އައްޑޫ ހިތަދޫ: އައްޑު އަތޮޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ސަރުކާރުން ރާވަމުން ދާއިރު، އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ވަނީ މަޝްރޫން އަތޮޅުގެ އެތެރެވަރިއަށް ގެއްލުންވާނެ ކަމަށް.
އައްޑޫ ބިން ހިއްކުން: 5 މަސް ވީއިރު ވެސް އީޕީއޭން ހުއްދައެއް ނުދޭ
އައްޑޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ ބިން ހިއްކުމުގެ މަޝްރޫއަަށް ތައްޔާރު ކުރި އީއައިއޭ ރިޕޯޓު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ހުށަހެޅިތާ ފަސް މަސްވީ އިރު ވެސް އަދިވެސް މަޝްރޫއަށް ހުއްދަ ނުދޭ ކަމަށް އެ އެޖެންސީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން ނިންމާފައި ވަނީ އައްޑޫގެ ބިމުގެ ދަތިކަމުގެ މައްސަލައަށް ކުރިއަށް އޮތް 50 އަހަރަށް ހައްލެއް ގެނެސް، އެ އަތޮޅުގެ ޓޫރިޒަމް ކުރިއަރުވަން، އައްޑޫގެ ބައެއް ރަށްތައް ހިއްކައި ރިސޯޓު ހަދަން މުޅިން އަލަށް ރަށްތަކެއް ހިއްކާށެވެ.
މަޝްރޫއުގެ ތަފްސީލު:
-
މުޅި އައްޑޫން 236.5 ހެކްޓަރު ހިއްކާނެ
-
ހިތަދޫން 90 ހެކްޓަރު
-
މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރު
-
ހުޅުމީދޫން 32.3 ހެކްޓަރު
-
ރިސޯޓު ހަދަން ފަޅުތެރެއިން ހިއްކައިގެން 8.3 ހެކްޓަރުގެ ތިން ރަށް އަދި 5 ހެކްޓަރުގެ ދެ ރަށް
ބުނީ ކީކޭ؟ - އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު 'ދައުރު'އަށް ވިދާޅުވީ، އަދިވެސް އެ މަޝްރޫއު ހިންގުމަށް އެ އެޖެންސީން ހުއްދަ ދީފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މަޝްރޫއުގެ ގެއްލުން ކުޑަކުރުމަށް އީއައިއޭ ރިޕޯޓަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
އީޕީއޭން މީގެ ކުރިން ބުނެފައި ވަނީ އެ މަޝްރޫއަށް ހުއްދަ ދޭނީ ތިމާވެއްޓަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އަޅާފައި ކަމަށެވެ.
އެނގުން މުހިންމު - މަޝްރޫއެއް ކުރިއަށް ގެންދެވޭނީ އެކަމުން ތިމާވެއްޓަށް އަސަރު ކުރާނެ ވަރު ބެލުމަށް ހަދާ އީއައިއޭ ރިޕޯޓަށް ބެލުމަށް ފަހު އީޕީއޭން އެކަމަށް ހުއްދަ ދިނުމުންނެވެ. އެ މަޝްރޫއަށް ތައްޔާރު ކުރި އީއައިއޭ ރިޕޯޓު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އީޕީއޭއަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ 6ގަ އެވެ.
ތަފްސީލު - އައްޑޫގެ ރަށްތައް ހިއްކުމުގެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ މާޗު 27ގައި ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކޮށްފަ އެވެ. މަޝްރޫއުގެ ދަށުން ރިސޯޓު ހަދަން ރަށް ހިއްކަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
ވެން އޫޑް ކުންފުނިން ބުނެފައި ވަނީ މަޝްރޫއު ކުރިއަަށްގެންދާނީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާ ގޮތަށް ކަމަށެވެ. އެގޮތުން، މަސައްކަތް ފެށުމުގެ ކުރިން މުރަކަތައް އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މިދިޔަ އޭޕްރިލް 6ގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވަނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނީ، ވެލި ނަގާ ސަރަހައްދުތައް ބަލަން ހަދާ ސާވޭއަށް ފަހު ކަމަށެވެ. އަދި އަމަލީ މަސައްކަތް ފަށަން ހަތަރު ވަރަކަށް މަސް ނަގާނެ ކަމަށް އެ ދުވަހު އޭނާ ވިދާޅުވި އެވެ.
އައްޑޫގައި ތިމާވެށީގެ ގޮތުން ނާޒުކު ކަނޑުގެ ސަރަހައްދުތައް ހުރި އިރު، ބިން ހިއްކުމުގެ މަޝްރޫ އިން އެ އަތޮޅުގެ ވެއްޓަށް އިއާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބުނެ މީގެ ކުރިން ހަތް ޖަމިއްޔާއަކުން ވަނީ އެ މަޝްރޫއު ނުހިންގުމަށް ސަރުކާރަށް ގޮވާލައިފަ އެވެ. އަދި އާންމު ފަރާތަކުން އެކަން ހުއްޓުވަން އައްޑޫ މީދޫ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. އެ މަޝްރޫއުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ވެސް ދަނީ ބަލަމުންނެވެ.
މަޝްރޫއުން ލިބޭނެ ގެއްލުންތައް އީއައިއޭ ރިޕޯޓުން:
-
އައްޑޫގެ އެތެރެވަރީގެ ބޮޑު ސަރަހައްދަކުން ގާތްގަނޑަކަށް 6.9 މިލިއަން ކިއުބިކް މީޓަރުގެ ވެލި ޑްރެޖު ކުރަން ޖެހޭ
-
ވެލި ނެގުމުން އުފެދޭ ކިސަޑުގެ ސަބަބުން މުރަކަ އާއި މަސްތައް މަރުވާން ދިމާވާނެ
-
21 ހެކްޓަރުގެ މުރަކައާއި 120 ހެކްޓަރުގެ މޫދު ވިނަ މައްޗަށް ވެލި އެޅި ނެތިގެންދާނެ
-
އައްޑު އަތޮޅަކީ ބަޔޮސްފިއާ ރިޒާވަކަށް ވާއިރު މަޝްރޫއުގެ ސަބަބުން މުޅި ރިޒާވް ހަލާކުވެގެންދާނެ
-
އައްޑޫގެ ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދު ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު އަދި ޝިޕްރެކްއަށް ގެއްލުންވާނެ
-
އެ ސަރަހައްދުން މިޔަރާއި މަންޓާ ފަދަ ދިރުންތައް މަދުވެއްޖެ ނަމަ އައްޑޫގެ ޓޫރިޒަމަށް 17-27.4 މިލިއަން ޑޮލަރުގެ ގެއްލުންވާނެ
-
ކަނޑު ކިލަނބުވެ ދިރުންތައް މަރުވާން ފެށުމުން އެންވެރިކަމަށް އަސަރުކޮށް މަސްވެރިންނަށް ދަތިވާނެ
އިތުރަށް ކިޔާލަން -
ކޮމެންޓް (1)
ނާހިދު 😈