްޓުން ވިދާޅުވެ އެވެ.
ސީއެންއެންގެ ރިޗަޑް ކުއެސްޓް ވިދާޅުވިގޮތުގައި އާ ރަސްގެފާނުގެ އިސްތަށިފުޅުގައި އޮތީ ގައުމު އެއްބައިވަންތަކުރެއްވުމުގެ ޒިންމާ އެވެ. ޒާތީ ދިރިއުޅުއްވުމުގެ މައްސަލަތަކުގައި ހޭދަކުރެއްވި އަހަރުތައް ފިޔަވައި ޗާލްސް ވަނީ ވަފާތެރިކަމާއި ޝަރަފްވެރިކަމާ އެކު ގައުމަށް ހިދުމަތްކުރައްވާފައިކަން ކުއެސްޓް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި ޗާލްސްގެ މުހިއްމު އެއް ސިފައަކީ ދުރުވިސްނޭކަމެވެ. ތިމާވެށީގެ މައްސަލަތަކާއި މޫސުމީ ބަދަލުތައް ފަދަ ކަންކަމަށް ބޮޑަށް ސަމާލުކަން ލިބުމުގެ މާ ކުރިން ޗާލްސް އެ ކަންކަމުގައި އުޅުއްވި ކަމަށް ކުއެސްޓް ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ޗާލްސް ވަނީ ތިމާވެށީގެ ހިމާޔަތަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ބާރުއަޅުއްވައި ގިނަ ތަގުރީރުތަކެއް ކުރައްވައިފަ އެވެ. އެމަނިކުފާނުގެ އެހެނިހެން މަސައްކަތްޕުޅުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޒުވާނުންނަށް ތައުލީމާއި ފުރުސަތުތައް ފުޅާކުރެއްވުން ހިމެނެ އެވެ.
ޗާލްސް 1981ގައި ޑަޔާނާ ސްޕެންސާއާ ކައިވެނިބައްލަވައިގެން ދެ ދަރިކަލުން ކަމަށްވާ ވިލިއަމް އާއި ހެރީ ލިބިވަޑައިގެންނެވި އެވެ. ނަމަވެސް ދެކަނބަލުން ވަނީ 1992ގައި ވަކިވެވަޑައިގެންފަ އެވެ. އަދި ޑަޔާނާ 1997ގައި ކާރު އެކްސިޑެންޓެއްގައި އަވަހާރަވުމަށް ފަހު ޗާލްސް، ކެމީލާ ޕާކާ ބޯލްސްއާ ކައިވެނިބައްލަވައިގަތީ 2005ގަ އެވެ.
ކެމީލާ މިހާތަނަށް ހުންނެވީ ޑަޗެސް އޮފް ކޯންވޯލްގެ ގޮތުގަ އެވެ. ނަމަވެސް މިހާރު، ރާނީ އަވަހާރަވެ ޗާލްސް ރަސްކަމަށް ވަޑައިގަތުމުން ކެމީލާއަކީ 'ކުއީން ކޮންސޯޓް' އެވެ. ޑޫކް އަދި ޑަޗެސް އޮފް ކޯންވޯލްގެ ލަގަބު މިހާރު އޮތީ ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކެތެރިން އަށެވެ.
ޝާހީ އާއިލާ އިން ބުނިގޮތުގައި ރަސްގެފާނު ޗާލްސް މިރޭ ބެލްމޯރަލް ކާސްލްގައި ހުންނެވުމަށް ފަހު މާދަމާ ލަންޑަނަށް ވަޑައިގެން ތަގުރީރުކުރައްވާނެ އެވެ.
ކޮމެންޓް (1)
ޖުލައި