އައްޑޫ ޝަންގްރިއްލާ ވިލިނގިލީ ރިސޯޓް: އެތަން ނުހުޅުވި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި

އައްޑޫ

އައްޑޫ ޝަންގްރިއްލާ ރިސޯޓް ދިވެހި ކުންފުންޏަކުން ގަންނަނީ

އެ ރިސޯޓްގައި ރިސޯޓް ގަންނަނީ ދިވެހި ޓޫރިޒަމް ކުންފުންޏެއް ކަމަށްވާ ރިއޯލޯއިން
25 ޖެނުއަރީ 2023

އައްޑޫގައި ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްވެފައިވާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް ދިވެހި ކުންފުންޏަކުން ގަންނަން އެއްބަސްވެ، އެ ރިސޯޓްގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ކޮވިޑާ އެކު 2020 ވަނަ އަހަރުގެ ތެރޭ ޝަންގްރިއްލާ ރިސޯޓް ބަންދުކުރި ފަހުން އެ ރިސޯޓް ނުހުޅުވި އޮންނާތީ އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. އެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް، ސަރުކާރުގެ %30 ހިއްސާ އޮންނަ އެ ރިސޯޓް ވިއްކާލަން އެމެރިކާގެ އިންވެސްޓްމަންޓް ފާމަކާ ހަވާލުކޮށް މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ބިޑަށް ހުޅުވާލައިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން އެ މަނިކުފާނު މިދިޔަ ހޯމަ ދުވަހުގެ ރޭ ވިދާޅުވީ ޝަންގްރިއްލާ ރިސޯޓް މިހާރު ބޮޑު ވިޔަފާރިވެރިޔަކު ބައްލަވައިގެންފައި ކަމަށާއި އެ ރިސޯޓް ވަރަށް އަވަހަށް ދެން ހުޅުވާނޭ ކަމަށެވެ. ނަޝީދު އެހެން ވިދާޅުވީ އެ ވާހަކަ ދައްކަން އެ ވިޔަފާރިވެރިޔާ ވިދާޅުވި ކަމަށް ފާހަގަ ކުރައްވަމުންނެވެ.

ތަފްސީލް - ސަރުކާރުގެ އޮފިޝަލަކު 'ދައުރު'އަށް މިއަދު ކަށަވަރުކޮށްދެއްވި ގޮތުގައި، ޝަންގްރިއްލާ ރިސޯޓް ހިންގާ 'އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް'ގައި އޮންނަ ސަރުކާރުގެ %30 ހިއްސާ ވިއްކާލަން މިއަދު ކެބިނެޓުގެ އިކޮނޮމިކް ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އެ މަސައްކަތް ވަނީ މިހާރު ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި ދެން ހިއްސާ އޮންނަނީ ޝަންގްރިއްލާ އެވެ. އެ ކުންފުނިން ވެސް ހިއްސާ ވިއްކާލާނެ އެވެ.

ރިސޯޓް ގަންނަނީ ރިއޯލޯއިން

އެނގިފައިވާ ގޮތުގައި، އެ ރިސޯޓް ގަންނަން އެއްބަސްވެފައި ވަނީ މަންޓާ އެއާ އާއި ދ. ކުޑަހުވަދޫ އެއާޕޯޓް ހިންގަމުން އަންނަ ރިއޯލޯ ކުންފުނިންެވެ. ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަމުގައި އެ ކުންފުނިން ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ވެސް ހިންގަ އެވެ. އެ ކުންފުނިން ހިންގާ ރިސޯޓްތަކަކީ:

  • ދ. ކަނޑިންމަ ރިސޯޓް

  • ބ. ނޮޓިލަސް

  • އދ. ވަކަރުފަޅީގައި ހިންގާ ނޯވާ ރިސޯޓް

އެކަމާ ގުޅިގެން އެ ކުންފުނީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ބުނީ ކީކޭ؟ - ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު 'ދައުރު'އަށް ވިދާޅުވީ އައްޑޫ ވިލިގިލީ ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތް އަވަސް ކުރުމަށް މިނިސްޓްރީއަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށާއި މިހާރު ކުރިއަށް ދަނީ ފަހުގެ  މަރުހަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިދާރީ މަސައްކަތްތަކެއް އެކަމާ ގުޅިގެން މިހާރު އެބަ ކުރެވޭ. ވަރަށް ޕޮޒިޓިވްކޮށް އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަންގްރިއްލާ ރިސޯޓް:

  • ހުޅުވީ - 2009 ވަނަ އަހަރު

  • ބޮޑުމިން - 50.6 ހެކްޓަރު

  • އެނދު - 284 އެނދު

  • ކުލީގެ މުއްދަތު ހަމަވަނީ - 26 ފެބުރުއަރީ 2105

މިނިސްޓަރު އިތުރަށް ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރަން މި ސަރުކާރަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ އައްޑޫ، ގަން އެއާޕޯޓް ތަރައްގޫ ކުރުމުގެ މަޝްރޫއު ފަށަނީ އެ ބޭނުމުގައި ކަމަށެވެ. އަދި މީގެ އިތުރަށް އައްޑޫ ވަކި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރަށް ކަންކަން މަގުފަހިކޮށްދެވޭނީ ޓޫރިޒަމް އެތަނަށް ގެންނަން. ސަރުކާރަކަށް ކުރެވޭނޭ ހުރިހާ ކަމެއް އެބަ ކުރެވޭ. އެކަމާ ގުޅިގެން ބަދަލުތައް ފެންނާނެ،" މައުސޫމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް