ރައީސް ސޯލިހު (ވ) އާއި ކުރީގެ ރައީސް ނަޝީދު (ކ) އެމްޑީޕީގެ ޖަލްސާއެއްގައި: މިއަދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަވެރިކަން އޮތީ މި ދެ ބޭފުޅުންގެ ދެމެދުގައި (ފައިލް ފޮޓޯ/ އޭޕީ)
ވާދަވެރި ޕްރައިމަރީއަކާ އެކު އެމްޑީޕީ އަނެއްކާވެސް ތާރީހުގެ ތެރެއަށް
ދެކޮޅުން ރައްދު ދީފި އެވެ. ދެ ކެންޑިޑޭޓުން، ވޯޓުގެ ކުރިން 'ކަތިލައިފި' އެވެ. ސޯޝަލް މީޑިއާގައި ހަޑިހުތުރު އެއްޗެހި ގޮވައިފި އެވެ. މަލާމާތުން ފުރުނެވެ. ތުހުމަތުތަކުން ނަން ހަރާބުވި އެވެ.
މި ހުރިހާ ކަމަކާ އެކު ވެސް މިއަދު އެމްޑީޕީ އަނެއްކާވެސް އެ ވަންނަނީ ރާއްޖޭގެ ތާރީހުގެ ތެރެއަށެވެ. ޑިމޮކްރަސީގައި ހިޔާލު ތަފާތުވުމާއި ޒުވާބު ވެސް އޮންނާނެކަން ގަބޫލުކުރާ ދިވެހިންނަށް ނެގެނީ މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ދެއްކި ނަމޫނާ ވާދައެއްގެ ގޮތުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުގައި ބާރުތައް އޮވެމެ، އެތެރޭގެ ޕްރައިމަރީއަކަށް ވަޑައިގަތުމަށް ނިންމެވުމަކީ، ކުރީގެ ރައީސުންނާއި ކުރިމަގުގެ ރައީސުންނަށް ދެއްކެވި ނަމޫނާއެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް އަދި ނިމުން ނާންނަކަމާއި ޕާޓީ ތެރޭގައި އަދިވެސް ނުފޫޒު ގަދަކަން ސާބިތުކުރައްވަން މި ޕްރައިމަރީއަށް ނުކުންނެވުމަކީ ވެސް، ރާއްޖޭގެ ސިޔާސީ ހަޔާތުގައި ނަމޫނާއެކެވެ.
މި ފޯރިގަދަ، ވާދަވެރި އަދި ހުރިހާ ރައްޔިތުން އިންތިޒާރުގައި ތިބެން ޖެހޭވަރުގެ މި ޕްރައިމަރީއާ ގުޅިފައިވާ ތަފާތު އެތައް މަގުސަދެއް އޮންނާނެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މެމްބަރުން، ކޮންމެ ގޮތަކަށް މި ވާދަކުރުމުގެ މާނަ ނެގި ނަމަވެސް، ރާއްޖޭގެ މިނިވަން ސިޔާސީ ހަޔާތުގައި މި ޕްރައިމަރީ ތަފާތުވަނީ، ވެރިކަމުގައި ހުންނެވި ރައީސަކު މިކަހަލަ އިންތިހާބަކަށް ނުކުންނެވި ކަމުންނެވެ.
"މިއިން އެބަ ދައްކައިދޭ އެމްޑީޕީއަކީ އެ ޕާޓިގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތު ވިޔަސް، އެކަން ފާޅުކުރަން ފުރުސަތު ލިބޭކަން،" މިއަދުގެ އިންތިހާބުގެ ގޮތުން ނަން ނުޖަހަން ޝަރުތުކުރައްވާ ވާހަކަ ދެއްކެވި، ރައްޔިތުންގެ މަޖިލިހުގައި އެހެން ޕާޓީއެއް ތަމްސީލުކުރައްވާ މެމްބަރަކު ވިދާޅުވި އެވެ.
"ވޯޓަކީ ވެސް އެމީހަކު ބޭނުންވާ ހިޔާލު ފާޅުކުރަން ލިބޭ ފުރުސަތެއްތާ. އެހެންވީމާ އެމްޑީޕީން އަސްލު ނަމޫނާއެއް ދައްކައިދެނީ. އެއީ ޕާޓީގެ އެތެރޭގައި ކިތައްމެ ހިޔާލު ތަފާތުވިޔަސް، އެ ހިޔާލު ފާޅުކުރެވޭނެކަން. އެ ފުރުސަތު ލިބޭނެކަން."
އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ރިޔާސީ ތިން އިންތިހާބެއް ބޭއްވި އިރު ވެރިކަމުގައި ހުންނެވި ބޭފުޅަކު އިންތިހާބަށް ނުކުންނެވީ، ނިސްބަތްވާ ޕާޓީގެ އެތެރޭގައި ވާދަވެރި ރިޔާސީ ޕްރައިމަރީއެއް ނުބާއްވަ އެވެ. ފުރަތަމަ 2008ގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ ފަހުން 2013ގައި އެމްޑީޕީގެ ޓިކެޓްގައި ކުރީގެ ރައީސް ނަޝީދެވެ. އަދި 2018 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ޓިކެޓްގަ އެވެ.
އެމްޑީޕީގެ މެމްބަރުން ނަޝީދަށް އެހެން 'ދަރަންޏެއް' ވެސް އަދާކޮށްދިނެވެ. އެއީ 2018ގެ ރިޔާސީ ޓިކެޓް، އެހެން ކެންޑިޑޭޓަކު ވާދަނުކޮށް، އެރުވުމެވެ. އޭރު އެމަނިކުފާނު ހުންނެވީ ޓެރަރިޒަމްގެ ކުށެއް ސާބިތުވުމުން އިންތިހާބުގައި ބައިވެރިނުވެވޭ ހާލަތެއްގަ އެވެ. ބައިނަލްއަގުވާމީ ޕްރެޝަރު އަޔަސް ޔާމީންގެ ސަރުކާރުން ނަޝީދު ބެހެއްޓީ، ރާއްޖެއަށް ވެސް ވަޑައިނުގެންނެވޭހާ ދުރުގަ އެވެ.
އުސޫލެއްގެ ގޮތުން ރާއްޖޭގެ ޕާޓީތަކުން އަމަލްކުރަމުން އައީ ވެރިކަމުގައި ހުންނެވި ބޭފުޅަކަށް، ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ދޭ ގޮތަށެވެ. ޕާޓީގެ އެތެރޭގައި އެ ރައީސެއްގެ ކޮންޓްރޯލް އެހާމެ ބޮޑެވެ. ވާދަކުރުމުގެ ނުފޫޒެއް ހުރި އެހެން ލީޑަރަކު އެއިން ޕާޓީއަކުން ނުފެނެ އެވެ. ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބަށް އަޅައިގަތް އިރު އެމްޑީޕީގެ އެތެރެ އޮތީ އެހެންނެއް ނޫނެވެ. ނުފޫޒު ގަދަ، ބާރުގަދަ، އަދި ޕާޓީގައި ދެ ބޭފުޅުންގެ ތާއީދު ވެސް އެހާމެ ބޮޑު ދެ ވެރިއެއްގެ ސިފަތައް، ރައީސް ސޯލިހާއި ނަޝީދުގެ ކިބައިން އެހެރީ ފެންނާށެވެ.
މި ޕްރައިމަރީގެ ކެމްޕޭން ތެރޭގައި އެއް ކަމެއް، ގިނަ ބަޔަކަށް، ޔަގީނެވެ. ނަތީޖާއާ އެކު އެމްޑީޕީ ވެސް، މީގެ ކުރިން ނުފެންނަ ބައިބައިވުމަކަށް ދިއުމެވެ. ޑީއާރުޕީއަށް ވީ އެހެންނެވެ. ޕީޕީއެމް ވެސް ދެ ފަޅިވި އެވެ. އެކަމަކު ހީކުރިހާ ވަރުގެ ބައިގަނޑެއް މައުމޫން ފަޅިއަކަށް ނޭރި އެވެ.
ރާއްޖޭގެ އާ ޑިމޮކްރަސީގެ ހަޔާތުގައި އެމްޑީޕީއަކީ މައިގަނޑު އެއް ބިންގަލެވެ. އެމްޑީޕީ ދެކެ ރުޅިއަންނަ ރައްޔިތުންނަށް ވެސް، އެ ޕާޓީގެ ހަރަކާތްތެރިންގެ ކެރުމާ މެދު ދެބަހެއް ނުވެވޭނެ އެވެ. އަދި އެމްޑީޕީގެ ސަރުކާރުތަކުން ވެސް ގައުމުގެ ތަރައްގީއަށް ތަފާތު އެތައް ކަމެއް ކުރި އެވެ. އަދި އަންނަނީ ކުރަމުންނެވެ.
ތާރީހީ މި ދުވަހު އެމްޑީޕީގެ މެމްބަރުންގެ ކުރިމަތީގައި އޮތް އިހުތިޔާރު ވަރަށް ބޮޑެވެ. ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދެވެ. ކުރީގެ ގާތް ދެ އެކުވެރިންނެވެ. ސިޔާސީ އަހުންނެވެ. ޕާޓީގެ ބާނީންނެވެ. އެކަމަކު މިއަދު ސިޔާސީ އެހާމެ ބޮޑު ދެ ވާދަވެރިންނެވެ. މި އިންތިހާބާ އެކު، ކުރީގެ ގާތްކަމާއި އެކުވެރިކަން ވެސް ނިމުން ކައިރި އެވެ. ނުވަތަ މިހާރު ވެސް އޮތީ ނިމިފަ އެވެ.
ސިޔާސީ ދާޢިރާގައި އޮންނާނީ އެ ނަތީޖާ އެވެ.