ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން އެ ކޮމިޝަންގެ ބައްދަލުވުމެއްގައި. (ފޮޓޯ/ބްރޯޑްކޮމް)

ރީބްރޮޯޑްކާސްޓިން ގަވައިދު ބަދަލުކުރެވޭނީ ކޯޓުން މައްސަލަ ނިމުމުން: ބްރޯޑްކޮމް

20 ނޮވެމްބަރު 2022

ހަމައެކަނި ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭ ގޮތަށް އޮތް ރީބްރޯޑްކާސްޓިން ގަވައިދު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް އެންގި ނަމަވެސް، އެ ކަމާ މެދު ގޮތެއް ނިންމޭނީ ކޯޓުގައި ހިނގާ މައްސަލަ ނިމުމުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މައްސަލައިގެ ފެށުން - މި ފަހުން ބްރޯޑްކޮމުން އިސްލާހުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން:

  • ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި

  • އެ އިސްލާހު އެގޮތަށް ގެނައުމުން، ރީބްރޯޑްކާސްޓްކުރުމުގެ ފުރުސަތު މިހާރު ލިބެނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މީޑިއާނެޓަށާއި އެ ކުންފުނިން ހުއްދަ ނަގައިގެން އަތޮޅުތެރޭގައި އެ ފަރާތުގެ ޗެނަލްތައް ދައްކާ ބްރޯޑްކާސްޓަރުންނަށް

  • އެ އިސްލާހުގެ ސަބަބުން، މީޑީއާނެޓަށް ފަހު އެންމެ ބޮޑު ރީބްރޯޑްކާސްޓިން ހިދުމަތް ދޭ ދިރާގަށް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ގެއްލޭނެ؛ ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހްރެއިންގެ ބަޓެލްކޯ

އެނގުން މުހިއްމު - މިދިޔަ ބުދަ ދުވަހު އެ މައްސަލަ ދިރާސާކުރުމަށްފަހު ގަވައިދު ކޮމިޓީން ވަނީ، ހަމައެކަނި ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭ ގޮތަށް ރީބްރޯޑްކާސްޓިން ގަވައިދު ބްރޯޑްކޮމް އިން އިސްލާހުކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރެއް ނޫން ކަމަށް ނިންމާފަ އެވެ. އެހެންވެ އެ ކޮމިޓީން ވަނީ އެ ގަވައިދު އިސްލާހުކުރުމަށް ކޮމިޝަނަށް އަންގާފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ، މަރިޔަމް ވަހީދާ

ބުނީ ކީކޭ؟ - ކޮމިޓީގެ ނިންމުމާ އެއްގޮތަށް ގަވައިދު އިސްލާހުކުރުމައި ގުޅޭގޮތުން ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާއާ 'ދައުރު' އިން މިއަދު ސުވާލުކުރުމުން އޭނާ ވިދާޅުވީ، ގަވާއިދު ކޮމިޓީގެ އެންގުމަށް އެ ކޮމިޝަނުން އިހުތިރާމްކުރާނެ ކަމަށެވެ. އެކަމަކު އެ މައްސަލައަކީ، މިހާރު ކޯޓުގައި ވެސް ކުރިއަށްދާ މައްސަލައަކަށްވާތީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް އޮތީ މަޑުޖައްސާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މަރިޔަމް ވަހީދާ ވިދާޅުވީ ބްރޯޑްކޮމް އިން ގަވައިދު އިސްލާހުކުރުމަށް ނިންމީ، އެ ކޮމިޝަނުގެ މެމްބަރުންގެ އަގުލަބިއްޔަތު ކަމަށްވާއިރު، ގަވާއިދު އިސްލާހުކުރުމާ މެދު ގޮތެއް ނިންމާނީ އެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމުމުން ކަމަށެވެ. އެހެންވެ، އޭނާ ވަނީ އެ މައްސަލަާއި ގުޅިގެން އިތުރަށް ވާހަކަދެއްކެވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ.

"މިހާރު އެ މައްސަލަ ކޯޓުގައި ވެސް ކުރިއަށްދާތީ އިތުރަށް ވާހަކަދައްކަން އަޅުގަނޑުމެން ބޭނުމެއް ނުވޭ،" މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - މަރިޔަމް ވަހީދާ އިޝާރާތް އެ ކުރައްވަނީ އެ ގަވާއިދާ ގުޅިގެން ދިރާގުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށެވެ. އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން ދިރާގަށް ދީފައިވާ ރީބްރޯޑްކާސްޓިން ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރީބްރޯޑްކާސްޓިން ލައިސަންސް އާކުރަން މިދިޔަ ޖުލައި މަހު ދިރާގުން ހުށަހެޅުމުން، ބްރޯޑްކޮމް އިން ވަނީ އާ ގަވާއިދުގެ ދަށުން ލައިސަންސް ދެވެން ނެތް ކަމަށް އަންގާފަ އެވެ. އެހެންކަމުން، ދިރާގު ޓީވީއަށް 2013ގައި ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ ޖެނުއަރީގައި ހަމަވުމުން ހިދުމަތް ހުއްޓާލަން މަޖުބޫރު ވެއެވެ.

ގުޅުންހުރި ކަމެއް - ގަވާއިދު ކޮމިޓީން ގަވާއިދުގެ މައްސަލަ ދިރާސާކުރިއިރު، ހަމަ އެ ގަވައިދާ ގުޅިގެން މަޖިލީހަށް ހުށަހެޅި ގަރާރެއް ދިރާސާކުރުމުގެ މަސައްކަތް ވެސް އެ ކޮމިޓީން ދަނީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ގުޅިގެން ކުރަމުންނެވެ. އެ ގަރާރުގައި ގޮވާލާފައިވަނީ އެ ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ދެނެގަތުމަށް މަޖިލީހުން ތަހުގީގެއް ކުރިއަށް ގެންދިއުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް