އައްޑޫގެ ގުޅިފައިވާ ބައެއް ރަށްތައް: ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ހުއްޓާލުމަށް ޖަމިއްޔާތަކުން އަންނަނީ ގޮވާލަމުން.
އައްޑޫ އޮތީ ގެއްލުން ވިޔަސް ބިން ހިއްކަން
މާލެއަށް ފަހު ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ޖުމްލަ 236.5 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ރާވަމުން އަންނަ މަޝްރޫއު ހުއްޓާލަން ތިމާވެށީގެ ދިފާއުގައި މަސައްކަތްކުރާ ޖަމިއްޔާތަކަކުން ގޮވާލުމުން، އައްޑޫގެ ގިނަ ބަޔަކު އެކަން ސިފަކުރީ އައްޑޫގެ ތަރައްގީއަށް ހުރަސް އެޅުން ކަމަށެވެ.
އައްޑޫ ތަރައްގީ ކުރަން "މާލޭ މީހުން" ބޭނުން ނުވާ ވާހަކައަކީ އެ އަތޮޅު މީހުންގެ އަބަދުގެ ޝަކުވާއެކެވެ. ކޮންމެ ސަރުކާރަކުން ވެސް އައްޑޫއަށް ކަންކަން ކޮށްދޭނެ ކަމުގެ ހުވަފެން ދެއްކި ނަމަވެސް، އެ ކަންކަން ނުކޮށްދެނީ ސަރުކާރު މަގާމުތަކުގައި ތިބޭ "މާލޭ މީހުން" އެ ގޮތް ބޭނުން ނުވާތީ ކަމަށް އަބަދު ވެސް ކިޔަ އެވެ.
ޖަމިއްޔާތަކުގެ ބަޔާނާ އެކު ސޯޝަލް މީޑިއާ އާއި ނޫސްތަކަށް ކޮމެންޓު ކުރި ގިނަ މީހުން ވެސް ފާޅުކުރީ އެފަދަ ހިޔާލުތަކެކެވެ.
"އައްޑޫ ތަރައްގީގެ ވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ތި މާލޭ ޖަމިއްޔާތަކުން ކުރާނެ. ތިޔަ ޖަމިއްޔާތަކުން އައްޑުއަށް ކޮށްދީފައިވާ ކަމެއް ނިކަން ބުނެ ދީބަލަ،" 'ދައުރު'އަށް ކޮމެންޓުކުރި މީހަކު ބުންޏެވެ.
"އައްޑޫ ތަރައްގީ ވިޔަ ނިދޭށިޔަ [ނުދޭތެ]،" އެހެން މީހަކު ބުންޏެވެ.
އިންޑިއާގެ ކްރެޑިޓް ލައިނެއްގެ ދަށުން ހިންގަން ތައްޔާރުވަމުން އަންނަ މި މަޝްރޫއުގެ މަގުސަދަކީ އެ އަތޮޅަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކޮށް، ކުރިއަށް އޮތް 50 ވަރަކަށް އަހަރަށް ބިމުގެ މައްސަލަ ހައްލުކުރުން ކަމަށް ސަރުކާރުން ބުނެ އެވެ. މި ބިޔަ މަޝްރޫއުގެ ދަށުން އައްޑޫގެ ތިން ރަށަކުން ބިން ހިއްކުމުގެ އިތުރުން، ރިސޯޓު ހެދުމަށް މުޅިން އަލަށް ފަސް ރަށެއް އުފެއްދުމަށް ވަނީ ނިންމައިފަ އެވެ.
އެއާ އެކު، ބިން ލިބި، މަޝްރޫއުތައް ފެށި، ވަޒީފާގެ ފުރުސަތުތައް ލިބި، މި ޕްރޮޖެކްޓު ވެގެންދާނީ އައްޑޫއަށް ތަރައްގީ ގެންދާނެ ކާމިޔާބު މަޝްރޫއަކަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ގަބޫލުކުރެ އެވެ. އައްޑޫއަށް އިގްތިސޯދީ ބޮޑު ފައިދާއެއް ލިބެން އޮތް މަޝްރޫއަކާ ދެކޮޅު ހެދުމުން، އެކަން ބަލައިގަންނަން އެ އަތޮޅު މީހުންނަށް އުނދަގޫވަނީ އެހެންވެ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭ ގޮތުން ހަ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކުރީ އެ މަޝްރޫއުގެ ސަބަބުން މުޅި އައްޑު އަތޮޅުގެ އެތެރެވަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން މަޝްރޫއުއަށް ހެދި އީއައިއޭ ރިޕޯޓުގައި ބުނުމުންނެވެ.
އައްޑޫ ރައްޔިތުން އައްޑުގެ ބިން ހިއްކަން ބޭނުންވޭ. އެކަމަށް ހުރަހަކަށް އެއްވެސް ބަޔަކު ނުވުމަށް ދަންނަވަން.
އީއައިއޭ ރިޕޯޓުގެ ހުލާސާ:
-
ވެލި ނެގުމުން އުފެދޭ ކިސަޑުގެ ސަބަބުން މުރަކަ އާއި މަސްތައް މަރުވާން ދިމާވާނެ
-
21 ހެކްޓަރުގެ މުރަކައާއި 120 ހެކްޓަރުގެ މޫދު ވިނަ މައްޗަށް ވެލި އެޅި ނެތިގެންދާނެ
-
އައްޑު އަތޮޅަކީ ބަޔޮސްފިއާ ރިޒާވަކަށް ވާއިރު މަޝްރޫއުގެ ސަބަބުން މުޅި ރިޒާވް ހަލާކުވެގެންދާނެ
-
އައްޑޫގެ ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދު ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު އަދި ޝިޕްރެކްއަށް ގެއްލުންވާނެ
-
އެ ސަރަހައްދުން މިޔަރާއި މަންޓާ ފަދަ ދިރުންތައް މަދުވެއްޖެ ނަމަ އައްޑޫގެ ޓޫރިޒަމަށް 17-27.4 މިލިއަން ޑޮލަރުގެ ގެއްލުންވާނެ
-
ކަނޑު ކިލަނބުވެ، ދިރުންތައް މަރުވާން ފެށުމުން އެންވެރިކަމަށް އަސަރުކޮށް، މަސްވެރިންނަށް ދަތިވާނެ
މިވަރުގެ ގެއްލުން ބޮޑު ޕްރޮޖެކްޓަކަށް ހުއްދަ ނުދޭން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމި ނަމަވެސް ސަރުކާރަށް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ އެވެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން މަޝްރޫއާ ދެކޮޅު ހަދާއިރު އައްޑޫގެ ރައްޔިތުން މިކަމުގައި ދެކެނީ ކިހިނެއް ހެއްޔެވެ؟
އިތުރަށް ކިޔާލަން -
'ހުރަސް ނާޅާ؛ އައްޑޫ މީހުން ބޭނުންވަނީ ބިން ހިއްކަން'
އައްޑޫ އަކީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑުގެ ބޮޑު ބައެއް ހިމެނޭހެން ހިމާޔަތްކޮށްފައިވާ ތަނެއް ކަމަށާއި ބިމުގެ ބޮޑު ބައެއް ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާކަން މޭޔަރު އަލީ ނިޒާރު ވެސް ފާހަގަކުރެއްވި އެވެ.
ނަމަވެސް ނިޒާރު ވިދާޅުވީ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދާނީ އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން، އައްޑޫގެ ވެއްޓަށް ބަލައި ދިރާސާކޮށްގެން ކަމަށެވެ.
"އައްޑޫ ރައްޔިތުން އައްޑޫގެ ބިން ހިއްކަން ބޭނުންވޭ. އެކަމަށް ހުރަހަކަށް އެއްވެސް ބަޔަކު ނުވުމަށް ދަންނަވަން،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ކައުންސިލްގައި އެކި ދާއިރާތައް ތަމްސީލުކުރައްވާ ކައުންސިލަރުން ވެސް ވިދާޅުވީ ހަމަ އެއް ވާހަކަ އެކެވެ. އައްޑޫގެ ބިން ހިއްކުމަކީ އެ އަތޮޅުގެ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ.
ކައުންސިލްގެ މެމްބަރު އިބްރާހިމް ޝިނާޒް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށް މެނިފެސްޓޯ އެކުލަވާލަން އެމްޑީޕީން އައްޑޫގެ ވަކިވަކި ރައްޔިތުންގެ ގާތަށް ގޮސް މަޝްވަރާ ކުރި ކަމަށެވެ. އަދި ބިން ހިއްކުމަކީ "ހަމަ ހުރިހާ ރައްޔިތުން ބޭނުންވެގެން" ސަރުކާރުން ވީ ވައުދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމިއްޔާތަކުގެ ކަންބޮޑުވުމާ ގުޅޭ ގޮތުން ޝިނާޒް ވިދާޅުވީ އައްޑޫ ރައްޔިތުގެ މެދުގައި "ޕޮޕިއުލާ އޮޕީނިއަން" އަކީ ބަޔަކު އައްޑޫގެ ތަރައްގީއަށް ނުރުހޭ ކަމަށް ގަބޫލުކުރާ ގަބޫލުކުރުން ކަމަށެވެ.
"ބޮޑަށް ރައްޔިތުން މި ދެކެނީ އައްޑޫގެ ތަރައްގީ ހުއްޓުވުމަށް ސިޔާސީ ބަޔަކު ކުރާ ކަމެއްގެ ގޮތުގައި. ކައުންސިލްގެ އޮޕީނިއަންއެއް ނޫން އެއީ. ރައްޔިތުން ދެކެނީ އައްޑޫއަށް ކަމެއް ކުރަން ވާއިރަށް ހުރިހާ ޖަމިއްޔާއަކުން ނުކުންނާނޭ،" ޝިނާޒް ވިދާޅުވި އެވެ.
ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކަށް އިހްތިރާމް ކުރި ނަމަވެސް މުޅި ކައުންސިލުން ވެސް ބޭނުންވަނީ މަޝްރޫއު ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.
'އެތެރެވަރިން ވެލި ނެގުމުގެ ކަންބޮޑުވުން އެބަ އޮތް'
ބިން ހިއްކަން ބޭނުން ނަމަވެސް، ބިން ހިއްކަން އެތެރެވަރިން ވެލި ނެގުމުގެ ނަތީޖާ ހިތިވެދާނެ ކަމުގެ ބިރު ރައްޔިތުންނާއި ޑައިވް ސެންޓަރުތަކާއި ގެސްޓްހައުސްތައް ހިންގާ މީހުންގެ މެދުގައި އެބަ އޮތެވެ. ކަނޑުގެ ދިރުންތަކަށް އަސަރުކޮށް، އޮއެވަރު ބަދަލުވެއްޖެ ނަމަ ޑައިވް ކުރާ ސަރަހައްދުތައް ނެތިދާނެކަމުގެ ބިރު އެ ސެންޓަރުތަކުން ފާޅުކުރެ އެވެ. ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ދައްކާނެ ރީތި ވެއްޓެއް ނެތް ނަމަ އެކަމުން ކުރާނެ ނޭދެވޭ އަސަރު ވިޔަފާރިވެރިންނަށް އަންދާޒާ ކުރެވެ އެވެ.
މީގެ ކުރިން 2016ގައި އައްޑޫ ފޭދޫ ހިއްކުމުގެ އަސަރު ވެސް ވެއްޓަށް ކުރި އެވެ. އެކަމުގެ ސަބަބުން ޑައިވް ޕޮއިންޓުތަކާއި މަސްވެރިންނަށް އެނގުންވި އެވެ. އެންވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރި އެވެ. ކުޑަކަނޑު ކައިރީ އޮތް 'ފަތިކޮޅު' ކިޔާ ރަށެއް ވެސް ގެއްލުނީ އެ މަޝްރޫއުގެ ސަބަބުން ކަމަށް ބައެއް ރައްޔިތުން ބުންޏެވެ. އަދި 'ހަންކެޑެ' އާއި 'ރުއްޖެހެރަ' ވެސް ވަރަށް ބޮޑަށް ގިރައިގެން ދިޔަކަމަށް ރައްޔިތުން ބުންޏެވެ.
ރައްޔިތުން ބޭނުންވޭ ބިން ހިއްކަން. މުޅި ކައުންސިލުން ވެސް ބޭނުންވަނީ ބިން ހިއްކަން. އެހެންވީމަ މިފަހަރު ބިން ހިއްކާނެ.
އީއައިއޭ ތައްޔާރުކުރުމަށް އައްޑޫ އަވަށްތަކުގެ މީހުންނާ ބައްދަލުކުރުމުން، ހުރިހާ ރަށަކުން ވެސް ބުނީ އެތެރެވަރިން ވެލި ނެގުމާ މެދު ކަންބޮޑުވާ ކަމަށެވެ. އެކަމަކު ބޯހިޔާވަހިކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށް ބިން ބޭނުންވާ ކަމަށް އެ މީހުން ބުންޏެވެ.
ނަމަވެސް، ރިސޯޓު ހަދަން ބިން ހިއްކުމާ މެދު އައްޑޫ ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތެވެ. ހުޅުދޫގެ ބައެއް މީހުން ބުނީ ރިސޯޓުތަކެއް ހަދަން ބިން ހިއްކުމަށް ވުރެ، މިހާރު އައްޑޫގައި ހުރި ރިސޯޓުތަކަށް އެ ފައިސާ ހަރަދުކުރުން ބުއްދިވެރި ކަމަށެވެ. އަދި އެގޮތަށް ރިސޯޓުތަކެއް ތަރައްގީކުރުމުގެ ފައިދާ ބޮޑަށް ކުރާނީ ބޭރުގެ އިންވެސްޓަރުންނަށް ކަމަށް ވެސް މީދޫގެ ބައެްއ މީހުން ބުންޏެވެ.
ފޭދޫގެ ބައެއް މީހުން ބުނީ، ތިމާވެށި ހަލާކުކޮށްގެން ރިސޯޓު ހަދައިގެން ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތެއް އެ މީހުންނަށް ނުވިސްނޭ ކަމަށެވެ. އެހެންކަމުން، ރިސޯޓު ހަދަން ބިން ހިއްކައިގެން، ތިމާވެށި ހަލާކުވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އެ މީހުން ބުންޏެވެ.
ދެން ތިބި ރައްޔިތުން ބުނަނީ އައްޑޫއަކީ މިހާރު ވެސް ފަތުރުވެރިކަން އޮތް ތަނެއް ނޫން ކަމަށާއި ފަތުރުވެރިކަން ކުރިއަރުވަން އިތުރު ރިސޯޓުތަކެއް ބޭނުންވާ ކަމަށެވެ.
ބިން ހިއްކަން މިހާރު ރާވާފައިވާ ގޮތަށް ފޭދޫ ރައްޔިތުން ފާޑުކިޔެވެ. އެ މީހުން ބުނީ އެންމެ ބޮޑަށް ބިމުގެ ބޭނުން ޖެހިފައި ވަނީ މަރަދޫ އާއި މަރަދޫފޭދޫއަށް ކަމަށް ވާއިރު، ބިން އޮތް ހިތަދޫ ހިއްކަން ޖެހޭ ސަބަބު ނުވިސްނޭ ކަމަށެވެ. އަދި ފޭދޫ ހިއްކި ބިން ވެސް ބޭނުން ނުކޮށް އޮތްކަން ފާހަގަކޮށް، ބިން ހިއްކައިގެން ސިޔާސީ ފައިދާ ހޯދަން އުޅޭކަމުގެ ތުހުމަތު ވެސް ބައެއް މީހުން ކުރި އެވެ.
އިތުރު ހުށަހެޅުމަކާ އެކު ޕެޓިޝަނެއް
މަރަދޫ ރައްޔިތުންގެ ހިޔާލު ހޯދުމުން، އެ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވީ މިހާރު އޮތް ޕްލޭންގެ ސަބަބުން ބީޗުތައް ގިރައިގެން ދިއުމުގެ ބިރު އޮތުމެވެ. ހޯމްސްޓޭ އާއި ފަތުރުވެރިކަން ކުރިއަރުވަން ބޭނުން ނަމަ، ގޮނޑުދޮށްތައް މުހިންމުވާނެކަން އެ މީހުން ފާހަގަކުރި އެވެ.
އެހެންކަމުން، އެ މީހުން ހުށަހެޅީ، މަރަދޫ ފުއްޓަރު ފަރާތުން ހިއްކަން ނިންމާފައިވާ ބިން، ރަށާ ވަކިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ގޮތަށް ކޯޒްވޭއަކުން ގުޅާލެވޭ ގޮތަށް ހިއްކުމަށެވެ. އެއީ ތިމާވެއްޓާ ރައްޓެހި މޮޑެލަކަށް ވާނެ ކަމަށާ އަދި 100 މީޓަރުގެ ގޮނޑުދޮށެއް ލިބޭނެ ކަމަށް އެ މީހުން ބުންޏެވެ. އެ ހުށަހެޅުމަށް ތާއީދުކޮށް 370 މީހަކު ސޮއިކޮށް ޕެޓިޝަނެއް ވެސް އޮތީ ހުށަހަޅައިފަ އެވެ.
'ތަރައްގީއާ އެކު ތިމާވެއްޓަށް ގެއްލުންވޭ'
ޝިނާޒް ވިދާޅުވީ ޖަމިއްޔާތަކުގެ ކަންބޮޑުވުންތައް ކައުންސިލުން ގަބޫލުކުރާ ކަމަށެވެ. އީއައިއޭ ރިޕޯޓުގައި ހުރި ވާހަކަތަކަށް ވެސް އޭނާ އެއްބަސްވެވަޑައިގަތެވެ.
ނަމަވެސް ޝިނާޒް ސުވާލު އުފެއްދެވީ، ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާއިރު ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ބުނާ އީއައިއޭ ރިޕޯޓެއް އޮތްތޯ އެވެ.
"ހަގީގަތަކީ ޑިވެލޮޕަމަންޓާ އެކު ތިމާވެއްޓަށް ގެއްލުން ވޭ. އެކަމަކު ތަރައްގީ ނުކޮށެއް ވެސް ނުތިބެވޭނެ. ދެން ވިސްނަން ޖެހޭނީ ވީހާ ވެސް ގެއްލުން ކުޑަކޮށް ޕްރޮޖެކްޓް ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ ވިސްނުން ހުރީ ވެސް އެ ގޮތަށް،" ޝިނާޒް ވިދާޅުވި އެވެ.
ޝިނާޒް ވިދާޅުވީ އެއް ފަހަރާ މުޅި އައްޑޫން 236.5 ހެކްޓަރު ހިއްކަން ނިންމީ ވެސް ގެއްލުން ކުޑަކުރަން ކަމަށެވެ. އޭނާ ވިދާޅުވީ "ފަހަރަކު ތަންކޮޅެއް ހިއްކުމުން ގެއްލުން ބޮޑު" ކަމަށެވެ. މި މަޝްރޫއު ޕްލޭންކޮށްފައިވާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ، އައްޑޫއަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ބިން އެއްފަހަރާ ހޯދުނީ ކަމަށާއި ދެން ކައިރި މުސްތަގުބަލެއްގައި އައްޑޫން ބިން ހިއްކަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމިއްޔާތަކުގެ ކޮންސާން ހަމަ ވެލިޑް. އެކަމަކު މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނޭ ބުނުމުގެ ބަދަލުގައި އެ ބޭފުޅުންގެ ނޮލެޖާ އެކު، މިކަން އެންމެ ގެއްލުން ކުޑަކޮށް ކުރެވޭނެ ގޮތެއްގެ ވާހަކަ އަޅުގަނޑުމެންނާ ދައްކަން މާ ރަނގަޅު ނޫންތޯ؟
އޭރުން ތިމާވެށި އިއާދަވުމަށް ބޭނުންވާ ވަގުތު ދެވޭނެ ކަމަށާއި ކޮންމެ ފަސް އަހަރަކުން ވެއްޓާ ކުޅޭ ނަމަ އެ ފުރުސަތު ނުލިބޭނެ ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ.
އައްޑޫ ރައްޔިތުން ބިން ބޭނުމެވެ. ތަރައްގީ ބޭނުމެވެ. އެ މީހުންގެ ވެށި ވެސް ބޭނުމެވެ. ރިސޯޓުތަކެއް ހުޅުވައިގެން ޓޫރިޒަމް ފައްކާ ކުރެވޭނީ ވެސް ވެށި ހިމާޔަތްކޮށްގެންކަން އެ މީހުންނަށް އެނގެ އެވެ. އަދި މަޝްރޫއުގެ ސަބަބުން އެތެރެވަރިއަށް ގެއްލުން ވާނެކަން ރައްޔިތުންނަށް އެނގޭ ކަމަށް ވެސް ޝިނާޒް ވިދާޅުވި އެވެ.
"ޖަމިއްޔާތަކުގެ ކޮންސާން ހަމަ ވެލިޑް. އެކަމަކު މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނޭ ބުނުމުގެ ބަދަލުގައި އެ ބޭފުޅުންގެ ނޮލެޖާ އެކު، މިކަން އެންމެ ގެއްލުން ކުޑަކޮށް ކުރެވޭނެ ގޮތެއްގެ ވާހަކަ އަޅުގަނޑުމެންނާ ދައްކަން މާ ރަނގަޅު ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.
"މުރަކައަށް ގެއްލުން ވަންޏާ ދެން ހަދާނެ ގޮތަކީ ކޮބައިތޯ އެ ކަންކަން ކުރަން އިރުޝާދު ދޭން ވީ ނޫންތޯ؟"
ޝިނާޒް ވިދާޅުވީ އައްޑޫގައި ވެލި ނެގޭނެ އިތުރު ސަރަހައްދެއް ނެތް ކަމަށާއި އެހެން އަތޮޅަކުން ވެލި ގެންނަން ޖެހޭ ނަމަ މަޝްރޫއުގެ އަގު ވެސް އެތައް ގުނަ ބޮޑުވެގެން ދާނެ ކަމަށެވެ. އެހެންކަމުން، އެންމެ ގެއްލުން ކުޑަ ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން އަދިވެސް ޕްލޭނިން މިނިސްޓްރީއާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި އެ ޕްރޮޖެކްޓު ހުއްޓުވުމަކީ އޮތް އިހްތިޔާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުންވޭ ބިން ހިއްކަން. މުޅި ކައުންސިލުން ވެސް ބޭނުންވަނީ ބިން ހިއްކަން. އެހެންވީމަ މިފަހަރު ބިން ހިއްކާނެ،" ޝިނާޒް ވިދާޅުވި އެވެ.
ކޮމެންޓް (1)
މުޙައްމަދު