މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ މައްސަލަތައް ކުރިޔަށްގެންދާ ކޮޓަރިއެއް (ފޮޓޯ: އެމްއައިއޭސީ)

ވެންޓިލޭޓަރު މައްސަލައިގެ އާބިޓްރޭޝަން ހިންގަނީ ރާއްޖޭގައި: ސަރުކާރު

ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި ޑުބާއީގެ އެގްޒިކިއުޓާސްއާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަނީ އެއްބަސްވުމުގައި އެގޮތަށް އޮތުމުން ކަމަށް ސަރުކާރުން ބުނޭ
8 ޑިސެމްބަރު 2022

ކޮވިޑު ބަލިމަޑުކަމަށް ތައްޔާރުވާން ވެގެން ހޯދި ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ފައިސާ ދެއްކި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގެ އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ކޮވިޑު ބަލިމަޑުކަމާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި 75 ވެންޓިލޭޓަރު ގަންނަން އެގްޒިކިއުޓާ ކުންފުންޏާ އެކު ސޮއިކުރީ އެޕްރީލް 2020ގަ އެވެ. އަދި، އެ ކުންފުނިން އެދިގެން ގެރެންޓީއެއް ނުހޯދައި ކޮންޓްރެކްޓުގެ %90އަށްވާ 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނެވެ. އެ އޭގެ ފަހުން:

  • ލިބުނީ ބާވެ، ބޭނުންކޮށްފައި ހުރި 15 ވެންޓިލޭޓަރު

  • ބާކީ ހުރި ވެންޓިލޭޓަރުތައް ހޯދަން އުޅެއުޅެ ނުލިބުނު

  • ބަދަލުގެ ގޮތުގައި 2.1 މިލިޔަން ޑޮލަރު (32.3 މިލިއަން ރުފިޔާ) ހޯދަން އޮޑިޓުން ނިންމި

  • 30 ދުވަހުގެ ތެރޭގައި 31 މިލިއަން ދައްކަން 10 އޮގަސްޓު 2021ގައި މުއްދަތު ދިން

ވީ ކިހިނެއް؟ - ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާބިޓްރޭޝަނާ ހަމައަށް ދާން ޖެހުނީ ފައިސާ ދައްކަން އެގްޒިކިއުޓާސްއަށް ތަކުރާރުކޮށް ދިން ފުރުސަތުތަކަށް އެ ކުންފުނިން އިޖާބަ ނުދީގެންނެވެ. މި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފެށި ނަމަވެސް، މިއަދާ ހަމައަށް ވެސް މި މައްސަލަ އާބިޓްރޭޝަނަަށް ހުށަހަޅާފައެއް ނުވެ އެވެ.

ތަފްސީލް - އާބިޓްރޭޝަނަށް ހުށަނޭޅި ލަސްވާ ސަބަބާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މައްސަލަ ހުށަހެޅުން ލަސްވަނީ ބައިނަލްއަގުވާމީ ޓެންޑަރަކުން އާބިޓްރޭޝަނުގައި ތަމްސީލުކުރާނެ ވަކީލުން ހޯދަމުންދާތީ ކަމަށެވެ.

"އަޅުގަނޑު ކުރިން ވެސް ދަންނަވާފައި ވާނޭ، ލީގަލް ޓީމް ކަނޑައެޅުމުގެ މަސައްކަތް، ލޯޔަރުން ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް. އިންޓަނޭޝަނަލް ޓެންޑާއެއްގައި މިދަނީ. އެހެންވީމަ ކޮންމެވެސް ވަރެއްގެ ތަންކޮޅެއް ދިގުލައިގެން ދާނެ. އިނގޭތޯ. އެހެން ނަމަވެސް އެ މަސައްކަތް އެބަ ކުރިޔަށްދޭ." އޭނާ ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުމުގައި މިއުވާން ވިދާޅުވީ މައްސަލަ ހުށަހަޅަނީ ޑުބާއީ އާބިޓްރޭޝަނަށް ކަމަށެވެ. ނަމަވެސް ފަހުން މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި އޭނާ ވިދާޅުވީ އެހެން ދެންނެވުުނީ އޮޅުމަކުން ކަމަށެވެ. މައްސަލައަށް ބޭރުގެ ވަކީލުންތަކެއް ހޯދަމުންދާ ސަބަބާ ގުޅިގެން، އެ މެސެޖުގައި މިއުވާން ވިދާޅުވީ، ޑުބާއީ ލޯ ފާމެއް ހޯދަނީ ޑުބާއީ ކުންފުންޏަކަށް ވާތީ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު (ފޮޓޯ/ރައީސް އޮފީސް)

އާންމުކޮށް މިފަދަ މައްސަލަތަކުގައި ދައުވާ ކުރަނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް މި މައްސަލަ ރާއްޖޭގައި ހިންގަނީ އެއްބަސްވުމުގައި އެގޮތަށް އޮތުމުން ކަމަށް މިއުވާާން 'ދައުރު'އަށް ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - އެގްޒިކިއުޓާސްއަށް ފައިސާ ދިނުމުގައި އިހުމާލުވި ކަމަށް ބަލައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ބިޑް ކޮމިޓީގެ މެންބަރުންނަށް ދައުވާ ކުރަން އޭސީސީއިން އެތައް ފަހަރަކު އެދުނެވެ. ނަމަވެސް ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ދައުވާ ނުކޮށް މައްސަލަ ފޮނުވާލާފަ އެވެ. 

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާކުރަން އެދި ފޮނުވި 11 މީހުންގެ ތެރޭގައި ހިމެނޭ މިނިސްޓަރު އަބްދުﷲ އަމީން (މ)، ފިނޭންސް އެކްޒެކެޓިވް އަހްމަދު އަސްލަމް (ކ) އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ވ).

ޕީޖީ އޮފީހުން މި މައްސަލައިގައި ދައުވާކޮށް ނުދިނުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިދިޔަ އޮގަސްޓުގައި މައްސަލަ ފައިލްކޮށްފަ އެވެ. އޭސީސީން މައްސަލަ ފައިލްކުރި ފަހުން، ޕީޖީ ޝަމީމު ވަނީ "އިސްލާހުކޮށްގެން" އަދިވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް އެކަމުގައި އަލިމަގެއް، ކޮޅެއް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެންނާނެ." އިސްލާހުނުކޮށް މައްސަލަ ކުރިޔަށް ގެންގޮސްފިއްޔާ މައްސަލަ ގެއްލިދާނެ ކަމުގެ ކަންބޮޑުވުމާ އެކު، ކޮމިޓީގައި ޝަމީމް އެ ދުވަހު ވިދާޅުވި އެވެ.

އެނގުން މުހިންމު - ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރަން ފަހިކޮށްދިނުމުގެ ބޭނުމުގައި އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަނުން މައްސަލަތައް ހުށަހަޅަން ހުޅުވާލީ 2020ގަ އެވެ. މި ސެންޓަރުން މިއަދާ ހަމައަށް އާބިޓްރޭޝަނުުގެ އެއްވެސް މައްސަލައެއް ބަލާފައިވާކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން (ކ-3) އާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އަދި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ޝަހުދީ އަންވަރު (ވ-3) ވައިސް ޗެއާ ހުސެއިން ސިރާޖު (ވ-2)އަ އަދި ބޯޑު މެމްބަރު ސަފާ ޝަރީފް (ކ-1)،  އަދި (ފޮޓޯ: އެމްއައިއޭސީ) 

އިތުރު އާޓިކަލް

އިތުރު އާޓިކަލް