މ. ނިރުފެހި ގޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ އޭއެމްއެސް ގަރާޖު 9 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އަނދާ ހުލިވެފައި. (ދައުރު ފޮޓޯ)
ގަވާއިދާ ހިލާފު ގަރާޖު ނުހުއްޓުވުމުގެ ޒިންމާ ނަގަނީ ކާކު؟
މުހިންމު ނުކުތާތައް
އަލިފާނުގެ ހާދިސާ ހިނގީ ނިރުފެހި ގޭގެ ތިރީބައިގައި ހުރި ގަރާޖުގައި ރޯވެެގެން ކަމަށް ފުލުހުން ވަނީ ބުނެފައި
ކައުންސިލުން ބުނަނީ އެ ތަން ހިންގަމުންދިޔަކަން އެނގިފައިނުވާ ކަމަށް
މޭ މަހުގެ އަލިފާނާ އެކު ފުލުހުންގެ ސަމާލުކަމަށް ގަރާޖު އައި އިރު އެޅި ފިޔަވަޅެއް އަދި ނުފެނޭ
މ. ނިރުފެހި ގޭގައި ރޯވީ "ކުއްލިއަކަށް، ބާރު އަޑުފަށްގަނޑަކާ އެކު ގަރާޖުގެ ތެރެއިން ހުޅު ފަޅައިގެން ގޮސްގެން" ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ގަރާޖަކީ ގަވާއިދާ ހިލާފަށް ހިންގި ތަނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އޭއެމްއެސް ގަރާޖުގައި މި އަހަރުގެ މެއި މަހު ވެސް އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެކަން ފުލުހުން ތަހުގީގު ވެސް ކުރި އެވެ. އޭރު ވެސް، ނިރުފެހި ގޭގައި އެ ގަރާޖު ހިންގުމުގެ ހުއްދައެއް ނެތެވެ. އެކަމަކު އެ ގަރާޖު ހިންގުން ނުހުއްޓުވާ އޮވެ، މިދިޔަ ހަފްތާގައި އަލިފާނުގެ އިތުރު ހާދިސާއެއް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެންދިޔައީ އެވެ.
އާއްމުންގެ ލާބަ އާއި މަންފާއަށްޓަކައި ހަދާފައިވާ އިދާރާތައް ބައިވަރެވެ. ހިިމާޔަތްކޮށްދީ ހިދުމަތްދޭން ޖެހޭ ފުލުހުންނެވެ. މާލޭގެ ކަންކަން ބަލަހައްޓާ، ދިރިއުޅެން އެކަށީގެންވާ މާހައުލެއް ގާއިމްކުރަން ހަދާފައިވާ މާލޭ ސިޓީ ކައުންސިލެވެ. ހުރިހާ ކަމަކަށް ވުރެ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ގައުމުގެ ކަންކަން ހިންގަން އުފައްދާފައިވާ މިނިސްޓްރީތަކެވެ. މީގެ ތެރެއިން، ރާއްޖޭގައި މަސައްކަތްކުރާ 10 ބިދޭސީއަކު މަރުވެ އިތުރު ބިދޭސީއަކަށް ސީރިއަސް ޒަހަމަތަކެއް ލިބުނު ބޮޑު ގެއްލުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން ހެއްޔެވެ؟
ގަވާއިދުތައް ތަންފީޒު ކުރުމުގެ ދޯހަޅިކަމާއި ގާނޫނުތަކުގައި ކޮޅުފައިންޖަހާ މީހުންނާ މެދު ފިޔަވަޅު ނޭޅުމުގެ އިހުމާލަށް ޖަވާބުދާރީވާނީ ކޮން އިދާރާއަކުން ހެއްޔެވެ؟ އިސްތިއުފާދޭނީ ކޮން ވެރިއެއް ހެއްޔެވެ؟
ހުއްދަ ނެތް ގަރާޖު އެއް އަލިފާނުން އަނެއް އަލިފާނަށް
މާލޭގައި ގަރާޖު ހިންގުުމުގެ ހުއްދަ ދެނީ ކައުންސިލުންނެވެ. ކައުންސިލުގެ ހުއްދަ ނެތި އެފަދަ އެއްވެސް ތަނެއް ހިންގުމަކީ ގާނޫނާއި ގަވައިދުތަކުގެ ދަށުން މަނާ ކަމެކެވެ. ކައުންސިލަށް އެނގިގެން އެފަދަ ތަނެއް ހިންގާ ނަމަ އެކަން ހުއްޓާލަން އެންގުމުގެ ބާރު ކައުންސިލަށް އޮވެ އެވެ. އަދި ނުހުއްޓައިފި ނަމަ ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން އެތަނެއް ބަންދު ކުރެވޭނެ އެވެ.
އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރު ވެފައިވާ ގޮތުގައި ނިރުފެހި ގޭގެ ތިރީބައިގައި ގަރާޖެއް ހިންގުމުގެ ހުއްދަ އަށާއި އެއާކޮންޑިޝަން މަރާމާތު ކުރާ ތަނެއް ހިންގުމުގެ ހުއްދަ ހޯދަން ކައުންސިލުގައި އެދިފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ހުއްދައެއް މިއަދާ ހަމައަށް ވެސް ކައުންސިލުން އެ ގޭގެ ވެރިފަރާތަށް ދީފައެއް ނުވެ އެވެ.
'ދައުރު'އަށް ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި:
-
ވެހިކަލް މަރާމާތު ކުރުމަށް ހުއްދަ ދީފައި ނުވަނީ އިގްތިސާދީ މަސައްކަތް ކުރާ ތަންތަން ހެދުމަށް ހުއްދަ ދިނުމާއި ހިންގުމުގެ ގަވައިދުގެ ދަށުން ވެހިކަލް މަރާމާތު ކުރާ ގަރާޖަކީ މާލޭގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗާއި މީހުން ދިރިއުޅޭ ބިންތަކުގައި ހަދަން ހުއްދަދޭ ތަނަކަށް ނުވާތީ
-
އެއާކޯން މަރާމާތު ކުރާ ތަނެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ނުވަނީ ފޯމާ އެކު ކައުންސިލަށް ހުށަހެޅި ކުރެހުމާ ތަފާތުކޮށް ތަން ހުރުމުން، ތަން ހުރި ގޮތުގެ ރަނގަޅު ކުރެހުމެއް ގެންނަން އެންގުމުން އެކަން ކޮށްފައި ނުވާތީ
ފުލުހުން ބުނެފައިވާ ގޮތުގައި އޭއެމްއެސް ގަރާޖު ހިންގުމުގެ ހުއްދަ އޮތީ ހުޅުމާލޭގަ އެވެ.
ހުއްދަ ނެތި ވެސް ނިރުފެހި ގޭގައި އެ ގަރާޖު ހިންގީ އެވެ. ކައުންސިލުން ބުނަނީ އެކަން ކައުންސިލަށް އެނގިފައިނުވާ ކަމަށެވެ.
"މިގޮތަށް ހިންގާ ގަރާޖުތައް ދެނެގަތުމަށް ސާވޭ ކުރިއިރު، ހިންގާ ތަނެއްކަން ފާހަގަ ކުރެވިފައި ނެތި އިނދެދާނެ. އެއްވެސް ގޮތަކަށް [އޭއެމްއެސް ގަރާޖުގެ] މައުލޫމާތު ނޭނގޭނެ، އެކްސެސްއެއް ލިބިފައި ނެތުމުން،" ކައުންސިލުގެ ކަމާގުޅޭ ޑިޕާޓްމަންޓާ ހަވާލާދެއްވައި، މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ 'ދައުރު'އަށް ވިދާޅުވި އެވެ.
ފުލުހުން އެޅި ފިޔަވަޅެއް ނޭނގޭ
ކައުންސިލަށް އޭއެމްއެސް ގަރާޖުގެ މައުލޫމާތު ލިބިފައި ނެތަސް، މިދިޔަ މެއި މަހު އެ ގަރާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަން ފުލުހުން ތަހުގީގު ކޮށްފައިވެ އެވެ. އެހެންކަމުން، ދެން ސުވާލު އުފެދެނީ އެ ހިސާބުން އެ ގަރާޖުގެ މަސައްކަތް ހުއްޓުވައި އެތަން ބަންދުކޮށްފައި ނުވަނީ ކީއްވެގެން ހެއްޔެވެ؟
އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު ކުރުމުން ފުލުހުން ދީފައިވަނީ މުޅިއަކުން ދެކޮޅުޖެހޭ ފަދަ ޖަވާބުތަކެއް ނޫނެވެ.
"މި މައްސަލަ ހުށަހެޅުމާ އެކު އަޅުގަނޑުމެން މިދަނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުރިން ތި ދެންނެވުނު ތަހުގީގުތަކުގައި ފާހަގަކުރެވުނު ކަންތައްތަކަށް ވެސް އަލިއަޅުވާލައިގެން، ޖުމްލަ ގޮތެއްގައި ދެ ތަހުގީގު ވެސް އެއްކޮށް ކުރިއަށްދާ ކަހަލަ ގޮތަކަށް ތަހުގީގު ބައްޓަންކުރެވިގެން މިދަނީ،" ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ގަރާޖާ މެދު ފިޔަވަޅެއް އަޅާފައި ނެތީ ކީއްވެގެންތޯ ނޫސްވެރިޔަކު އެހުމުން އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވި އެވެ.
ސާމިހު ވިދާޅުވިގޮތުގައި މެއި މަހުގެ ހާދިސާ ތަހުގީގުކުރި އިރު، "ދެ ފަރާތުން މައްސަލަ ހައްލުކުރަން ބޭނުންވާތީ" ފުލުހުން ވަނީ އެ ފުރުސަތު ދީފަ އެވެ.
އެކަމަކު، އެއީ ހުއްދަ ނެތި ހިންގާ ގަރާޖެއްކަން އެނގޭ އިރު، ގަވާއިދާ ހިލާފުވި ބަޔަކު އަމިއްލައަށް "މައްސަލަ ހައްލުކުރަން" ފުރުސަތު ދީފައި، ފުލުހުން ދެން އަޅަން ޖެހޭ ފިޔަވަޅެއް ނެތީ ހެއްޔެވެ؟
މޭ މަހުގެ އަލިފާނަށް ފަސް މަސް ދުވަސްވީ އިރު ވެސް ތަން ބަންދު ނުކޮށް ހުރީ ކީއްވެގެން ހެއްޔެވެ؟ ފުލުހުން ފަހުން އެއްވެސް ވަރަކަށް ގަރާޖުގެ ކަންތައް ބަލާފައި ނުވަނީ ހެއްޔެވެ؟ މިއީ ހައްތަހާ ވެސް، ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބުނަން އާއްމުންނަށް ޖާގަ ލިބޭ ސުވާލުތަކެވެ. ފުލުހުންގެ ފަރާތުން މި ކަންކަން މާ ބޮޑަކަށް ސާފުކޮށެއް ނުދެ އެވެ. މި ރިޕޯޓަށް އިތުރަށް މައުލޫމާތު ހޯދަން ފުލުހުންނާ ކުރި ސުވާލުތަކަށް މިހާތަނަށް ޖަވާބެއް ނުލިބެ އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ސާމިހު ދެއްވި ޖަވާބުތަކުން، ގަރާޖު ނުހުއްޓުވި ސަބަބެއް ސާފުވެފައެއް ނުވެ އެވެ.
"އެ ކަންތައްތަކަށް އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު ވެސް އަޅަމުންދަނީ،" ތަފްސީލެއް ނުދެއްވައި ސާމިހު އެއް ސުވާލެއްގެ ޖަވާބުގައި ވިދާޅުވި އެވެ. "އަދި އެ ފަރާތްތަކަށް ވެސް ވާނީ އެ ކަންކަން އިސްލާހުކޮށް ކުރަންޖެހޭ ކަންކަން، ނަގަން ޖެހޭ ހުއްދަތަކާ އެއްޗެހި ނަގައިގެން އެކަންކަން އެ އިންތިޒާމުގެ ތެރެއިން ކުރިއަށް ގެންދަން ލަފާ އެރުވިފައި. އަދި އެކަންކަން ހިއްސާކުރަން ޖެހޭ އެހެން ފަރާތްތަކަށް ވެސް ވަނީ އެ ކަންކަން ހިއްސާކުރެވިފައި."
އެކަމަކު، ގަރާޖު ބަންދުކޮށްފައިނުވާ އިރު، "އަޅަންޖެހޭ ފިޔަވަޅު" އެޅިފައިވޭ ހެއްޔެވެ؟
އިގްތިސޯދީ މަސައްކަތް ކުރާ ތަންތަން ހެދުމަށް ހުއްދަ ދިނުމާއި ހިންގުމުގެ ގަވާއިދުގައި، މާލޭގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗާއި މީހުން ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ އެހެނިހެން ބިންތަކުގައި ވަޑާންގެ އާއި ވޯކްޝޮޕް ފަދަ ތަންތަން ހެދުމުގެ ހުއްދަ ނުދެވޭނެކަން ބަޔާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ވެހިކަލް މަރާމާތު ކުރާ ތަންތަން ހިމެނެ އެވެ. ކައުންސިލްގެ ފަރާތުން ޝިއުނާ ވިދާޅުވިގޮތުގައި އެ ގަވާއިދުގެ ދަށުން މިހާރު ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ތަންތަން ހިންގުމުގެ ހުއްދައެއް ކައުންސިލަކުން ނުދޭނެ އެވެ. އެހެން ކަމަށްވާ ނަމަ، މާލޭގައި ގަރާޖު ހިންގުން ގަވާއިދަކުން މަނާ ކުރާ އިރު ވެސް، ނިރުފެހި ގޭގައި ހުރި ގަރާޖުގެ މައްސަލައިގައި، ހުއްދަ ނަގަން "ލަފާ އެރުވުން" ފިޔަވައި ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތީ ހެއްޔެވެ؟
'މަށެއް ނޫން'
ނިރުފެހި ގޭގެ ކަންތައްތައް ހުރި ގޮތަށް ބަލާލުމުން ފެންނަނީ، އޮޅުންބޮޅުންގަނޑެއް ނުވަތަ އޮޅުވާލުމެއްގެ ތެރޭގައި، އެކަކު އަނެކެއްގެ ބޮލަށް މައްސަލަ ޖަހާތަނެވެ. އެކަކަށް ތަން ކުއްޔަށް ދީ، އޭނާ އެހެން ފަރާތަކަށް ކުއްޔަށް ދީ، އޭނާ އެހެން ފަރާތަކަށް ކުއްޔަށް ދެމުން ގޮސް، އެ ގޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ގަރާޖާއި އިންސާނުން އުޅެން އެކަށީގެން ނުވާ ފެންވަރަށް ހަދައި ކުއްޔަށް ދީފައިވާ ލޭބާ ކުއާޓަރުގެ ޒިންމާ ނަގާނެ މީހަކު ނެތެވެ.
އޭއެމްއެސް ގަރާޖު ހިންގި މީހާ ބުނަނީ އޭނާއަކީ "ތާޑް ޕާޓީއެއް" ކަމަށެވެ. އޭނާ 'ދައުރު' އަށް ބުނިގޮތުގައި ތަން ކުއްޔަށް ދިން ފަރާތުން އެތަން ދީފައިވަނީ އެތަނުގައި ގަރާޖު ހިންގުމުގެ ހުއްދަ ނަގާފައި އޮތް ކަމަށް ބުނެ އެވެ. އަދި އޭނާ ބުނީ މޭ މަހުގެ އަލިފާނަށް ފަހު، އެ ގަރާޖު "ގަވާއިދަށް ނުފެތޭ ވާހަކައެއް ވެސް، ހުއްދަތައް ނެތް ވާހަކައެއް ވެސް ނުބުނޭ" ކަމަށެވެ. ނަން ނުޖަހަން ޝަރުތުކޮށް އޭނާ ދެއްކި އެ ވާހަކަތަކުގެ ތެދުދޮގު 'ދައުރު' އަށް ކަށަވަރެއް ނުވެ އެވެ.
ތަން ކުއްޔަށް ދިން ކަމަށް އެ ބުނާ މީހާ އަށް 'ދައުރު' އިން ގުޅުމުން އޭނާ ބުނީ މިދިޔަ ހަފްތާގެ އަލިފާނުގެ ހާދިސާ ހިނގީ އޭނާ "މީގެ ދެ މަސް ކުރިން އެތަން ދޫކޮށްލައި ވެރިފަރާތާ ހަވާލުކޮށްފައި ހުއްޓާ" ކަމަށެވެ. އެއީ ވެސް ހަގީގަތެއް ކަމެއް 'ދައުރު' އަށް ކަށަވަރެއް ނޫނެވެ.
ކައުންސިލާއި މިނިސްޓްރީ ކޯޅުމެއްގައި
ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި 2019 ވަނަ އަހަރު ރޯވެގެން ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ދިވެހި އަންހެނަކު މަރުވި އެވެ. ހާލުގައި ޖެހިގެން 700 އަށް ވުރެ ގިނަ މީހުންނަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދިން އިރު 400 އަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ. އަދި 14 ގެ އަނދައިގެންދިޔަ އެވެ.
ތިލަފުށިގޭގައި ގްރީން ޕާތު ކުންފުނިން ކެމިކަލް ގެންގުޅުނު ގުދަނުގައި ރޯވި ހާދިސާއަށް ފަހު، އާންމުންގެ ފާޑުކިޔުުމުގެ ތެރެއިން، ކެމިކަލް ގުދަންތައް މާލެއިން ބޭރު ކުރުމުގެ މަސައްކަތް ސަރުކާރުން ވަގުތުން ފެށި އެވެ. އެ މަސައްކަތުގެ ދަށުން ހުރިހާ ކެމިކަލް ގުދަނެއް ތިލަފުއްޓަށާއި ގުޅިފަޅަށް ބަދަލުކޮށް، މިހާރު މާލޭގައި އެއްވެސް ކެމިކަލް ގުދަނެއް ނުހުންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.
އެކަމަކު ގަރާޖުތަކާއި ވޯކްޝޮޕްތައް އަދިވެސް ހުރީ އެވެ. މިފަހަރުގެ އަލިފާނުގެ ހާދިސާއާ އެކު ސަރުކާރުން ވަގުތުން ދިނީ އެފަދަ ތަންތަން ބަދަލުކުރާނެ ކަމުގެ ޔަގީންކަމެވެ.
އެކަމަކު ގަރާޖެއްގައި ރޯވެ، ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ މި ހިނގީ، އެފަދަ ތަންތަން މާލޭ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރަން ސަރުކާރުން ފުރުސަތު ނުދީގެން ކައުންސިލުން ޝަކުވާކުރަމުން ދަނިކޮށެވެ.
"އަޅުގަނޑުމެން ރައީސް އޮފީހަށް ވެސް ދެންނެވިން، އަދި ޕްލޭނިން މިނިސްޓްރީގައި ވެސް ދެންނެވިން ވަރަށް މުހިއްމޭ އެ ތަނުން [އިންޑަސްޓްރިއަލް ޒޯނުން] ޖާގަ ފޯރުކޮށްދިނުން،" މާލޭ މޭޔަރު މުހައްމަދު މުއިއްޒު މިދިޔަ މަހު 'ދައުުރު' އަށް ވިދާޅުވެފައިވެ އެވެ. "މާލެތެރޭގައި މީހުންގެ ތެރޭގައި ހުންނަން ނުޖެހޭ ކަހަލަ ވަރަށް ގިނަ ވޯކްޝޮޕްތަކާއި ގުދަންތައް އެބަހުރި، ނުރައްކާތެރި އެއްޗެހި ބަހައްޓާ ތަންތަން އެބަހުރި."
ކައުންސިލުން ބުނާގޮތުގައި މާލޭގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި ގަރާޖާއި ވޯކްޝޮޕް ފަދަ ތަންތަން އިންޑަސްޓްރިއަލް ޒޯނަށް ބަދަލު ކުރުމަކީ މާލޭގެ ލޭންޑް ޔޫޒް ޕްލޭންގައި ހިމަނާފައިވާ މުހިއްމު މަސައްކަތެކެވެ. ނަމަވެސް، ޕްލޭނިން މިނިސްޓްރީން އެ ޕްލޭން ފާސްކޮށްނުދީގެން އެ މަސައްކަތްތަކުގައި "ބުރަކި ޖެހިފައި"ވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީއާ ސުވާލު ކުރުމުން އެތަނުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްދީފައި ނުވަނީ ގަވާއިދަށް ނުފެތޭތީ ކަމަށެވެ.
ސަރުކާރުން ރާވާފައި ވަނީ ގަރާޖު ފަދަތަންތަން ތިލަފުއްޓާއި ގުޅިފަޅަށް ބަދަލުކުރުމަށެވެ.
ކައުންސިލާއި ޕްލޭނިން މިނިސްޓްރީ އެއްގަލަކަށް ނާރާ ވާހަކައަކީ ވެސް ދިގު މުއްދަތަކަށް ދެކެވެމުންދާ ވާހަކައެކެވެ. އޭގެ ސަބަބެއް ކަމުގައި މުއިއްޒު ވިދާޅުވެފައިވަނީ ކައުންސިލުގައި ސަރުކާރާ ސިޔާސީ ވިސްނުން އެއްގޮތްވާ މެމްބަރުން ނެތުމެވެ.
ހަގީގަތަކީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން މައްސަލަތައް ހައްލު ކުރަން މަސައްކަތް ކޮށްފައިވާ ނަމަ، 2019ގެ އަލިފާނުގެ ހާދިސާއަށް ތިން އަހަރުވީ އިރު، ކެމިކަލް ގުދަންތަކުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅިފައިވާނެ ކަމެވެ. އެކަމަކު ކަންކަން ހައްލު ނުކުރެވި، މާލޭގެ ބޮޑު އާބާދީ ނުރައްކަލުގެ ތެރޭގައި އޮވެ އެންމެ ފަހުން 10 މީހަކު މަރުވެދިޔައީ އެވެ.
ލޭބާ ކުއާޓާ ގަވައިދެއް ވެސް އޮވޭ؛ އަމަލު ކުރެވޭތަ؟
ބިދޭސީ މަސައްކަތްތެރިންނާ ބެހޭ އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދެއް އޮވެ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ގެޒެޓުކޮށް، އޭގެ ހަ މަސް ފަހުން އަމަލުކުރަން ފެށި އެ ގަވާއިދު ބުނާ ގޮތުން:
-
ރާއްޖެ އަންނަ ކޮންމެ ބިދޭސީއަކަށް އެކޮމޮޑޭޝަން ހަމަޖައްސައިދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް
-
ވޯކް ޕާމިޓް ދޫކުރަނީ ވެސް މިނިސްޓްރީން ގަބޫލުކުރާ އެކޮމޮޑޭޝަނެއް ހަމަޖެއްސުމުން
ބިދޭސީން ބައިތިއްބާ ތަންތަނުގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް މި ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ. އެގޮތުން އެތަނެއްގައި ނިދާ މީހުންގެ އަދަދަށް އެކަށީގެންވާ ޖާގައިގެ ތަނަވަސްކަން ހުންނަން ޖެހެ އެވެ. އަލިވެ، ވައި ދައުރުވާ ތަނަކަށް ވާން ޖެހެ އެވެ. ދެ ޖިންސުގެ މީހުންނަށް ވަކިން، ކޮންމެ 10 މީހަކަށް މަދުވެގެން ފާހާނާއެއް ހުންނަން ޖެހެ އެވެ. ސާފު ބޯފެނާއި ކުނި އަޅާނެ ތަންތަނާއި ސިއްހީ މިންގަނޑުތަކަށް ފެތޭ ބަދިގެއެއް ހުންނަން ޖެހެ އެވެ. އަދި އަލިފާނުން ރައްކާތެރިވާނެ ގޮތްތަކާއި ކުއްލި ހާލަތްތަކުގައި އަމަލު ކުރާނެ އުސޫލު ފެންނަން ހުންނަން ޖެހެ އެވެ.
ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާއިން ސާފުވެގެން ދިޔައީ އެ ގޭގައި ހަދާފައި ހުރި ލޭބާ ކުއާޓާތައް އެއްވެސް ގޮތަކަށް ގަވާއިދަށް ނުފެތޭ ކަމެވެ. އެފަދަ ތަނެއްގައި ބަޔަކު އުޅުނު އިރު، އެކަމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން ހެއްޔެވެ؟ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމާ ގުޅޭ ކަންކަން ބަލަން ޖެހޭ ލޭބާ ރިލޭޝަންސް އޮތޯރިޓީ ކޮބާ ހެއްޔެވެ؟ އަދި މި ހުރިހާ ކަމެއްގެ ޒިންމާ އެންމެ މައްޗަށް މަތިކުރެވިފައިވާ އިކޮނޮމިކް މިިނިސްޓްރީ ކޮބާ ހެއްޔެވެ؟
ބިދޭސީންނާ މެދު އޮންނަ ތަފާތު ކުރުމުގެ ސަބަބުން، މި ހާދިސާގައި ފުރާނަ ގެއްލުނު މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރާނެ ދިވެހިން މަދުކަމީ އަނެއް ހިތާމަ އެވެ. އެކަމަކު އަމިއްލަ ގައުމު ދޫކޮށް ދިވެހިންނަށް ހިދުމަތް ކުރަން އައިސް ތިބި އެތައް ބައެއްގެ ފުރާނަ ގެއްލުމަކީ ކުޑަ ކަމެއް ނޫނެވެ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އިދާރާތަކުގެ އިހުމާލު އޮތްތޯ، ސަރުކާރު ޒިންމާދާރުކުރުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލީހުން ބަލަން ޖެހެ އެވެ.
މި މައްސަލައާ މެދު މިހާތަނަށް އެނގޭ ކަންކަމަށް ބަލާއިރު ފެންނަނީ، ކަމާބެހޭ ފަރާތްތަކުން އެ ބައެއްގެ ޒިންމާ ރަނގަޅަށް އަދާކޮށްފައި އޮތް ނަމަ މިހާ ގިނަ ބަޔަކު މަރުވި މި ވަރުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރަށް ކުޑަވީސްކަމެވެ.