ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަނީ، 3 ފެބުރުއަރީ 2022 (ފޮޓޯ/ މަޖިލިސް)
އެސެޓް ރިކަވަރީ ކޮމިޝަން އުވާލާނެ ކަމުގެ އިޝާރާތެއް؛ 'ދެން މަސައްކަތް ކުރާނީ އޭސީސީން'
ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން މަސައްކަތް ހުއްޓިފައިވާ، އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ވީ އެންމެ އަވަހަކަށް މެމްބަރުން އައްޔަންކޮށް ދިނުމަށްރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިވަޑައިގެންފި އެވެ. އަދި ކުރީ ސަރުކާރުން ހިންގި ހިޔާނާތްތައް ބެލުމަށް ރައީސް އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލާނެ ކަމުގެ އިޝާރާތެއް ވެސް ރައީސް މިއަދު ދެއްވި އެވެ.
ވީ ކިހިނެއް؟ - އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ، އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ އެކު، ކޮމިޝަންގެ ހުރިހާ މެންބަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެއްވެސް މެމްބަރަކު ނެތި ގާނޫނީ ހުސްކަމެއްގައި އެ ކޮމިޝަން އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ހުސްވެފައިވާ މެންބަރުންގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވި އިރު، 34 މީހަކު ވަނީ ކުރިމަތިލައިފަ އެވެ.
ތަފްސީލް - ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކޮށް އެ ކޮމިޝަންގެ ހޯދުންތައް އިތުރަށް ތަހުގީގުކޮށް ގާނޫނީ މަރުހަލާތައް ފެށުމަށް އޭސީސީއަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑު އެދެނީ އަދި އުންމީދު ކުރަނީ މި އިއްޒަތްތެރި މަޖިލީހަށް ނަންތައް ފޮނުވުމުން އޭސީސީގެ މެމްބަރުން އަވަސް މުއްދަތެއްގައި ކަނޑައަޅުއްވާ ދެއްވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހިޔާނާތުގެ މައްސަލައިގައި ދެން އޮތް ބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވާލާ އޭސީސީން ކަމަށެވެ. އެގޮތަށް ވިދާޅުވުމުން އެ އިޝާރަތްކުރައްވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބަލަން އެ މަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަންގެ މަސައްކަތް ދެން އިތުރަށް ކުރިއަށް ނުގެންގޮސް، އަލަށް އެކުލަވާލާ އޭސީސީއަށް އެކަން ހަވާލުކުރުންކަން ދޭހަވެ އެވެ. އެކަމަކު އެސެޓް ރިކަވަރީ ކޮމިޝަން އުވާލައްވާ ކަމަކަށް ސީދާ ވިދާޅެއް ނުވެ އެވެ.
އޭސީސީގެ ފަސް މެންބަރުންގެ މަގާމަށް ކުރިމަތިލީ ކޮން ބައެއްކަން ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އޭސީސީއަށް ކުރިމަތިލި މީހުންގެ ނަންތައް ދިރާސާކޮށް، ރުހުން ހޯދުމަށް ދެން ފޮނުވާނީ މަޖިލީހަށެވެ.
އޭސީސީގެ ގާނޫނު ބުނާ ގޮތުން މެންބަރެއްގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭ އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހެ އެވެ.
އަޅުގަނޑު އެދެނީ އަދި އުންމީދު ކުރަނީ މި އިއްޒަތްތެރި މަޖިލީހަށް ނަންތައް ފޮނުވުމުން އޭސީސީގެ މެމްބަރުން އަވަސް މުއްދަތެއްގައި ކަނޑައަޅުއްވާ ދެއްވާނެ ކަމަށް
އެނގުން މުހިންމު - އޭސީސީގައި އެންމެ ފަހުން ތިއްބެވި ކޮމިޝަންގެ ރައީސް މަރްޔަމް ޝިއުނާ އާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު އަނޫލާ އަދި މެމްބަރު އައިޝަތު އަބްދުﷲ އޭސީސީން އިސްތިއުފާ ދެއްވީ، ޑިސެމްބަރު 27 ގަ އެވެ.
އެ ތިން މެމްބަރުން އިސްތިއުފާ ދެއްވުމުގެ ކުރިން، ކޮމިޝަންގައި ތިއްބެވި ދެ މެމްބަރުން ކަމަށްވާ މުހައްމަދު ޝަކީލާއި އަލީ އަޝްރަފު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
މަޖިލިސް ޗުއްޓީގައި އޮއްވާ ކުއްލި ގޮތަކަށް އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށީ، އޮޑިޓް އޮފީހުން ހެދި އެ ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ، ޕާފޯމަންސް އޮޑިޓް ރިޕޯޓަށް ފަހު އެވެ. އަވަސް އަރުވާލައިގެން، މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ނިންމީ ބާކީ ތިބި ތިން އަންހެން މެންބަރުން ވަކިކުރުމަށެވެ. އެ ތިން މެންބަރުން މަގާމުން އިސްތިއުފާ ދެއްވީ، ކޮމިޓީގެ އެ ނިންމުން ތަޅުމަށް ވެސް ފޮނުވި ފަހުންނެވެ. އޭސީސީން ވަނީ އެ އޮޑިޓް އޮފީހުގެ ރިޕޯޓަށް ވަރަށް ބޮޑަށް ފާޑުކިޔައި ބަޔާނެއް ވެސް ނެރެފަ އެވެ. އަދި ވަކިކުރަން އުޅުނީ، ސިޔާސީ ނުފޫޒު ނުފޯރުވޭތީ ކަމަށް އެ މެންބަރުން ވަނީ ބުނެފަ އެވެ.
އިތުރަށް ކިޔާލަން -