އިމްތިޔާޒު ވިއްކަވަނީ 'ތެދުވެރިކަން، އަމާނާތްތެރިކަން، ނަޒާހަތްތެރިކަން'
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މީހުން ދަންނަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބާރުގަދަ ސަރުކާރުގައި ޖަލަށްލީ އެތައް ބަޔަކަށް އަގެއް ނެގުމެއް ނެތި މުޅިން ހިލޭ ސާބަހަށް ވަކީލުކަން ކޮށްދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެކި ގޮތް ގޮތުން ފިއްތާފައި އޮތް ބިރުވެރި އެ ޒަމާނުގައި އިމްތިޔާޒު ވެގެން ދިޔައީ، ސިޔާސީ ހަރަކާތްތަކާ ގުޅިގެން ޖަލުތަކުގައި ބަންދުކުރި އެތައް ބަޔަކާއި އާއިލާތަކަށް ބޮޑު ހިތްވަރަކަށެވެ.
އެ މީހުންގެ ދިފާއުގައި އޭނާ ފުލުސް އޮފީހާއި ޖަލުތަކަށް ހިންގަވަން ފެއްޓެވި އިރު އޭނާ މަޝްހޫރުވެފައި އޮތީ، ޓީވީއެމްގެ އިނގިރޭސި ލަވަ ޕްރޮގްރާމްގެ ހުށައެޅުންތެރިޔާގެ ގޮތުގަ އެވެ. އެކަމަކު ގާނޫނީ ދާއިރާއިން ބޭރުން ކިޔަވައިވިދާޅުވުމަށް ފަހު އޭނާ އެ ދުވަސްވަރު ފެއްޓެވި މަސައްކަތުން، އާންމުންނަށް އޭނާ ފެނުނީ އަސާސީ ހައްގުތައް ހޯދައިދިނުމުގެ ދާއިރާއިންނެވެ. ބަންދުކުރި މީހުން މިނިވަން ވަންދެން އެ މީހުންގެ ދިފާއުގައި ހުންނެވި އެވެ. އެފަދަ މީހުންގެ ގޭގެއަށް ވަޑައިގެން ހިތްވަރު ދެއްވައި އެ މީހުންގެ ކަންކަމުގައި މުޅި ދުވަސް ހޭދަކުރެއްވި އެވެ.
އެ ހިތްވަރަކީ އިމްތިޔާޒުގެ ސިޔާސީ ހަޔާތުގެ ފެށުމެވެ. އޭނާ ވިދާޅުވާ ގޮތުގައި އެމްޑީޕީގެ މެންބަރަކަށް ވެ ސިޔާސީ މަސައްކަތަށް ނުކުންނެވީ ހައްގުތައް ގެއްލި، އަނިޔާއާ ކުރިމަތިވާ މީހުން އެ ހާލުން މިންޖުކުރުމުގެ ބޮޑު އަޒުމުގަ އެވެ. އެ ސިޔާސީ ދަތުރުގައި މިހާރު ނުކުމެ އެ ހުންނެވީ މުޅިން އެހެން ހަރުފަތަކަށް ފައި ނަންގަވައިގެންނެވެ: ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެންމެ ނުފޫޒުގަދަ އެއް މަގާމު، ޗެއާޕާސަންކަމުގެ އިންތިހާބެވެ.
'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ މަގާމަށް ވާދަކުރައްވަނީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ދެއްވީ ވަރަށް ސާދާ ޖަވާބެކެވެ؛
"މިއީ ވަރަށް ގިނަ ބައެއްގެ ވިންދާ ގުޅިފައިވާ ވަރަށް ޕްރިންސިޕަލް ބޭސްޑް ޕާޓީއެއް. އެކަމަކު މިފަހަކަށް އައިސް ޕާޓީ އޭގެ އަސްލުތަކާ ދުރަށް ދާ ތަން، ދުރުވާ ތަން އެބަ ފެނޭ. މިކަހަލަ އިހުސާސްތަކެއް އަޅުގަނޑަށް ކުރެވެން ފެށީމާ މި ނުކުތީ. އެ މާޔޫސްކަމުގައި އެތައް ބަޔަކު ޕާޓީއާ ފެޔަށް ވެސް އެބަ ޖެހޭ. އަޅުގަނޑު މި ނުކުތީ އެމްޑީޕީ އޭގެ އަސްލަށް ރުޖޫއަކުރަން. އެ މީހުންނަށް އުންމީދު ހޯދައިދޭން. އެ ފޯރި، އެ އުސޫލުތައް އަނބުރާ ގެންނަންް."
އެމްޑީޕީ ގާއިމްވެފައި އޮތް އުސޫލުތަކުގެ ގޮތުގައި އިމްތިޔާޒް ވިދާޅުވީ:
-
މިނިވަންކަން
-
ބިރުދެއްކުމުން އެއްކިބާވުން
-
މިނިވަންކަން ހޯދައިދިނުން
-
ރައްޔިތުންގެ ފުދުންތެރިކަމާއި ތަރައްގީ
މިފަހަކަށް އައިސް ޕާޓީ އޭގެ އަސްލުތަކާ ދުރަށް ދާ ތަން، ދުރުވާ ތަން އެބަ ފެނޭ. މިކަހަލަ އިހުސާސްތަކެއް އަޅުގަނޑަށް ކުރެވެން ފެށީމާ މި ނުކުތީ. އެ މާޔޫސްކަމުގައި އެތައް ބަޔަކު ޕާޓީއާ ފެޔަށް ވެސް އެބަ ޖެހޭ. އަޅުގަނޑު މި ނުކުތީ އެމްޑީޕީ އޭގެ އަސްލަށް ރުޖޫއަކުރަން. އެ މީހުންނަށް އުންމީދު ހޯދައިދޭން. އެ ފޯރި، އެ އުސޫލުތައް އަނބުރާ ގެންނަންް.
އެއަށް ފަހު ދެން އިތުބާރާ އެކު ވިދާޅުވީ "އެމްޑީޕީގެ އެ އުސޫލުތައް ދަމަހައްޓައި ޕާޓީ އެއްބައިވަންތަކޮށް، އެއް ރޫހެއްގައި އުސޫލުތައް ދަމަހައްޓަން މަސައްކަތް ކުރާ އެމްޑީޕީއެއް ހޯދައިދެވޭނީ" އޭނާއަށް ކަމަށެވެ. އެކަމާ ޝައްކު ކުރާނެ އެމްޑީޕީގެ މެންބަރަކު ނުހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީގެ އެކި މަގާމުތަކުގައި އޭނާއަށް ކުރެއްވުނު ތަޖުރިބާތަކާ އެކު ޗެއާޕާސަންގެ ޒިންމާތައް ނެންގެވޭނެ ގާބިލްކަން އޭނާގެ އެބަ ހުއްޓެވެ.
"އަޅުގަނޑަށް ޔަގީން އަޅުގަނޑާ ދެކޮޅަށް ވޯޓު ދެއްވާ ބޭފުޅުން ވެސް އަޅުގަނޑުގެ ގާބިލްކަމާ މެދު ޝައްކު ކުރައްވާފައެއް ނޫން އެ ދެކޮޅަށް ވޯޓު ދެއްވާނީ. އެ ބޭފުޅުން ވެސް ހިތުގެ އަޑިން އަޅުގަނޑަށް ތާއީދު ކުރައްވާނެ،" އެމްޑީޕީގެ ތަރުޖަމާނުކަން ވެސް ކުރައްވާ އިމްތިޔާޒް ވިދާޅުވި އެވެ.
"މިއީ އެތައް ބައެއްގެ އެދުމުގެ މަތިން އަޅުގަނޑު ދިން އިޖާބައެއް."
'ތެދުވެރިކަން، އަމާނާތްތެރިކަން، ނަޒާހަތްތެރިކަން'
އިމްތިޔާޒް ވިދާޅުވި ގޮތުގައި އޭނާއާ ދެން ވާދަކުރައްވާ ކެންޑިޑޭޓަށް ވޯޓު ނުދީ އޭނާއަށް ވޯޓު ދޭން ޖެހޭ އެންމެ ބޮޑު ސަބަބަކީ ޕާޓީއަށްޓަކައި އޭނާގެ އޮތް އިހުލާސްތެރިކަމާއި ތެދު ނިޔަތެވެ. އެތައް ހުށަހެޅުންތަކެއް ލިބުނަސް މި އޮތް ހުރިހާ ދުވަހު ވެސް ދެ ގޮތެއް ނުވެ ޕާޓީއާ އެކު އޭނާ ދެމިހުންނެވީ، އިމްތިޔާޒް ވިދާޅުވި ގޮތުގައި، އެމްޑީޕީގައި ގަބޫލުކުރާ އުސޫލުތަކެއް ހުރުމުންނެވެ. އޭނާ އެމްޑީޕީގެ މެންބަރުންނަށް ދެއްވާ ޔަގީންކަމަކީ ކޮންމެ ގޮތެއް ވިޔަސް އޭނާ ގަބޫލުކުރައްވާ އުސޫލުތައް ހިފަހައްޓަވާނެ ކަމެވެ. ވިދާޅުވީ މި އިންތިހާބުގައި އޭނާ އެމްޑީޕީގެ އާންމު މެންބަރުންނަށް ވިއްކަވަން އޮތީ ވެސް އޭނާގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކަމަށެވެ.
"އެއީ އަޅުގަނޑު ދުވަހަކު ވެސް ދޫކޮށްލާނެ ކަންކަމެއް ނޫން؛ ނަޒާހަތްތެރިކަން، ތެދުވެރިކަން، އަމާނާތްތެރިކަން. އެ ސިފަތައް އެމްޑީޕީގެ މެންބަރުންނަށް އަޅުގަނޑުގެ ކިބައިން ފެންނާނީ. މަސްއޫލިއްޔަތު އަދާކުރުމުގައި އެ ކަންކަން ނޫން އެއްޗެއް ނުފެންނާނެ،" އިމްތިޔާޒް ވިދާޅުވި އެވެ.
"އެމްޑީޕީގެ ފިކުރަކީ އަޅުގަނޑުގެ ހިތުގައި ފެށުނީއްސުރެ އޮތް ފިކުރު. މި ހުރިހާ ދުވަސް ވީއިރު އަޅުގަނޑަކީ ޕްރޮޖެކްޓު ހޯދާ، މުއްސަނދިކަން ހޯދާ، ހުންނަ މަގާމެއްގެ ނާޖާއިޒު ފައިދާ ނަގަން އުޅޭނެ މީހެއް ނޫން."
ބޮޑު މަސައްކަތް؛ ޕާޓީގެ އާންމު މެންބަރުން ބާރުވެރިކުރުން
އެމްޑީޕީއަކީ ބައި ލައްކައެއްހާ މެންބަރުންގެ ޕާޓީއެކެވެ. އިމްތިޔާޒް ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ފަރާތުން އޭނާއަށް އަޑުއިވިފައި އޮތް އެންމެ ބޮޑު ޝަކުވާއަކީ އެ ޕާޓީގެ އާންމު މެންބަރުންނާއި ރަށްރަށުގައި ތިބޭ މެންބަރުންނާ ޕާޓީއާ ދޭތެރޭ އޮންނަން ޖެހޭ ރަނގަޅު ގުޅުން އަބަދުވެސް ހީނަރުވެފައި އޮންނަ އޮތުމެވެ.
އިމްތިޔާޒު ވިދާޅުވި ގޮތުގައި ޗެއާޕާސަންގެ މަގާމު ލިބިވަޑައިގެންފި ނަމަ އޭނާގެ މަސައްކަތް ބޮޑަށް އަމާޒުކުރައްވާނީ އާންމު މެންބަރުންނާއި ޕާޓީއާ ދެމެދު އޮންނަ ދުރުކަން ކައިިރިކޮށް، މެންބަރުންގެ ރޫހާއި ބައިވެރިވުމާ އެކު ޕާޓީ ހިންގާށެވެ. އެފަދަ ގޮތަކަށް ޕާޓީގެ އިދާރީ އޮނިގަނޑުތައް އެކުލަވާލުމުގެ ބޮޑު ވިސްނުމެއް އިމްތިޔާޒު ގެންގުޅުއްވަ އެވެ.
"އެންމެ ވަރުގަދަ، އެންމެ އިންތިޒާމްވެގެން ހިނގާ، ޒަމާންތަކަކަށް ހިނގާ، އިންތިހާބުތައް ކާމިޔާބުކުރާ ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީއަށް މި ޕާޓީ ހަދަން އަޅުގަނޑު ލައްކަ މަސައްކަތް ކުރާނަން. އެކަމުގައި ފަހަތަކަށް ނުޖެހޭނަން،" އޭނާ ވިދާޅުވި އެވެ.
'މިއީ މިނިވަނެއް؛ ވަކި މީހަކު ބުނާހާ ގޮތެއް ނުހަދާނަން'
އިމްތިޔާޒު ޗެއާޕާސަންގެ ރޭހަށް ނުކުންނެވުމާ އެކު ގިނަ ބަޔަކު ބުނަމުން އަންނަނީ އޭނާ ވާދަކުރައްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އިމްތިޔާޒް ވިދާޅުވީ ވަކި ބޭފުޅަކު އޭނާއަށް ތާއީދުކުރައްވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާ ޗެއާޕާސަންކަމަށް ވާދަކުރެއްވުމަކީ އެމްޑީޕީއަށް އިތުރަށް ހިދުމަތް ކުރަން ނިންމެވި ނިންމެވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވި ގޮތުގައި އޭނާއަށް ފެންނަނީ ޕާޓީގެ ކޮންމެ ފަންތިއަކުން ވެސް ތާއީދު އޮތް ތަނެވެ. މަޖިލީހުގެ ތެރެއިންނާއި އާންމު މެންބަރުންނާއި ލީޑަޝިޕްގެ ތާއީދު ވެސް އޭނާއަށް އެބަ އޮތް ކަމަށް ގަބޫލުކުރައްވަ އެވެ. އެހެންކަމުން އޭނާ ހުންނެވީ ވަރަށް އިތުބާރާ އެކު އެވެ.
އިމްތިޔާޒަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އޭނާއަކީ ކުރީގެ ރައީސް ނަޝީދު ވިދާޅުވާހާ ކަމެއް ތަންފީޒު ކުރައްވާނެ ބޭފުޅެކެވެ. އެކަމަކު އިމްތިޔާޒް ވިދާޅުވީ އޭނާއަކީ މިނިވަން ބޭފުޅެއް ކަމަށެވެ. އަދި އުސޫލުތަކުގެ ބޭރުން ވަކި ކަމެއް ކުރުމަށް ވެސް އަދި ނުކުރުމަށް ވެސް އެއްވެސް ފަރާތަކަށް އޭނާއަށް ފޯރުވޭނެ ނުފޫޒެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ މިނިވަން މީހެއް. އަޅުގަނޑުގެ ޒިންމާ އަދާކުރާއިރު ކުރިމަތީގައި އޮންނާނީ ޕާޓީގެ އަަސާސީ ގަވާއިދުގައި އެ އޮންނަ އުސޫލުތައް. އުސޫލުން ބޭރުން ކަމެއް އަޅުގަނޑު ނުކުރާނެ، އެއީ މީހަކު ބުނީތީއޭ ކިޔާފައި،" އިމްތިޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދާ ގިނަ ކަންކަމުގައި ހިޔާލު އެއްގޮތް ވުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އިއްތިފާގެކެވެ. ގަބޫލު ކުރާ ޕްރިންސިޕަލްތައް އެއްގޮތް ވަނީ އެވެ. އެގޮތުން ހިޔާނާތުގެ މައްސަލަތައް ބަލާ އިންސާފު ހޯދުމާއި ފަނޑިޔާރުގެ އިސްލާހު ކުރުން ފަދަ ކަންކަމަށް ރައީސް ނަޝީދެކޭ އެއްގޮތަށް ވަކާލާތުކުރައްވަނީ އެއީ އޭނާ ހިތުގެ އަޑިން ގަބޫލުކުރައްވާ އުސޫލުތަކަށް ވާތީ ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ.
މެސެޖް: 'ނުފޫޒެއްގައި ނުޖެހި އެމްޑީޕީގެ އަސްލު ވިންދަށް ވޯޓު ދެއްވާ'
އިމްތިޔާޒް އާންމު މެންބަރުންނަށް ދޫކުރައްވާ މެސެޖަކީ މި އިންތިހާބަކީ އެމްޑީޕީއަކީ އާންމު މެންބަރުންގެ ވިންދާ ގުޅޭ ޕާޓީއަކަށް ހަދަން ލިބޭ ރަނުގެ ފުރުސަތެއް ކަމެވެ. އެ ކަމަށް އޭނާ ހިޔާރުކުރަން ޖެހޭ ސަބަަބަކީ ޕާޓީ އޭގެ މަތީގައި އުފެދުނު އަސްލު އުސޫލުތައް ގަބޫލުކުރާ ކެންޑިޑޭޓަކީ އޭނާއަށް ވުމެވެ.
އެންމެ ވަރުގަދަ، އެންމެ އިންތިޒާމްވެގެން ހިނގާ، ޒަމާންތަކަކަށް ހިނގާ، އިންތިހާބުތައް ކާމިޔާބުކުރާ ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީއަށް މި ޕާޓީ ހަދަން އަޅުގަނޑު ލައްކަ މަސައްކަތް ކުރާނަން. އެކަމުގައި ފަހަތަކަށް ނުޖެހޭނަން.
އިމްތިޔާޒުގެ ގޮވާލެއްވުމަކީ ބިރު ނުގަނެ އަދި ނުފޫޒެއްގައި ނުޖެހި، އޭޕްރީލް 16ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓު ދިނުމެވެ. ޕާޓީއަށް ވަމުންދާ ގޮތާއި ވާން އުޅޭ ގޮތް ރަނގަޅަށް އެނގި ތިބެ، އެކަމުން ސަލާމަތް ކުރަން އޭނާއަށް ވޯޓު ދޭން އެދިވަޑައިގަތެވެ.
"އެމްޑީޕީ އަބަދުވެސް ގަބޫލުކުރީ ވޯޓު ދިނުމަކީ އެންމެ ބޮޑު ހައްގޭ. އެއަށް ނުފޫޒެއް، ބިރުދެއްކުމެއް ނޯންނާނޭ. އެހެން ވީމާ އަޅުގަނޑުގެ އެދުމަކީ ބިރެއް ނެތި، ވަޒީފާ ގެއްލުނަސް ވަޒީފާ ނުލިބުނަސް ނުކުމެ އެމްޑީޕީގެ އުސޫލާ އެއްގޮތަށް ވީހާ ގިނަ މެންބަރުން އަޅުގަނޑަށް ވޯޓު ދެއްވާށޭ، އުސޫލު ހިފަހައްޓަވާށޭ،" އިމްތިޔާޒު ވިދާޅުވި އެވެ.
ކޮމެންޓް (2)
ކަލްޓްމޭން
ޏަމްޏަމް