މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ ކްރައިމް ސީންއަށް ގެންގޮސްގެން ފުލުހުން އިތުރު މައުލޫމާތު ހޯދަނީ: އެ މަރާ ގުޅިގެން ފުލުހުންގެ އިސްވެރިން މިއަދު ވަނީ މަހްމޫދުގެ އާއިލާއާ ބައްދަލުކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުަނައިދު)

މަހުމޫދުގެ މަރު

މަހުމޫދު މަރާލީ ފައިސާގެ ދަހިވެތިކަމުގައި، ނެގި ފައިސާތައް ހޯދައިފި

ފުލުހުން ފައިސާ ހޯދީ ސާލިމް ދިރިއުޅުނު ގޭގައި ވަޅުލާފައި ހުއްޓާ، ތަހުގީގު ދެ ހަފްތާއެއްހާ ތެރޭ ނިންމާނެ

 އދ. ދަނގެތީގައި ވިޔަފާރިވެރިޔާ، މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ހައްޔަރުގައި ހުރި ޝާ އަލޮމް މިއާ (ސާލިމް) އޭނާ މަރާލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ފުލުހުން ތަހުގީގަށް ހޯދިފައިވާކަން އެނގިއްޖެ އެވެ. އަދި މަހުމޫދުގެ ފައިސާ ދަބަހުގައި ހުރި ފައިސާތައްވެސް ފުލުހުން މިހާރު ހޯދާފައިކަން ވެސް ވަނީ އެނގިފަ އެވެ.

މައްސަލައިގެ ފެށުން - އެތައް އަނިޔާތަކެއްކޮށް މަހުމޫދު މަރާލުމަށް ފަހު، ބޮލައި ފައި ގޯންޏެއްގައި އަޅުވައި ފަޅުގެއެއްގެ ތެރޭގައި ހުރި ފެން ވަޅަކަށް އެއްލާލާފައި އޮއްވާ އޭނާގެ ހަށިގަނޑު ފެނުނީ މި މަހުގެ 14ގަ އެވެ.  އެ މައްސަލައިގައި ހައްޔަރު ކުރި ސާލިމް އަކީ، އެރަށުގައި އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ހުންނަ މީހެކެވެ.

ތަފްސީލު - ފޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވަނީ ދަނގެއްޗަށް ވަޑައިގެން މަހުމޫދުގެ އާއިލާއާ ބައްދަލު ކުރައްވައި ތަހުގީގުގެ ފަހުގެ މައުލޫމާތު އާއިލާއަށް ދެއްވައިފަ އެވެ.

މައުލޫމާތު އެނގޭ އިތުބާރު ހުރި މަސްދަރަކުން މިއަދު'ދައުރު'އަށް ކިޔައިދިން ގޮތުގައި މަހްމޫދު މަރާލީ "ފައިސާގެ ބޭނުމުގައި ކަން" މިހާތަނަށް ތަހުގީގަށް ފުލުހުން ހޯދި މައުލޫމާތުތަކުން އެނގޭ ކަމަށް އެ ބައްދަލުވުމުގައި ފުލުހުން ބުންޏެވެ. އަދި އެކަމުގައި ކުރިންވެސް ފުލުހުން ބުނެފައިވާ ގޮތަށް ސާލިމް ފިޔަވާ އިތުރު މީހެއްގެ ބައިވެރިވުން ނެތް ކަމަށް އާއިލާގެ ކައިރީ ވެސް މިއަދު ބުނި ކަމަށް އޭނާ ބުންޏެވެ.

ފައިސާ ދަބަހާއި ފައިސާތައް ހޯދައިފި

އަބަދުވެސް ގިނަ އަދަދެއްގެ ފައިސާ އަތުގައި ބަހައްޓާ މަހްމޫދުގެ ފައިސާގެ ދަބަސްވެސް ފުުލުހުން ހޯދާފައިވާކަން 'ދައުރު'އަށް ވަނީ ޔަގީންވެފަ އެވެ. ނަމަވެސް އެ ފައިސާ ދަބަސް ހޯދި އިރު، އޭގައި އެއްވެސް ފައިސާއެއް ނެތް ކަން ވަނީ އެނގިފަ އެވެ.

"ފުލުހުން އެ ފައިސާ ހޯދީ ސާލިމް ދިރިއުޅޭ ނެދުން ގޭގައި ވަޅުލާފައި ހުއްޓާ،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ނަމަވެސް ފުލުހުން ހޯދީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ކަށަވަރެއް ނޫނެވެ. ތަހުގީގަށް ފުލުހުން އެ ފައިސާތަކުގެ ފޮރެންސިކް ތަހުލީލުތަކެއް ހަނދާކަން ވެސް ވަނީ އެނގިފަ އެވެ.

ތަހުގީގު ނިމުމަކާ ހިސާބަށް

އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ދެތިން ހަފްތާއެއްހާ ދުވަސް ތެރޭ ފުލުހުން ތަހުގީގު ނިންމާނެ އެވެ. ނަމަވެސް އަދި މިހާތަނަށް ސީދާ ވަކި ގޮަތަކަށް ފުލުހުންގެ ތަހުގީގުގައި ނިންމާފައި ނުވާ ކަމަށްވެ އެވެ. އިތުރު ކަމެއް ތަހުގީގުގެ ތެރެއިން ކުރި ފަޅައިފި ނަމަ ތަހުގީގު އިތުރަށް ދިގުލައިގެން ގޮސްފާނެ ކަމަށް ވެސް އެކި މަސްދަރުތަކުން ބުންޏެވެ.

 މަހުމޫދުގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާ އުޅެމުން އައި ނެދުންގެ: ފުލުހުން ވަނީ އެގެއިން މައްސަލައާ ގުޅޭ ގިނަ ހެކިތަކެއް ވަޅުލާފައި ހުއްޓާ ހޯދާފައި، އޭގެ ތެރޭގައި ފައިސާތައްވެސް ހިމެނޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިންމު - މީގެ ކުރިން ފުލުހުން އެ މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ:

  • މައްސަލައާ ގުޅޭ ގިނަ އަދަދެއްގެ ހެކިތަކެއް ސާލިމް ދިރިއުޅުނު ނެދުން ގޭގައި ވަޅުލާފައި ހުއްޓާ ހޯދާފައިވާ ކަމަށް

  • ވަޅުލާފައި ހުއްޓާ ފެނުނު ކަމަށް ފުލުހުން ކުރިން ބުނީ ފޯނާއި އައިޑީކާޑު އެކަނި 

  • ފައިސާ ދަބަސް ފެނުނު ކަމެއް އޭރު ފުލުހުން ނުބުނޭ

ފުލުހުންގެ ތަހުގީގަށް އިތުބާރު ކުރަން: އާއިލާ

އާއިލާގެ މެންބަރަކު މިއަދު 'ދައުރު' އަށް ބުނީ މަހުމޫދު މަރާލީ އެންމެ މީހަކު ވެގެން ކަމަށް އާއިލާއިން ފުރަތަމަ ގަބޫލެއް ނުކުރެވުނެވެ. ސަބަބަކަށް ވީ މަހުމޫދުގެ ހަށިގަނޑުން ފެންނަން ހުރި ޒަހަމްތައް ގިނަކަމުން ކަމަށް އާއިލާގެ މެންބަރު ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ފުލުހުންގެ އިސްވެރިން މިއަދު އާއިލާއާ ބައްދަލުކޮށް، ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމުން އެކަން ގަބޫލުކޮށް، އާއިލާއިން ވަނީ ވަރަށް ބޮޑަށް މިހާރު ހިތްހަމަޖެހިފަ އެވެ. އަދި ތަހުގީގުގައި ފުލުހުން ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާކަން އާއިލާއިން ފާހަގަކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަން ފުލުހުން ތަހުގީގުގައި އެ ހޯދާ ކަންކަން. އާއިލާގެ އިތުބާރު އެބަ އޮތް އެ ތަހުގީގަށް،" އާއިލާގެ މެންބަރު ބުންޏެވެ.  

ފަސް މަންޒަރު - މަހުމޫދުގެ މަރާ ގުޅިގެން ރަށު މީހުން ފުރަތަމަ ތުހުމަތުކުރީ، އެކަން ކުރީ އެ އެރަށަށް ހިޖުރަކޮށްގެން ދިރިއުޅެމުން އައި ތޮއްޑޫ ދެ މީހުން ކަމަށެވެ. ފުލުހުންނާ އެ ދެ މީހުން ހަވާލުކުރީ ރަށުގެ ބަޔަކު ނުކުމެ، އަނިޔާކުރުމަށް ފަހު އެވެ.

އޭގެ ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި އެމީހުން ހައްޔަރުކުރި އެވެ. ފުލުހުން ބުނެފައިވަނީ މަހްމޫދުގެ މަރާ އެމީހުންނާ ގުޅޭ އެއްވެސް ފޮރެންސިކް ހެއްކެ ނެތް ކަމަށެވެ. އެ މީހުން  ފަހުން ވަނީ ބަންދުން ވެސް ދޫކޮށްލައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް