މަނީ ލޯންޑަރިންގެ ކުށުން ސަލާމަތްވެވަޑައިގަތުން ފާހަގަކުރަން ޕީޕީއެމުން ބޭއްވި ބޮޑު ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކޮލަމް

އަޅުގަނޑުގެ ކޮލަމާ މެދު ދެ ބޭފުޅެއްގެ ހިޔާލުތަކާއި ރައްދު

ދެ ބޭފުޅުން ވެސް ވިދާޅުވީ ޝަރުއީ ދާއިރާއަށް މި ސަރުކާރުގެ ނުފޫޒު ފޯރުވާ ކަމަށް

މުހިންމު ނުކުތާތައް

ކޮލަމްގެ މައިގަނޑު މައުލޫއުއަކީ ކޯޓަކުން ހުކުމް ކުރުމުން ދެ ސަރުކާރުން ކަން ކުރި ގޮތް

އޭރު ވެސް އަދި މިހާރު ވެސް އާންމުންނަށް ނޭނގޭ ގޮތަށް ފަނޑިޔާރުންނަށް އިންޒާރުދޭ

ޔާމީންގެ އަރިސް ބޭފުޅަކު ވިދާޅުވީ ލިއުންތެރިޔާ ޔާމީނާ މެދު ނަފުރަތު އުފައްދަނީ ކަމަށް

މިދިއަ އަންގާރަދުވަހު 'އެކަނި އިންނައިރު' ކޮލަމްއާ ގުޅިގެން ސިޔާސީ އަދި ޝަރުއީ ދާއިރާގެ ތަޖުރިބާކާރަކާ ވާހަކަ ދައްކާލަން ޖެހުނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޝަރުއީ ނިޒާމަށް ސަރުކާރުގެ އަތް ފޯރުވުން ބޭއްވި މިންވަރާއި، އިދިކޮޅު ސިޔަސީ ލީޑަރުންނަށް އިއްވި އަވަސް ހުކުމްތަކަުގެ މަތިން އަލުން ހަނދާންކޮށްލުމަކީ، އެ ކޮލަމްގެ އެއް މަގުސަދެވެ. ދެވަނަ ބޭނުމަކަށް ވީ މިހާރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި ޔާމީންގެ ޝަރީއަތްތަކުން ނުކުންނަ ނަތީޖާ އާއި އޭގެ ފަހުން މިހާރުގެ ސަރުކާރުގެ އަމަލްތައް ހުންނަ ގޮތެވެ.

ރައްޔިތުންނެކޭ އެއްގޮތަށް ނޫސްވެރިންނަށް ވެސް ފެންނާނެ އެއް ފަރާތެއް އޮވެ އެވެ: އެންމެންގެ ކުރިމަތީގައި ހިންގާ ކަންކަމެވެ. އެގޮތުން ޔާމީންގެ ވެރިކަމުގައި ފެނުނު މަންޒަރުތަކުގެ ބައެއް ކަންކަން އެ ކޮލަމްގައި ހިމަނާފައިވާނެ އެވެ. އަނެއް ބަޔަކީ އާންމުންނަށް ވެސް ނޭނގި އަޑިއަޑިން ހިންގާ ކަންކަމެވެ. އެ ކަންކަން ގިނަ ފަހަރަށް އެނގެނީ މާ ފަހުންނެވެ.

ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުން ޝަރީއަތުގައި: ބަޔަކު ބިރު ދައްކާފާނެތީ ފަނޑިޔާރުން ޖެހިލުންވެގެން ނުވާނެ

އާންމުންނަށް (އަޅުގަނޑު ވެސް ހިމެނޭ ގޮތުން) ފެންނަން ހުރީ ސިފައިންނާއި ފުލުހުން ލައްވާ ކުރުވި ކަންކަމާއި ފަނޑިޔާރުން އިއްވި އަވަސް ހުކުމްތަކެވެ. ސިޔާސީ އިދިކޮޅު ހިޔާލުގެ ބޭފުޅުންނަށް ވީ ގޮތެވެ. ސަރުކާރާ ދެކޮޅަށް އަޑުއުފުއްލެވި އަދި ވޯޓު ދެއްވާނެހެން ހީވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ މެދު ކަން ކުރި ގޮތެވެ. އެއީ ރައީސް ޔާމީނަށް ތާއީދުކުރި މީހުންނާއި، ލޯބިވާ މީހުންނަށް ވެސް ފެނުނު މަންޒަރުތަކެވެ.

ކޮލަމްގެ މައިގަނޑު ބިންގަލަކީ، އޭރުގެ އިދިކޮޅު އެއް ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ރިޝްވަތު ދިނުމުގެ ދައުވާގެ ވާހަކައެއް ވެސް ނޫނެވެ. ގާސިމްގެ ކޭސް މިސާލެއްގެ ގޮތުން ނެގީ ކޯޓުން ދޫކޮށްލުމާ އެކު އަލުން ފުލުހުން ފޮނުވައިގެން ހައްޔަރުކުރި ކުރުވުން ކިޔައިދޭށެވެ. ޝަރީއަތް އަވަސްކޮށްލަން ކުރުވި ކަންކަން އަލުން ދައްކައިދޭށެވެ.

ރައީސް ނަޝީދު، ހިސާން ވަނީ ޖޭއެސްސީ ހިސޯރުކޮށްފައި. މިހާރު އަހަރެމެންނަށް މި ފެންނަނީ ހައި ކޯޓުގެ ފަނޑިޔާރުން އިސްތިއުފާ ދައްވަން މަޖުބޫރުކުރާ ތަން.

ރައީސް ޔާމީންގެ އަރިސް ބޭފުޅެއް

ދެން އޮތީ، އަޅުގަނޑާ ވާހަކަ ދެއްކެވި ތަޖުރިބާކާރާއި އޭގެ ފަހުން ޔާމީންގެ އަރިސް ބޭފުޅަކު ކުރެއްވި މެސެޖްތަކާ ބެހޭ ވާހަކަ އެވެ.

އަޅުގަނޑާ ވާހަކަ ދެއްކެވި ބޭފުޅާ ވެސް އަދި ޔާމީންގެ އަރިސް ބޭފުޅާގެ ވެސް ވަރަށް ސާފު ޕޮއިންޓްތަކެއް އެބަ ހުއްޓެވެ. އެއް ޕޮއިންޓަކީ މިހާރު ވެސް ސަރުކާރުގެ ތެރެއިން ފަނޑިޔާރުންނަށް ކުރިމަތިކުރުވާ ނުފޫޒެވެ. ނުވަތަ މަގާމުން ވަކިކޮށްފާނެކަމަށް ބުނެ ދައްކާ ބިރެވެ. އެކަން ޖޭއެސްސީން ބަލަން ފަށާ މައްސަލަތަކާއި ކުއްލި ކުއްލިއަކަށް ނިންމާ މައްސަލަތަކުން ވަރަށް ސާފުކޮށް އެނގޭ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި އެޕްރީލް 2017 ގައި އޭރުގެ އިދިކޮޅު ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް ދޫނިދުއަށް ގެންދަނީ: ގާސިމްގެ ވާހަކަ 'އެކަނި އިންނައިރު' ކޮލަމްގައި ގެނައީ މިސާލެއް ދައްކަން (ފޮޓޯ/މިހާރު)

"ރަނގަޅަށް ހުކުމް އިއްވާ ފަނޑިޔާރުންް އެކަން ކުރަނީ ބިރެއް ނެތިއެއް ނޫން،" އަޅުގަނޑާ ވާހަކަދެއްކެވި އަދި އެތެރޭގެ މައުލޫމާތު ވެސް ހުރި ތަޖުރިބާކާރު ވިދާޅުވި އެވެ. 

"މިހާރު ވެސް ސަރުކާރުގެ ތެރެއިން ބިރު ދައްކާ. އިންޒާރު ދޭ. ހުކުމް އިއްވާ ފަނޑިޔާރުން އެކަމާ އަޅާނުލާ ހުކުމް އިއްވާ ތަންކޮޅު އޮތީ."

އެ ބޭފުޅާއަށް އަޅުގަނޑު ދެންނެވީމެވެ. ކޮލަމްގައި ލިއުނީ އާންމުންނަށް ނޭނގޭ ގޮތަށް ދޭ އިންޒާރުތަކާއި ކުރާ ކަންކަމުގެ ވާހަކައެއް ނޫނެވެ. ކޮލަމްގައި ހިމެނީ ހުރިހާ ދިވެހިން ހެކިވި ކަންކަމުގެ ބައެއް މިސާލުތަކެވެ. މިހާރުގެ ސަރުކާރުން ވެސް ސިޔާސީ ލީޑަރުން ހައްޔަރުކުރުމުގެ ސިލްސިލާއެއް ފަށައި، ކޯޓުތަކަށް މައްސަލަ ވައްދައި އަދި ކުއްލި ކުއްލިއަށް ހުކުމް އިއްވާ ނަމަ އެ ވާހަކަތައް ލިއާނެ އެވެ.

ޔާމީން އާއި އެ މަނިކުފާނުގެ ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން ތަކުރާރުކޮށް ދައްކަވަނީ މިހާރުގެ ސަރުކާރާއި ރައްޔިތުންގެ މަޖިލިހުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ވާހަކަ އެވެ. ޝަރުއީ ނިޒާމް އިސްލާހުކުރުމުގެ ނަމުގައި ވެރިކަމާ ހަވާލުވި ސަރުކާރަކުން އަދި ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ނެގި އެމްޑީޕީން އެކަން ކުރިއަށް ނުގެންދާކަމެވެ. ޖޭއެސްސީގައި ބާރު އޮތީ ސަރުކާރާއި އެމްޑީޕީގެ އެވެ. އެ ބާރު ބޭނުންކުރާ ގޮތުން ޝަރުއީ ނިޒާމު އިސްލާހުކޮށް، އިތުބާރު އުފެއްދުމުގެ މަސައްކަތް، ޔާމީންގެ ވެރިކަމުގެ ކުރިން ހީކުރި މިންވަރާ ގާތަށް ވެސް ނުދެ އެވެ.

"ޔާމީންގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރަކު ސުޕްރީމް ކޯޓަށް ގެނައުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ވެސް ހިލާފު ކަމެކެވެ،" ޔާމީންގެ އަރިސް ބޭފުޅަކު ފޮނުއްވި މެސެޖްގައި ލިއުއްވި އެވެ.

"ރައީސް ނަޝީދު، ހިސާން ވަނީ ޖޭއެސްސީ ހިސޯރުކޮށްފައި. މިހާރު އަހަރެމެންނަށް މި ފެންނަނީ ހައި ކޯޓުގެ ފަނޑިޔާރުން އިސްތިއުފާ ދައްވަން މަޖުބޫރުކުރާ ތަން."

އެހާ ހިސާބުން ދެން އޭނާ ލިއުއްވީ އަޅުގަނޑާ ބެހޭ ގޮތުންނެވެ.

"އަހަންނަށް ހީވަނީ ރައީސް ޔާމީނާ ދެކޮޅަށް ނަފުރަތު އުފައްދަން އުޅޭހެން."

ކުރީގެ ރައީސް ޔާމީންގެ ވާހަކަފުޅަށް، ޕީޕީއެމް އިސް ބޭފުޅުން އަތް ޖައްސަވަނީ: ވެރިން ކުރާ ކަންކަން ލިއާ އިރު ނޫސްވެރިން ވިސްނަން ޖެހޭނީ ސިޔާސީ ލީޑަރުންގެ ސަޕޯޓަރުންގެ ވިސްނުމަކުން ނޫން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ރައީސުން އެ ބޭފުޅުންގެ ވެރިކަމުގައި ކުރައްވާފައި ހުރި ކަންކަން ލިއެ، ހަނދާންކޮށްދިނުމަކީ ނަފުރަތު އުފެއްދުމެއް ނޫނެވެ. ނުކުރައްވާ ކަންކަން ކުރެއްވި ކަމަށް ލިއާ ނަމަ އެއީ ކަނޑައެޅިގެން އޮޅުވާލުމާޢި ދޮގު ފެތުރުމެވެ. އެކަމަކު ސިޔާސީ ލީޑަރެއްގެ ގޮތުން ޔާމީން ނުކުންނަވައި ދައްކަވާ ވާހަކަފުޅުތަކުގައި އެ މަނިކުފާނުގެ ވެރިކަމުގައި ކަން ކުރެއްވި ގޮތް އޮޅުވާލެއްވުމަށް އިތުރުފުޅު ހައްދަވާ ނަމަ އެކަން ރައްޔިތުންނަށް ހަނދާންކޮށްދޭން ތިބީ ކޮން ބައެއް ހެއްޔެވެ؟ ޔަގީނުން ވެސް ޕީޕީއެމްގެ ބޭފުޅުންނެއް ނޫނެވެ. ނުވަތަ ޕީޕީއެމް ނިސްބަތްވާ މީޑިއާތަކުންނެއް ވެސް ނޫނެވެ. އެހެން ނޫސްވެރިންނެވެ. އެހެން ލިއުންތެރިންނެވެ.

ލިއުންތައް ބިނާކުރަނީ ވަކި މައުލޫއުތަކަކަށެވެ. އެއް މައުލޫއުގެ ތެރޭގައި ހުރިހާ ވާހަކައެއް، ކޮންމެ ކޮންމެ ލިއުމެއްގައި ނުގެންނާނެ އެވެ. އެގޮތުން އެންމެ ފަހުގެ 'އެކަނި އިންނައިރު' ކޮލަމްގައި ހަމައެކަނި ބެލީ ޝަރުއީ ކޯޓުތަކުގެ ހުކުމްތަކަށް ފަހު ދެ ސަރުކާރަކުން ކަން ކުރި ގޮތެވެ. އޭގެ މާނައަކީ މިހާރުގެ ސަރުކާރު ހިމާޔަތްކުރުމެއް ވެސް ނޫނެވެ. މިހާތަނަށް ފެނުނު މަންޒަރުތަކުން ކޯޓެއްގެ ހުކުމަށް ފަހު ދޫކޮށްލާ ސިޔާސީ މީހަކު އަލުން ހައްޔަރުކޮށް، ޝަރީއަތްކޮށް، ދެ މަސް ދުވަހުގެ ތެރޭގައި ހުކުމެއް ނީންވަ އެވެ. ކުރިއަށް އޮތް ތަނުގައި ކޯޓުތަކަށް މަޖުބޫރުކޮށްގެން އެފަދަ ހުކުމްތައް ނެރެ، ސިޔާސީ ބަޔަކު ހައްޔަރުނުކުރާނެއެކޭ ނުބުނަމެވެ.

މިހާރުގެ ބައެއް ފަނޑިޔާރުން ހުކުމްކުރައްވަނީ ސަރުކާރުގެ ތެރެއިން އަންނަ ބިރުދެއްކުންތަކަށް ނުބައްލަވާ ކަމަށް، ޝަރުއީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވި ވިދާޅުވުން ރަނގަޅެވެ.

ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ އެ އެވެ. މަގާމުން ވަކިކުރިޔަސް އިންސާފުން ބޭރުނުވުމެވެ. ބިރުދެއްކިޔަސް އެގޮތުގައި ތިބުމެވެ. ނޫސްވެރިންނަށް ވެސް ހަމަ އެ އުސޫލެވެ. ލިއުންތަކާ މެދު ބަޔަކު ބިރު ދެއްކިޔަސް، ފާޑުކިޔަސް، ވިސްނުން ހުރީ ރަނގަޅު މަގުގައި ކަމަށް ވާ ނަމަ އެގޮތަށް ކުރިއަށް ދިއުމެވެ. ތަފާތު މައްސަލަތަކާ މެދު އެކި މީހުން ދެކޭނީ އެކި ގޮތަށެވެ. ހުރިހާ އެންމެން އެއްގޮތަކަށް ނުވިސްނާނެ އެވެ. އެކަމަކު ހަގީގަތް ވާނީ ހަގީގަތަށެވެ. އެ ބަދަލެއް ނުކުރެވޭނެ އެވެ. އަދި ބަދަލުކުރަން އުޅޭ ނަމަ އެކަން ވިޔަދީގެން ވެސް ނުވާނެ އެވެ.

އެޑިޓަރުގެ ނޯޓު

މި ކޮލަމްގައި، ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް، ސުޕްރީމް ކޯޓަށް އެކި ގަޑިގަޑީގައި ވަންނަވައި ފަނޑިޔާރުންނާ ބައްދަލުކުރެއްވިކަމުގެ އަޑުތަކާ ބެހޭ ގޮތުން ހިމެނި ބަޔަށް، އާޒިމާ ވަނީ ލިއުންތެރިޔާއަށް، ފޭސްބުކުން ޖަވާބު ދެއްވައިފަ އެވެ. މިއީ ޔާމީންގެ ވެރިކަމުގައި ވެސް ވަރަށް ބޮޑަށް ދެކެވުނު ވާހަކަައަކަށް ވެފައި، އެ ވާހަކަތައް ރިޕޯޓް ވެސް ކޮށްފައި ހުރުމުން، ވަރަށް ގިނައިން ލިއުންތަކުގައި ބޭނުންކޮށްފައި ހުންނާނެ އެވެ. އެކަމަކު އެއީ ދޮގެއް ކަމަށް އާޒިމާ ވިދާޅުވުމުން، މި ކޮލަމުންނާއި މި ނޫހުގައި ލިއެފައި ހުރި އެހެން ބައެއް ކޮލަމްތަކުން ވެސް އެ ބައި ވާނީ އުނިކޮށްފަ އެވެ.

ކޮމެންޓް (5)

ދޮންމޮހޮނު

17 އޯގަސްޓު 2022
މޫސަ އަކީ ވަކިއަތަކަށް ނުޖެހި ލިޔާ މަދު ނޫންވެރިންގެ ތެރެއިން އެކަކު. ހަވީރު ނޫހުންފެށިގެން މޫސާގެ ހުރިހާ ލިޔުމެއްހެން ކިޔަން. އެރުވެސް މިހާރުވެސް މޫސައަކީ ބެސްޓް.
0 0

ސިކުނޑި

4 ޖޫން 2022
އާޒިމާ އެ ބުނުއްވީ އެކަމަނާ ވަޑައިނުގަންނަވާ ވާހަކަ! 1 ފެބްރުވަރީގެ ހުކުމާ ގުޅިގެން ޔާމީނުގެ ޢަމަލުތައް ހައްދުންނެއްޓި! ގާނޫނީ އިމުގެ ތެރެއިން އެކަން ކުރެވުނު ކަމަށް ބަޔަކަށް ގަބޫލު ކުރެވުނީ ވަކިފަރާތަކަށް ޖެހިގެން ނުވަތަ މަޖުބޫރީ ހާލަތެއް އޮތުމުން! މޫސަގެ ލިޔުން ބަރާބަރު! ލިޔުންތަކަކީ ސިޔާސީ ވިސްނުމުގައިތިބެ ކިޔަން ޖެހޭ އެއްޗެއްނޫން! ބިރުން ހުންނަ މީހަކު އަނދިރީގައި ގަހަކަށް ބެއްޔަސް ހީވާނީ ފުރޭތައެއް ފެންނަހެން!
0 0

މުހަށްމަދު

3 ޖޫން 2022
ގާސިމް އަދި މައުމޫންގެ ވާހަކަ ޖަހާލި ނަމަ ފުރިހަމަވީސް.
3 0

މޫސަމަލިމްގެއާދަނު

2 ޖޫން 2022
މޫސައަކީ ކަނޑައެޅިގެން ވަކިފަރާތަކަށް ޖެހިލިޔާ ނަޒާހަތްތެރިކަމެއްނެތް ދުވަސްވީ ނޫސްވެރިއެއް. މީމިލިޔުން ލިޔުމަކުން ބުނިއެއްޗެއްނޫން މިއީ ހަގީގަތް މިހެންބުނީމަ ކޮމެންޓް ޕަބްލިސް ނުކުރުން އެއީ އަދި އެހެންކަމެއް
5 2

ހިމާރުލްގައުމު

2 ޖޫން 2022
ކަލޭ ކޯއްޗެއް ޖަސްޓިފައި ކޮށްދޭން ތިއުޅެނީ. ކަލޭގެ ލިޔުންތަކަކީ ނޫސްވެރިކަމުގެ މިންގަނޑުން ބޭރުވެ ޔާމީނާ ޒާތީ ގޮތުން ލިޔާ އެއްޗެއްކަން އެއްމެ ކުޑަކުއްޖާއަށްވެސް އެނގޭނެ.
6 6

އިތުރު އާޓިކަލް

އިތުރު އާޓިކަލް