އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ހަފްލާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ޕާޓީތަކަށް ވައްދަން ހުށަހަޅާ މީހުންގެ ނަންތައް އާންމުކުރަން ފަށައިފި

ޕާޓީތަކުން ހުށަހެޅި ފޯމުތަކުގައިވާ ނަންބަރުތަކަށް މެސެޖެއް ވެސް ވަނީ ފޮނުވާފައި

ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެމްބާޝިޕް ފޯމުތަކުގެ ސައްހަކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން، މެމްބަރުންގެ ގޮތުގައި ދަފްތަރުކުރުމަށް ޕާޓީތަކުން ހުށަހަޅާ މީހުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވެބްސައިޓުގައި އާންމުކުރަން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއީ ފަހަކަށް އައިސް މީހުންނަށް ނޭނގި އެ މީހުން ޕާޓީތަކަށް ވެއްދުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން އީސީން އަޅަން ނިންމި ފިޔަވަޅެކެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ދަފްތަރުކުރުމަށް ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރުކުރުމުގެ ކުރިން، އެއީ ސައްހަ ފޯމެއްތޯ ކަށަވަރު ކުރުމަށް އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.

ތަފްސީލް - އެ އުސޫލުގެ ދަށުން، މިއަދު ވަނީ ތިން ޕާޓީއަކުން ހުށަހެޅި 373 ފޯމެއްގެ ސައްހަކަން ކަށަވަރު ކުރުމަށް، އެ ފޯމުތަކުގައިވާ މީހުންގެ މައުލޫމާތު އާންމުކޮށްފަ އެވެ. އީސީން އާންމުކުރާ މައުލޫމާތަކީ:

  • ފުރިހަމަ ނަން 

  • އައިޑީ ކާޑުގެ ފަހު ތިން އަދަދު 

  • ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން 

ބުނީ ކީކޭ؟ - އެ މައުލޫމާތު އާންމުކޮށް މިހާރު ވަނީ ޝަކުވާއަށް ހުޅުވާލައިފަ އެވެ. އީސީން ބުނީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގައި ދީފައިވާ މޯބައިލް ނަންބަރަށް މިހާރު މެސެޖެއް ވެސް ފޮނުވާފައިވާނެ ކަމަށެވެ.

މިއަދު އާންމުކުރި ލިސްޓާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ މެންދުރު 3 ޖަހަންދެން ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ. ޝަކުވާ ފޯމު ހުށަހަޅާނީ:

  • ކޮމިޝަނުގެ މައި އިދާރާއަށް ގޮސްގެން 

  • ނޫނީ ކޮމިޝަންގެ އީމެއިލް އެޑްރެސް، info@elections.gov.mv އަށް ފޯމު ފޮނުވައިގެން

އީސީން މިއަދު އާންމުކުރި ލިސްޓުގައި ހިމެނެނީ:

- ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 23 ފޯމު

- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ 105 ފޯމު

- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ 245 ފޯމު

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް