ކުޑަހުވަދޫ އެއާޕޯޓުގެ ބޭރުގައި އެ ރަށުގެ ބަޔަކު އިއްޔެ މުޒާހަރާ ކުރަނީ. (ފޮޓޯ/ޔުނައިޓެޑް ކުޑަހުވަދޫ)

ކުޑަހުވަދޫގެ ހަމަނުޖެހުން: ނުރައްކަލުގެ ރަނގަބީލާ އެކު އާ ފިލާވަޅެއް

ދާލު އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓުވައި ޓޫރިސްޓުންތަކެއް 'ރަހީނުވުމަކީ' ކުޑަ މައްސަލައެއް ނޫން
4 އޯގަސްޓު 2022
8

މުހިންމު ނުކުތާތައް

ގާނޫނު ބުނާ ގޮތުން އެއާޕޯޓްތަކުގައި މުޒާހަރާކުރުމަކީ މަނާ ކަމެއް

ކުޑަހުވަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ދާލު ހޯލްޑިންސް އިން އަންނަނީ ބަލަމުން

މަޝްވަރާތައް ކުރިއަށް ދިޔަ އިރު ރޭ ވެސް ރައްޔިތުންގެ ބަޔަކު ތިބީ މުޒާހަރާގައި

އެއާޕޯޓުން އެއްވެސް މީހަކަށް ވަދެ ނުކުމެ ނޫޅެވޭ ގޮތަށް ބަންދުކުރި އެވެ. އޭރު އެއާޕޯޓުގައި ތިބި ބޭރުގެ 12 ޓޫރިސްޓުން އަނެއް ދުވަހުގެ ހެނދުނު ވަންދެން ހޭދަކުރަން ޖެހުނީ ޓާމިނަލް ތެރޭގަ އެވެ. ދ. އަތޮޅުގެ ބައެއް ރިސޯޓްތަކަށް ޓުރިސްޓުން އުފުލާ މަންޓާ އެއާގެ ދަތުރުތައް ވެސް ހުއްޓި، ދ. އެއާޕޯޓް އޮތީ، ކުޑަހުވަދޫ ރައްޔިތުންގެ ބާރުގެ ދަށުގަ އެވެ.

މިއީ އާދައިގެ އަމަލެއް ނޫނެވެ. ރައްޔިތުން ނުކުމެ ރާއްޖޭގެ އެއާޕޯޓެއް ބަންދުކޮށް، ދަތުރުފަތުރަށް ބުރޫއަރުވައިފި އެވެ. ޓޫރިސްޓުންނާއި ޓޫރިސްޓުން ފޮނުވާ ކުންފުނިތަކަށް އާ ބިރެއް ކުރިމަތިކުރުވައިފި އެވެ. ރައްޔިތުން ބޭނުންވާ ކަމެއް ބޭނުންވާ ގޮތަކަށް ފުއްދުމުގެ ނިޔަތުގައި އެއާޕޯޓްގެ މެނޭޖްމަންޓާއި ސަރުކާރަށް "މަޖުބޫރުކުރުވަން" ފަށައިފި އެވެ.

މި ހުރިހާ ކަމެއް ކުރިމަތިވީ މިދިއަ ހޯމަދުވަހުގެ ރޭ ކުޑަހުވަދޫގެ ބަލިމީހަކު މަންޓާ އެއާގެ ބޯޓެއްގައި މާލެ ގެންދެވޭ ގޮތް ނުވެގެންނެވެ. އެރޭ 7:30 ހާއިރު ފެށި މުޒާހަރާ ހަމައެކަނި ޝަކުވާތަކެއް އިއްވުމުގެ ސިފަތަކުން ބޭރުވި އެވެ. އެއާޕޯޓްގެ އެކި ހިސާބުތަކުގައި ޓިނު ޖަހައި ބަންދުކުރުމާ ހިސާބަށް ދިޔަ އެވެ. 

ކުޑަހުވަދޫގައި ހަދާފައި އޮތް ދ. އެއާޕޯޓް ހިންގަމުން އަންނަ ދާލު ހޯލްޑިންސްއަކީ ޓޫރިޒަމްގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ދ. އަތޮޅުގެ އިތުރުން އެހެން ހިސާބުތަކުގައި ވެސް ކުރަމުން އަންނަ ބޮޑު ކުންފުންޏެކެވެ. މަންޓާ އެއާ ވެސް ހިންގަނީ އެ ކުންފުނީގެ ހިއްސާދާރުންނެވެ.

ކުޑަހުވަދޫ އެއާޕޯޓުގެ ބޭރުގައި އެ ރަށުގެ ބަޔަކު އިއްޔެ މުޒާހަރާ ކުރަނީ. (ފޮޓޯ/ޔުނައިޓެޑް ކުޑަހުވަދޫ)
ކުޑަހުވަދޫ އެއާޕޯޓުގެ ބޭރުގައި އެ ރަށުގެ ބަޔަކު އިއްޔެ މުޒާހަރާ ކުރަނީ. (ފޮޓޯ/ޔުނައިޓެޑް ކުޑަހުވަދޫ)

ރާއްޖޭގައި މިހާތަނަށް ހެދި ފެންވަރުގެ ގޮތުން އެންމެ ރަނގަޅު އެއް ޑޮމެސްޓިކް އެއާޕޯޓް އޮތް ރަށުގެ ރައްޔިތުން އެތަނުގެ އޮޕަރޭޝަންތައް ހުއްޓުވާލުމުގެ ސަބަބެއް ކަމަށް އަދިވެސް ފެންނަން އޮތީ މަންޓާގެ ބޯޓުފަހަރުން ބަލި މީހުން އުފުލޭނެ ގޮތް ނެތުމެވެ. މަންޓާ އެއާ ނޫން އެހެން އެއާލައިނަކުން ޝެޑިއުލް ދަތުރުތަކެއް ދާލު އެއާޕޯޓަކަށް ނުކުރެ އެވެ.

ދާލު ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވި ގޮތުގައި މަންޓާ އެއާއިން ބަލިމީހުން ނުއުފުލޭތީ އެމެޖެންސީގައި އެކަން ކުރަން މޯލްޑިވިއަންއާ އެކު އާސަންދައިން އޮންނަނީ އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން މީގެ ކުރިން ވެސް މޯލްޑިވިއަންގެ ފްލައިޓަކުން ބަލިމީހުން އުފުލާފައިވެ އެވެ. 

ޕީސްފުލް މުޒާހަރާ ކުރުމަކީ އެ މީހެއްގެ ރައިޓެއް. އެ ހައްގު ބޭނުންކުރަން ވާނެ. އެކަމަކު އެ ހައްގު ބޭނުންކޮށްގެން މިކަހަލަ ކަންތައް ކުރީމަ ކަމަކު ނުދާނެ. އިންސާނުންތަކެއް ހައިޖެކް މި ކުރެވުނީ.

މުހައްމަދު ހަލީލު / ދާލު ހޯލްޑިންސްގެ ސީއީއޯ

އޭގެ އިތުރުން "ދުވާލުގެ ވަގުތެއްގައި ނަމަ އަޅުގަނޑުމެން ވާނެ ސީޕްލޭންގައި ބަލިމީހުން ގެނެސްފައި،" މައްސަލަގަނޑުގެ ތެރޭގައި އަންގާރަ ދުވަހު މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލް ވިދާޅުވި އެވެ.

ރައްޔިތުން ހިތްހަމަނުޖެހޭ ކަންކަމުގައި އެ އަޑު އިއްވަން އޭނާ ދެކޮޅެއް ނުހައްދަވަ އެވެ. އެކަމަކު ބަޔަކު ރަހީނުކުރުން ފަދަ އަމަލެއްގެ ގޮތުގައި ބެލިދާނެ ފަދަ ކަންކަން ކުރުމަކީ، އޭނާގެ ނަޒަރުގައި، ސުލްހަވެރި މުޒާހަރާއެއް ނޫނެވެ. 

"ޕީސްފުލް މުޒާހަރާ ކުރުމަކީ އެ މީހެއްގެ ރައިޓެއް. އެ ހައްގު ބޭނުންކުރަން ވާނެ. އެކަމަކު އެ ހައްގު ބޭނުންކޮށްގެން މިކަހަލަ ކަންތައް ކުރީމަ ކަމަކު ނުދާނެ. އިންސާނުންތަކެއް ހައިޖެކް މި ކުރެވުނީ،" އެއާޕޯޓަށް ވަދެ ނުނިކުމެވޭ ގޮތަށް ބަންދުކުރިކުރުމަށް އިޝާރަތްކުރައްވާ ހަލީލް ވިދާޅުވި އެވެ.

ދާލު ހޯލްޑިންސް އަދި މަންޓާ އެއާގެ ސީއީއޯ ހަލީލް މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ރިސޯޓްތަކާއި އެއާޕޯޓްތަކުގައި، ފުލުހުންގެ ހުއްދަ ލިއުމުން ލިބިގެން ނޫނީ، މުޒާހަރާއެއް ނުކުރެވޭނެ އެވެ. ކުޑަހުވަދޫގެ ބައެއް މީހުން ނުކުމެ، ހިންގި އަމަލަކީ، ގާނޫނާ ހިލާފު ކަމަކަށް ވުމުގެ އިތުރުން އޭގެ ސަބަބުން ޓޫރިޒަމަށް އަރާފާނެ ބުރޫތަކެއް ވެސް ހުންނާނެ އެވެ. އެއް ކަމަކީ ޓޫރިސްޓުންތަކެއް އެގޮތަށް ބަންދުވުމުން ރާއްޖޭގައި ޓޫރިސްޓުންގެ ރައްކާތެރިކަމާ މެދު އުފެދޭ ސުވާލެވެ.

އެއާޕޯޓަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ރައްކާތެރި މާހައުލެކެވެ. ރާއްޖެ ކަހަލަ ޓޫރިޒަމަށް ބަރާސޯވާ ގައުމުތަކުން އެ ރައްކާތެރިކަމާއި ހިމާޔަތް އަދި މާ ބޮޑުވާން ވެސް ޖެހެ އެވެ. އެކަމަކު ވަކި ކަމެއް ނުކޮށްދީގެން، ނުކުރެވިގެން، ރައްޔިތުން ނުކުމެ އެއާޕޯޓްތައް ބަންދުކުރާ ނަމަ ރާއްޖޭގެ އިގުތިސާދަށް ވެސް އޭގެ ނުރައްކާ އެބަ އޮތެވެ. އަދި އެފަދަ އަމަލްތައް ލުއި ގޮތަކަށް ނެގުމަކީ ވެސް މައްސަލައެކެވެ.

މިއީ ސުލްހަވެރި ހަރަކާތެއް. އަޅުގަނޑުމެން މި ތިބީ ގާނޫނީ އިމުގައި. އަޅުގަނޑުމެންގެ ހައްގުތައް ހޯދަން.

މުޒާހަރާ ކުރާ މީހެއް

ހަލީލް ވަނީ ބައެއް މީހުން ހިތްހަމަނުޖެހޭނެ ވާހަކައެއް ވެސް އެ ދުވަހު ވިދާޅުވެފަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ކުޑަހުވަދޫގެ ބަޔަކު އެ ހިންގީ މީހުން ދިރިއުޅޭ ރަށްރަށުގައި އެއާޕޯޓް ހެދުން ހުއްޓާލަން ޖެހޭ ފަދަ ފިލާވަޅެއް ސަރުކާރަށް ވެސް ލިބޭނެ އަމަލެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދާލު އެއާޕޯޓް އެގޮތަށް ބަންދުކުރުމަކީ ނުރައްކަލުގެ ރަނގަބީލެކެވެ. އަދި މުޅިން އާ ފިލާވަޅެކެވެ.

ރާއްޖޭގައި އަމިއްލަ ކުންފުނިތަކުން އެއާޕޯޓްތަކަށް އިންވެސްޓްކުރަނީ ޓޫރިޒަމްގެ ވިޔަފާރީގެ ބައެއްގެ ގޮތުގަ އެވެ. އެކަމަކު އެ ވިޔަފާރިއަށް ކުއްލި ހުއްޓުމެއް އައިސް ބިރުވެރިކަމެއްގެ ތެރެއަށް ޓޫރިސްޓުން ވެއްޓިދާނެ ފަދަ އަމަލްތައް އެއާޕޯޓް އޮންނަ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ފެންނަ ނަމަ، އިންވެސްޓަރުންގެ ވިސްނުން ބަދަލުވުން ކައިރި އެވެ. އެކަމަކު ކުޑަހުވަދޫގައި ދިމާވެގެން އުޅެނީ އެއާޕޯޓް އޮންނަ ރަށްރަށުން މީގެ ކުރިން ފެނުނު އަމަލެއް ނޫނެވެ. އެހެންކަމުން މި މައްސަލާގައި އިތުރަށް ވިސްނާލަން ޖެހިދާނެ ސަބަބުތައް ހުރުން ވެސް އެކަށީގެންވެ އެވެ.

އެއް ކަމަކީ ރަށަކުން ބޮޑު ސަރަހައްދެއް ދީގެން އެއާޕޯޓެއް ހަދާފައި އޮންނަ އިރު އެ އެއާޕޯޓުން ރައްޔިތުންނަށް އެކަށީގެންވާ ވަރުގެ ހިދުމަތްތަކެއް ލިބޭތޯ އެވެ. ނުވަތަ ރައްޔިތުންނާއި އެއާޕޯޓް ހިންގާ ކުންފުންޏާ ދެމެދު ރަނގަޅު ގުޅުމެއް އެބަ އޮތްތޯ އެވެ. ރާއްޖެ ފަދަ ކުދިކުދި ރަށްތަކާއި ކުދިކުދި އާބާދީތައް އޮންނަ ގައުމެއްގައި، ވަރަށް ފަސޭހައިން ކަންކަން ގޯސް ވެސް ވެ އެވެ. އަދި އެހާމެ ފަސޭހައިން ކަންކަން ހައްލު ވެސް ކުރެވެ އެވެ.

ދާލު ހޯލްޑިންސްގެ ވާހަކަތަކަށް ބަލާ ނަމަ ކުންފުނި އޮތީ ކުޑަހުވަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަސައްކަތްކުރާ ގޮތަށެވެ. އިއްޔެ ވެސް ކުންފުނީގެ އިސް ބައެއް ވެރިން ވަނީ ރައްޔިތުންގެ ވަފުދަކާ ބައްދަލުކުރައްވައި، ޝަކުވާތައް އަޑުއައްސަވައިފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވި ގޮތުން ނަމަ ބަލިމީހުން އުފުލޭނެ ބަދަލުތައް ބޯޓުފަހަރަށް ގެންނަން މަންޓާ އިން ވެސް ބޭނުންވެ އެވެ. 

އެކަމަކު މަޝްވަރާތައް ކުރިއަށް ދިޔައިރު ރޭ ވެސް އެއާޕޯޓް ސަރަހައްދުގައި މުޒާހަރާކުރި އެވެ. 

"މިއީ ސުލްހަވެރި ހަރަކާތެއް. އަޅުގަނޑުމެން މި ތިބީ ގާނޫނީ އިމުގައި. އަޅުގަނޑުމެންގެ ހައްގުތައް ހޯދަން،" މުޒާހަރާގެ ތެރެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެކަމަކު ހައްގުތައް ހޯދުމުގެ ނިޔަތުގައި ނަމަވެސް އެއާޕޯޓް ތެރޭގައި ބަޔަކު "ހައިޖެކް"ކުރުމަކީ އަދި އެއާޕޯޓެއްގެ އޮޕަރޭޝަންތައް ހުއްޓުވުމަކީ ގާނޫނީ އިމުން ބޭރުވުމެވެ. އެއީ ބުނެލާ ފަސޭހަ ބަހަކަށް ވުރެ އޭގެ ގެއްލުން މާ ބޮޑު، މާ ބިރުވެރި މައްސަލައެކެވެ.

ކޮމެންޓް (8)

އޭއިމސ

4 އޯގަސްޓު 2022
ރަށުގެ ބިމަކީ އަމިއްލަ ކުންފުންޏެއްގެ މިލްކެއް ނޫން. އެބުނި ގޮތަށް ހާޓް އެޓޭކް ފަދަ އިމަޖެންސީގަ މީހަކު ތިޔަ އެއަރޕޯޓުން ނުގެންދެވެންޏާ ތިޔައީ ކީއްކުރާ ތަނެއް؟ މި މައުލޫއަށް މޫސަ ނިކަން ލިޔެބަލަ. މަސްވެސް ކިރުވައިގެންނު މޫސަމެން ހައްލުކުރީ ރަށު ކަންތައް. ހެހެހެ...
1 0

މޫސަގެ ދައިތަ

4 އޯގަސްޓު 2022
މި ކަހަލަ ކިތައްމެ ކަމެއް ވެއްޖެ. ކިތައްމެ ފުރާނައެއް ގެއްލިއްޖެ. ހަމަ ތިޔަހެން މާލެއަށް ނުގެނެވިގެން ތުއްތު ކުއްޖަކު ނިޔާވިތާ އަދި މި ވީ ދެ މަސް. ކިތައްމެ އާދޭހެއް ކުރެވިއްޖެ. ކިތައްމެ ޝަކުވާއެއް ހުށަހެޅިއްޖެ. އަބަދު ހިންދިރުވާލައިގެން ތިބެންޏާ ވާނީ ތިބޭހާ. ކެތް ވާނީ ވެސް ވަކި ވަރަކަށް.
6 0

އަތޯލާ ތަކުރު

4 އޯގަސްޓު 2022
ހުރިހާވެސް މައްސަލައަކީ ސަރުކާރުން ބޮލުން އެއްލާލާފައިވާ މައްސަލައެވެ. ދ. އެއަރޕޯޓްވެސް އަދި އެހެން އެއަރޕޯޓެއް ވިޔަސް މޯލްޑިވިއަންގެ ފްލައިޓް ނުޖައްސާ ގޮތަށް ޕްރައިވެޓް ބައެއްގެ އަތްމައްޗަށް މުޅި އެއަރޕޯޓެއް ހާވާލުކުރީމާ ނިކުންނާނީ ތިފަދަ މައްސަލަތައް. ކުރީން އޮތީ ރާއްޖޭގެ ކޮންމެ އެެއަރޕޯޓަކަށް ވެސް މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓް ބާއްވަން. އެއިގެ އެއް ބޭނުން އިމެޖެންސީ ބަލިމީހުން އުފުލުން ވެސް. އެ ގޮތަށް ޕްރެކްޓިސްކުރަމުން އައިސް ޕްރައިވެޓް ކުންފުނިތަކާ އެއަރޕޯޓް ހަވާލުކޮށްލާފައި ، މޯލްޑިވިއަން އިން ބަލިމީހުން އުފުލާ ގޮތަށް ، އެކަން ކުރުމުގެ އިންތިޒާމު ސަރުކާރުން ހަމަ ނުޖައްސައި އޮތީ ކީއްވެހެއްޔެވެ.
5 0

ހިޔަމި

4 އޯގަސްޓު 2022
@އަތޯލާ ތަކުރު ހާރޓް އެޓޭކް ޖެހިފައިވާ މީހެއް ނުގެންދެވޭނަމަ ކީއްކުރާ އެޔާޕޯޓެއް
4 0

ލކޖގެ

4 އޯގަސްޓު 2022
@އަތޯލާ ތަކުރު މޯލްޑިވިއަން އެޅި ދާލުއެއާޕޯޓަށްވެސް އެޅި ދުވަސް ކޮޅުވެސް އިމަޖެންސީގައި ބަލިމީހާ ގެންދެން އަންނައިރު އޮންނަނީ ގިނަފަހަރަށް ހަމަ މާލަސްވެފައި. މިއީ ފެނުނު މަންޒަރު. އެ ކުރާނެ ކަމެއް ކޮށްފައި އަންނައިރު ބަލި މީހާ އޮންނަނީ ކިރިިޔަކިރިޔަ ދުނިޔޭގަ. ލަހޭ މިބުނަނީ 30 ގަޑިއިރު ލަސްވެގެންއެއްނޫން. 5 ގަޑިއިރު 8 ގަޑިއިރު ފަހުން ވެސް އެބައާދޭ. ހޯމަ ދުވަހުގައި ބަލިވި މީހާ މެންދުރުފަހުން ރިކުއެސްޓްކޮށްގެން ބަލާ އާދެވުނީ އޭގެ އަނެއް ދުވަހު ހެދުނު. މޯލްޑިވަން ފްލައިޓް ނައިސް މާ ލަސްވާތީވެ ދެން މަންޓާ އެއާއިން އެދުނު އިރު ސީޕްލޭންއުން އެކަނި ގެންދެވެން އިންނަނީ އޭރު އިރުއޮއްސެނީ ސީޕްލޭން ދަތުރެއް ނުކުރާނެ. ލޭންޑުގައި ޖައްސާ ބޯޓަކީ ބަލިމީހާ ބާއްވައިން ގެންދެވޭ އެއްޗަކަށް ނުވުމުން ނުގެންދެވުނީ. މިގޮތަށް މިކަންވާތާ އެތައް ފަހަރެއް ފަހުން މިއަށް ހައްލެ ހޯދަން ރައްޔުތުންނަށް މަޖުބޫރުވީ. މީތޯ ރައްޔިތު މީހާއަށް އޮތް ފަސޭހައަކީ؟ ސަރުކާރުން އެބަޖެހޭ ހަމައެކަނި މޯލްޑިވިއަން އަކަށްނޫން އެހެން އެއާލައިންތަކާވެސް ގުޅިގެން މިކަމަށް ހައްލެއް ހޯދަން. ކޮންމެ އެއާލައިން އަކުންވެސް ބަލި މީހުން އުފުލޭނެ ގޮތަކަށް އެކަން ހަމަޖައްސަން. އެތައް ފުރާނެއެއް އެކި އެކި ދިމާލުން ގެއްލިއްޖެ އެންމެ އެއާލައިންއަކަށް ބަރޯސާވެގެން މަޑުކުރަން މަޖުބޫރުވެގެން. މިމުޒާހަރާ ބާއްވައިން އެކަމަށް ހައްލެއް ލިބިއްޖެ ކަމަށް މި އުންމީދު ކުރަނީ.
0 0

ހުސޭނު

4 އޯގަސްޓު 2022
ކަމެއް ދިމާވާން ސަބަބުތަކެއް ވާނެ، އެ ސަބަބު މެދުވެރި ނުވާނެގޮތަކަށް ކުރިން ކަންކަން ރޭވިފަ ހުރިނަމަ ރައްޔިތުން އަރައިގަންނާކަށް ނުޖެހުނީސް. . . ފަތުރުވެރިންނަށްވުރެ މިގައުމުގަ އިސްވާނީ މިގައުމުގެ ރައްވެހި ރައްޔިތުން. . .
12 1

ޣާއިސް

4 އޯގަސްޓު 2022
@ހުސޭނު ބަލަ ބައެއްގެ މުދަލަ އަރައިގަނެ ތޓެރަރިސްޓު ހަރަކާތެއްގެ ބައިވެރިވެ ގާނޫނީ އަދަބުލިބި ޖަލުގައި ބަންދުވީމަ ކީއްބާކުރާނީ.ބުއްދި އިސްކުރޭ
4 4

އެބސކ

4 އޯގަސްޓު 2022
@ޣާއިސް . އެއާޕޯޓަށް ‘ނިސްބަތްވާ’ ސަރަހައްދުން ވަކި ހިސާބަކަށްވުރެ ދުރުގައި އެކަން ކުރުމަކީ ގާނޫނީ ކުށެއްނޫން. ދެވަނަ ކަމަކަށް އެރޭ ދަންވަރު ފުލަޓުން އައީ ހަމައެކަނި ފަތުރުވެރިންނެއްނޫން ދިވެހިންވެސް އައި. ގޭޓުން ނިކުންނަން އައި މީހަކަށް ނިކުމެގެން ދިޔަތަން ދުށިން. ތިންވަނަ ކަމަކަށް ބައްދަލުވުން ކުރިޔަށްދިޔަ ވަގުތުގައި މުޒާހަރާކުރީ ހުއްދައާއިއެކު ސުލްހަވެރިކަމާއިއެކު. ހަތަރުވަނަ ކަމަކަށް މިތަނަށް އައިސް ކަން ހިނގާދިޔަ ގޮތް ރަނގަޅަށް އެނގުމުން ސީއީއޯ ވަނީ މާފަށްވެސް އެދިފައި ކަމަށްވަނީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް