ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ސޯލިހު (ފޮޓޯ/ރައީސް އޮފީސް)

ރައީސްގެ އޮޕަރޭޝަން ކާމިޔާބު، ހެޔޮ ދުއާއަށް ޝުކުރު އަދާކުރައްވައިފި

މިއަދު ހެނދުނު ސާޖަރީ ފުރިހަމަ ކުރެެއްވި އިރު، ރައީސްގެ ބާރުތައް ވަނީ ވަގުތީ ގޮތުން ނައިބު ރައީސް އާ ހަވާލު ކުރައްވާފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތައިރޮޑް ސާޖަރީ ކާމިޔާބު ކަމަށާއި ހެޔޮ ދުއާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޑޮކްޓަރުންގެ ލަފާގެ މަތިން ރައީސް ސޯލިހު ތައިރޮޑްގެ އޮޕަރޭޝަނަކަށް ސިންގަޕޫރަށް ވަޑައިގަތީ މި މަހުގެ 23 ވަނަ ދުވަހު އެވެ. މިއަދު ހެނދުނު ސާޖަރީ ފުރިހަމަ ކުރެއްވި އިރު، ރައީސްގެ ހޭފުޅު ނައްތައިގެން އޮޕަރޭޝަން ކުރާތީ، ރައީސްގެ ބާރުތައް ވަނީ ވަގުތީ ގޮތުން ނައިބު ރައީސް އާ ހަވާލު ކުރައްވައިފަ އެވެ.

 ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ރައީސްގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެންނެވި އިރު، މިއީ ނައިބު ރައީސަކު ރާއްޖޭގެ ރައީސްކަމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ތަފްސީލް - ރައީސް ސޯލިހު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސާޖަރީ ކާމިޔާބުކަމާ އެކު ފުރިހަމަ ކުރެވިއްޖެ ކަމަށާއި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އެމަނިކުފާނަށް ހެޔޮދުއާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަންނަވަމުން ރައީސް ވިދާޅުވީ "މާތް ﷲގެ ވާގިފުޅާ އެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ،" ކަަށެވެ.

ރައީސް އޮފީހުގެ ބަސް - ރައީސް އޮފީހުން މިއަދު ބުނިގޮތުގައި އޮޕަރޭޝަން ކުރައްވަން ޖެހިވަޑައިގެން، ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ވަގުތީ ގޮތުން އުޒުރުވެރިވެވަޑައިގަންނަވާ ފަދަ ހާލަތެއް މެދުވެރިވެފައިވާތީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުގެ މަތިން ރައީސް ސޯލިހު ވަނީ ސަބަބު ބަޔާންކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމުން އެކަން އަންގަވައިފަ އެވެ. އަދި އެއަށް ފަހު ރައީސްގެ މަސްއޫލިއްޔަތުތައް މިއަދު 6 އިން ފެށިގެން ނާއިބު ރައީސްއާ ހަވާލުކުރެއްވީ އޮޕަރޭޝަނަށް ފަހު އަލުން ރައީސްކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސް ހަވާލުވެވަޑައިގަންނަވަން ދެކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް