އައްޑޫ ޝަންގްރިއްލާ ރިސޯޓު: ކޮވިޑުގައި އެ ރިސޯޓު ބަންދުކުރި ގޮތަށް އަދިވެސް ނުހުޅުވާ. (ފޮޓޯ/އަގޯޑާ)
އޮގަސްޓް ނޫނީ ސެޕްޓެމްބަރުގައި ޝަންގްރިއްލާ ހުޅުވާނެ: ރައީސް
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންދުކުރި، އައްޑޫގެ ފުރަތަމަ ރިސޯޓު، ޝަންގްރިއްލާ ވިލިނގިލި ރިސޯޓު، އަންނަ އޮގަސްޓު ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކޮވިޑާ އެކު 2020 ވަނަ އަހަރުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓް ބަންދުކުރުމުންް، އެ ތަނުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަޒީފާ ގެއްލުނެވެ. އަދި ރިސޯޓު ނުހުޅުވި ގިނަ ދުވަސްވާތީ، އައްޑޫގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބުނީ ކީކޭ؟ - އައްޑޫގައި މިރޭ ބޭއްވި، އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ އެންމެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އެ މަނިކުފާނު ވަނީ އެ މީހުންނަށް އުފާވެރި ހަބަރެއް ދެއްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޝަންގްރިއްލާ ރިސޯޓު ހުޅުވުން ދެން މާލަހެއް ނުވާނެ އެވެ.
"މިހާރު އެ ބޭފުޅުން [ރިސޯޓުގެ ވެރިން] މައުލޫމާތު ދީފައިވާ ގޮތުން އަންނަ އޮގަސްޓު/ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ތަން ހުޅުވޭ ވަރަށް މަސައްކަތް ކުރެވޭނެ ވަރަށް އޮތީ އަންގާފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ޝަންގްރިއްލާ ރިސޯޓް ހިންގާ 'އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް'ގައި އޮންނަ ސަރުކާރުގެ %30 ހިއްސާ ދޫކޮށްލަން އިއްޔެ ވަނީ ނިންމާފަ އެވެ.
ރައީސް ވިދާޅުވީ ޝަންގްރިއްލާ އަލުން ހިންގުމަށް ކުރަން ސަރުކާރުން ޖެހޭ ހުރިހާ ކަމެއްކޮށް އިކޮނޮމިކް ކައުންސިލުން މިހާރު ނިންމާފައިވާ ކަމަށާއި އެކަން ޝަންގްރިއްލާގެ ވެރިންނަށް ވެސް އަންގާފައިވާ ކަމަށެވެ. އެއް މަސްދުވަހުގެ ތެރޭގައި، އެކަމާ ގުޅޭ ގޮތުން އެ މީހުން ޖަވާބެއް ދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި، ޝަންގްރިއްލާ ރިސޯޓު ދިވެހި ކުންފުންޏަކަށް ވިއްކާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ރިސޯޓު ގަންނަން އެއްބަސްވެފައި ވަނީ، އެނގިފައިވާ ގޮތުގައި، މަންޓާ އެއާ އާއި ދ. ކުޑަހުވަދޫ އެއާޕޯޓް ހިންގަމުން އަންނަ ރިއޯލޯ ކުންފުނިންނެވެ. ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަމުގައި އެ ކުންފުނިން ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ވެސް ހިންގަ އެވެ.
-
އިތުރަށް ކިޔާލަން - އައްޑޫ ޝަންގްރިއްލާ ރިސޯޓް ދިވެހި ކުންފުންޏަކުން ގަންނަނީ
ޝަންގްރިއްލާ ރިސޯޓް:
-
ހުޅުވީ - 2009 ވަނަ އަހަރު
-
ބޮޑުމިން - 50.6 ހެކްޓަރު
-
އެނދު - 284 އެނދު
-
ކުލީގެ މުއްދަތު ހަމަވަނީ - 26 ފެބުރުއަރީ 2105
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ:
-
އައްޑޫގެ ރައްޔިތުން ހުށަހަޅާފައިވާ، ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ދަނީ ކުރިއަށް
-
ރައްޔިތުން އެދޭ އެއް ކަމަކީ އައްޑުއަށް 230 ހެކްޓަރު އިތުރުކޮށް، ފަސް ރިސޯޓު ގާއިމުކުރުން؛ އެކަން ކުރިއަށް އެބަދޭ
-
ހަންކެޑެ ރިސޯޓުގެ އެންމެ ފަހުގެ ޕްލޭންތައް ކުރިއަށް ދާއިރު، ފައިސާ ހޯދައި މަސައްކަތް ފެށުމުގެ އަމަލީ މަސައްކަތްތަށް ދަނީ ތައްޔާރުވަމުން
-
ހަންކެޑެގައި އަޅާ 1،000 ކޮޓަރިއާ އެކު، އައްޑޫގައި 8،000 ކޮޓަރި އަޅާ ތަން ލަސްނުކޮށް ފެންނާނެ
"ކައިރިން އަޅުގަނޑުމެން އެކަން ބަލަމުން ދާނަން،" ރައީސް ވިދާޅުވި އެވެ.