އެފްއެސްއެމްގެ ޕެޓްރޯލްޝެޑް: ތެލުގެ އަގު މިއަދުން ފެށިގެންވަނީ ބޮޑުކޮށްފައި (ފައިލް ފޮޓޯ/ ޕީއެސްއެމް)
ތެލުގެ އަގު ލީޓަރަކުން 2ރ. ބޮޑުކޮށްފި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދާތީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން އެ ކުންފުނިން ލީޓަރަކުން 2ރ. އަގު ބޮޑުކޮށްފި އެވެ.
މިއީ ރަޝިއާ-ޔޫކްރައިން ހަނގުރާމަ ފެށުނު ފަހުން ވޭތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ތެލުގެ އަގު ބޮޑު ކުރި ހަތަރު ވަނަ ފަހަރެވެ.
ވީ ކިހިނެއް؟ - އެސްޓީއޯއިން ރޭ ދަންވަރު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި މިއަދުން ފެށިގެން އެފްއެސްއެމްގެ ހުރިހާ އައުޓްލެޓްތަކަކުން ވެސް ތެޔޮ ވިއްކަމުން ގެންދާނީ:
-
ފެޓްރޯލް ލީޓަރެއް - 16.55ރ.
-
ޑީސަލް ލީޓަރެއް - 16.77ރ.
ތަފްސީލު - އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރީ މިދިޔަ މާޗު 5ގަ އެވެ. އެ ފަހަރު ތެޔޮ އަގުބޮޑުކުރީ:
-
ފެޓްރޯލް ލީޓަރެއް - 14.60ރ.
-
ޑީސަލް ލީޓަރެއް - 14.80ރ.
އެހެންކަމުން މިފަހަރު އެސްޓީއޯއިން ތެލަށް ގެނައި ބަދަލުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވާނެ މިންވަރަކީ:
-
ޕެޓްރޯލް ލީޓަރަކުން 1.95ރ.
-
ޑީސަލް ލީޓަރަކުން 1.97ރ.
އެއާ އެކު، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މި ވަނީ %13 އަށް ބޮޑުވެފަ އެވެ.
މިއަހަރު ފެށުނު އިރު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 11.16ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ހުރީ 11.84ރ.ގަ އެވެ.
ބުނީ ކީކޭ؟ - އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ މައްޗަށް ކަމަށެވެ.
"އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން،" އެ ކުންފުނީގެ ބަޔާނުގައި ބުންޏެވެ.
ތެޔޮ ފީފާއެއްގެ އަގު 121 ޑޮލަރުން މަތީގައި
އެސްޓިއޯއިން އެންމެ ފަހުން މާޗު މަހު ތެޔޮ އަގުބޮޑު ކުރި އިރު، ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 110 ޑޮލަރުގަ އެވެ.
ނަމަވެސް އެންމެ ފަހުން މި މަސް ފެށުނު އިރު، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 121 ޑޮލަރަށް އަރާފަ އެވެ. މިއީ 2014 ވަނަ އަހަރަށް ފަހު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.
ކުރިއަށް އޮތްތަނުގައި ވެސް ރަޝިއާ-ޔޫކުރެއިންގެ ހަނގުރާމަ ނުހުއްޓި ކުރިއަށް ދާ ނަމަ ތެލުގެ އަގު ބޮޑުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.