ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް އަދި ސިފައިންގެ އިތުރު އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ މަޖިލިސް)
އުތުރު ތިލަފަޅު އެއްބަސްވުމުން ގައުމީ ސަލާމަތާއި ސިޔާދަތަށް ނުރައްކަލެއް ނެތް: ކޮމިޓީ
އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްގީކުރުމަށް އިންޑިއާ އެކު ރާއްޖޭން ވެފައިވާ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް މިއަދު ދައްކާފައި ވާއިރު، އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ނުކުތާއެއް ނެތް ކަމަށް އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔޫޓީއެފް އެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކުރީ މިއަދު ހެނދުނު 11 އަށެވެ. އެ ކޮމިޓީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި މިނިސްޓްރީގެ އިސްވެރިން ހާޒިރުކުރި އެވެ.
އެ އެއްބަސްވުމުގެ މައުލޫމާތު އާންމުކުރަން އިންފޮމޭޝަން ކޮމިޝަނަރު އަންގާފައިވާއިރު، އެއްބަސްވުމުގެ ކޮޕީއެއް ހޯދަން މަޖިލީހުން ވެސް އޮތީ އެދިފަ އެވެ.
އެނގުން މުހިންމު - ޑިފެންސް މިނިސްޓްރީން ވަނީ ކޮމިޓީއަށް މުޅި އެއްބަސްވުން ދައްކައިފަ އެވެ. ނަމަވެސް އެއްބަސްވުމުގެ މާއްދާއެއްގައި، އެއީ ސިއްރު ކުރަން ޖެހޭ އެއްބަސްވުމެއް ކަމަށް ބުނެފައިވާތީ، ކޮމިޓީން ވަނީ އެއްބަސްވުމުގެ ސިއްރު ހިފަހައްޓަން ފާސްކޮށްފަ އެވެ.
މިއަދުގެ ބައްދަލުވުން ވަގުތުން ދުރަށް ގެނެސްދިން ނަމަވެސް، އެއްބަސްވުން ދެއްކި ހިސާބުން، ކޮމިޓީގެ އަޑު ވަނީ ކަނޑާލައިފަ އެވެ. އަދި ދެއްކި ބައެއް ވާހަކަތައް ވެސް ސިއްރުކުރި އެވެ.
ކޮމިޓީގެ ބަސް - ކޮމިޓީގައި ޑިފެންސް މިނިސްޓްރީން ދެއްކި ވާހަކަތަކާއި އެއްބަސްވުމުގައި ހުރި ވާހަކަތަކަށް ބަލައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވީ އެ އެއްބަސްވުމުގައި ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ ފަދަ ކަމެއް ނެތް ކަމަށެވެ.
"އިންޑިއާ ސަރުކާރާ އެކު ސޮއިކޮށްފައިވާ އެގްރީމަންޓަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް، ދިވެހިރާއްޖޭގެ މިނިވަންކަމަށް އަދި ސިޔާދަތަށް ބުރޫއަރާ ފަދަ އެއްވެސް މާއްދާއެއް އޮތް އެއްބަސްވުމެއް ނޫންކަން ހަމަ ޔަގީނުން ވެސް އަޅުގަނޑަށް ކަށަވަރުވެގެން ހިނގައްޖެ،" އޭނާ ވިދާޅުވި އެވެ.
ޕްރެޒެންޓޭޝަންގެ ތަފްސީލް - ކޮމިޓީއަށް އެމްއެންޑީއެފް އިން ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނީ އެމްއެންޑީއެފްއަށް ޑޮކްޔާޑަކާއި ބަނދަރެއް ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ. އެމްއެންޑީއެފް އިން އެ ތަންތަން ސިފަކުރީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރަން މުހިންމު ވަސީލަތްތަކެއްގެ ގޮތުގަ އެވެ.
އެއްބަސްވުމުގެ ޓައިމްލައިން
ޔޫޓީއެފް އެއްބަސްވުމާ ހަމައަށް ވާސިލްވުމަށް އެކި ސަރުކާރުތަކުން އެޅި ފިޔަވަޅުތައް އެމްއެންޑީއެފް އިން މިއަދު މަޖިލީހުގެ ކޮމިޓީއާ ހިއްސާކުރި އެވެ. އެގޮތުން، އެމްއެންޑީއެފް އިން ބުނީ:
-
މިއީ 2016ގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ސޮއިކުރެއްވި އެކްޝަން ޕްލޭނެއްގެ ދަށުން ސޮއިކުރި އެއްބަސްވުމެއް ކަމަށް
-
ނަމަވެސް، އުތުރު ތިލަފަޅުގެ ބަނދަރުގެ މަޝްވަރާތައް އެއަށް ވުރެ ވެސް ކުރިން އިންޑިއާއާ އެކު ކޮށްފައިވާ ކަމަށް؛ 2013ގައި އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރެއްގައި އެ މަޝްރޫއުގެ ކުރެހުންތައް އިންޑިއާއާ ހިއްސާކުރި ކަމަށް
-
މަޝްރޫއު "ފޯމަލައިޒް" ކުރީ 2016 ގައި އޭރުގެ ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށް
-
އިންޑިއާއިން ޓާމްސް އޮފް ރެފަރެންސް ފޮނުވީ 2017 ގައި
-
މަޝްރޫއު ކުރިއަށް ގެންދިއުމުގެ ވިސްނުން ހުރިކަން، ޔާމީނުގެ ސަރުކާރުން ޖޫން 2018ގައި އިންޑިއާއަށް އެންގި
-
އެއްބަސްވުން ކުރިއަށް ގެންދަން ނިންމީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާއަށް ކުރެއްވި ދަތުރެއްގައި
ނަމަވެސް، އެމްއެންޑީއެފް އިން ބުނީ އިންޑިއާ އިން 2017ގައި ހުށަހެޅި ޓާމްސް އޮފް ރެފަރެންސް މި ސަރުކާރުން 2019ގައި މުރާޖައާކުރި ކަމަށެވެ. އެ ޓާމްސް މުރާޖައާ ކުރީ އިންޑިއާގެ ޑެލިގޭޝަނެއް ރާއްޖެއަށް އައުމަށް ފަހު އެވެ. ނަމަވެސް، އެ ގެނައި ބަދަލުތަކެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެ އެވެ.
"އެހެންވީމަ 2017 ގައި ޑިވެލޮޕްކޮށްފައި އޮތް ޓާމްސް އޮފް ރެފަރެންސް އިތުރަށް ރިވިއު ކުރުމަށް ފަހު ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ،" ޕްރެޒެންޓޭޝަންގައި ބުންޏެވެ.
'ސޮއިކުރީ އިންޑިއާގެ ދައުރު ހަނިކޮށްފައި'
އެމްއެންޑީއެފް އިން ބުނީ 2016ގެ އެކްޝަން ޕްލޭންގައި އޮތީ، އުތުރު ތިލަފަޅު އިންޑިއާގެ ނޭވީ އަދި ކޯސްޓްގާޑަށް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.
"ނަމަވެސް، އަޅުގަނޑުމެން ރީ އެސެސް ކުރި އިރު އެއަށް ބަދަލު ގެނެސްފައި ހުންނާނެ،" އެމްއެންޑީއެފްގެ ޕްރެޒެންޓޭޝަންގައި ބުންޏެވެ.
މިހާރު އިންޑިއާއާ އެކު އެއްބަސްވެފައި އޮންނާނީ، އެމްއެންޑީއެފްގެ ޕްރެޒެންޓޭޝަންގައި ބުނި ގޮތުގައި، ހަމައެކަނި ބަނދަރު ތަރައްގީކޮށް މަރާމާތުކުރުމުގެ އިތުރަށް، އެ ތަނަށް ބޭނުންވާ ބައެއް އެހެން ސަޕޯޓް ހިދުމަތްތައް ދިނުމަށެވެ.
އިންޑިއާ ސަރުކާރާ އެކު ސޮއިކޮށްފައިވާ އެގްރީމަންޓަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް، ދިވެހިރާއްޖޭގެ މިނިވަންކަމަށް އަދި ސިޔާދަތަށް ބުރޫއަރާ ފަދަ އެއްވެސް މާއްދާއެއް އޮތް އެއްބަސްވުމެއް ނޫންކަން ހަމަ ޔަގީނުން ވެސް އަޅުގަނޑަށް ކަށަވަރުވެގެން ހިނގައްޖެ.
އޭގެ އިތުރުން، އެމްއެންޑީއެފް އިން ބުނީ:
-
ބަނދަރުގެ މަސައްކަތް ކުރެވޭނެ ސީދާ ލޮކޭޝަނާއި އިންތައް ވެސް މިހާރު ކަނޑައަޅާފައިވާނެ ކަމަށް
-
އޭގެ ބޭރުން އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް
-
އެ ތަނުގައި ތަރައްގީކުރާ ހުރިހާ ވަސީލަތަކީ ވެސް ދިވެހި ސަރުކާރުގެ މިލްކެއް ކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާނެ ކަމަށް
އެނގުން މުހިންމު - މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި އެއްބަސްވުމުގެ މުއްދަތަކީ 15 އަހަރު ނަމަވެސް، އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް 10 އަހަރަށް އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އިތުރަށް ކިޔާލަން -