ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑު) 2021 ގެ ގައުމީ މުބާރާތުގެ 5،000 މީޓަރުގައި ދުވަނީ
މުހައްމަދު ރަޝީދުގެ އަނިޔާ ރަނގަޅުނުވެ، ދުވަސްކޮޅަކަށް ދުވުން މަޑުޖައްސާލައިފި
ދިގު ދުވުމަށް ހާއްސަ އަދި މިހާރު ރާއްޖޭގައި ތިބި އެންމެ ބާރު ދުވުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ރަޝީދު (މޯޑު)ގެ އަނިޔާ ރަނގަޅުނުވެ، އެންމެ ފަހުން ދުވަސްކޮޅަކަށް ދުވުމާ ދުރަށް ދާން ނިންމައިފި އެވެ.
މިހާރު ވެސް 5 ކިލޯމީޓަރުގައި ރާއްޖޭގެ ގައުމީ ރެކޯޑް އޮތް ރަޝީދު ބުނީ ގާތްގަނޑަކަށް ހައެއްކަ މަސް ދުވަހު ދުވުމާ ދުރުގައި މަޑުކޮށްލަން ނިންމީ، ފަލަމަސްގަނޑާއި ބަނޑަށް އިހުސާސްކުރެވޭ ތަދު ރަނގަޅުނުވާތީ ކަމަށެވެ.
"ސްކޭނުން ވެސް، އެމްއާރުއައިއިން ވެސް އެއްވެސް މައްސަލައެއް ނުފެނޭ. އެކަމަކު ގިނަ އިރު ދުވެވޭ ވަރަށް ވުރެ ތަދުގެ ކަންތައް ހަމަ ބޮޑީ،" ރަޝީދު، 27، ބުންޏެވެ.
ދިގު ދުވުންތަކުގެ ތަމްރީން ހަދާތީ ބައެއް ދުވަސް ދުވަހު ވަރަށް ގިނަ ވަގުތު ދުވުމުގައި ހޭދަކުރެ އެވެ. އެކަމަކު މި އަހަރުގެ ގައުމީ މުބާރާތަށް ތައްޔާރުވަމުން ދިޔަ އިރު ފަޔަށް އެރި ތަދު ރަނގަޅު ނުވެ އެހާ ގިނަ ދުވަސް ވެދާނެ ކަމަކަށް އޭނާ ހިއެއްނުކުރެ އެވެ.
ގައުމީ މުބާރާތުގެ އިތުރުން މިދިއަ ހޮނިިހިރުދުވަހު ނިމުނު އެތުލެޓިކްސް ގްރޯން ޕްރީގައި ވެސް އޭނާ ވާދަކުރި އެވެ. ނަމަވެސް އޭނާ ބުނީ ލޯ މެޑެލް ލިބުނު ކަމުގައި ވިޔަސް، އެންމެ މޮޅު ދުވުންތެރިން ކައިރީގައި ހިފަހައްޓާލެވޭ ވަރަށް ވުރެ ތަދު ބޮޑު ކަމަށެވެ.
"މިހާރު ދެން ހިތަށްއެރީ ތަމްރީންތައް ނުހަދައި ދުވުސްކޮޅަކު ހުރެލަން، ޑޮކްޓަރުން ވެސް ބުނަނީ އެހެން،" ރަޝީދު ބުންޏެވެ.
"މިބަލަނީ ގާތްގަނޑަކަށް ހައެއްކަ މަސް ވަރު ކަމަށް."
އޭނާ ބުނި ގޮތުގައި ނުދުވެ ހުންނަ ދުވަސްކޮޅު ޒުވާން ދުވުންތެރިންނަށް އެހީތެރިވާން އޭނާ ތައްޔާރެވެ. އެވަގުތު ވެސް ލިބެން އޮތުމާ އެކު ދުވުންތެރިންނަށް އޭނާގެ ތަޖުރިބާ އާއި ދުވުމުގެ ކަންކަން ބުނެދެވިދާނެ ކަމަށް، އޭނާ ދެކެ އެވެ.
"ދުވުންތެރިންނަށް އެހީތެރިވެދޭން ބޭނުން އަސްލު. އެއީ ކުރާ ހިތްވާ ކަމެއް،" ރަޝީދު ބުންޏެވެ.
މިދިއަ އަހަރުގެ ނޮވެމްބަރު މަހު އޮތް ގައުމީ މުބާރާތުގެ ދިގު ދިވުމުގައި އޭނާ އުޅުނީ ކުރީގަ އެވެ. އެއީ މިހާތަނަށް އޭނާގެ އެންމެ ކާމިޔާބު މުބާރާތް ވެސް މެ އެވެ. ނަމަވެސް އެ މުބާރާތުގައި އޭނާގެ ފަހަތުން ދެވަނާގައި އޮތް ހުސެއިން ފަޒީލް ހާރޫނަކީ މި އަހަރުގެ އެންމެ ކާމިޔާބު ދިގު އަދި މިޑްލް ޑިސްޓެންސް ދުވުންތެރިޔާ އެވެ.
ރަޝީދު ބުނީ ފަޒީލް ވެސް އަލުން އެ ފެންވަރަށް ދިޔައީ ދުވަސްގަނޑަކު ދުވުމުގައި ދުރުގައި ހުރެ ނުކުމެ ކުރި ހިތްވަރުން ކަމަށާއި އޭނާ ވެސް މި ބްރޭކަށް ފަހު އަލުން އެނބުރި އަންނާނެ ކަމަށެވެ.
"ދުވަން ފަށާތާ ހައެއްކަ މަސް ތެރޭގައި ކުރީގެ ފެންވަރަށް ދެވިދާނެ. ކޮވިޑްގެ ބަންދުގައި ހުރެފައި ނުކުމެ ވެސް އެ ލެވެލްއަށް ދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި،" ރަޝީދު ބުންޏެވެ.
އިތުރަށް ކިޔާލަން
ކޮމެންޓް (3)
ނަދީމް އަހުމަދު
ސާއިދު ހުސައިން
ކައްޕި ބުރޯ