އެފްއޭއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސް: އެފްއޭއެމް މިހާރު އޮތް ހާލަތު ބަލައި، އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެފްއޭއެމް މި ގޮތަށް ދޫކޮށްލަންވީތަ؟
މުހިންމު ނުކުތާތައް
އެފްއޭއެމްއަށް ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރޭ
މާލެ އިންނާއި ހުޅުމާލެ އިން ބޮޑެތި ބިންތައް ދީ، އެފްއޭއެމް ހިންގަން ވަނީ އެހީވެފައި
ފީފާއިން އަތުވެދާނެ ސަސްޕެންޝަނަކާ ހެދި ސަރުކާރުން ޖެހިލުންވޭ
ގައުމީ ކޯޗުންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކެވެ. މުވައްޒަފުންނަަށް ބަރާބަރަށް މުސާރަ ނުލިބުމުގެ ޝަކުވާތަކެވެ.
ހެޔޮ އެދޭ ފަރާތްތަކުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހަދިޔާކުރާ ފައިސާ އޭގެ ހައްގުވެރިންނަށް ނުދީ، އެހެން ކަންކަމަށް ހޭދަކުރުމެވެ.
އެންމެ ފަހުން ކަރަންޓް ބިލްތަކަށް ދައްކަން އޮތް މިންވަރު 6.5 މިލިއަން ރުފިޔާއަށް އެރި ފަހުން، އޮފީހުން ކަރަންޓް ކަނޑާލުމެވެ.
މިއީ މުޅިން ވެސް ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްއާ ބެހޭ ވާހަކަތަކެވެ. މިއީ މުޅިން ވެސް އެފްއޭއެމް މިހާރު އޮތް ހާލަތު އަންގައިދޭ ވާހަކަތަކެވެ. އަދި މިހާރު އޮތް އެފްއޭއެމްގެ މެނޭޖްމަންޓްގެ ގާބިލްކަން ހުރިތޯ ސުވާލު އުފެދުމަށް ވުރެ، ނެތްކަން ޔަގީންކޮށްދޭ ވާހަކަތަކެއް ވެސް މެ އެވެ.
މި ލިޔަނީ ހަބަރެއް ނޫނެވެ. މި ލިޔުމަކީ، ނޫސްވެރިކަމުގެ ފުރަތަމަ 15 އަހަރު ރާއްޖޭގެ ކުޅިވަރު ކަވަރުކުރަން ހޭދަކުރި، އޭގެ ފަހުން ވެސް ކުޅިވަރުގެ ވަރަށް ގިނަ ކަންކަމުގައި އުޅުނު އަދި ކުޅިވަރު ދެކެ، ހާއްސަކޮށް ފުޓްބޯޅަ ދެކެ، ލޯބިވާ މީހެއްގެ އަމިއްލަ ހިޔާލެވެ: ފެންނަން ހުރި ކަންކަމާއި އިވޭ އަޑުތަކާއި އިތުބާރު ހުރި ފަރާތްތަކުން ފޯރުކޮށްދިން މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.
ރާއްޖޭގެ އެއް ވަނަ ކުޅިވަރު އަދި ރާއްޖޭގައި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ވެސް ކުރާ ކުޅިވަރުގެ މައި އިދާރާއަށް ދިމާވެގެން އުޅެނީ ކޮން މައްސަލައެއްކަން، މެނޭޖްމަންޓްގެ އިސް ވެރިން ވެސް ވިދާޅެއްނުވެ އެވެ. އާންމުންނަށް އިވެނީ ސަރުކާރުން ދޭ އެތައް މިލިއަން ރުފިޔާ އާއި ބޭރުން ލިބޭ އާމްދަނީން ވެސް ތަން ނުހިންގި ދަރާފައި އޮތް ކަމުގެ އަޑުތަކެވެ. އަޑީގެ މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި ކުޑަ ދެރުމެއް ވެސް ނޫނެވެ.
މާލެއިން ބޮޑު ބިމެއް ދީ އަދި ހުޅުމާލެ އިން ވެސް ބޮޑު ބިމެއް ސަރުކާރުން ވަނީ އެފްއޭއެމްއާ ހަވާލުކޮށްފަ އެވެ. މާލޭގައި ހަދަން ފެށި ބޮޑު އިމާރާތުގެ މަސައްކަތް ހުރީ ހުއްޓިފަ އެވެ. އެ އިމާރާތުގެ ތިރި ގުދަނަށް ކުއްޔަށް ދީފައި ހުރި އިރު، އަޑީގެ މައުލޫމާތު ހުރި މީހުން ތުހުމަތުކުރާ ގޮތުގައި، އެފްއޭއެމަށް ވުރެ ބޮޑު ފައިދާއެއް ލިބެނީ އެހެން ބަޔަކަށެވެ. އެކަމަކު މިކަހަލަ ތުހުމަތުތައް ބަލާނެ އެހެން މިނިސްޓްރީއެއް، އިދާރާއެއް ވެސް ނެތެވެ. ކުޅިވަރު އެސޯސިއޭޝަންތަކާ ސަރުކާރުން ނުބެހެން، ނުވަތަ ތިން ވަނަ ފަރާތެއްގެ ނުފޫޒު ނައުން، ބައިނަލްއަގުވާމީ ކުޅިވަރުގެ އުސޫލުތަކުގެ ތެރޭގައި ހިމެނޭތީ، އެފަދަ ތުހުމަތުތައް ބަލަން އިސްނަގަން ވެސް އޮންނަނީ ފާޑެއްގެ ޖެހިލުމެއް ކުރިމަތިވެފަ އެވެ.
އެކަމަކު ސަރުކާރާއި އާންމުންގެ ކުރިމަތީގައި އެފްއޭއެމް އެ ދަނީ އަޑިއަށެވެ. ލާނެ އިތުރު ނޭވާއެއް ނެތި، ބޮތްކެއް ވެސް އަރުވާނުލަ އެވެ.
ކަރަންޓް ބިލަށް 6.5 މިލިއަން ރުފިޔާ އަރާނީ އިއްޔެއަކު ނޫނީ މިއަދަކު ނޫނެވެ. އެއީ އެތައް މަހެއް ވަންދެން ނުދައްކާ ހުރި ބިލެވެ. ސްޓެލްކޯ އިން ކަރަންޓް ކަނޑާލުމުން އެއާ ވިއްދާފައި އެފްއޭއެމުން ދިފާއުވުމުގެ ނޫސްބަޔާނެއް ނެރެ، ސަރުކާރަށާއި އެހެން ބައެއް ފަރާތްތަކުގެ ބޮލުގައި ބައެއް ޒިންމާތައް އެޅުވުމަކުން އެފްއޭއެމްގެ މިހާރުގެ ހާލަތު ބަދަލެއް ނުވެ އެވެ.
އެފްއޭއެމްގެ އެތެރޭގައި އޮތް ޒަމާނަށް ނުފެތޭ އަދި ފޮރުވިގެން ތިބެ ކަންކަން ކުރުމުގެ ސަގާފަތާ ހެދި، އެތައް ބައެއްގެ ކުރިމަތީގައި އިތުބާރު ވެސް މިހާރު ވަނީ ގެއްލިފަ އެވެ. ޓީމެއް ބޭރަށް ފުރަން ބޭނުންވާ ޓިކެޓް ހޯދުމުގެ އުނދަގޫތަކެވެ. ބޭރުން އަންނަ ޓީމަކަށް ރާއްޖެއިން ތިބުމުގެ އިންތިޒާމް ހަމަޖައްސަން އުޅޭ އިރު ދިމާވާ ދަތިތަކެވެ. މިއިން ކޮންމެ ކަމެއް އެންމެ ފަހުން ނިމޭނީ ސަރުކާރުން އޭގެ ތެރެއަށް ވަދެ، ދޭ އިތުބާރަކާ ހެދި އެވެ.
އެކަމަކު ފީފާގެ މެމްބަރު އެސޯސިއޭޝަނަކަށް ވާތީ، އެފްއޭއެމްގެ ހިންގުމުގެ ތެރެއަށް ސަރުކާރަށް ވަދެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށް މިތިބީ ގަބޫލުކޮށްގެންނެވެ. ނުވަތަ ފީފާއިން ފިޔަވަޅެއް އަޅާފާނެތީ، ސަރުކާރުން ބިރުގަންނަނީ އެވެ. ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް، އެ މަގާމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަސްކޮޅު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އެތަނުން ބޭރުކުރަން ފާޅުގައި ވާހަކަ ދެއްކެވި އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ ފެނުނީ ކުރީގެ ދެ ރައްޓެހިން އެއަށް ވުރެ މާ ބޮޑަށް ގުޅިވަޑައިގެން، ނުކުންނެވި ތަނެވެ.
އެފްއޭއެމްގެ ރައީސަކީ ބައިނަލްއަގުވާމީ ގޮތުން ކޮންމެވެސް ވަރެއްގެ ބާރެއް ހުންނާނެ ބޭފުޅެކެވެ. ނަމަވެސް ރައްޔިތުންގެ ކުރިމަތީގައި އެ އިދާރާގެ އަގާއި އިހުތިރާމް ގެއްލި، ދަރަނިން ސަލާމަތްނުވެވި، މުސާރަ ހޯދަން ބައިނަލްއަގުވާމީ އިދާރާތަކަށް އެތައް ބަޔަކު މައްސަލަ ހުށައަޅާ އިރު، އެ ބާރު އޮތަސް، ސަރުކާރު ނުކުންނަން ޖެހޭނީ އެ ބޭފުޅަކާ ދެކޮޅަށެވެ. ފީފާއިން ރާއްޖެ ސަސްޕެންޑްކުރިޔަސް މެ އެވެ. ދުވަސްކޮޅަކަށް ބޭރުގެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކުރާނެ ފުރުސަތު ނުލިބުނަސް މެ އެވެ. މިއީ ހަރުކަށި ވާހަކައަކަށް ވެދާނެ އެވެ. އެކަމަކު އަލުން ތަޅާލައިގެން ނޫނީ ހެދެން ނެތް އިމާރާތެއް ޖެހޭނީ ތަޅާލާށެވެ. އާ އިމާރާތެއް، އާ ވިސްނުންތަކާއި އާ ބަޔަކާ އެކު ހަދައި، ކޮޅަށް ޖަހަން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ހައްލެވެ.
އެކަމަކު މި ހައްލު ހޯދަން ބޭނުން ނަމަ ސަރުކާރުގެ ވެސް އިހުލާސްތެރި ނިޔަތެއް އޮންނަން އެބަ ޖެހެ އެވެ. އަދި ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް ހޭދަކުރާ ކުޅިވަރު އެސޯސިއޭޝަންތަކަކީ ވަކި ބައެއްގެ އާއިލީ މުދަލަށް، ވަކި ބައެއްގެ ރަހުމަތްތެރިންގެ ކޮފީ މޭޒަށް ހަދަން ދޫކޮށްލުމަށް ވުރެ ބޮޑު ޒިންމާއެއް ވެސް ސަރުކާރުން ނަގަން އެބަ ޖެހެ އެވެ.
ރާއްޖޭގައި ކުޅިވަރު އެސޯސިއޭޝަންތައް ހިންގެނީ ސަރުކާރުން ފައިސާ ދީގެންނެވެ. މިނިވަންކުރަން އިންތިހާބުތައް ބާއްވައިގެން ބަޔަކު ހޮވިޔަސް، ސަރުކާރުން ފައިސާ ނުދެންޏާ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އެސޯސިއޭޝަންތަކެއް ނުހިންގޭނެ އެވެ. އެކަމަކު ސަރުކާރުގެ މި ދީލަތިކަން ބޭނުންކުރަނީ ވަކި ބައެއްގެ އަމިއްލަ ފައިދާއަށެވެ. އޮލިމްޕިކް ކޮމިޓީގެ އިންތިހާބަށްޓަކައި އުފެއްދި އެތައް އެސޯސިއޭޝަނެއް ރާއްޖޭގެ ކުޅިވަރު އިދާރާތަކުގެ ދަފުތަރުގައި އެ އޮތީ އެވެ. ނަމަކަށް މުބާރާތްތަކެއް ބާއްވަ އެވެ. ސޯޝަލް މީޑިއާއަށް ފޮޓޯތައް ލަ އެވެ. ގަވާއިދުން ކުޅިވަރު ނުކުޅެ އުޅޭ މީހުން ވެސް އެ ފެންނަނީ މުބާރާތެއްގެ ތަށި ހިފައިގެން ތިއްބަ އެވެ. ކުރީ ދުވަހު އެ ކުޅިވަރުގަ އެވެ. އިއްޔެ މި ކުޅިވަރުގަ އެވެ. މާދަމާ އެހެން ކުޅިވަރެއްގަ އެވެ.
އެސޯސިއޭޝަނުން ކަމެއް ކުރާ ކަން ދައްކަން ވެގެން މުބާރާތްތަކެއް ރާވާލުމުގެ އާދަ ގެންގުޅޭ ގައުމެއްގައި ކުޅިވަރު ބޭނުންކުރާނީ ވަކި ބައެއްގެ އަމިއްލަ ފައިދާ އާއި ވަކި ބަޔަކަށް ލިބޭ ފުރުސަތުތައް ނާޖާއިޒު ގޮތުގައި ހިފާށެވެ.
އެފްއޭއެމްގެ މައްސަލަ ގައުމީ ބޮޑު ލަދުވެތިކަމަކަށް ބަދަލުވެގެން މި އުޅެނީ ސަރުކާރަށް ކުރެވެން ހުރި އެތައް ކަމެއް ނުކުރެވި ނުވަތަ ކުރަން ނުކެރިގެން ނޫން ނަމަ ކުރަން ބޭނުންނުވެގެންނެވެ. ދަރަނިވެރިވެފައި އޮތަސް ފަހަރެއްގައި އެތައް ބަޔަކަށް ލިބޭ ފައިދާ ބޮޑީ އެވެ. ރައްޔިތުން ލަދުގަތަސް މެ އެވެ. ގައުމު ލަދުގަތަސް މެ އެވެ.
ސުވާލަކީ އެފްއޭއެމް ހަމަ އެގޮތަށް ދޫކޮށްލަންވީ ހެއްޔެވެ؟ ޖަވާބަކީ ނޫނެކޭ ނަމަ، ހެދެން އޮތީ މަތީގައި ބުނި ހަރުކަށި ގޮތެވެ. ފީފާއަށް ވެސް އެނގިގެން އެފްއޭއެމްގެ އެތެރޭގެ ހުރިހާ ކަމެއް ސާފުކޮށް، ހިސާބުކިތާބު ބެލުމެވެ. ދަރަނިތައް ސަރުކާރުން އަދާކޮށްދިނުމެވެ. އޭގެ ފަހުން އާ ފެށުމަކުން ފެށުމެވެ.
ސަރުކާރު ހަލުއި ނަމަ އެކަމަށް ނަގާނީ ކުޑަ ދުވަސްކޮޅެކެވެ.
ކޮމެންޓް (6)
އަމީރު
ގާބިލްމީހާ
އައްޔަ
ތެފައާސާ
ހަސަންދީ
ވަނަވަރު