ވިމެން އިން ޓެކް އާއި ދިރާގު ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ 'ގާލްސް ޓު ކޯޑް' ޕްރޮގްރާމްގައި ބައިވެރިވި ކުދިންތަކެއް ވީޑިއޯއަކުން ފެންނަ މަންޒަރެއް. (ވީޑިއޯ ސްކްރީންޝޮޓް)

އައިޓީ

ކޯޑްކުރާ އަންހެންކުދިންގެ އާ ޖީލަކަށް ފޮނި އުއްމީދު

އައިޓީއަކީ އަންހެންކުދިންނަށް އެކަށީގެން ނުވާ ދާއިރާއެއް ކަމުގެ ވިސްނުން ވަރަށް ބޮޑަށް އޮތަސް، މިފަހުން ހިންގަމުން އަންނަ ހަރަކާތްތަކާ އެކު، ޝައުގުވެރިވާ ކުދިން އަންނަނީ އިތުރުވަމުން

އޭނާގެ ވަށައިގެން ހަރުލާފައި އޮތީ މުޅިން އެހެން ވިސްނުމެކެވެ. އެއީ އަންހެންކުއްޖަކު ކުރަންވާނެ ކަހަލަ ކަމެއް ނޫން ކަމެވެ. އެކަމަކު ޝާނީ އަސްލަމްގެ ޝައުގަކަށް ބަދަލެއް ނާދެ އެވެ. ބޭނުންވި ކޮންމެ ކަމެއް ކޮމްޕިއުޓަރު ލައްވާ ކުރުވުމުގެ ހުނަރު ޝާނީ އަށް ނުހަނު "ކޫލް" ވެފައި މުހިއްމެވެ.

ގދ. ތިނަދޫ ޝާނީ، 17، އައިޓީއަށް ތައާރަފްވީ ރޮބޮޓިކްސް އިންނެވެ. އޯލެވެލްއަށް ކޮމްޕިއުޓަ ސައިންސް ކިޔަވަމުން ދިޔަ އިރު ސްކޫލުގައި ބަޔަކު ހިންގި ޕްރޮގްރާމެއްގައި ދަސްވި އަސާސީ ކަންކަމާ އެކު އޭނާއަށް މުޅިން އާ ދުނިޔެއް ފެންނަން ފެށި އެވެ. ޝާނީ ދެން އެނބުރުނީ ގޭގައި ޔޫޓިއުބް ވީޑިއޯތައް ބަލައިގެން ކޯޑިން ދަސްކުރާށެވެ. އަދި ވިމެން އިން ޓެކް މޯލްޑިވްސް އިން ތިނަދޫ ކުދިންނަށް 2020ގައި ހިންގި 'ގާލްސް ޓު ކޯޑް' ޕްރޮގްރާމުގައި ބައިވެރިވެ، އޭނާގެ ހުނަރު އިތުރަށް ތަރައްގީކުރި އެވެ. މިހާރު އޭލެވެލްއަށް ކިޔަވަމުން، ކުރިއަށް ދާނެ ރޮނގަކާ މެދު ވިސްނަމުން އަންނަ ޝާނީގެ ސިކުނޑީގައި އޮތް ދެ ދާއިރާގެ ތެރޭގައި އައިޓީ ހިމެނެ އެވެ.

އޭގެ މާނައަކީ ރާއްޖޭގައި އައިޓީގައި މި ވަގުތު އުޅޭ މަދު އަންހެނުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ވެސް ފެންނަމުންދާ ކަމެވެ.

"އެއީ އަޅުގަނޑުމެންގެ އަމާޒަކީ. މިއީ އޮޕްޝަނެއް ކަން ކުދިންނަށް އެނގި، މިކަމާ ދޭތެރޭ ވިސްނުން،" ވިމެން އިން ޓެކްގެ ކޯ-ފައުންޑަރު އައިޝާ އަދުނާން ވިދާޅުވި އެވެ.

އައިސީޓީގައި އުޅޭ އަންހެންކުދިންގެ ބައިނަލްއަގުވާމީ ދުވަސް މިއަދު ފާހަގަކުރާ އިރު، އައިޝާގެ ވާހަކައިން އެނގޭ ގޮތުގައި، ވިމެން އިން ޓެކް އިން ހިންގަމުން އަންނަ ހަރަކާތްތަކާ އެކު ރަނގަޅު ކުރިއެރުމެއްގެ އިހުސާސް އޭނާއަށް ކުރެއްވެ އެވެ. އެކަމަކު އޭނާއަށް ވެސް އެއް ކަމެއް ޔަގީނެވެ. އައިޓީއަކީ އަންހެންކުދިންނަށް އެކަށީގެން ނުވާ ދާއިރާއެއް ކަމުގެ ވިސްނުން މުޅިން ބަދަލުވާން އަދި ވަގުތު ނަގާނެ އެވެ.

އަޅުގަނޑުމެން އުއްމީދުކުރަނީ މި ކުދިން ބޮޑެތިވާ އިރު ރަށްރަށުގައި ފެންނަން ހުންނާނެއޭ މި ކުދިން ކުރަނީ ކޮން ކަމެއްކަން. ކުދިން އިތުރުވާ ވަރަކަށް އެކަން ބަދަލުވާނެ. އެއީ ކުރަން މި އުޅޭ ކަމަކީ.

އައިޝާ އަދުނާން

'ގާލްސް ޓު ކޯޑް'ގެ ތިން މަސް ދުވަހުގެ ޕްރޮގްރާމުން ޝާނީއަށް މުޅިން އަލަށް ދެ ކަމެއް އެނގުނެވެ. އޭނާއެކޭ އެއް ކަމަކަށް ޝައުގުވެރިވާ އެހެން ކުދިން އޭނާގެ ރަށުގައި ތިބި ކަމާއި އައިޓީ ކިޔަވައިގެން އެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ރާއްޖޭގައި ތިބި ކަމެވެ.

"އަޅުގަނޑު މި ޝައުގުވެރިވާ ދާއިރާ އިން ކިޔަވައިގެން ހުރި އަންހެނެއް އޭގެ ކުރިއަކުން ނޭނގޭ. ވަރަށް ހައިރާންވި. ވަރަށް އުފާވި،" ޝާނީ ޖޯޝާ އެކު ކިޔައިދިނެވެ.

ވިމެން އިން ޓެކް އާއި ދިރާގު ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ 'ގާލްސް ޓު ކޯޑް' ޕްރޮގްރާމްގައި ބައިވެރިވި ކުދިންތަކެއް ވީޑިއޯއަކުން (ވީޑިއޯ ސްކްރީންޝޮޓް)

ޖީލެއް ބިނާކުރުމުގެ މަސައްކަތް

ވިމެން އިން ޓެކް އިން ދިރާގާ އެކު ކޮންމެ އަހަރަކު ކޮންމެވެސް ރަށެއްގައި ކުރިއަށް ގެންދާ 'ގާލްސް ޓު ކޯޑް' 2019ގައި ފުވައްމުލަކުގައި ފަށައި ތިނަދު އާއި ކުޅުދުއްފުށީގައި ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ތިން ރަށުން ޖުމްލަ ފަންސާހަކަށް ކުދިން އެ ޕްރޮގްރާމްގައި ބައިވެރިވެފައިވާނެ ކަމަށް އައިޝާ ލަފާކުރައްވަ އެވެ. އެ ހުރިހާ ކުދިންނަކީ ކޯޑިން އިތުރަށް ކުރިއަށް ގެންދާނެ ނުވަތަ އައިޓީ ހިޔާރުކުރާނެ ކުދިން ކަމަކަށް ނުވާނެ އެވެ. އެކަމަކު ވިމެން އިން ޓެކް އިން ފަހުރުވެރިވާ އެއް ކާމިޔާބީއެއްގެ ގޮތުގައި، ދައުލަތުން ބަލަހައްޓާ ކުއްޖެއްގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން އައިޝާ ފާހަގަކުރެއްވި އެވެ. ފުވައްމުލަކު ޗިލްޑްރަންސް ސާވިސް ސެންޓަރުގައި އުޅޭ 17 އަހަރުގެ އެ ކުއްޖާ ބޭނުންވަނީ ކޯޑިންގެ ދާއިރާ އިން ކުރިއަށްދާށެވެ. އޭނާ އަންނަނީ އެ ރޮނގުން ކިޔަވަން ފުރުސަތެއް ލިބޭތޯ ބަލަމުންނެވެ.

"އަޅުގަނޑުމެން ވަރަށް ސަޕްރައިޒް ވެސް ވޭ. އެހާ ވެސް ޝައުގުވެރިކަމާ އެއްކޮށް [އޭނާ] އުޅެނީ،" އައިޝާ ވިދާޅުވި އެވެ.

ސޮނެވާފުށި ރިސޯޓުގައި މިދިޔަ މަހު ބޭއްވި 'ޓެޑްއެކްސް ބާ އެޓޯލް' އިވެންޓުގައި އައިޝާ އޭނާގެ ތަޖުރިބާ ކިޔައިދެއްވަނީ (ވީޑިއޯސްކްރީންޝޮޓް)

ވިމެން އިން ޓެކް އިން މިހާރު އަންނަނީ މި އަހަރުގެ ތަމްރީން ޕްރޮގްރާމަށް ތައްޔާރުވަމުންނެވެ. 'ގާލްސް ޓު ކޯޑު'ގެ އިތުރުން އެ ޖަމްއިއްޔާ އިން ކޮންމެ އަހަރަކު 2،000 ކުދިންނަށް އަމާޒުކޮށްގެން 'އަވާ އޮފް ކޯޑް' އިވެންޓް ވެސް ބާއްވަ އެވެ. ތަމްރީންތަކުގައި ކޯޑިން ދަސްކުރާ ބައެއް ކުދިން 'އަވާ އޮފް ކޯޑް'ގައި އެހެން ކުދިންނަށް އެހީތެރިވެދޭން މެންޓާސްގެ ގޮތުގައި ބައިވެރިވާކަން އައިޝާ އުފަލާ އެކު ފާހަގަކުރެއްވި އެވެ.

އަޅުގަނޑު މި ޝައުގުވެރިވާ ދާއިރާ އިން ކިޔަވައިގެން ހުރި އަންހެނެއް އޭގެ ކުރިއަކުން ނޭނގޭ. ވަރަށް ހައިރާންވި. ވަރަށް އުފާވި.

ޝާނީ އަސްލަމް، 17
ވިމެން އިން ޓެކް އާއި ދިރާގު ގުޅިގެން ހިންގާ 'ގާލްސް ޓު ކޯޑް' ޕްރޮގްރާމްގައި މިދިޔަ އަހަރު ހދ. ކުޅުދުއްފުށިން ބައިވެރިވި ކުދިން ފޮޓޯއަކަށް ހުއްޓި (ފޮޓޯ/ވިމެން އިން ޓެކް)

ވިމެން އިން ޓެކް އިން ސްކޫލްތަކަށް ގޮސް ދަރިވަރުންނާ ވާހަކަދެއްކުމާއި މި ދާއިރާ އިން ކުދިންނަށް ކެރިއަ ގައިޑެންސް ދިނުމުގެ ހަރަކާތްތައް ވެސް ފުޅާދާއިރާއެއްގައި ހިންގާފައިވެ އެވެ. އައިޝާ ވިދާޅުވިގޮތުގައި މިދިޔަ އަހަރުގެ މި ދުވަސް އެ ޖަމްއިއްޔާ އިން ފާހަގަކުރި އިރު ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ފުރުސަތުތަކާއި ޕްރޮޑަކްޓްތަކާ ބެހޭގޮތުން 1،400 ކުއްޖަކަށް މައުލޫމާތު ފޯރުކޮށްދިނެވެ.

އައިޝާގެ އުއްމީދަކީ އެ ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިން ސްކޫލް ނިންމައި ކެރިއަރެއް އިހްތިޔާރުކުރާ ހިސާބުން ބޮޑު ބަދަލެއްގެ ކޮޅުމަތި ފެނުމެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑެތިވެފައި ތިބި އިރު މި ދާއިރާ އިން އަންހެނުން މި ފެންނަނީ ވަރަށް މަދުން. އަޅުގަނޑުމެންނަށް ދެން ވިސްނެން އޮތީ އަންނަން އޮތް ޖީލާ ދޭތެރޭ. އެ ޖީލް ބިނާކުރާ އިރު ސަމާލުކަން ދެވިއްޖެއްޔާ މިސާލަކަށް މީގެ 10 އަހަރު ފަހުން މި ދާއިރާ ވަރަށް ބޮޑަށް ތަފާތުވާނެ،" އައިޝާ ވިދާޅުވި އެވެ.

މި ވަގުތު، ޝާނީ ފަދަ ގިނަ ކުދިންނަށް އާއިލާ އާއި ރަށު ތެރެއިން ވެސް ކުރިމަތިވަނީ މިއީ އަންހެން ކުދިން ކުރަން އެކަށީގެން ނުވާ މަސައްކަތެއް ކަމުގެ ވިސްނުމެވެ. 

"ފިރިހެންކުދިން ކުރާ ކަމެކޭ، އަންހެންކުދިން އެ ގޮތަށް ކޮމްޕިއުޓަރަކާ ނުކުޅޭނެއޭ، އެ ގޮތަށް [މީހުންގެ] ވިސްނުން ހުންނަނީ،" ޝާނީ އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

އަންހެންކުދިން ލިމިޓް ނުކުރުން

ހާއްސަކޮށް ރަށްރަށުގައި ދިރިއުޅޭ ކުދިންނަށް، އައިޓީގައި އަންހެނުން އުޅޭ ތަނެއް ނުވެސް ފެނެ އެވެ. އައިޝާ ވިދާޅުވިގޮތުގައި ރަށްރަށުން ފެންނަނީ މާލެއާ މުޅިން ތަފާތު މަންޒަރެކެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރުން ފަދަ އެހެނިހެން ހުނަރުތައް ކުދިންގެ ކިބައިގައި އަށަގަންނުވަން ވެސް މަސައްކަތްކުރަން ޖެހެ އެވެ. އައިޝާ ދެކެވަޑައިގަންނަވާ ގޮތުގައި އަންހެންކުދިންނަށް ވެސް ހުރަހެއް ނެތި ކުރިއަރައިގެން ދެވޭނެ ގޮތަށް މުޅި މާހައުލު ބައްޓަންކުރަން ވަނީ ޖެހިފަ އެވެ.

"އަންހެންކުއްޖެއް ވެއްޖެއްޔާ ބުނާނެ ގަހަށް ނާރާށޭ. ވަރަށް ބޮޑަށް ލިމިޓްކޮށްފައި ކުދިން މި ބޮޑެތިކުރަނީ. އެކަން ބަދަލުކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އައިޝާ ފާހަގަކުރެއްވި އެވެ. "ކުރިއަށް އޮތް ތަނުގައި އެންމެންނަށް ވެސް ކުރިމަތިވާން އޮތީ ގާތްގަނޑަކަށް އެއްކަހަލަ ގޮންޖެހުންތަކެއް. އެހެންވީމާ އެ ތަފާތު ނުގެންގުޅެ ކުދިން ބޮޑުކުރުން ވަރަށް މުހިއްމު. ހާއްސަކޮށް އަންހެންކުދިންނަށް، ފިއާލެސް ވާން ބެލެނިވެރިން ފުރުސަތު ދޭން އެބަ ޖެހޭ."

ވިމެން އިން ޓެކް އާއި ދިރާގު ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ 'ގާލްސް ޓު ކޯޑް' ޕްރޮގްރާމްގައި ބައިވެރިވި ކުދިންތަކެއް ވީޑިއޯއަކުން (ވީޑިއޯ ސްކްރީންޝޮޓް)

އަންހެނުން މަދު ކޮންމެ ދާއިރާއެއްގައި ވެސް އަންހެނުންގެ ބޭނުންތަކަށާއި އަންހެނުންނަށް މުހިއްމު ކަންކަމަށް ސަމާލުކަން ދިނުން އޮންނަނީ ކުޑަވެފަ އެވެ. އަންހެނުންނަށް ހާއްސަ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްކުރާނެ ބަޔަކު ނުތިބެ އެވެ. އައިޝާ ވިދާޅުވިގޮތުގައި އައިޓީއަށް ވެސް އަންހެނުން މުހިއްމުވާ އެއް ސަބަބަކީ އެއީ އެވެ.

"ކޮންމެ ޑިޖިޓަލް ހިދުމަތަކާ އެކީގައި ވެސް، އެ ޑިޒައިންކުރާ އިރު ވަރަށް ބޮޑަށް އަންހެނުންނާ ދޭތެރޭ ވިސްނަން ޖެހޭނެ. އަޅުގަނޑުމެންގެ އިހުސާސްތަކެއް އެހެން ބަޔަކަށެއް ނޭނގޭނެ،" އޭނާ ވިދާޅުވި އެވެ.

'ކުދިން އިތުރުވާ ވަރަކަށް ބަދަލު އަންނާނެ'

ހޭލުންތެރިކުރުމަށާއި ތަމްރީންދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުން ޓެކްނޮލޮޖީގެ ދާއިރާއަށް ގިނަ އަންހެންކުދިންތަކެއް ނެރެވޭނެ ކަމަށް ވިމެން އިން ޓެކް އިން އުއްމީދުކުރެ އެވެ. އައިޝާ ގަބޫލުކުރައްވާ ގޮތުގައި "މިއީ މިހެން ވާ ކަމެއް ކަން" މީހުންނަށް ރަނގަޅަށް ނަގައިގަނެވޭނީ ޒުވާން ޖީލު މަސައްކަތަށް ނުކުމެ، ކަންކަން ބަދަލުވާން ފެށުމުންނެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ މި ކުދިން ބޮޑެތިވާ އިރު ރަށްރަށުގައި ފެންނަން ހުންނާނެއޭ މި ކުދިން ކުރަނީ ކޮން ކަމެއްކަން. ކުދިން އިތުރުވާ ވަރަކަށް އެކަން ބަދަލުވާނެ. އެއީ ކުރަން މި އުޅޭ ކަމަކީ،" އައިޝާ ވިދާޅުވި އެވެ.

ޝާނީއަށް ވެސް، އޭނާގެ ދެގޮތެއް ނުވާ ޝައުގުވެރިކަމާއި ދަސްކުރަން ކުރި މަސައްކަތްތަކާ އެކު ކޮންމެވެސް ވަރެއްގެ ތަފާތެއް އިހުސާސްކުރެވެ އެވެ.

"މަންމަ ކުރިން ބުނާނީ ތިއީ ފިރިހެންކުދިންގެ މަސައްކަތެކޭ، ތިކަން ކުރާކަށް ނުވާނެއޭ. މިހާރު ބުނަނީ ޝާނީ ދެން ތީތި ކިޔަވާނީ ކިހިނެއް ހެއްޔޭ؟ އެހެންވީމަ ހީވަނީ ކުރިއާ ހިލާފަށް މިހާރު ކޮންމެވެސް ވަރަކަށް މަންމަ އެކަމާ ވިސްނަން ފަށައިފިހެން،" ޝާނީ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް