ރައީސް ސޯލިހް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާއަށް މިއަދު މާލޭން މަރުހަބާ ދަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ދިވެހިންނަށް ބަންގްލަދޭޝް އިން އޮން އެރައިވަލް ވިސާ ދެނީ

ބަންގްލަދޭޝްގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ވިސްނަމުން އަންނަ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު މިއަދު ވިދާޅުވި
23 ޑިސެމްބަރު 2021

ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައިވާކަން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ މިއަދު އިއުލާނުކުރައްވައިފި އެވެ. އަދި އެ ކަމަނާ ވަނީ، ބަންގްލަދޭޝްގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރު ފަށަން ވިސްނަމުން އަންނަކަމަށް ވެސް ވިދާޅުވެފަ އެވެ.

ވީ ކިހިނެއް؟ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ޝޭހު ހަސީނާއާ، ރައީސް ސޯލިހް މިއަދު ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވައިފަ އެވެ. އެ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ވެރިން ވަނީ، ގުޅިފައިވާ ބަޔާނެއް ދެއްވައިފަ އެވެ.

ބުނީ ކީކޭ؟ - އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވި ރާއްޖޭގެ ރައީސް ސޯލިހް ވިދާޅުވި ގޮތުގައި، ޝޭހު ހަސީނާއާ އެކު ބޭއްވެވި މަޝްވަރާތަކުގައި ދެ ކަމަކަށް އެދިވަޑައިގެންނެވި އެވެ. އެއީ:

  • ބަންގްލަދޭޝްއަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ހަމަޖައްސައިދިނުން

  • ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ސްޓޫޑަންޓު ވިސާ ދިނުން

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކުގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ސޯލިހްގެ ވާހަކަފުޅަށް ފަހު ޝޭހު ހަސީނާ ދެއްވި ބަޔާނުގައި އެ ކަމަނާ ވަނީ، ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައިވާކަން އިއުލާނުކުރައްވާފަ އެވެ.

"މިކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން،" ޝޭހު ހަސީނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ބަންގްލަދޭޝް އިން އޮން އެރައިވަލް ވިސާ މިހާރު ދެނީ ވަރަށް މަދު ގައުމަކަށެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ޔޫރަޕްގެ ގައުމުތަކާއި އަރަބި ދައުލަތްތަކެވެ.

ބަންގްލަދޭޝްގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ވިސްނަނީ

ރައީސް ސޯލިހްގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުފަތުރު ކުރާ މިންވަރު އިތުރުކުރުމާ ގުޅޭ ގޮތުން ޝޭހު ހަސީނާއާ މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.

ޝޭހު ހަސީނާ ވަނީ، ބަންގްލަދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ ޔޫއެސް-ބަންގްލާ އެއާލައިނުން ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު މިދިޔަ މަހުގެ ފަހުކޮޅު ސީދާ ދަތުރުތައް ފަށާފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި އެ ކަމަނާ ވިދާޅުވީ، ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާންް ބަންގްލަދޭޝް އެއާލައިނުން ވެސް ޑާކާ އާއި މާލެއާ ދެމެދު ދަތުރުތައް ފަށަން ވިސްނަމުން އަންނަ ކަމަށެވެ.

ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ދެ ލީޑަރުން ވެސް ނުދެއްވަ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ދެ ލީޑަރުންގެ ދެމެދު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ. އެއީ:

  • އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން ނުވަތަ ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުމެއް

  • ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް

  • ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެމްއޯޔޫއެއް

  • ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާއަށް އިއްޔެ އެއާޕޯޓުން މަރުހަބާ ދަންނަވަނީ. (ވީޑިއޯ/ރައީސް އޮފީސް)

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުން، 13 އަސްކަރީ އުޅަނދު ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

ގުޅުންހުރި ކަމެއް - ޝޭހު ހަސީނާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ތަގުރީރުކުރައްވާނެ އެވެ. މަޖިލީހުގެ ދައުރުން ބޭރުން މިއަދު ހަވީރު 4ގައި ބާއްވާ ޖަލްސާއަށް ޖުމްލަ 153 ބޭފުޅުންނަށް ވަނީ ދައުވަތު ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް