ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އިސް ބައެއް ބޭފުޅުން (ފޮޓޯ/އަބްދުﷲ އަބީދު)

ޕީޕީއެމް

ޕީޕީއެމްގެ ހާލަތު: ޓާމިނަލް ކެފޭ ފެކްޝަން، ޖަނބުރޯލު ގަސް ފެކްޝަން

ދެ ފެކްޝަންގެ ތަފާތު އޮތީ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއް އަތުވެއްޖެ ނަމަ ޓިކެޓް ދޭނެ މީހަކާ މެދު
25 ސެޕްޓެމްބަރު 2022
3

މުހިންމު ނުކުތާތައް

އެންމެ ބޮޑަށް ފެކްޝަންތަކުގެ ބައްދަލުވުންތައް އޮތީ ޔާމީން ޖަލުގައި ހުންނެވި އިރު

ގެއަށް ބަދަލުކުރުމާ އެކު ޖަނބުރޯލް ގަހު ފެކްޝަންގެ ބައެއް މީހުން ޕާޓީގެ ހަރަކާތްތަކުން ދުރުކުރި

އަދިވެސް ޕީޕީއެމްގެ ތެރޭގައި 'ދެން ވާނެ ގޮތަކާ' މެދު ހިޔާލުތައް ތަފާތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެއްވެސް ޝަރީއަތެއް ނުހިނގާ ނަމަ މިވަގުތު ޕީޕީއެމްގެ އެތެރޭގައި ރިޔާސީ ޓިކެޓް ހޯދުމުގެ ދެ ވަނަ ހިޔާލެއް ނުއުފެދުނީހެވެ.

އެކަމަކު މައްސަލައަކީ އެމްއެމްޕީއާރުސީއާ ގުޅިފައި އޮތް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދެ ޝަރީއަތެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިއުމެވެ. އެއިން އެންމެ ޝަރީއަތެއްގައި ވެސް އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް، އެ އެޅުނީ ވަރަށް ބޮޑު ހުރަހެކެވެ. 

އެކަހަލަ ހާލަތެއް އަތުވެދާނެ ކަމަށް، ޕީޕީއެމް ކަހަލަ ވަރުގަދަ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ދެން ކުރިއަށް ދާނެ ގޮތާ މެދު ހިޔާލުކޮށް ރޭވުންތައް ރާވާނެ އެވެ. އެ ރޭވުންތައް އޮތީ ކޮންމެވެސް ވަރަކަށް ކުރިއަށް ވެސް ގޮސްފަ އެވެ. ނުވަތަ އަދިވެސް ފަނޑު ގޮތެއްގައި ނަމަވެސް ކުރިއަށް އެބަ ދެ އެވެ.

ޕީޕީއެމް/ޕީއެންސީގެ އެތެރޭގެ މައުލޫމާތު ހުރި ބައެއް މީހުން 'ދައުރު'އަށް ބައެއް ވާހަކަތައް ހިއްސާކުރި އެވެ. 

މި ވަގުތު ޕީޕީއެމްގެ އެތެރޭގައި އޮތް ދެ ފެކްޝަނަށް ވަނަމަކަށް ދީފައި އޮތީ ޓާމިނަލް ކެފޭ ފެކްޝަނާއި ޖަނބުރޯލު ގަހު ފެކްޝަނެވެ.

ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ބޭއްވި ބޮޑު ޖަލްސާގެ ކުލަތައް: ކުރިމަތީގައި އޮތް ދެ ޝަރީއަތަކީ ހުރަހެއް (ފޮޓޯ/އަބްދުﷲ އަބީދު)

ޓާމިނަލް ކެފޭ ފެކްޝަން ނިސްބަތްވަނީ ޔާމީން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ފަހަތްޕުޅުގައި ތިއްބެވި ބައެއް ބޭފުޅުންނަށެވެ. އެ ބޭފުޅުންގެ ބައްދަލުވުންތަކަށެވެ. އޭގެ ތެރެއިން ބޭފުޅުން ގަބޫލުކުރައްވަނީ، ޕީޕީއެމްގެ ބައެއް މަސްދަރުތަކުން ބުނި ގޮތުގައި، ޔާމީނަށް ހުކުމެއް އައިސް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ވެއްޖެ ނަމަ، ރިޔާސީ ކެންޑިޑޭޓަކަށް ރަނގަޅުވާނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކަމަށެވެ.

ސައީދު މަސައްކަތްކުރައްވަނީ، ޕީޕީއެމްގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޔާމީން އާއި އަނބިކަނބަލުން ފާތުންގެ ރުހުން ހޯއްދަވާށެވެ.

ހުޅުމާލޭގައި ހުރި ޖަނބުރޯލު ގަހެއް ދޮށުގައި ކުރިން ކޮންމެ ރެއަކުހެން ބައްދަލުވުންތައް ބާއްވަމުން ގެންދެވި ފެކްޝަކްގެ ތެރޭގައި ގެންގުޅުނީ/ގެންގުޅެނީ، ޔާމީން ނެތް ހާލަތެއްގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ރަނގަޅުވާނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނުވަތަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ގައްސާން މައުމޫންގެ ނަމެވެ.

ޖަލުން ގެއަށް ބަދަލުކުރުމާ އެކު ޔާމީން ވަނީ ޕާޓީ ޖަހައިގަންނަން އެތެރެއިން މަސައްކަތްކުރިކަމުގެ ތުހުމަތު، ބައެއް ބޭފުޅުންގެ ބޮލުގައި އަޅުއްވައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުން ޕާޓީގެ ކަންކަމުން ކޮންމެވެސް ވަރަށް ދުރު ވެސް ކޮށްލެއްވި އެވެ. 

މިއީ ސިޔާސީ ޕާޓީތައް ހިނގާ ގޮތް

ޕީޕީއެމް އާއި އެމްޑީޕީއަކީ އަދިވެސް ރާއްޖޭގައި ވެރިކަން ހޯދުމުގެ ބާރު އޮތް ހަމައެކަނި ދެ ޕާޓީ އެވެ. އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ ތިން އިންތިހާބުގައި ވެސް ވެރިކަން ފުރޮޅިގެން ދިޔައީ މި ދެ ޕާޓީގެ މެދުގަ އެވެ. އެހެންކަމުން ދެ ޕާޓީގެ އެންމެ އިސް ލީޑަރުގެ ސިޔާސީ ކުރިމަގަށް ހުރަހެއް އަތުވެއްޖެ ނަމަ، އޭނާގެ ބަދަލުގައި އެހެން ލީޑަރަކު ކުރިއަށް ނެރުމުގެ ފިކުރު، ދެ ޕާޓީގެ އެހެން މީހުންނަށް، އަންނާނެ ކަމާ މެދު ޝައްކެއް ނެތެވެ.

އެމްޑީޕީގައި ބާރު އޮތީ ކުރީގެ ރައީސް އަދި ޕާޓީގެ ވެސް ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި ނޫންކަން، އެ ޕާޓީގެ ކޮންގްރެސް އިން ވަނީ ސާބިތުވެފަ އެވެ. އެކަމަކު އެ ކޮންޓްރޯލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުގައި އޮތް ނަމަވެސް އެމަނިކުފާނު ގަސްދުކުރައްވާފައި އޮތީ، ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ޕްރައިމަރީއަކަށް ދާ ގޮތަށެވެ. ރައީސްކަމުގައި ހުންނެވުމާ އެކު އެތައް ބާރެއް ލިބިވަޑައިގެންފައި އޮތް އިރު ވެސް އެގޮތަށް ނިންމެވުމަކީ ރައީސް ސޯލިހަށް ޕްލަސް ޕޮއިންޓެކެވެ.

ޔާމީން ސަޕޯޓަރުންނާ ސަލާންކުރައްވަނީ: ޕާޓީގެ އެތެރޭގައި އޮތް ހިޔާލު ތަފާތުވުންތައް އާންމު މެމްބަރުންނަކަށް ނޭނގޭ (ފޮޓޯ/އަބްދުﷲ އަބީދު)

ޔާމީން ކަންތައް ކުރެއްވީ އެގޮތަކަށް ނޫނެވެ. ޕީޕީއެމްގައި ޕްރައިމަރީއެއް ބޭއްވި ނަމަވެސް ރިޔާސީ ޓިކެޓް ޔާމީން ނޫން ބޭފުޅަކަށް ލިބިވަޑައިގަތުން ވަރަށް ދުރެވެ. އެކަމަކު ޔާމީން ބޭނުންފުޅުވީ އަސާސީ ގަވާއިދަށް ބަދަލު ގެނެސް، އެމަނިކުފާނަށް ޓިކެޓް ލިިބިވަޑައިގަންނަވާނެ މާއްދާއެއް ލިޔާށެވެ. އެގޮތަށް އެކަންވެ، މިހާރު ރަސްމީކޮށް ރިޔާސީ ޓިކެޓް ވެސް ވަނީ އަރުވައިފަ އެވެ.

އެކަމަކު އަދިވެސް ޔާމީނަށް ކުރިމަތިވެދާނެ ހުރަސްތައް ނައްތައެއް ނުލެވެ އެވެ. އެހެންކަމުން ޔާމީން ޖަލުގައި ހުންނެވި އިރު ފެކްޝަންތަކުގެ ބައްދަލުވުންތައް ކުރިއަށް ދިޔަ ގޮތަށް މިހާރު ނުބޭއްވިޔަސް، އޭރު އުފެދުނު ހިޔާލުތައް އެނބުރެމުން އެބަ ދެ އެވެ.

ޕީޕީއެމްގެ ރަސްމީ ބަހަކީ އެފަދަ ހިޔާލު ތަފާތުވުމެއް ނެތް ކަމެވެ. ޕީޕީއެމް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި މުޅި ކޯލިޝަން އޮތީ ރިޔާސީ އިންތިހާބު ޔާމީނަށް ކާމިޔާބުކޮށްދިނުމުގެ މަސައްކަތުގަ އެވެ. ޕީޕީއެމްގެ ތެރޭގައި މައްސަލަތައް އުޅޭ ކަމަށް ބުނެ 'ކުދިކުދި ޕާޓީތަކުންނާ'އި އެހެން މީހުން ވާހަކަ ދައްކަނީ އެ ކާމިޔާބީއަށް ހުރަސްއަޅަން ކަމަށް، އޭނާ ސިފަކުރެއްވި އެވެ.

"ޕާޓީ ކުރިއަރައިގެން އެކަތިގަނޑަކަށް ވެގެން ދާތީވެ، އެކަން ނައްތާލަން، ޕާޓީ ބައިކުރަން ނުވަތަ ފުނޑުފުނޑުކޮށްލަން ދައްކާ ވާހަކަތައް ވެސް ތީގެ ތެރޭގައި ހިމެނޭނެ ދޯ،" ފެކްޝަންތަކާ މެދު ސުވާލުކުރުމުން ހީނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ޕާޓީ އޮތީ، ވަރަށް ރަނގަޅަށް. ޕާޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް ކުރިއަށް އެބަދޭ."

އެކަމަކު ޕާޓީގެ ކަންކަމުގައި އިސް ބޭފުޅުން އުޅުއްވިޔަސް، ދެ ފެކްޝަންގެ ފިކުރުތަކުން މުޅިން ދުރަކަށް ނުދެ އެވެ. ތަފާތަކީ ކުރިން އޮތް ކަހަލަ އާންމު 'ބައްދަލުވުންތައް' މި ދުވަސްކޮޅު ނެތުމެވެ.

"ބޮޑަށް މި ދެ ފެކްޝަންތައް ބައްދަލުވުންތައް އޮތީ ޔާމީން ޖަލުގައި ހުންނެވި އިރު،" ޕީޕީއެމްގެ އެތެރޭގެ މައުލޫމާތު އެނގިވަޑައިގެން ހުންނެވި ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީން ގެއަށް ބަދަލުކުރުމާ އެކު އެމަނިކުފާނުގެ ސިޔާސީ ރޭވުންތައް ކުރިއަށް ނެރުއްވި އެވެ. އެގޮތުން ޕާޓީގެ ރިޔާސީ ޓިކެޓް 'އަތުލައިގަތުމު'ގެ ވިސްނުން ގެންގުޅުނު ޖަނބުރޯލް ގަހު ފެކްޝަންގެ ބައެއް ބޭފުޅުންނަށް ޕާޓީގެ ތެރެއިން އެއްވެސް ބާރެއް ނުލިބޭ ގޮތަށް، ކަންކަން ރޭއްވެވި އެވެ.

އެތެރޭގެ މި ހިޔާލު ތަފާތުވުންތައް، ރިޔާސީ އިންތިހާބާ ވީހާވެސް ދުރަކުން ނިންމާލެވެން އޮތް އެއް ގޮތަކީ ރިޔާސީ ކެންޑިޑޭޓަކަށް އެމަނިކުފާނު ވެވަޑައިގަތުމެވެ. ނުވަތަ ކުރިއަށް ދާ ދެ ޝަރީއަތުގައި ސިޔާސީ ކުލަ އެންމެ ބޮޑަށް ޖެއްސެން އޮންނާނީ ވެސް އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ ކެންޑިޑޭޓްކަން ހޯއްދެވުންކަން، ޔާމީނަށް އެނގިވަޑައިގަނެ އެވެ.

އެކަމަކު އެންމެ އިސް ލީޑަރުގެ ކުރިމަގާ މެދު ޝައްކު އުފެދޭ ހާލަތުގައި ސިޔާސީ ޕާޓީތަކުގެ އެތެރެއިން އުފެދޭ ތަފާތު ފިކުރުތައް ބޮޑެވެ. އެއީ ހަމައެކަނި ޕީޕީއެމަށް ހާއްސަ ސިފައެއް ވެސް ނޫނެވެ.

ތިން ވަނަ ފަހަރަށް ޓިކެޓް ދިނުން ގޯސް

ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންގެ ނަޒަރުގައި ޔާމީނާ ގުޅޭ އެހެން މައްސަލައެއް ވެސް އެބަ އޮތެވެ؛ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރިޔާސީ ޓިކެޓް ހޯއްދެވުމެވެ.

އެއްވެސް ގާނޫނަކުން އަދި ޕީޕީއެމްގެ އަސާސީ ގަވާއިދަކުން ވެސް އެކަމަށް ހުރަހެއް ނެތެވެ. ނަމަވެސް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އެންމެ ފަހު ރިޔާސީ އިންތިހާބުގައި ރައީސަކަށް ހުންނަވައިގެން ބަލިވެވަޑައިގަތުމުން، ޔާމީނަށް ދެން އޮތް އެންމެ ރަނގަޅު މަގަކީ އާ ލީޑަޝިޕަކަށް ޕާޓީ ހަވާލުކުރެއްވުމެވެ.

މާވަށު ދާއިރާ މުހައްމަދު ސައީދު މަޖިލިހުގައި: ޔާމީންގެ ފަހަތުގައި އޮތް ފެކްޝަންގެ ތެރޭގައި ސައީދަކީ، ޔާމީން ނެތް ހާލަތެއްގައި، ރިޔާސީ ޓިކެޓް ދެވިދާނެ ބޭފުޅެއް (ދައުރު ފޮޓޯ/އަބްްދުﷲޔަޝާއު)

"ޕީޕީއެމްއާ އެއްވެސް މިހަކު ދެކޮޅުވެގެންނެއް ނޫޅޭ. ދެކޮޅުވަނީ ޔާމީނަށް. ޔާމީނާ އެކު ކޯލިޝަން ހަދަން އެހެން ޕާޓީތަކުން ބޭނުންނުވަނީ، ޕީޕީއެމްއާ ބައިވެރިވާން ދެކޮޅެއް ނޫން،" ޕީޕީއެމްގެ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވި އެވެ.

"ޔާމީންގެ ފަޅިއަށް އަރާނެ މީހަކު ނެތް. ޔާމީނަށް އިތުބާރެއް ނުކުރޭ. އެއީ މި ދައްކާ ވާހަކައަކީ. އެހެން މީހަކު އަތުވެއްޖެއްޔާ ކިތައްމެ ޕާޓީއެއް އެބަ އޮތް ޕީޕީއެމްއާ ގުޅޭނެ."

ބައެއް ބޭފުޅުންގެ ވިސްނުން އެގޮތަށް ހުއްޓަސް ޔާމީން ނަޒަރިއްޔާތު މުޅިން ތަފާތެވެ. އެމަނިކުފާނުގެ ވާހަކަފުޅުން ދޭހަވަނީ ކޯލިޝަނެއް ނުހަދާ ވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބުކުރެވޭނެ ކަމެވެ. އަދި އެ ފުރުސަތު ޕީޕީއެމަށް ބޮޑީ ވެސް އެމަނިކުފާނު ވާދަކުރައްވައިގެން ކަމަށް ގަބޫލުފުޅުކުރައްވަ އެވެ.

ޔާމީނާ ދެކޮޅަށް ފާޅުގައި ނުނިކުތަސް ޕާޓީގެ އިސް އެތައް ބަޔަކަށް ޔާމީންގެ އެ 'ޔަގީންކަން' ބަލައެއް ނުގަނެވެ އެވެ. ސަރުކާރާއި ދައުލަތުގެ ހުރިހާ ބާރެއް އަތްޕުޅުގައި އޮތް އިރު ކާމިޔާބު ނުކުރެއްވުނު އިންތިހާބެއް، މިހާރު އެކަނި ނުކުމެވަޑައިގެން ހޯއްދެވިދާނެކަމާ މެދު އޮތީ ޝައްކެވެ.

ޕީޕީއެމްގެ ހަމައެކަނި ބާރަކީ މާލޭ ސިޓީ ކައުންސިލް

ޕީޕީއެމްގެ އެތެރޭގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ސިޔާސީ ނަޒަރުން ބަލާ ނަމަ ޕީޕީއެމްގެ ހަމައެކަނި ބޮޑު ބާރަކީ މާލޭ ސިޓީ ކައުންސިލްގެ ކޮންޓްރޯލް އޮތުމެވެ. ހާއްސަކޮށް މޭޔަރު މުއިއްޒެވެ. އެކަމަކު ކައުންސިލް އިންތިހާބުގައި ޔާމީންގެ ބައެއް އަރިސް ބޭފުޅުން މުއިއްޒާ ދެކޮޅަށް ވެސް މަސައްކަތްކުރެއްވި ކަމަށް، އެތެރޭގެ މައުލޫމާތު ހުރި ބޭފުޅުން ވިދާޅުވެ އެވެ.

"މިއީ ވަރަށް އެހެން ކަހަލަ ވާހަކައެއް. އެކަމަކު ޕާޓީގެ ބޮޑެތި ޖަލްސާތަކުގައި މުއިއްޒުގެ ނަން ގޮވުމުން އަތްޖަހާލެއް ގަދަވީމާ ވެސް ހިތްހަމަނުޖެހުން އެބަ އޮތް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

"ހީވަނީ މުއިއްޒު ގަދަވަނިއްޔޭ. އަސްލަށް ބުނަންޏާ މުއިއްޒު ހަމަ ގަދަ. ގަދަވީމާ މާލޭގެ މޭޔަރުކަން ލިބުނީ."

މާލޭ މޭޔަރު މުހައްމަދު މުއިއްޒު: ޕީޕީއެމްގެ އިސް ބައެއް މީހުންނަށް ދެން އޮތް އިހުތިޔާރަކީ މުއިއްޒު ކަމަށް ވޭ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޕީޕީއެމްގެ ސިޔާސަތު ކުރިއަށް ގެންދިއުމުގައި މާލޭ ސިޓީ ކައުންސިލުން ކުޅޭ ރޯލަށް ވުރެ ބޮޑު ރޯލެއް ސިޔާސީ ގޮތުން ކުޅެވޭނެ އެހެން ފުރުސަތެއް މި ވަގުތު ޕީޕީއެމްއަށް ނެތް ކަން 'ދައުރު'އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ. އޭގެ މާނައަކީ ޕާޓީގެ އެތެރެއިން އެތައް ބަޔަކު މުއިއްޒާ މެދު އުއްމީދުތަކެއް ކުރުމެވެ.

"ޕީޕީއެމް އާންމު މެމްބަރުންނަށް ވެސް ފެނުނު މުއިއްޒު މިނިސްޓަރަކަށް ހުރެގެން ކުރި ކަންކަން. ވަރަށް މަސައްކަތްކުރައްވާ ބޭފުޅެއް އެއީ. ޕީޕީއެމަށް އަސްލު ވަރަށް މުހިންމު އެފަދަ ބޭފުޅުން،" ވާހަކަ ދެއްކެވި އެކަކު ވިދާޅުވި އެވެ.

އެކަމަކު ޓާމިނަލް ކެފޭ ފެކްޝަނަށް މުއިއްޒަކީ "އެއްވެސް ބޭފުޅެއް ނޫނެ"ވެ.

ކުރިން ބުނިހެން ޔާމީންގެ ޝަރީއަތެއް ކުރިއަށް ނެތް ނަމަ ރިޔާސީ ޓިކެޓް ހޯދުމުގެ އެހެން ހިޔާލުތަކެއް އެ ޕާޓީގައި މިވަގުތު އޮތުން ވަރަށް ދުރެވެ. ޔާމީން އެކަނި ނުކުންނަވައިގެން ކާމިޔާބު ނުވިޔަސް ރިޔާސީ އެހެން ކެންޑިޑޭޓެއް ހޯދުމުގެ ފިކުރު ނުއުފެދުން ވެސް އެކަށީގެންވެ އެވެ.

ނަމަވެސް މިއަދު ޕީޕީއެމްގެ އެތެރޭގައި އެ ހިޔާލު އެބަ އޮތެވެ. އެއީ ނޫސްވެރިން ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. ފާޅުގައި އެކަމަށް އެއްބަސްވާން ޕީޕީއެމުން ބޭނުން ނުވަނީ އެވެ. އެހެންކަމުން ހީނާ ވެސް ވިދާޅުވީ ޓާމިނަލް ކެފޭ ފެކްޝަނާއި ޖަނބުރޯލް ގަހު ފެކްޝަންގެ ނަން އިވިވަޑައިގެންފައި ނުވާ ކަމަށެވެ.

"އެއްގޮތަކަށް ވެސް ނޭނގެ ތިއީ ކޮން ފެކްޝަންތަކެއްގެ ވާހަކައެއް ކަމެއް. އަހަރެމެންގެ ތެރޭގައި އޮންނަ ފެކްޝަންތަކެއް ނޫން ތީކީ،" ހީނާ ވިދާޅުވި އެވެ.

ދެން ޖެހިލަން ޖެހޭނީ ޔާމީންގެ އެންމެ އަރިސް 'ސިއްރުވެރިޔާ' އަދި ޔާމީންގެ ވެރިކަމުގައި މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހަމަދު މުސްތަފާ މި ފަހުން ކުރެއްވި ޓްވީޓަކަށެވެ. މިދިއަ ބުދަދުވަހު އޭނާ ކުރެއްވި ޓްވީޓްގައި ލިއުއްވާފައި އޮތީ "މަތިން، މިނިކާ ބާޒުތައް، ތިރިން ހިޔަޅުތައް ކުރިކާލީކަނޑާލަ ކަނޑާލަ، މިތިބެނީ ޖަންގަލީގެ ރަސްގެފާނު، ސިންގާ ހިފާ ހައްޔަރު ކުރެވޭތޯ ބަލަބަލަ އެވެ! ނިކަން ބާރަށް ސިންގާގެ މައްޗައް ޖެހިގަނެ، ވެރިވެގަނެވޭތޯ އެވެ!" މިހެންނެވެ.

އޭގެ މާނައަކީ، ފަހަރެއްގައި މި އެވެ: ޔާމީން ހައްޔަރުކުރޭތޯ، ޔާމީންގެ އަތުން ޕާޓީގެ ވެރިކަން ޖަހައިގަނެވޭތޯ، ޕާޓީގެ މަތިންނާއި ތިރިން ބަޔަކު މަސައްކަތްކުރަމުން ދާ ކަމެވެ.

އެހެންކަމުން ދެ ފެކްޝަންގެ ވާހަކައަކީ ޕީޕީއެމްގެ ސިއްރުތައް ދަންނަ ކޮންމެ މީހަކަށް ވެސް އެނގޭނެ ހަގީގަތެކެވެ. 

ކޮމެންޓް (3)

ޙަސަންބޭ

29 ސެޕްޓެމްބަރު 2022
ޕީޕީއެމްދެބައި ކުރަންއުފެދުނު ޕީއެންސީއެއް ޕީއެންސީއަކީ. ވިސްނާލީމާ އެނގޭނެ ރާއްޖެއެންމެބޮޑު ޕާޓީ އެމްޑީޕީގެ އެބޮތްތޯ އިތުރުޕާޓީއެއް އެހެންނަމަވެސް އެޕާޓީތެރެވެސް ދެބައެއް އޮވޭ ތަފާތު ފިކުރުގެ. މިކަންފެނޭ މަޖްލީހުންވެސް އަދި އެހެނިހެން ފޯރަމްތަކުންވެސް. އަދި އެއްބަޔަކު އަނެއް ބަޔަކަށް ކޮންމެފަދަ އެއްޗެއްވެސް ބުނޭ. އެހެންނަމަވެސް ދާދިފަހުން ޕީޕީއެމްގެ މެމްބަރަކު ޕީއެންސީ މެމްބަރަކަށް ބުނި މަޖްލީހުގެ ގޮނޑި 22 މިލިއަނަށްގަނެގެންހުރިކަމަށް. އެމްޑީޕީގެ ތެރެއިން މިޒާތުގެ އަޑުއިވެނީ ސަރުކާރުން ފައިސާ ބަލަހައްޓާ ޙަރަދުކުމާ ލިބޭޢާމްދަނީއަށް ބަލާ ވިސްނުމަކާ ނުލާ. އެހެންނަމަވެސް ދެޕާޓީގެވެސް މިއޮތް އެމްއެމްޕީއާރސީގެ ފައިސާގެ ބައިވެރިންތިއްބަސް އެވައްގުޅި ތަކެއްގެ އަކަކުއަނެކާއަށް ފާޅުގައި ނުކިޔާ. މިއީވަރަށް ޤަބޫލުކުރެވޭކަމެއް. އެހެންނަމަވެސް ގަޓްގައި ރައީސް މައުމޫން އާއި އެކު އުޅުއްވި ޑރ. ޙަސަންސަޢީދު ވަރަށް ފާޅުކަންބޮޑުކޮށް ވިދާޅުވެ ނިކުމެވަޑައި މީޑިއާތަކަށް އިއްވީ ރައީސް މައުމޫނާއި އިންތިޚާބުގައި ޗެލެންޖް ކުރައްވަން. މިވަރުން ފުދޭ ދަބައިވެފައިވާކަން މައްސަލައަކީ No Clue to say that I am going to challenge you although doesn’t want to stay.
1 0

ޔޫސުފް

26 ސެޕްޓެމްބަރު 2022
ޔާމީން އަށް ޓިކެޓް ދޭކަށް އަސާސީ ގަވާއިދަށް ބަދަލު ގެންނާކަށް ނުޖެހޭނެއެވެ. އުނގެނުމުގައި ވިއަސް، ސިޔާސީ މައިދާނުގައި ވިޔަސް އަދި ތަނެއްގައި ވަޒީފާއެއް އަދާކުރި ކަމުގައިވިއަސް މަތީހަރުފަތަށް ދިޔުމުގެ އުއްމީދު އޮތުމަކީ މައްސަލަ އެއްނޫނެވެ. މިކަން އޮންނަވެސް ޖެހެއެވެ. މިޒާތުގެ މާގިނަ މައްސަލަކަލޭމެން އެމްޑީޕީ ތެރޭ އެބައޮތްކަން ކަލޭމިލިޔުނުއިރުވެސް އެނގޭނެއެވެ.
0 1

ރާޒީ އަލީ

25 ސެޕްޓެމްބަރު 2022
ހުރިހާ ނުބައެއް ހަދަނީ ބާރަށު ދާއިރާގެ މެންބަރު ސުޖާ. މުއިއްޒުއަށް ދާއިރާތައް ހޯދައިދޭން އޮފީހުގައި އިންތިހާބާއި ބެހޭ ކޮމިޓީގެ ޗެއާރކަން ހޯދައިގެން މުޅި ހުރިހާ ދާއިރާއަކަށް މުއިއްޒު ފެކްޝަންގެ މީހުން ލަނީ.. މީ ވަރަށް ނުބައި ރޯލެއް ކުޅޭ އިންސާނެއް.
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް