މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ޅ. މަޑިވަރު އެއާޕޯޓުގައި (ފޮޓޯ/ޝާހިދު/ފޭސްބުކް)

އެއާޕޯޓުތަކުން އާއްމުންގެ އުއްމީދު ހާސިލްނުވެ އަގުގެ ޝަކުވާ

ޑޮމެސްޓިކް އެެއާޕޯޓުތައް އިތުރު ކުރިޔަސް ގިނަ ބަޔަކަށް އެތެރޭގެ ދަތުރުފަތުރު އަތްފޯރާ ވަރެއް ނޫން

ޑޮމެސްޓިކް އެއާޕޯޓުތަކުން ރާއްޖެ ގުޅާލާ، ދަތުރުފަތުރަށް ލުއި ހޯދައިދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 40 މިނެޓުން ދެވޭހާ ކައިރީގައި އެއާޕޯޓުތައް ތަރައްގީ ކުރުމެވެ. ރައީސް އަބްދުުﷲ ޔާމީންގެ ސަރުކާރުން ގެންގުޅުނު އެ އަމާޒަށް ވާސިލްވުމަކީ މި ސަރުކާރުގެ ވެސް ސިޔާސަތެކެވެ.

އެކަމަކު، އެގޮތަށް އަޅަމުންދާ އެއާޕޯޓުތަކުން، އާއްމުންގެ ތަކުލީފަށް ލުޔެއް އެބަ ލިބޭ ހެއްޔެވެ؟

ފަރެސްމާތޮޑާ އެއާޕޯޓު

ފެށުނީއްސުރެ އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމެވެ. ހާއްސަކޮށް އެންމެ ދެކުނަށް ދަތުރު ކުރުމުގެ ހޭދައަކީ ރާއްޖޭން ބޭރަށް ދާން ކުރާ ހަރަދާ އެއްވަރުގެ ނޫނީ އެއަށް ވުރެ ބޮޑު ހަރަދަކަށް ވާތީ، އެ ކަންބޮޑުވުމެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ ވައުދާ އެކު މި ސަރުކާރު ވެރިކަމަށް އައިސް ފުރަތަމަ 100 ދުވަހުގެ ތެރޭ އެ ބަދަލު ގެނަ އެވެ. ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޭރު 10 އެއާޕޯޓަކަށް ކުރި ދަތުރުތަކުގެ އަގު 2 ޖެނުއަރީ 2019 ގައި ހެޔޮކުރި އެވެ.

  • އެއާއެކު އޭރު ޓިކެޓުގެ އަގު ހުރި ވަރުން %30-25 ކުޑަކުރި 

  • ކުރިން އައްޑޫ ގަމުން މާލެއަށް 3،500 ރުފިޔާ އަށް ލިބެންހުރި ދެކޮޅު ޓިކެޓުގެ އަގު 2،666 ރުފިޔާއަށް ހެޔޮވި

  • އެތެރޭގެ އުދުހުންތަކުގެ އަގު އާއްމުންގެ އަތްފޯރާ ފަށަށް ގެނައީ ކަމަށް އޭރު ސަރުކާރުން ބުނި

މޯލްޑިވިއަންގެ ބޯޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައިި (ފޮޓޯ/ގަން އިންޓަނޭޝަނަލް އެއާޕޯޓު/ޓްވިޓާ)

އެކަމަކު ޓިކެޓުގެ އަގު ހެޔޮކުރިތާ އަހަރެއް ނުވަނީސް ލައްވައިލީ ކޮވިޑުގެ ބަލިމަޑުކަމެވެ. އޭވިއޭޝަން ދާއިރާ އަށް ކުރިމަތިވި އަޑިގަނޑާއި އިގްތިސޯދީ ވެއްޓުމާ އެކު އަނެއްކާވެސް ޓިކެޓުގެ އަގު ބޮޑުވާން ފެށި އެވެ. އޭގެ ތެރެއަށް ދެން އިތުރުވީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބައިނަލްއަގުވާމީ ބާޒާރުގައި އުފުލި ޖެޓް ފިއުލް އަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމެވެ. އަދި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުވުމާ އެކު ޓިކެޓުގެ އަގުން އެ ބައި ވެސް ފެންނަން ފެށި އެވެ.

މޯލްޑިވިއަންގެ މަތިންދާބޯޓެއް ވައިގެ ތެރޭގައި:  (ފޮޓޯ/މޯލްޑިވިއަން)

ރާއްޖޭގެ 16 އެއާޕޯޓަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރާ މޯލްޑިވިއަންގެ ދެކޮޅު ޓިކެޓުގެ އަގުތައް މި ވަގުތު ހުރި ގޮތް:

  • ހޯރަފުށިި: 2،927ރ

  • ހަނިމާދޫ: 2،927ރ

  • ކުޅުދުއްފުށި: 2،927ރ

  • ފުނަދޫ: 2،927ރ

  • މާފަރު: 2،754ރ

  • އިފުރު: 2،754ރ

  • މަޑިވަރު: 2،754ރ

  • ތިމަރަފުށި: 2،927ރ

  • ކައްދޫ: 2،927ރ

  • ކޫއްޑޫ: 3،148ރ

  • މާވަރުލު: 3،148ރ

  • ފަރެސްމާތޮޑާ: 3،256ރ

  • ކާޑެއްދޫ: 3،385ރ

  • ފުވައްމުލައް: 3،305ރ

  • ގަން: 3،374ރ

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މޯލްޑިވިއަން އިން މި މަހުގެ 15 އިން ފެށިގެން ބ. ދަރަވަަންދޫ އަށް ދަތުރުތައް ފަށަން ނިންމާފައިވާއިރު ޕްރޮމޯޝަނަލް އަގެއްގެ ގޮތުގައި ޓިކެޓު ވިއްކަނީ ދެކޮޅަށް 1،679 ރުފިޔާ އަށެވެ. ޕްރޮމޯޝަންގެ ބޭރުން އެ ޓިކެޓުގެ އަގަކީ ދެކޮޅަށް 2،251 ރުފިޔާ އެވެ.

ޓިކެޓަށް ބޮޑު އަގު ދީގެން ކުރާ ދަތުރަށް ފަހު މަންޒިލާ ހަމައަށް ދާން ކަނޑު އުޅަނދެއް ބޮޑު އަގުގައި ކުއްޔަށް ނަގަން ޖެހުމަކީ ވެސް ބައެއް މީހުން އުފުލަން ޖެހޭ ބުރަ އެކެވެ.

ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ޒުވާނަކު ނޫހުގައި ނަން ނުޖަހަން އެދި ބުނިގޮތުގައި އޭނާގެ އުފަން ރަށަށް ދާން ފްލައިޓު ޓިކެޓަށް ދެކޮޅަށް 3،385 ރުފިޔާ އާއި އެއާޕޯޓު އޮންނަ ރަށުން އޭނާގެ ރަށަށް ދާން ސްޕީޑު ލޯންޗު ކުއްޔަށް ނަގަން 700-500 ރުފިޔާ ހޭދަކުރަން ޖެހެ އެވެ.

މޯލްޑިވިއަންގެ މަތިންދާބޯޓެއް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި (ދައުރު ފޮޓޯ)

އެއާޕޯޓުތައް އިތުރުވުމަކީ ބައެއް ހާލަތްތަކުގައި ވަރަށް ބޮޑު ލުޔެކެވެ. ވިއްސާރާގައި ގަދަ ކަނޑުގައި ކުރަން ޖެހޭ ދަތުރުތައް ކެންސަލް ކުރަން ޖެހި ނޫނީ އެ ދަތުރުތައް ނުކުރެވި ތިިބުމަށް ނިމުމެއް ގެނެސްދިން ކަމެކެވެ. ކާށިދޫ ކަނޑު ހުރަސްކޮށް މީގެ ކުރިން ކުރި އަށް ގަޑިއިރުގެ ދަތުރު ހަމަ ގައިމު ވެސް 30 ހަކަށް މިނެޓަށް ކުޑަވެއްޖެ އެވެ. އެކަމަކު އެ 30 މިނެޓަށް ޖީބުން ކުރަން ޖެހޭ ހަރަދު ބޮޑުކަމުގެ ޝަކުވާ އެބައޮތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. މަޑިވަރު އެއާޕޯޓު ޑިސެމްބަރު 2021 ގައި ރަސްމީކޮށް ހުޅުވައިދެއްވައި ވާހަކަ ދައްކަވަމުން ފާހަގަ ކުރެއްވި އެއް ކަމަކީ، މަޑިވަރުން މާލެއަށް ކުރަންޖެހޭ ދަތުރުގެ އަގު ބޮޑުކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން އިވިފައިވާތީ، އެކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމެވެ. އޭރު ޓިކެޓުގެ އަގު ހުރީ ކޮޅަކަށް 1،029ރ އަށެވެ. ރައީސް ނިސްބަތްވެވަޑައިގަންނަވާ ޅ. އަތޮޅުގެ މީހުން 30 އަހަރަށް ވުރެ ގިނަ ދުވަހު ކުރަމުން އައި އެއާޕޯޓުގެ އިންތިޒާރަށް ނިމުން ގެނެސް، އެ އަތޮޅުގައި އެންމެ ގިނަ ރިސޯޓު ހިންގާ ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީ ކުރި މަޑިވަރު އެއާޕޯޓަކީ އަތޮޅުގެ އެތަކެއް ހާސް ރައްޔިތުންްނެއްގެ އުއްމީދާ ގުޅިފައިވީ ތަނެކެވެ. މާލެއާ ދެމެދު ދަތުރުކުރުމަށް ހުރަސްކުރަން ޖެހޭ ކާށިދޫ ކަނޑުގެ ގަދައިގެ ތަކުލީފަށް ނިމުން ގެނެސްދޭނެ ކަމަށް ބެލެވުނު އެއާޕޯޓެކެވެ. ނަމަވެސް އާންމު ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި އެ އެއާޕޯޓުގެ ފައިދާ ކުރާ ތަނެއް ނުފެނެ އެވެ.

"އީދަށް ރަށަށް ދާން ބެލި އިރު ޓިކެޓު މިއުޅެނީ ގާތްގަނޑަކަށް 3،000 ރުފިޔާ އަށް. ތިން މީހުން ދަންޏާ ހަރަދުވޭ 9،000 އެއްހައި ރުފިޔާ. އެއާޕޯޓަކީ ލިބުނު ފަސޭހައެއް. އެކަމަކު އެ ތަނަށް ދާން، އެ ފަސޭހައިގެ ފަސޭހަކަން ލިބިގަންނަން މި ކުރަންޖެހޭ ހޭދައިގެ ބުރަ މާ ބޮޑު،" ޅ. އަތޮޅަށް ނިސްބަތްވާ ޒުވާނަކު ނަން ނުޖަހަން އެދި ބުންޏެވެ.

މޯލްޑިވިއަންގެ މަތިންދާބޯޓެއް މަޑިވަރު އެއާޕޯޓުގައި (ފޮޓޯ/ޝާހިދު/ފޭސްބުކް)

ރައީސް ވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޅ. ނައިފަރަށް ވަޑައިގެން ވާހަކަ ދައްކަވަމުން ވެސް، އާއްމުންގެ ކަންބޮޑުވުމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މި ހިސާބަށް އަންނަން 1،020ރ. ކޮޅަކަށް ހަރަދުކުރަން ޖެހުނީމާ އެ ބަލައިގަންނަން މި އަތޮޅުގެ ރައްޔިތުންނަށް ކުޑަކޮށް ދަތި. މިއަދު އަޅުގަނޑަށް މިތާ ހުރެ ވަކި ގޮތެއް އޭގައި ތިޔަ ބޭފުޅުންނާ ހިއްސާކޮށްލަން ދަތިވި ނަމަވެސް، އިރާދަކުރެއްވިއްޔާ އެ ކަމަށް ރަނގަޅު ހައްލެއް، ލަސްތަކެއް ނުވެ ގެނައުމުގެ މަސައްކަތް އަޅުގަނޑު ކޮށްދޭނަން،" އޭރު ރައީސް ވިދާޅުވި އެވެ.

ރައީސްގެ އެ ވާހަކަފުޅާ އެކު، މޯލްޑިވިއަން އިން ވެސް އޭރު ވަނީ މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުގެ އަގަށް ބަދަލުގެންނާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ދަތުރުތައް ފެށިއިރު ހުރި އަގާ އަޅާބަލާއިރު މިހާރު މަޑިވަރު ދަތުރުތަކުގެ އަގު ވަނީ 300 ރުފިޔާ އަށް ވުރެ ބޮޑުވެފަ އެވެ.

އޮޕަރޭޝަން ދެމެހެއްޓޭ ވަރުގެ އާމްދަނީއެއް ބޭނުންވޭ: މޯލްޑިވިއަން

މޯލްޑިވިއަންގެ ޓިކެޓުގެ އަގު ބޮޑުކަމުގެ ޝަކުވާއާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނީފާ ވިދާޅުވީ އެއާލައިނެއްގެ ޓިކެޓުގެ އަގު ކަނޑައަޅާއިރު ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުންނަ ކަމަށެވެ.

"ފުރަތަމަ ކަމަކަށް ތެލުގެ އަގު، މުވައްޒަފުންގެ މުސާރަ. ޓެކްނިކަލް މުވައްޒަފުންގެ މުސާރަތައް ރަނގަޅު ވަރެއްގައި ބަހައްޓަން އެބަޖެހޭ. މަތިންދާބޯޓެއް އުދުއްސަން ބޭނުންވާ ޕައިލެޓުންނާއި އިންޖިނިއަރުންނަށް ދޭނެ މުސާރައާ މި ހުރިހާ އެއްޗަކަށް ބަލަން ޖެހޭ،" ޖެނިފާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި އެއާލައިންގެ އޮޕަރޭޝަންތައް ދަމަހައްޓަން ކުންފުންޏަށް އެކަށީގެންވާ އާމްދަނީއެއް ލިބެން ޖެހެ އެވެ.

"ތެލުގެ އަގު އުފުލިއްޖެ، ކޮވިޑުގެ ފަހުން ހުރި ވަރަށް ވުރެ %48 ބޮޑަށް. އަޅުގަނޑުމެންނަށް ފިޔުލް އަގު ބޮޑުކޮށް ލިބޭ ކޮންމެ ފަހަރަކު ޓިކެޓުގެ އަގު ބޮޑެއް ވެސް ނުކުރަން،" ޖެނިފާ ވިދާޅުވި އެވެ.

ހުވަދޫ އަށް ކުރާ ދަތުރަށް ވެސް 3،000 އަށް ވުރެ ގިނަ ރުފިޔާ ޓިކެޓަށް ހޭދަކުރަން ޖެހުމަކީ އެ ސަރަހައްދަށް ދަތުރުކުރަން ބޭނުންވާ މީހުންގެ ޝަކުވާ އެކެވެ. ކުރު ޗުއްޓީއަކަށް އާއިލާ ކައިރިއަށް ދާން އެ ހޭދަނުކޮށް އެމީހުންނަށް އިތުރު ގޮތެއް ނޯވެ އެވެ.

އެއާޕޯޓުތަކާ އެކު އާއްމުން ކުރާ އެންމެ ބޮޑު އުއްމީދަކީ ފަސޭހަކަމާ އެކު ހެޔޮ އަގުގައި ދަތުރު ކުރެވުމެވެ. އެކަމަކު ކޮންމެ ރަށަކަށް، ކޮންމެ އަތޮޅަކަށް ސިޔާސީ ބޭފުޅުން ވަޑައިގެން އެ ރަށެއްގައި ނޫނީ އެ ރަށެއްގެ ކައިރީ އެއާޕޯޓު އަޅަން ވާ ވައުދުން އުފެދިގެން އަންނަ އެ އުއްމީދު ހަގީގަތަކަށް ނުވުމަކީ ޝަކުވާއެކެވެ.

ކޮމެންޓް (2)

ސިކުނޑި

14 ޖޫން 2023
ދިވެހީންނަށް އޮތީ ޝަކުވާ ކުރުން! ސަރުކާރަށް ސަނާކިޔާފައި މާލީ މަންފާ ހޯދައިގެން އައިސް ހޮޅުއަށީގައި ތިބެ ޝަކުވާކުރުން! ހުރިހާ ސިނާއަތްތަކުންވެސް ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރަނީ! ނުވިތާކަށް ބޭރު މީހުންވެސް ހިތައް އެރިގޮތަކަށް އުޅެނީ! ދިވެހީނަށް އޮތީ އުނުއޮރިޔާން ނިވާނުވާ ދައުލަތަކާއި ދެކޮޅު ނުޖެހޭ ބަޖެޓަކާއި ދަރަނިވެރި މުސްތަގުބަލެއް!
0 0

އަތޮޅުގެ އަޑު

14 ޖޫން 2023
ރާއްޖޭގެ އެންމެ ރަނގަޅު އޮޕަރޭޝަނެއް އޮންނަ އަދި އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއަރޕޯޓް(ދަރަވަންދޫ އެއަރޕޯޓް) ވާހަކަ ނެތުން ދެރަ. އަދި އެވަރު ނުވެގެން އެތަނުގެ ހާލަތު އެހާ ބޮޑަށް ދަށްވެ، ބޮލަށް ވެއްޓޭ ހިސާބަށް ގޮސްފައި އޮތް އިރު ސަރުކާރުން އެތަން މަރާމާތު ކުރަން ނުވަތަ ރަނގަޅު ކުރުމަށް މަސައްކަތް ނުކުރާ ކަން ފާހަގަވެއެވެ. މި ޚަބަރު ގެނެސްދޭ ވީނުންތޯ؟؟
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް