މިފްކޯގެ ބޯޓަކަށް މަސް ކިރަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

މަސްވެރިން

މާޗު 5އަށް މަސްވެރިންނަށް ފައިސާ ދޫނުކުރެވުނު، ރޯދައިގެ ކުރިން ދޭނަން: ޝިޔާމް

މިހާރުވެސް 50 މިލިއަންގެ ޕޭމަންޓެއް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި

މިފްކޯއަށް މަސް ކިރުމަށް ފަހު މަސްވެރިންނަށް ދޫނުކޮށް ހުރި ފައިސާގެ ތެރެއިން މާޗު 5ގެ ނިޔަލަށް ދޫކުރާނެ ކަމަށް ކުރިން ބުނި ފައިސާ މިހާތަނަށް ދޫކޮށްފައި ނުވާ ކަމަށާއި ރޯދަ މަސް ފެށުމުގެ ކުރިން އެ ފައިސާ ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާގެ އެންމެ ފަހުގެ ތަފްސީލް މިނިސްޓަރު ދެއްވީ، ހަފްތާ 14ގެ ތެރޭގައި މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ފައިސާ ނުލިބިގެން މަސްވެރިން ވަނީ މިދިޔަ މަހު މިފްކޯގެ ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާކޮށް، އެ ދެ ފެކްޓަރީގެ މަސައްކަތް ވެސް ހުއްޓުވާލާފަ އެވެ. އެއާ އެކު، މިނިސްޓަރު ޝިޔާމް ވަނީ ކޫއްޑޫއަށް ވަޑައިގެން، މަަސްވެރިންނާ ވާހަކަ ދައްކަވައި ފައިސާ ދޫކުރާނެ ތާރީހުތަކެއް ކަނޑައަޅުއްވާފަ އެވެ. އެގޮތުން:

  •  މިދިޔަ މަހުގެ 26 ވަަނަ ދުވަހުގެ ކުރިއަށް 100 މިލިއަން ރުފިޔާ ދައްކަން މަސައްކަތްކުރާ ކަމަށް ވިދާޅުވި

  • އެއަށް ފަހު ބާކީ އޮންނަ 180 މިލިއަން ރުފިޔާ 5 މާޗުގެ ކުރިއަށް ދައްކަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި

ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ މިނިސްޓަރު ޝިޔާމް ބައްދަލުކުރެއްވުން. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

ބުނީ ކީކޭ؟ - "26 ފެބްރުއަރީއަށް ވީ އިރުގައި އަޅުގަނޑުމެން 105 މިލިއަން ރުފިޔާ ދެއްކިން 100 މިލިއަންގެ ބަދަލުގައި. 5 މާޗު އެއީ އަޅުގަނޑުމެންގެ ދެވަނަ ޕޭމަންޓު ކަނޑައެޅުނު ދުވަސް،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 5 ވަނަ ދުވަހުން ފެށިގެން މިހާރު، މިފްކޯ އިން ފައިސާ ދޫކުރުމުގެ މަސައްކަތް ފަށައިފި ކަމަށެވެ. އެގޮތުން މިހާރު ވެސް 50 މިލިއަންގެ ޕޭމަންޓެއް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ، ރޯދަ މަހުގެ ކުރިއަށް ހަމަ އެއްކޮށް މިހާރު އޮތް ބެކްލޮގް ދައްކާ ހަލާސްކުރެވޭނެ ކަމަށް." ޝިޔާމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް