ސަރާ. ނ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަނީ: އޭނާ ވަނީ ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަތައް ސީދަލަށް ކިޔައިދީފައި
ސަރާގެ ވާހަކަ އަސަރު ގަދަ، އޭނާ ބުނެއިއްވީ ކުރެވުނު ތަޖުރިބާތައް
މުހިންމު ނުކުތާތައް
ބައޮލޮޖީ ޓީޗަރެއް ނެތުމުން ދެން ކަންތައް ކުރަންވާ ގޮތުގެ ހިޔާލު ދިނުމަކީ 'އެންމެ ބޮޑު ފެއިލް'
އޯ ލެވެލް ހެދިއިރު ދަރިވަރުންނަށް ހިތްވަރު ލިބޭނެ ބަހެއް މެނޭޖްމަންޓުން ބުނެފައެއް ނުވޭ
ބީރައްޓެއްސަކަށް ވުމުން ކުރިމަތިވި ހުރަސްތައް ވެސް ގިނަ
ސްކޫލުގެ އެންމެ މޮޅު ދަރިވަރުންގެ އެވޯޑް ލިބިގެން ސްޓޭޖް މައްޗަށް އަރައި ވާހަކަ ދައްކަން ފެށުމުގެ ކުރިން ވެސް، އައިޝަތު ސަރާ އަހުމަދަށް އެއް ކަމެއް ޔަގީނެވެ: އޭނާގެ ވާހަކަތައް ކަމުނުދާނެ ބަޔަކު އެތަނުގައި ތިބޭނެކަމެވެ.
އެކަމަކު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޔުނީފޯމުގައި، ނ. އަތޮޅު ތައުލީމީ މަރުކަޒުގެ 'ބެސްޓް އޯލް ރައުންޑް'ގެ ސެޝް އަޅައިގެން ހުރެ އޭނާ ވާހަކަ ފެށީ، އެއީ ދައްކަން މާ ލަސްވެއްޖެ ވާހަކައެއްކަން ގަބޫލުކުރަމުންނެވެ.
"އަޅުގަނޑަށް ވަރަށް ގިނަ ވަނަތަކާއި އެވޯޑްތައް ހޯދިއްޖެ. ގްރޭޑް އެކަކުން ފެށިގެން ދިހައަކާ ހަމައަށް ވަރަށް ގިނަ ޝަރަފްތައް ހޯދައިދެވިއްޖެ. އެކަމަކު މިއިން ކޮންމެ ފަހަރަކު ލިބުނީ ހުސް އަތްތިލަ ބަޑިއެއް،" ނ. ވެލިދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ 2019 ،2020 އަދި 2021 ވަނަ އަހަރުގެ އިނާމު ދޭން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ސަރާ ބުންޏެވެ.
"މިއިން އެއްވެސް ކާމިޔާބީއެއް އަޅުގަނޑުގެ ނަމާ އެކުގައި ފާޙަގަކޮށް ނުލެވުނު ތަނުގައި އެކަމުގެ އަގު ވަޒަން ވެސް ނުކުރެވުނު. މީގެ ދިހަ އަހަރު ކުރިން ފެށިގެން ދެކެމުން އައި ހުވަފެންތަކަކީ އެއްވެސް އަގެއް ނެތް އެއްޗެއްގެ ގޮތުގައި ވެއްޖެ."
ސަރާގެ ވާހަކަ ފެށުމާ އެކު، ޖަލްސާއަށް ހާޒިރުވެ ތިބި ސްކޫލުގެ ވެރިންނާއި ޓީޗަރުން އަދި ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ވެސް ފެނުނީ ހައިރާންކަމެވެ. އާއްމު ގޮތެއްގައި އެފަދަ ޖަލްސާތަކުގައި ވަނަ ލިބޭ ދަރިވަރުން ' ގަތާލަނީ ޝުކުރުގެ ހާރެއް' ނަމަވެސް، ސަރާ 'ގަތާލީ ޝަކުވާގެ ހާރެކެ'ވެ. އެފަދަ މަގާމަކަށް ވާސިލްވާން އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކާއި ހުރަސްތައް ގިނަ ކަމަށް ބުނެ، މާޔޫސްކަމާ އެކު އޭނާ ވާހަކަ ދެއްކި އެވެ.
ނ. ޅޮއްސަށް އުފަން ސަރާ ބުނިގޮތުގައި މަންމަ އާއި ބައްޕަ އާއި ކޮއްކޮ ދޫކޮށް، މާމައާ އެކު އޭނާ ބީރައްޓެހި ރަށަކަށް ބަދަލުވީ ރަނގަޅު ތައުލީމެއް ހޯދުމަށެވެ. އެ މަގްސަދުގައި، ނ. އަތޮޅު ތައުލީމީ މަރުކަޒަށް ވަން ދުވަހު ގިނަ އަޒުމުތަކެއް ކަނޑައެޅި އެވެ. އެންމެ ފުރަތަމަ ބޭނުންވި ޕްރިފެކްޓުކަން، ގްރޭޑް ހައެއްގައި ހޯދި އެވެ. ގްރޭޑް 10 ގައި ކެޕްޓަންގެ މަގާމު ހޯދި އެވެ. އޯ ލެވެލްގެ ޓޮޕް ޓެން އިން ރަން ވަނަތައް ހޯދި ދަރިވަރުންނަށް، ރަށުން ކީ ރަތް ދޫލައިގެ މަރުހަބާ ފެނިފައި، އެ ކާމިޔާބީ ހޯދަން ވެސް އޭނާ ބޭނުންވި އެވެ. ސްކޫލާ އޭނާ އަލްވަދާއުކީ ޓޮޕް ޓެންގެ ދެ ވަނަ ހޯދުމަށް ފަހު އެވެ.
ކޮންމެ އަހަރެއްގެ ގުރުއާން މުބާރާތުގައި ބައިވެރިވެ، ވަނަ ހޯދި އެވެ. މަދަހަ އާއި އަދަބީ މުބާރާތްތަކާއި ކުޅިވަރުގެ މުބާރާތްތަކުގައި އޭނާގެ އަޑު ގަދަ އެވެ. ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އޭނާ ސްކޫލު ތަމްސީލުކުރި އެވެ. އެކަމަކު ދިހަ އަހަރުގެ ކިޔެވުން ފުރިހަމަ ކުރުމަށް ފަހު، އެންމެ މޮޅު ދަރިވަރުގެ އިނާމު ދޭން ބޭއްވި ޝަރަފްވެރި ހަފްލާގައި، ސަރާގެ ފަރާތުން ފެނުނީ މާޔޫސްކަމެވެ.
"އަޅުގަނޑުގެ ހުރިހާ ހުވަފެނެއްގައި ކުލަ ޖެހުނު ނަމަވެސް، ލިބެން ޖެހޭ އުފާވެރިކަމެއް ނުލިބޭ،" ޕޯޑިއަމްގައި ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
ސަބަބުތައް ދެއްކި އެވެ. އޭނާއަށް އެ ކާމިޔާބީތައް ހާސިލްކުރެވު ނަމަވެސް ފެނުނީ ތަފާތުކުރުމެވެ. ސްކޫލް މާހައުލުގެ ތެރެއިން ބާކީކުރުމެވެ. ބީރައްޓެއްސަކަށް ވުމުން ތައުލީމީ ގޮތުން ވެސް ހުރަސްތަކާ ކުރިމަތިވިކަން ފާހަގަކުރި އެވެ.
ސަރާ ބުނީ އުފަން ރަށާއި އާއިލާ ދޫކޮށް އޭނާ ވެލިދުއަށް ކިޔަވަން ދިޔައީ، ތައުލީމީ ގޮތުން ކުރިއަށް ދާނެ ފުރުސަތުތައް ހޯދަން ސަލާން ޖަހަން ޖެހޭނެ ކަމަށް އުއްމީދުކޮށްގެން ނޫން ކަމަށެވެ.
"އަޅުގަނޑުމެން ގްރޭޑް ދިހައެއްގެ ފަހު ދެ މަސް ދުވަހު ކިޔެވީ ބަޔޮލޮޖީ ޓީޗަރެއް ނެތި. އެކަމަކު ކޮންމެވެސް ގޮތަކުން ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމުގެ ހިޔާލު އަޅުގަނޑު، ސްކޫލު ކެޕްޓަނެއްގެ ހައިސިއްޔަތުން ޕްރިންސިޕަލްއަށް ހުށަހެޅިން. އެކަމަކު އެ ދުވަހު ޕްރިންސިޕަލްގެ ފަރާތުން ލިބުނީ އެއްބާރުލުމާއި ހިތްވަރުގެ ބަދަލުގައި ނުރުހުން،" އޭނާ ކިޔައިދިނެވެ.
"އެ ދުވަސް އަޅުގަނޑުގެ ހިތުން ދުވަހަކު ފިލާނުދާނެ. އެއީ ކެޕްޓަނެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކުރިމަތިވި އެންމެ ބޮޑު ފެއިލިއާ."
ސަރާ ބުނިގޮތުގައި އޭނާ އާއި އޭނާގެ ކްލާސް ކުދިންގެ ކިޔެވުމަށް ސްކޫލުގައި އޭރު އޮތް މެނޭޖްމެންޓުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. އޯ ލެވެލް އިމްތިހާނު ހަދަން ދަރިވަރުން އިށީން ދުވަހު ވެސް، މެނޭޖްމެންޓުގެ ފަރާތުން ހިތްވަރުގެ އެއްވެސް ބަހެއް ނީވުނު ކަމަށް ބުންޏެވެ.
އޭނާ ކާމިޔާބު ހޯދީ އަމިއްލަ ހިތްވަރުން ކަމަށާއި އަމިއްލަ ނަފްސަށް، 'ތިމާއަކީ ގާބިލް ކުއްޖެއްކަން ޔަގީންކޮށްދީގެން' ކަމަށް ބުންޏެވެ.
ސަރާ ވަނީ ދެން ތިބި ދަރިވަރުންނަށް ފައިދާވާނެ ގޮތްތައް ހަދައިދޭން ސްކޫލްގެ މެނޭޖްމަންޓްގެ ކިބައިން އެދިފަ އެވެ. އެގޮތުން؛
-
ނަތީޖާއަށް ވުރެ ދަރިވަރުންގެ ހުނަރު ތަރައްގީކުރަން މަސައްކަތް ކޮށްދިނުން
-
އޯ ލެވެލްގެ ގަދަ 10 އިން، ދަރިވަރުންގެ ފެންވަރު އަޅާބެލުމުގެ ބަދަލުގައި، ދަރިވަރުން ކުރިއަށް ދާން ބޭނުން ހުނަރުތައް ފަހިކޮށް، އެކަންކަމުން ސްކޫލުގެ ފެންވަރު ވަޒަންކުރުން
-
ސްކޫލައި ހޭދަކުރާ އަހަރުތަކަކީ އުފާވެރި ދުވަސްތަކަކަށް ހަދައިދިނުން
-
ދަރިވަރުންގެ ހައްގުތައް ނުހިފެހެއްޓުން
-
ކާމިޔާބު ވަޒަންކުރުމުގައި ވެސް އިންސާފުވެރިކަން ގެންގުޅުން
ސަރަ ބުނި ގޮތުގައި ބީރައްޓެއްސަކަށް ވިޔަސް އޭނާ ކާމިޔާބީތައް ހޯދީ، ވެލިދޫ ސްކޫލުގެ ދަރިވަރެއްގެ ގޮތުގަ އެވެ. އެހެންވެ، އެއީ އެ ސްކޫލާއި އެ ރަށަށް ވެސް ލިބޭ ޝަރަފެއް ކަމަށް ބުންޏެވެ.
ދެން އޭނާ ފާހަގަކުރީ، ރަށްރަށުގެ ބައެއް ސްކޫލްތަކުން އާންމުކޮށް ދިމާވާ މައްސަލައެކެވެ: ބެލެނިވެރިންގެ މެދުގައި ކުދިންނާ މެދު އޮންނަ ހަސަދަ އާއި ނަފްރަތެވެ. އޭނާ އެދުނީ އެ ސިފަތަކުން ބެލެނިވެރިން ދުރުވެ، ކޮންމެ ދަރިވަރަކަށް ވެސް ހިތްވަރުދޭ، އެ ދަރިވަރުންގެ އުފަލުގައި ވެސް ބައިވެރިވާ ބަޔަކަށް، ރަށުގެ މުޅި މުޖުތައުވުމަށެވެ.
"އަޅުގަނޑަށް މި ވާހަކަތައް، މިހާ ތެދުވެރިކަމާ އެކު ކިޔައިދެވުމުގެ ހިތްވަރަކީ، މީގެ ކުރިން އަޅުގަނޑަށް ދުވަހަކު ވެސް ނުލިބޭ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ލިބުން. އެ ހިތްވަރާއި ލޯބި ލިބުން،" ސަރާ ބުންޏެވެ.
އޭނާގެ ވާހަކަ 17 މިނިޓަށް ދެމިގެންދިޔަ އެވެ. ވާހަކަ ނިންމާލީ ރޮމުންނެވެ.
ސްޓޭޖް މަތިން ފައިބައިގެން ގޮސް ގޮނޑީގައި އިށީނުމާ އެކު، އޭނާ ފަހަތުގައި ތިބި ބައެއް ބެލެނިވެރިންނާއި ދަރިވަރުން ތަރުހީބުދީ، ޝުކުރު އަދާކުރި އެވެ.
ވެލިދޫ ސްކޫލްގައި މިހާރު އޮތީ އޭނާ ކިޔެވި އިރު ސްކޫލް ހިންގި މެނޭޖްމަންޓެއް ނޫނެވެ.
"އެވަގުތު އަޅުގަނޑަށް ރިއަލައިޒްވި، އެ ވާހަކަތަކުން ގިނަ ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް، އެފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ދަރިވަރުންނަށް ތަފާތެއް ހޯދައިދެވޭނެކަން. އެ ހިތްހަމަޖެހުން އެބަ އޮތް،" މި ނޫހާ ވާހަކަދައްކަމުން ސަރާ ބުންޏެވެ.
ކޮމެންޓް (17)
މަނިކު
މުހައްމަދު
ާއާނަ
އަންތު
ޔަސް87
ހުސެން
ާއައިޝާ
ޕްރިންޓޭ
ވަލީދާ
ހަބަރު
އައިޝާ
މިނިވަން
މުހައްމަދު
ައައިސް
ގުޑް ސިޓިޒަން
އަސަރެއް
ސަރާ ފޭން