Majlis 2024

އިނިގިރޭސި ރާނީ އެލިޒަބަތު II

އިނިގރޭސިވިލާތް

އިނގިރޭސި ރާނީ އުމުރުފުޅުން 96 އަހަރުގައި އަވަހާރަވެއްޖެ

ބައްޕާފުޅު އަވަހަރާވުމުން އުމުރުފުޅުން 25 އަހަރުގައި ރާނީ އަށް ވެވަޑައިގެންނެވި އެލިޒަބަތު II ވަނީ ތަހުތުގައި 70 އަހަރު ހޭދަކުރައްވާފައި

ހަތްދިހަ އަހަރުގެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމަށް ފަހު އިނިގިރޭސި ރާނީ އެލިޒަބަތު II އުމުރުފުޅުން 96 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

ރާނީ އަވަހާރަވިކަން ޝާހީ އާއިލާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ވަނީ އިއުލާންކޮށްފަ އެވެ. އަދި ރާނީގެ ދޮށީ ދަރިކަލުން ޗާލްސް މިހާރު ވަނީ ރަސްގެފާނަށް ވެވަޑައިގެންފަ އެވެ.

ރާނީ އަވަހަރާވިކަން އިއުލާންކުރުމަށް ޝާހީ އާއިލާގެ ފަރާތުން ކުރި ޓްވީޓް

ރާނީގެ ހާލުކޮޅާ މެދު ޑޮކްޓަރުން ކަންބޮޑުވެފައިވާކަމުގެ ހަބަރު ބަކިންހަމް ޕެލެސް އިން މިއަދު ވަނީ ދީފަ އެވެ. ހާލުކޮޅު ދެރަވުމާ ގުޅިގެން ރާނީ ގެންދެވީ ބާއްވަވަން އޮތް ބައްދަލުވުމެއް ކެންސަލްކުރެއްވުމަށް ފަހު، ސްކޮޓްލެންޑްގެ އެބަޑީންގައި ހުންނަ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލްގައި އަރާމުކުރައްވަމުންނެވެ. އަދި އެކަމަނާއަށް ޒިޔާރަތްކުރެއްވުމަށް ޝާހީ އާއިލާގެ މެމްބަރުން ވަނީ އެ ތަނަށް ވަޑައިގެންފަ އެވެ.

ރާނީގެ ސިއްހީ ހާލުކޮޅު ދެރަވުމުގެ ހަބަރާ އެކު އާއިލާގެ ބޭފުޅުން ބެލްމޯރަލް ކާސްލްއަށް ވަޑައިގެންނެވި ކާރެއް ދުއްވަވަން ޕްރިންސް ވިލިއަމް
ރާނީގެ ސިއްހީ ހާލުކޮޅު ދެރަވުމުގެ ހަބަރާ އެކު އާއިލާގެ ބޭފުޅުން ކާރުގައި ބެލްމޯރަލް ކާސްލް އަށް ވަދެވަޑައިގަންނަވާ އިރު ގާޑުން ފޯރިމަރަނީ
އިނގިރޭސި ރާނީ އެންމެ ހިތްޕުޅާވާ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލް: ރާނީ އަވަހާރަވީ އެކަމަނާ އާއްމުކޮށް ހޫނު މޫސުން ހޭދަކުރައްވާ މި ގެކޮޅުގައި.

މިހާރު ރަސްގެފާނު ޗާލްސް، 73، ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ދަރިކަލުންނާއި ދަރިކަނބަލަކާއި މާމަ ވިދާޅުވާ އަށް ބޭފުޅުން އަދި މުނި މާމަ ވިދާޅުވާ 12 ބޭފުޅުން ރާނީގެ އެބަތިއްބެވި އެވެ. ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް މިދިޔަ އަހަރު ވަނީ އަވަހާރަވެފަ އެވެ.

އިނިގިރޭސި ރާނީ އެލިޒަބަތު II އާއި ފިރިކަލުން ޕްރިންސް ފިލިޕް 1947ގައި ދެކަނބަލުންގެ ކައިވެނީގެ ރަސްމިއްޔާތުގައި
އިނިގިރޭސި ރާނީ އެލިޒަބަތު II އާއި ފިރިކަލުން ޕްރިންސް ފިލިޕް 1947ގައި ދެކަނބަލުންގެ ކައިވެނީގެ ރަސްމިއްޔާތުގައި

ރާނީގެ ހާލުކޮޅު ދެރަވުމުގެ ހަބަރާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިޔާސީ ލީޑަރުންނާއި އާއްމުން އައީ ސޯޝަލް މީޑިއާގައި އެކަމަނާ އަށާއި އާއިލާއަށް ހެޔޮ އެދުންތައް ފޮނުވައި ކަންބޮޑުވުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. އަދި އާއްމުން ވާރޭގެ ތެރޭގައި ބެލްމޯރަލް އާއި ބަކިންހަމް ޕެލެސް ދޮށަށް އެއްވެ ހިތާމައިގައި ކޮޅަށް ތިއްބެވެ.

ރާނީގެ ސިއްހީ ހާލަތު ދަަށަށް ދިޔަ ކަމުގެ ހަބަރާ އެކު ބަކިންހަމް ޕެލެސް ދޮށަށް މީހުން އެއްވެފައި

އަވަހާރަވުމުގެ ދެ ދުވަސް ކުރިން ރާނީ ވަނީ އާ ބޮޑުވަޒީރު ލިޒް ޓްރަސް މަގާމަށް އައްޔަންކުރައްވައިފަ އެވެ. ބޮޑުވަޒީރުން އައްޔަންކުރެއްވުން ލަންޑަންގެ ބަކިންހަމް ޕެލެސްގައި ކުރިއަށް ގެންދެވުމުގެ އާދަކާދައިގެ ބޭރުން ރާނީ އަންގާރަ ދުވަހު ޓްރަސްއާ ބައްދަލުކުރެއްވީ އެކަމަނާ ހޫނު މޫސުން ހޭދަކުރައްވާ ބެލްމޯރަލްގަ އެވެ.

އިނިގިރޭސި ރާނީ އެލިޒަބަތު ދެވަނަ (ވ) އެ ގައުމުގެ އާ ބޮޑުވަޒީރު ލިޒް ޓްރަސްއާ ބެލްމޯރަލް ކާސްލްގައި މިދިޔަ އަންގާރަ ދުވަހު ބައްދަލުކުރައްވަނީ.

ފަހަކަށް އައިސް ރާނީއަށް ދަތުރުކުރެއްވުން ދައްޗެވެ. ރަސްމީ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވުން މަދުކުރައްވައި އުނދަގޫފުޅު ޒިންމާތައް ވަނީ ޗާލްސްއާ ހަވާލުކުރައްވައިފަ އެވެ.

ރާނީގެ ރަނިކަމަށް 70 އަހަރު ފުރުނީ މިދިޔަ ފެބްރުއަރީ 6ގަ އެވެ. އެކަމަނާގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމަށް މިދިޔަ ޖޫން މަހު ހަތަރު ދުވަހުގެ ރަސްމިއްޔާތުތައް ބާއްވައިފައިވެ އެވެ. އެ އިހުތިފާލްތަކުގެ ތެރެއިން އާއިލާއާ އެކު ބަކިންހަމްގެ ޕެލެސްގެ ބެލްކަނީން ރާނީ އާއްމުންނަށް ފެނުނެވެ.

ރާނީގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ޖޫން 2022ގައި ޕްރިންސް ޗާލްސް އާއި ޕްރިންސް ވިލިއަމް އާއެކު ބަކިންހަމް ޕެލެސްގެ ބެލްކަނީގައި

އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ބޭފުޅަކަށް ސެޕްޓެމްބަރު 2015ގައި ރާނީ ވަނީ ވެވަޑައިގެންފަ އެވެ. އެކަމަނާ އޭރު ވިދާޅުވެފައި ވަނީ އެއީ ދުވަހަކު ވެސް ހޯއްދަވަން އުއްމީދުކުރައްވައިގެން ހުންނެވި ލަގަބެއް ނޫން ކަމަށެވެ. ހަމަ އެ ދުވަހު އެކަމަނާ ވަނީ ދުނިޔޭގެ ތާރީހުގައި، އެންމެ ދިގު މުއްދަތަކަށް ރެނދަލި ކުރެއްވި އަންހެން ބޭފުޅާ އަށް ވެސް ވެވަޑައިގެންފަ އެވެ. 

އިނިގިރޭސި ރާނީ އެލިޒަބަތު II ހާއްސަ މުނާސަބަތެއްގައި އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެން
އިނިގިރޭސި ރާނީ އެލިޒަބަތު II ރަނިކަމަށް 1953ގައި ވަޑައިގެންނެވުމުގެ ރަސްމިއްޔާތުގައި
އިނިގިރޭސި ރާނީ އެލިޒަބަތު II ރަނިކަމަށް ވަޑައިގެންނެވުމުގެ ރަސްމިއްޔާތުގައި 1953 ވަނަ އަހަރު އާއިލާއާ އެކު

ބައްޕާފުޅު އަވަހަރާވުމުން އުމުރުފުޅުން 25 އަހަރުގައި ރާނީ އަށް ވެވަޑައިގެންނެވި އެލިޒަބަތު II އެ މަގާމަށް ވަޑައިގެންނުވުމުގެ ރަސްމިއްޔާތު އޮތީ 2 ޖޫން 1953ގަ އެވެ. މި އަހަރުގެ ޖޫން މަހު އެކަމަނާ ވަނީ ދުނިޔޭގެ ތާރީހުގައި ދެވަނަ އަށް އެންމެ ގިނަ ދުވަހު ތަހުތުގައި ދެމިހުންނެވި ބޭފުޅާގެ ޝަރަފް ހޯއްދަވައިފަ އެވެ. އެކަމަނާއަށް ވުރެ ގިނަ ދުވަހު ރެނދަލިކަން ކުރައްވާފައިވަނީ އުމުރުފުޅުން އެންމެ 4 އަހަރުގައި ރަސްކަލަކަށް ވެވަޑައިގެންނެވި ފްރާންސްގެ ލުއީ XIV އެކަންޏެވެ.

ރާނީ ވަނީ 1972ގައި ރާއްޖެއަށް ޒިޔާރަތެއް ކުރައްވައިފަ އެވެ.

ރާނީ ރާއްޖެއަށް ކުރެއްވި ޒިޔާރަތާ ގުޅޭ ވީޑިއޯއެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް