ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ އުތުރު ގޮފި: ހައި ކޯޓުގެ ގޮފިތައް އުވާލަން ގާނޫނަށް އިސްލާހު ވަނީ ހުށަހަޅާފައި (ފޮޓޯ/ ކުޅުދުއްފުށި އޮންލައިން)
ހައި ކޯޓުގެ ގޮފިތައް އުވާލަން ގާނޫނު އިސްލާހުކުރަނީ
ކޯޓުތަކުގެ ގާނޫނަށް 2014 ވަނަ އަހަރު ގެނައި އިސްލާހާ އެކު ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކުރި ހައި ކޯޓުގެ ވަކިވަކި ގޮފިތައް އުވާލަން، އަލުން ގާނޫނު އިސްލާހުކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވި ބިލުގައި ހިމަނައިފި އެވެ.
ވީ ކިހިނެއް؟ - ތިން ގާނޫނަކަށް އިސްލާހު ގެނައުމަށާއި އާ ބިލަކާ އެކު އޭޖީ އޮފީހުން މި މަހުގެ ތިން ވަނަ ދުވަހު ރައީސް އޮފީހަށް ވަނީ ހަތަރު ބިލެއް ފޮނުވައިފަ އެވެ. އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވި ބިލުތަކަކީ:
-
ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލު
-
ފެނާއި ނަރުދަމާގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލު
-
ކޯޓުތަކުގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލު
-
ފަނޑިޔާރުންގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލު
ތަފްސީލް - އެ ބިލުތަކުގައި ހިމެނޭ ކަންކަމުގެ ތަފްސީލް އޭޖީ އޮފީހުން މިއަދު ވަނީ ދީފަ އެވެ. އޭޖީ އޮފީހުން ބުނީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ:
-
ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށް
-
ކޯޓުތަކުން ހިންގާ ޝަރީއަތްތައް ހިނގަމުންދަނީ ނިޒާމުގައި ކަންކަން ތަރުތީބުކުރެވިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިހްތިސޯސާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަށަވަރުކުރުމަށް
-
ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ކަމާގުޅޭ އުސޫލުތައް ކުރިއެކޭވެސް އެއްފަދައިން ގާނޫނުގައި ކަނޑައެޅުމަށް
-
ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އެނޫންވެސް އިސްލާހުތައް ގެނައުމަށް
އެނގުން މުހިންމު - ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު ހައި ކޯޓުގެ ދެކުނު ގޮފި ގާއިމުކުރީ އައްޑޫގަ އެވެ. އަދި އުތުރު ގޮފި ގާއިމުކުރީ ހދ. ކުޅުދުއްފުށީގަ އެވެ. އުތުރާއި ދެކުނުގައި ހައިކޯޓުގެ ދެ ގޮފި ގާއިމުކުރީ އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ބުނެ އެވެ.
ނަމަވެސް އެއީ ހައި ކޯޓުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަށްޓަކައި ގެނައި އިސްލާހެއް ކަމަށް އޭރު ބައެއް ގާނޫނީ ވަކީލުން ތުހުމަތުކުރެއްވި އެވެ.
-
އާންމު އުސޫލެއްގެ ގޮތުން ހައިކޯޓު ހިނގަމުން އަންނަނީ މާލޭގައި
-
ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފެށީ 16 ޑިސެމްބަރު 2015 ގައި
-
ހުޅުމީދޫގައި ހުންނަ ހައިކޯޓުގެ ދެކުނު ގޮފިން ބަލާނީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް
-
ހައިކޯޓުގެ އުތުރު ގޮފި ހުޅުވީ 22 އޮކްޓޫބަރު 2018 ގައި
-
ކުޅުއްދުއްފުށީގައި ހުންނަ ހައިކޯޓުގެ އުތުރު ގޮފިން ބަލަނީ ހއ، ހދ، ށ، ނ، ރ، އަދި ބ، އަތޮޅުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް
އޭޖީ އޮފީހުން ހުށަހެޅި އިތުރު ބިލުތަކުގެ ތަފްސީލް
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަނީ ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމަށް ކަމަށެވެ. ނަމަވެސް އެ އިސްލާހާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލަކީ އަލަށް ހުށަހަޅާ ބިލެކެވެ. އޭޖީ އޮފީހުން ބުނީ އެއީ ރާއްޖޭން ބައިވެރިވެފައިވާ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ހުށަހެޅި ބިލެއް ކަމަށެވެ.
އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގުވާމީ ވިޔަފާރީގެ ސަބަބުން، ނެތިދިޔުމުގެ ބިރު ހީވެފައިވާ އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓްކުރެވޭ ޖަނަވާރާއި ގަސްގަހާގެއްސާއި، އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި، އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާގުޅޭ އުސޫލުތައް އެ ބިލުގައި ކަނޑައަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެންނަނީ އެ ގާނޫނު ތަންފީޒުކުރުމުގައި އެނންވަޔަރަންމަންޓް މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށާއި، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށެވެ.
އިތުރަށް ކިޔާލަން -