ރާއްޖޭގެ ގައުމީ ފެންވަރުގެ އެތުލީޓުންގެ ތެރެއިން ބައެއް އެތުލީޓުން ރާއްޖޭގައި އޮތް މުބާރާތެއްގެ ތެރޭގައި: މީގެ ތެރެއިން ބައެއް ދުވުންތެރިން މި ދުވަސްކޮޅު ތަމްރީން ހަދަނީ އިންޑިއާގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އިންޑިއާގެ ސްޓޭޓް މުބާރާތުގައި ރާއްޖެ ބައިވެރިވުން، އެއްގޮތަކަށް ވެސް އާ ކަމެއް ނޫން
އިންޑިއާގެ އޮޑިޝާގައި މާދަމާ ފަށާ އިންޑިއާގެ ސްޓޭޓްތަކުގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ބައިވެރިވާކަން، އެތުލެޓިކްސް އެސޯސިއޭޝަނުން އެންގުމާ އެކު، އެކަން ވެސް މިހާރު މި ފެންނަނީ ސިޔާސީކޮށްލި ތަނެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 'މިއީ ދިވެހިރާއްޖެ. މިއީ އިންޑިއާގެ ސްޓޭޓެއް ނޫން' ކަމަށެވެ.
އިންޑިއާގެ އެތުލެޓިކްސް މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން މި ބައިވެރިވަނީ އަލަކަށް ނޫނެވެ. މިއީ ރާއްޖޭގެ ހާރިޖީ ސިޔާސަތު 'އިންޑިއާގެ އަތްދަށު ނުވެ' ގެންގުޅުނު 1990ގެ އަހަރުތަކުން ފެށިގެން ހިނގަމުން އަންނަ އަދި އެތުލީޓުންގެ ފެންވަރު މަތިކުރަން ވެސް ލިބޭ ފުރުސަތެކެވެ.
މާދަމާ ފަށާ 'ނެޝަނަލް އިންޓަސްޓޭޓް ސީނިއަ އެތުލެޓިކްސް ޗެމްޕިއަންޝިޕް'ގައި ރާއްޖޭގެ ފަސް ދުވުންތެރިޔަކު ވާދަކުރެ އެވެ. މި މުބާރާތަށް ދިއުމުގެ ކުރިން މި އަހަރުގެ މިހާތަނަށް އިންޑިއާގެ އެކި ސްޓޭޓްތަކުގައި ބޭއްވި ހަތަރު މުބާރާތެއްގައި ރާއްޖޭގެ އެތުލީޓުން ދުވެފި އެވެ. އެއިން ކޮންމެ މުބާރާތެއްގައި އިންޑިއާގެ އެކި ސްޓޭޓްތަކުން ވާދަ ވެސް ކުރި އެވެ.
ކުޅިވަރުގެ ކަންކަން ހިނގަނީ، އަލީ ހުސެއިން ފަދަ މެމްބަރުން ހީކުރައްވާ ގޮތަކަށެއް ނޫނެވެ. މިސާލަކަށް މި މަހު 21ގައި އިންޑިއާގެ ބެންގަލޫރުގައި ފަށާ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް ނަގާށެވެ. އެ މުބާރާތުގައި ފުރަތަމަ ފަހަރަށް އަރަބި ދެ ގައުމު، ލުބުނާނާއި ކުވެއިތުން ބައިވެރިވެ އެވެ. އެކަމަކު އެއީ ސައުތު އޭޝިއާގެ ގައުމުތަކެއް ނޫނެވެ.
މި ސަރަހައްދުގެ އެތުލެޓިކްސްގެ ކަންކަން ކުރިއަރުވަން ސަރަހައްދީ ގައުމުތަކުގެ މެދުގައި އެއްގޮތް ވިސްނުންތަކެއް ގެންގުޅޭތާ ކިތައްމެ ދުވަހެކެވެ. އެގޮތުން ރާއްޖޭގެ އެތުލެޓިކްސް ޗެމްޕިއަންޝިޕް ނުވަތަ ގައުމީ އެތުލެޓިކްސް މުބާރާތުގައި އިންޑިއާގެ އެތުލީޓަކު ނޫން ނަމަ މި ސަރަހައްދުގެ އެހެން ގައުމެއްގެ އެތުލީޓަކު ބައިވެރިވާން އެދިއްޖެ ނަމަ ބައިވެރިކޮށްދޭން ޖެހެ އެވެ. އޭގައި ގެންގުޅޭ ހަމަޔަކީ އެ މުބާރާތުގައި އެ އެތުލީޓަކު ނުވަތަ އެތުލީޓުން ހޯދާ ވަނަތައް، މުބާާރާތުގެ ރަސްމީ ނަތީޖާގައި ނުހިމެނުމެވެ.
ކުޅިވަރުގެ ކަންކަން އެނގިވަޑައިނުގަންނަވާ އަދި ހުރިހާ ކަމެއް ސިޔާސީކުރެއްވުމުގެ އާދަ ގެންގުޅުއްވާ ރާއްޖޭގެ ސިޔާސީ ބޭފުޅުންނަށް މިވާ ގޮތް މިއަށް ވުރެ ތިލަކޮށް ކިޔައިދޭނަމެވެ. މިސާލަކަށް އިންޑިއާގެ ސްޓޭޓް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓަކު އިވެންޓަކުން ރަން މެޑެލް ހޯދީ އެވެ. އެ ވަނަ އެ މުބާރާތުގެ ނަތީޖާގައި ނުހިމަނާނެ އެވެ. އަދި ފައިސާގެ އިނާމު ހުށައަޅާފައި އޮތް ނަމަ އެ ފައިސާގެ އިނާމެއް ވެސް ނުލިބޭނެ އެވެ. އޭނާއަށް ހަމައެކަނި ލިބޭނީ ރަމްޒީ މެޑެއްޔެއް އެކަންޏެވެ.
"ސައުތު އޭޝިއާގެ ހުރިހާ ގައުމަކަށް ވެސް އިންޑިއާގެ މުބާރާތްތަކުގައި ބައިވެރިވާން ފުރުސަތު ހުޅުވާފައި އޮންނަނީ،" އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވި އެވެ.
"ރާއްޖެ އެކަންޏެއް ނޫން، މި ސަރަހައްދުގެ އެހެން ގައުމުތަކުގެ އެތުލީޓުންނަށް ވެސް ބައިވެރިވެވޭނެ. ހުރިހާ ގައުމެއްގެ މެދުގައި އޮވޭ އަންޑަސްޓޭޑިންއެއް އެތުލެޓިކްސް ކުރިއަރުވަން. އެއީ މިސާލަކަށް ރާއްޖޭގައި ބާއްވާ މުބާރާތެއްގައި އެހެން ގައުމަކުން ބައިވެރިވާން އެދުނަސް ފުރުސަތު ދިނުން."
މި ސަރުކާރާ އެކު އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ފޯރިލެއް ބޮޑުކަމުން ވަރަށް ގިނަ ކަންކަން ސިޔާސީކުރެ އެވެ. އެކަމަކު އެތުލެޓިކްސް ކަހަލަ ކުޅިވަރުތަކުގައި އިންޑިއާއިން ލިބޭ ފުރުސަތުތައް ވަރަށް މުހިންމު ކަމަށް، ކޯޗުން ގަބޫލުކުރެ އެވެ. އިންޑިއާއަކީ ރާއްޖެއާ އަޅާބަލާއިރު އެތުލެޓިކްސްގައި މާ ކުރީގައި އުޅޭ އަދި ދުނިޔޭގެ ފެންވަރުގެ ގައުމެކެވެ.
"މިއީ ސިޔާސީ އެއްޗެއް ނޫން. މިސާލަކަށް އަޅުގަނޑުމެންގެ އެތުލީޓުން ބޮޓްސްވާނާގައި ތަމްރީން ހެދިއިރު ބޮޓްސްވާނާގެ ނެޝަނަލް ޗެމްޕިއަންޝިޕްގައި ބައިވެރިވި. މެލޭޝިއާގެ ނެޝަނަލް ޗެމްޕިއަންޝިޕްގައި ބައިވެރިވި،" މުންތަގިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސާފް ގޭމްސްއަށް އަމާޒުކޮށް އެންމެ ގިނަ އެތުލީޓުން ތަމްރީން ހޯދަމުން އެ އަންނަނީ އިންޑިއާގަ އެވެ. އެ ތަމްރީންތަކުގައި އިންޑިއާގެ މުބާރާތްތަކުގައި އެތުލީޓުން ގަވާއިދުން ބައިވެރިވެ އެވެ.
ނަމަވެސް ސިޔާސީ ބައެއް ބޭފުޅުންނަށް އެކަން އެނގިވަޑައެއް ނުގަންނަވަ އެވެ. ފޭސްބުކް ހަވާލާ އިރު ކުއްލިއަކަށް ފެންނަ ހަބަރެއް އާ އެއްޗަކަށް ވެ، ތެޅިގަނެވެނީ އެހެންވެގެންނެވެ.
ކޮމެންޓް (1)
އިބިރަހިމާ