ޕެރިސްގައި 2015 ވަނަ އަހަރު ބޭއްވި ކޮޕް ސަމިޓްގެ ތެރެއިން: މިހާރު ކޮޕްގެ އާ ސަމިޓެއް ފަށައިގެން އުޅޭ އިރު، ޕެރިސް އެއްބަސްވުމުގެ ދަށުން ގައުމުތަކުން ކުރަން ޖެހޭ ކަންކަން ހުރީ ނުކޮށް.
މޫސުމަށް އަންނަ ބަދަލުތަކާ އެންމެ ބޮޑަށް ގުޅިފައިވާ 5 ފަރާތް
ދުނިޔެ ހޫނުވުމާ އެންމެ ބޮޑަށް ގުޅިފައިފައިވާ ކާބޮންޑައިއޮކްސައިޑް ގޭހުގެ ބޮޑު ނިސްބަތެއް ބޭރުކުރަނީ އެންމެ ހަތަރު ގައުމަކާއި ޔޫރަޕިއަން ޔޫނިއަނުންނެވެ. މި ފަސް ފަރާތުން ވެސް ވަނީ ދުނިޔެ ހޫނުވާ މިންވަރު ދަށްކުރުމަށް، 2015 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޕެރިސްގައި ބޭއްވި ކޮޕް ސަމިޓްގައި، އެއްބަސްވެ ސޮއިކޮށްފަ އެވެ.
އެ ފަހުން މިވީ ހަ އަރު ތެރޭ މި ފަސް ފަރާތުން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިބާވަ އެވެ؟
ޗައިނާ: އެންމެ ގިނައިން ވިހަ ގޭސް ބޭރުކުރާ ގައުމު
-
ޗައިނާ އިން ބޭރުކުރާ ވިހަ ގޭސްތައް އޭގެ އެންމެ މަތީ މިންވަރަށް 2030ގައި އަރާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައި. އެއަށް ފަހު ދާނީ ދަށްވަމުން
-
2030 އަންނަން ވާއިރަށް އެ ގައުމުގެ ހަކަތައިގެ %25 ތިމާވެއްޓާ ރަހްމަތްތެރި ގޮތްގޮތަށް އުފައްދަން ވަނީ އަމާޒުހިފާފައި.
-
2060 އަންނަން ވާއިރަށް ޗައިނާ ކާބަން ނިއުޓްރަލް ވާނެ.
ކާބަން ނިއުޓްރަލް ވުމަކީ ބޭރުކުރާ ކާބަން (ވިހަ ގޭސް)އާ އެއްވަރަށް ޖައްވުގައިވާ ކާބަން މަދުކުރަން ފިޔަވަޅުތައް އެޅިފައި ހުރުމެވެ. ކާބަން މަދުކުރަން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ގަސް އިންދުން ހިމެނެ އެވެ.
ބޯޓުދެލި ބޭނުންކުރުމުގެ ސަބަބުން ދުނިޔެއަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ %25 ހިއްސާކުރަނީ ޗައިނާއިންނެވެ. އަދި ޗައިނާ އިން ބޭރުކުރަމުންދާ ކާބޮންޑައިއޮކްސައިޑްގެ މިންވަރު ދަނީ އިތުރުވަމުންނެވެ.
މިދިޔަ މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބޭރު ގައުމުތަކުގައި ޗައިނާ އިން ފަންޑު ކުރަމުންދާ ބޯޓުދެލި ނެގުމުގެ އާ ޕްރޮޖެކްޓްތައް ހުއްޓާލާކަން އިއުލާނު ކުރައްވައިފަ އެވެ. ނަމަވެސް ޗައިނާގެ އެތެރޭގައި ބޯޓުދެލި އުފައްދަމުންދާ މިންވަރު ޑިމާންޑާ އެއްވަރަށް އިތުރުކުރަން ވަނީ އަންގައިފަ އެވެ. ޗައިނާ ސަރުކާރުން ބުނާގޮތުގައި ބޯޓުދެލި ނެގުން 2026 ވަނަ އަހަރުން ފެށިގެން ދަށަށްދާނެ އެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ޗައިނާ އިން ވަނީ އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމުގައި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ދުނިޔޭގައި ބޭނުންކުރާ ސޯލާ ހަކަތައިގެ ތިންބައިކުޅަ އެއްބައި ބޭނުންކުރަނީ ޗައިނާގަ އެވެ. އަދި ވައިން ހަކަތަ އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ގައުމަކީ ވެސް ޗައިނާ އެވެ.
ނަމަވެސް 2060 އަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް، އެ ގައުމުން މިހާރު ބޭނުންކުރަމުންދާ ބޯޓުދެލީގެ މިންވަރު %80 ދަށްކުރަން ޖެހޭ ކަމަށް ބައިނަލްއަގްވާމީ ހަކަތައާ ބެހޭ އޭޖެންސީން ވަނީ ބުނެފަ އެވެ.
ކްލައިމެޓް އެކްޝަން ޓްރެކާ އިން ބުނާގޮތުގައި ޗައިނާގެ ސިޔާސަތުތަކާއި ފިޔަވަޅުތައް "ނުފުދެ" އެވެ. އަދި އެހެން ހުރިހާ ގައުމަކުން ވެސް މި މިންވަރަށް މަސައްކަތް ކުރާ ނަމަ ދުނިޔޭގެ ހޫނުމިން 3 ޑިގްރީ މައްޗަށް ޖެހޭނެ އެވެ. ކްލައިމެޓް އެކްޝަން ޓްރެކާއަކީ، 2015 ވަނަ އަހަރު ޕެރިހުގައި ދުނިޔޭގެ ގިނަ ގައުމުތަކުން އެއްބަސްވި އެއްބަސްވުމާ އެއްގޮތަށް އަޅަމުންދާ ފިޔަވަޅުތައް ބަލައި މިނެކިރާ މިނިވަން ސައިންޓިފިކް ތަހްގީގީ ފަރާތެކެވެ.
އެމެރިކާ: ބޮަލަކަށް ޖެހޭ ނިސްބަތުން އެންމެ ގިނައިން ކާބަން ބޭރުކުރާ ގައުމު
-
2005 ވަނަ އަހަރު އެމެރިކާ އިން ބޭރުކުރި ކާބަންގެ މިންވަރުގެ %50، 2030 އަންނަންވާ އިރަށް ދަށްކުރާނެ.
-
އެ ގައުމުގައި އުފައްދާ އާ އުޅަނދުތަކުގެ %50 އަކީ އިލެކްޓްރިކް އުޅަނދުތައް ކަމަށް 2030ގެ ކުރިން ހަދާނެ.
-
2050 އަންނަންވާ އިރަށް ކާބަން ނިއުޓްރަލް ވާނެ.
އެމެރިކާގައި ބޭނުންކުރާ ހަކަތައިގެ %80 އަށް ވުރެ ގިނައިން އުފައްދަނީ ފޮސިލް ފިއުލްސް ބޭނުންކޮށްގެންނެވެ. ނަމަވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އެ ގައުމުގައި އަންނަނީ އިތުރުވަމުންނެވެ.
ރައީސް ޖޯ ބައިޑަންގެ ތިމާވެށީގެ ސިޔާސަތުގެ ދަށުން، ސާފު ހަކަތައިން ކަރަންޓު އުފައްދާ ކުންފުނިތަކަށް 150 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ވެސް އެ ގައުމުގައި ވަނީ ރާވައިފަ އެވެ. ނަމަވެސް މިކަމުގެ ސަބަބުން ކުރިމަތިވާ އެހެނިހެން މައްސަލަތަކާ ގުޅިގެން ބައިޑަންއަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ފާއިތުވެދިޔަ 10 އަހަރަށް ބަލައިލާއިރު އެމެރިކާ އިން ބޭރުކުރަމުންދާ ވިހަ ގޭހުގެ މިންވަރު އަންނަނީ ދަށްވަމުންނެވެ.
ނަމަވެސް ކްލައިމެޓް އެކްޝަން ޓްރެކާ އިން ބުނާގޮތުގައި އެމެރިކާ އިން ވެސް އަޅަމުންދާ ފިޔަވަޅުތަކެއް ނުފުދެ އެވެ. އަދި ޕެރިހުގައި އެއްބަސްވެފައިވާ ގޮތަށް، ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށްޓަކައި، އެމެރިކާ އިން އަޅަމުންދާ ފިޔަވަޅުތަކަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ބޭނުންވެފަ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ): ވިހަ ގޭސް ބޭރުކުރާ މިންވަރު ދަނީ ދަށްވަމުން
-
1990ގައި އީޔޫ އިން ބޭރުކުރަމުންދިޔަ ވިހަ ގޭހުގެ މިންވަރާ ބަލާފައި 2030 އަންނަން ވާއިރަށް %55 ތިރިކުރާނެ.
-
2030 އަންނަންވާ އިރަށް، އީޔޫގައި އުފައްދާ ހަކަތައިގެ %40 އަކީ އިއާދަކުރަނިވި ހަކަތަ ކަމަށް ހަދާނެ.
-
2050 އަށް ކާބަން ނިއުޓްރަލް ވާނެ.
އީޔޫގައި އެންމެ ބޮޑަށް ވިހަ ގޭސް ބޭރުކުރާ ގައުމުތަކަކީ ޖަރުމަނު، އިޓަލީ އަދި ޕޯލެންޑެވެ. އީޔޫގެ ލަނޑުދަނޑިތައް ކަނޑައަޅައިފައިވަނީ ބައިވަރު ގައުމުތަކެއް އެކުވެގެން ކަމުގައި ވިޔަސް، މިކަމުގައި އީޔޫގެ ގައުމުތަކުގެ މާލީ އަދި ފަންނީ ގާބިލްކަން ތަފާތެވެ. އަދި އީޔޫގެ ހުރިހާ ގައުމުތަކުން ޖެހޭނީ އެއްބަސްވުމަކަށް އައިސް އެއް ލަނޑުދަނޑިއަކަށް ވާސިލްވާން މަސައްކަތް ކުރާށެވެ.
ކްލައިމެޓް އެކްޝަން ޓްރެކާ އިން ބުނާގޮތުގައި ދުނިޔެ ހޫނުވުން 2 ޑިގްރީއަށް ވުރެ ދަށުގައި ބެހެއްޓުމަށް، އީޔޫ އިން ގެންގުޅޭ ސިޔާސަތުތަކާއި އަޅަމުންދާ ފިޔަވަޅުތައް "ގާތްގަނޑަކަށް ފުދޭ" ވަރު ވެ އެވެ. އަދި އީޔޫ އިން ބޭރުކުރަމުންދާ ވިހަ ގޭހުގެ މިންވަރު ދަނީ 2018 އިން ފެށިގެން ދަށަށެވެ.
އިންޑިއާ: ބޯޓުދެއްޔަށް ބަރޯސާވެފައި
-
ބޭރުކުރާ ވިހަ ގޭސް 2030 އަންނަންވާ އިރަށް %35-33 ދަށްކުރާނެ.
-
2030 އަންނަންވާ އިރަށް ކަރަންޓުގެ %40 ތިމާވެއްޓާ ރަހުމަތްތެރިވާނެ.
-
ކާބަން ނިއުޓްރަލް ވާނެ އަހަރެއް ކަނޑައަޅާފައެއް ނުވޭ.
އިންޑިއާ އިން ބޭރުކުރަމުންދާ ވިހަ ގޭސްތައް ފާއިދުވެދިޔަ 20 އަހަރު ވަނީ އިތުރުވަމުން ގޮސްފަ އެވެ. ނަމަވެސް އިންޑިއާއަކީ މި ލިސްޓުގައި ހިމެނޭ އަނެއް ހަތަރު ފަރާތަށް ބަލާ އިރު، ބޭރުކުރާ ވިހަ ގޭސް ބޮލަކަށް ޖެހޭ މިންވަރު އެންމެ ދަށް ފަރާތެވެ.
އިންޑިއާ އިން ވަނީ ދުނިޔެ ހޫނުވުމަށް ކުރަން ޖެހޭ މަސައްކަތުގެ ޒިންމާގެ ބޮޑު ބައެއް މުއްސަނދި ގައުމުތަކުން ނެގުމަށް ގޮވާލައިފަ އެވެ. އަދި އެ ގައުމުން ދަނީ ވިހަ ގޭސް ބޭރުކުރާ މިންވަރު މިނަން "އެމިޝަންސް އިންޓެންސިޓީ" ބޭނުން ކުރަމުންނެވެ. މިއީ އިގްތިސާދު ފުޅާވަމުންދާ މިންވަރާއި ބޭރުކުރާ ކާބޮންޑައިއޮކްސައިޑްގެ މިންވަރު އަޅާކިޔުމެވެ. އިންޑިއާ އިން ގަބޫލުކުރާ ގޮތުގައި މިއީ މިނަން މާ ސައްހަ މިންގަނޑެކެވެ.
އިންޑިއާ އިން ވަނީ އިއާދަކުރަނިވި ހަކަތަ އެ ގައުމުގައި ބޭނުންކުރާ މިންވަރު އިތުރުކުރާނެ ކަމަށް ބުނެފަ އެވެ. އެ ގައުމުގައި ސޯލާ، ވައި އަދި ހައިޑްރޯ މެދުވެރިކޮށް އުފައްދާ ހަކަތައިގެ ނިސްބަތް 2019 ވަނަ އަހަރު ވަނީ %23 އަށް އަރާފައެވެ. ނަމަވެސް އެ ގައުމުގައި ކަރަންޓުގެ %70 އަދިވެސް އުފައްދަނީ ބޯޓުދެލި ބޭނުންކޮށްގެންނެވެ.
ކްލައިމެޓް އެކްޝަން ޓްރެކާ އިން ބުނާގޮތުގައި 2040 އަންނަން ވާއިރަށް އިންޑިއާ އިން ހަކަތަ އުފެއްދުމަށް ބޯޓުދެލި ބޭނުންކުރުން ހުއްޓާލަައި އިއާދަކުރަނިވި ގޮތްގޮތަށް ބަދަލުވާން ޖެހެ އެވެ.
ރަޝިއާ: ތެލާއި ގޭހަށް ބަރޯސާވެފައިވާ އިގްތިސާދެއް
-
1990ގައި ބޭރު ކުރަމުންދިޔަ ވިހަ ގޭހުގެ މިންވަރުގެ %30، 2030ގެ ކުރިން ދަށް ކުރާނެ.
-
2060 އަންނަން ވާއިރަށް ކާބަން ނިއުޓްރަލް ވާނެ.
މީގެ ތިރީހަކަށް އަހަރު ކުރިން ސޯވިއެޓް ޔޫނިއަން ރޫޅުމާއި ގުޅިގެން ރަޝިއާގެ އިގްތިސާދު ހިނދި، އެ ގައުމުން ބޭރުކުރަމުންދިޔަ ވިހަ ގޭހުގެ މިންވަރު ދަށްވި އެވެ. އަދި ރަޝިއާ އިން ބޭރުކުރާ ކާބަންގެ މިންވަރު އެ ގައުމުގައިވާ މާސިންގާ ޖަންގަލިތަކާއި ޗަސް ބިންތަކުން ކޮންމެވެސް ވަރަކަށް ދެކޮޅުޖައްސަ އެވެ.
ރަޝިއާއަށް ބޭނުންވާ ޖުމްލަ ހަކަތަގެ ތެރެއިން، އިއާދަކުރަނިވި ގޮތްގޮތަށް އުފައްދަނީ މަދު މިންވަރެކެވެ. އަދި ރަޝިއާގެ އިގްތިސާދުގެ %20 ބަރޯސާވެފައި ވަނީ ފޮސިލް ފިއުލް އަށެވެ.
ކްލައިމެޓް އެކްޝަން ޓްރެކާ އިން ބުނާގޮތުގައި ދުނިޔެ ހޫނުވުން 1.5 ޑިގްރީގައި ހިފެހެއްޓުމަށް ރަޝިއާ އިން ކުރަމުންދާ މަސައްކަތް "ވަރަށް ބޮޑަށް ނުފުދެ" އެވެ.
އިތުރަށް ކިޔާލަން