އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، 1 އެޕްރީލް 2022 ގައި އިސްލާމީ މަރުކަޒުގައި (ދައުރު ފޮޓޯ)

ހަމަނުޖެހުން އުފެއްދުމަކީ އިސްލާމީ ސިފައެއް ނޫން: އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީން ބުނީ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި، ސިޔާސީ މަގުސަދެއްގައި ބޭނުންކުރާ ކަމަށް

އިސްލާމް ދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، އަނިޔާވެރިކަމަށް ގޮވައިލާ، މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ކަންކަން ކުރުމަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކުން ބޭރު ކަންކަން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީން އެ ގޮތަށް ބުނީ ސަރުކާރުގެ ބައެއް އިސް ވެރިންނާއި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުންކަރާތް ނަހީކުރުމުގެ ނަމުގައި މިއަދު ހިންގީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.

ބުނީ ކީކޭ؟ - "އިސްލާމް ދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރިކަމަށް ގޮވައިލާ، މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ މިފަދަ އަމަލުތަކަކީ އިސްލާމްދީން ދަސްކޮށްދެއްވި ރިވެތި އުސޫލުތަކާއި މިންގަނޑުތަކުން ބޭރުން ހިންގާ އަމަލުތަކެއްކަން ކަށަވަރެވެ،" ބަޔާނުގައި ބުންޏެވެ.

ތަފްސީލް - މިނިސްޓްރީން އިތުރަށް ބުނީ، އިހްލާސްތެރިކަމެއް ނެތި، އިސްލާމް ދީނާއި ލޮބުވެތި ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގާލެވޭ މޭރުމުން، ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކައި ހަރަކާތްތަކެއް ހިންގާ ކަމަށެވެ. އެފަދަ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފަ އެވެ.

އޭގެ އިތުރުން، ބައެއް ފަރާތްތަކުން ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި، ސިޔާސީ މަގުސަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފައްދަމުންދާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން މިފަދަ ކަންކަމާމެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖުތަމައުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމަށް އިލްތިމާސްކުރަމެވެ،" މިނިސްޓްރީން ބުންޏެވެ.

އެނގުން މުހިންމު - ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހަމަނުޖެހުން ތަހުގީގު ކުރަމުން އަންނަ އިރު، އެ މައްސަލައިގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް (3)

މުހައްމަދު

22 ޖޫން 2022
ދީނުގެ ނަމުގަ ނަފުރަތު އުފައްދާ މީހުންނަށް އެފުރުސަތު ދީގެން ނުވާނެ. ހުއްޓުވަންޖެހޭ
0 0

ޔޯގާ

21 ޖޫން 2022
ފަށުވި ގޮތްގޮތަށް ބަޔާން ނުނެރެ ސާފުކޮށް ބުނެބަލަ ޔޯގާގެ ހުކުމް. ޢެ ނިމުނީ
3 0

މިސުރު

21 ޖޫން 2022
@ޔޯގާ 3 ގޮތަކަށް. އެއްބަޔަކު އެއްކޮށް ހުއްދަ. އަނެއް ބަޔަކު މުޅިން ގޯސް. އަނެއް ބަޔަކު އޭގަ އެ ބުނާ ޒާތުގެ ހަރަކާތްތައް ފިޔަވައި ދެން ހުރިހާ ބައެއް ރަނގަޅު. .. މިއީ ކަސްރަތެއް. ދެން ފަތުވާ ކޮމިޓީއިން ނިންމާ ގޮތަކަށް އަހަރެމެން އަމަލު ކުރީމަ ރަނގަޅުވާނެ،
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް