ރާޅުފަށް

ފޮޓޯ ސްޓޯރީ: މި ފަހަރު، ފަރިވެ ފޮޅިލާފައިވާ މަކުނުދޫގެ ރީތި ބޯގަންވިލާ ގަސްތައް

މިއީ މި ރަށުގެ ކޮންމެ މަގަކުން ވެސް ފެންނަ ހިތްގައިމު ކަމެއް. ރަށުގެ ގިނަ ބަޔަކު ބޯގަންވިލާ ގަސް އިންދަން ލޯބި ކުރާއިރު، ބައެއް ހިސާބުތަކުގައި ހުރިހާ ގެއެއްގައިހެން ބޯގަންވިލާ ހުރޭ

މި ފަހަރު ހދ. މަކުނުދުއާ ގުޅޭ މާ އާދަޔާހިލާފު ވާހަކައެއް ނޫނެވެ؛ އެކަމަކު އެ ރަށު މީހުން ބަގީޗާ ހެއްދުމާއި ހާއްސަކޮށް ބޯގަންވިލާއަށް އޮތް ލޯބި ދައްކައިދޭ ރީތި ފޮޓޯތަކެކެވެ.

ކުލަކުލައިގެ ބޯގަންވިލާ ގަސް މަކުނުދުއަށް ތައާރަފްވީ ވަރަށް ފަހުންނެވެ. މި ރަށުގެ ގިނަ ގެތަކުގެ ގޯތިތެރެއިން ވެސް މި ރީތިކަން މިހާރު ވަނީ ފެންނަން ފަށައިފި އެވެ. 

މަކުނުދޫގެ ގެއެއްގައި ހައްދާފައިވާ ބޯގަންވިލާ ގަހެއް (ދައުރު ފޮޓޯ/މުހައްމަދު ވާސިފް)
މިހާރު ހުރިހާ ވައްތަރެއްގެ ކުލަކުލައިގެ ބޯގަންވިލާ ވެސް މި ރަށުން ފެނޭ (ދައުރު ފޮޓޯ/މުހައްމަދު ވާސިފް)

މިހާރު ބޯގަންވިލާ ގަސްތައް މިރަށުގައި އަންނަނީ އާދަޔާހިލާފަށް ގިނަވަމުންނެވެ. ރަށުގެ ބައެއް ހިސާބުތަކުގައި ކޮންމެ ގެއެއްގައި ވެސް ބޯގަންވިލާ ގަހެއް ހުރެ އެވެ. އެހެން ހިސާބުތަކުގައި ވެސް މީހުން އަންނަނީ ގޯތިތެރޭގައި ބޯގަންވިލާ އިންދައި، ރޯކުރަމުންނެވެ.

ކައިރިކައިރިން މި ގޮތަށް މިހާ ބައިވަރު ބޯގަންވިލާ ގަސްތައް ހުރުމުން އިތުރު ހިތްގައިމުކަމެއް މަގަށް ގެނެސްދޭ (ދައުރު ފޮޓޯ/ މުހައްމަދު ވާސިފް)
މަކުނުދޫ ގޭގޭގައި ބޯގަންވިލާ މި ގޮތަށް ހައްދައި ބޮޑުކުރަން ފެށިތާ އަދި މާ ގިނަ އަހަރުތަކެއް ނުވޭ (ދައުރު ފޮޓޯ/ މުހައްމަދު ވާސިފް)

މި ރަށުގައި މިހާރު ހުރިހާ ކުލައެއްގެ ވެސް ބޯގަންވިލާ ހުރެ އެވެ. އެންމެ ކުރިއްސުރެ ފެންނަ ގަދަ ފިޔާތޮށީގެ އިތުރުން، މަޑު ފިޔާތޮއްޓާއި ހުދާއި އޮރެންޖާއި ޕީޗުގެ އިތުރުން ރީނދޫ ކުލައިގެ މާ އަޅާ ގަސް ވެސް ހުރެ އެވެ.

އެކި ގޭގެއިން ގޮފި ކަނޑައިގެން ގެންގޮސް އެހެން ގޭގޭގައި އިންދައި، މުޅި ރަށަށް މިހާރު އަންނަނީ މި ރީތިކަން ފެތުރެމުން (ދައުރު ފޮޓޯ/މުހައްމަދު ވާސިފް)
ބައެއް ގޭގޭގައި އެއްވައްތަރަށް ވުރެ ގިނަ ވައްތަރުގެ ބޯގަންވީލާ ގަސް ވެސް ހައްދާފައި ހުރޭ (ދައުރު ފޮޓޯ/މުހައްމަދު ވާސިފް)

މަކުނުދޫގެ ބައެއް ހިސާބުތަކުގެ މަގުމަތިން ހިނގާލާފައި ދާއިރު ފެންނާނީ، ގޭގެ ވަށާފާރު މަތިން ބޭރަށް ނުކުމެ އޮންނަ ބޯގަންވިލާ މާކޯޅިތަކެވެ. އެކި ކުލަކުލައިގެ މާތައް އެހެން ފެންނައިރު ވަރަށް ހިތްގައިމެވެ.

މިއީ މި ރަށުގެ މީހުން ވަރަށް ލޯބިން، ވަރަށް ޝައުގުވެރިކަމާ އެކު މިހާރު ކުރަމުން އަންނަ ކަމެކެވެ. ރީތިކޮށް ހެދިފައި ހުރި ގަހަކުން، ގޮފި ކަނޑައި ދެން ތިބި މީހުންނަށް ދީގެން އެކުގައި ކުރަމުން އަންނަ ބަގީޗާ ހެއްދުމެކެވެ.

މަކުނުދޫގެ ބައެއް މީހުން ބުނާ ގޮތުގައި ގޭގޭގައި މިގޮތަށް މިހާ ރީތި ގަސްތައް އިންދުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ވެސް ލިބޭ (ދައުރު ފޮޓޯ/ މުހައްމަދު ވާސިފް)
ރަށުގެ ބައެއް ހިސާބުތަކުގެ ގިނަ ގޭގެއިން ބޯގަންވިލާ ފެންނަ އިރު އެހެން ހިސާބުތަކުގައި ވެސް މިހާރު އަންނަނީ ގަސް އިންދައި ހައްދަމުން (ދައުރު ފޮޓޯ/ މުހައްމަދު ވާސިފް)

އިތުރު އާޓިކަލް

އިތުރު އާޓިކަލް