ރައީސް ސޯލިހު، އެމަނިކުފާނުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަނީ. ކުރީގެ ރައީސް ޔާމީނާ އެކު ކުރައްވާނެ އެއްވެސް މަސައްކަތެއް ނެތް ކަމަށް ވިދާޅުވި. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕޭން ޓީމް)

ރައީސް ސޯލިހަށް ޔާމީން އެއްގޮތަކަށް ވެސް 'އޯކޭއެއް ނޫން'

ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނެތް ކަމަށް ރައީސް ވިދާޅުވިއިރު، ޔާމީނަކީ ވިޝަންއެއް ހުރި ލީޑަރެއް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ޔާމީނަށް ތައުރީފުކުރައްވާފައި
20 ޖެނުއަރީ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްގޮތަކަށް ވެސް "އޯކޭއެއް ނޫން" ކަމަށާއި ޔާމީނާ އެކީގައި ކުރައްވާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ރައްދެއް ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ނަޝީދު ވަނީ މި ޕްރައިމަރީގެ ކެމްޕެއިނުގައި އެމަނިކުފާނުގެ ވާދަވެރިޔާ ރައީސް ސޯލިހު އާއި އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން އަޅާބައްލަވައި، ރައީސް ސޯލިހާ ހިލާފަށް ޔާމީނަކީ "ތަންދޮރު އެނގިވަޑައިގަންނަވާ، ވިޝަންއެއް ހުރި ބޭފުޅެއް" ކަމަށް ވިދާޅުވެ ތައުރީފްކުރައްވައިފަ އެވެ. އަދި ޔާމީން އަދި ޕީޕީއެމް އާއި އެމަނިކުފާނާ ދެމެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ 'އިންޑިއާ އައުޓު' ވިސްނުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހު، އެމަނިކުފާނުގެ 'އެމްޑީޕީ ކުރިއަށް - އިބޫ 2023' ކެމްޕެއިނުގައި މިރޭ އާޓިފިޝަލް ބީޗުގައި ޔާމީން "އޯކޭއެއް ނޫން" ކަމަށް ވިދާޅުވީ އެ ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައީސް ސޯލިހު މިރޭގެ ޖަލްސާއަށް އާޓިފިޝަލް ބީޗަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ ((ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމް)

ނަޝީދުގެ ވާހަކައަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ޑިމޮކްރެސީ އާއި ރާއްޖޭގެ ނިޒާމު ހަމަ މަގުން ހިންގުމަށްޓަކައި އަދި އެމްޑީޕީއަށްޓަކައި ވެސް، ނުކުރެވޭނެ އަދި ކުރަން ހެޔޮނުވާވަރުގެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

ބުނީ ކީކޭ؟ - "ވޭތުވެދިޔަ ތަނުގައި ތިޔަ ބޭފުޅުންނަށް ކުރި އަނިޔާތަކާއި ދެއްކި ބިރަށް، އޭގެ ފަހަތުގައި ތިބި މީހުންނާ އަޅުގަނޑު އޯކޭއެއް ނޫން. އެ މީހުންނާ އެކީގައި އަޅުގަނޑު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ."

ރައީސް ސޯލިހު މިރޭ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕޭން ޓީމް)

ނަޝީދު މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީނަށް ތައުރީފްކުރެއްވުމުން ރައީސް ސޯލިހުގެ ސަޕޯޓަރުން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. މިރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް އެކަމާ ނުރުހުން ފާޅުކުރެއްވި އެވެ.

ރައީސް ސޯލިހުގެ ކެމްޕެއިންގައި އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާ (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމް)

ވާދަވެރިޔާ ނަޝީދަށް ޔާމީނާ ގުޅޭގޮތުން ނުސީދާ ރައްދެއް ދެއްވުމާ އެކު ރައީސް ސޯލިހު ވިދާޅުވީ މިއީ ރިޔާސީ ދެވަނަ ދައުރަކަށް ދާން އެމްޑީޕީއަށް ލިބޭ ފުރަތަމަ ފުރުސަތު ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފުމަށް ސަޕޯޓަރުންނަށް ގޮވާލައްވައި، ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ހުންނެވީ އެކަމަށް ތައްޔާރަށް ކަމަށެވެ.

"ތަފާތު ބޮޑު ތާއީދާ އެކު މި ޕްރައިމަރީ އަޅުގަނޑު ކާމިޔާބު ކުރާނަން. އޭގެ އެއްވެސް ޝައްކެއް ނެތް. މި ތަނުން މިއަދު މިކަން މި އޮތީ ނިންމާފައި. ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ،" ޖަލްސާއަށް އެއްވެ ތިބި ގިނަ އަދަދެއްގެ މީހުންނަށް އިޝާރާތްކުރައްވައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ކެމްޕެއިންގައި އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާ (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމް)

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ހޮވަން ޖެހޭ ސަބަބުތަކަކީ ކޮބައިކަން ވިދާޅުވެދެއްވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ހާސިލުކުރެވުނު ކަންތައްތަކާއި ކުރަމުން އަންނަ އަދި ކުރަން ރާވާފައިވާ ކަންތައްތަކުގެ ލިސްޓެއް ކިޔުއްވި އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް