ބައިނަލްއަގުވާމި އަންހެނުން ދުވަސް ފާހަގަ ކުރުމުގެ ގޮތުން 8 މާރިޗު 2022 ގައި ހުޅުމާލޭގެ އަތިރިމަތި ސަރަހައްދުގައި "މިއަދު މާދަމާއަށް" ނަމުގައި ޔޫއެންއެފްޕީއޭ އިން ބޭއްވި އިވެންޓްގެ ތެރެއިން (ދައުރުފޮޓޯ/ އަބްދުﷲ އަނޫފް ޖުނެއިދު)
އަންހެނުންގެ ދުވަސް، އެކި އަންހެނުންގެ ދުލުން
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޔޫއެންއެފްޕީއޭގެ ފަރާތުން ހުޅުމާލޭ ގޮނޑުދޮށު ސަރަހައްދުގައި އިއްޔެ ކުރިއަަށް ގެންދިޔަ ފެސްޓިވަލްގައި ބައިވެރިވި އެކި މީހުން، އެ ދުވަހާ ބެހޭ ގޮތުން ވިސްނީ އެކި ގޮތަށެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއަރަކީ "މިއަދު މާދަމާއަށް؛ ދެމެހެއްޓެނިވި މާދަމާއަކަށް މިންތީގެ ހަމަހަމަކަމަށް މިއަދު މަސައްކަތް ކުރަމާ" އެވެ. އަދި ހޭޝްޓެގް #ބްރޭކްދަބައަސް ބޭނުންކޮށްފައިވެ އެވެ.
އިވެންޓްގައި ކުރިއަށް ގެންދިޔައީ ހޭލުންތެރި ކުރުމުގެ މައުލޫމާތު، މޫދު ކުޅިވަރާއި ސްކޭޓް، ދުޅަހެޔޮ ލަައިފްސްޓައިލަކަށް ހިތްވަރު ދިނުމުގެ ގޮތުން ގުރޫޕް ފިޓްނަސް ކްލާހުގެ އިތުރުން އާޓް މަސައްކަތްތަކާ ވެސް އެކު އެވެ.
ފެސްޓިވަލްގައި ކުޑަކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ވެސް ހާއްސަ ކަންކަން ވެސް އިންތިޒާކުރި އެވެ. އެހެންކަމުން މިއީ އާއިލާ އެކުގައި ގޮސް އުޅެވޭނެ ގޮތަށް ރާވާފައި އޮތް އިވެންޓެކެވެ.
ފެސްޓިވަލްގައި ބައިވެރިވި ބައެއް މީހުންނާ 'ދައުރު'ން ސުވާލުކުރި އެވެ
ޝާދިޔާ އިބްރާހިމް
ޔޫއެންއެފްޕީއޭގެ ހެޑް އޮފް އޮފީސް
ވަރަށް ދެރަވޭ ކޮންމެ ފަހަރަކު އަޑުގަދަކޮށްގެން އަންހެނުންނަށް ޖާގަ ހޯދަން ކޮންމެ ފަހަރަކު ނުކުންނަން ޖެހޭތީ. އެކަމަކު މިހެން ނުކުމެވުނީތީ ބަޔަކު މިހެން އުޅޭތީ، އެއްގޮތަކަށް ވިސްނާތީ ވަރަށް ހިތްހަމަޖެހޭ. ސަޕޯޓް ދޭން ބައިވަރު މީހުން ތިބޭތީ އެއީ ހިތްވަރެއް.
ފާތިމަތު ހިމްޔާ
މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް
އަހަރެމެން އަދި ވަރަށް ބޮޑު މަސައްކަތްތަކެއް އެބަހުރި ކުރަން. އަންހެނުންނަށް ފުރުސަތު ހޯދައިދޭން އަދި ހަމަ ހަމަ ފުރުސަތު ހޯދަން ބައިވަރު ކަންކަން ކުރަން އެބަހުރި
ޒޫނާ ނަސީމް
މޫދު ބުޅާގެ އޯނަރު/ކޯ ފައުންޑާ
އަންހެނުންގެ ދުވަހާއި ގުޅޭ ގޮތުން ބުނާނީ، އަންހެނުން ވަރެއް ނެތޭ. އަންހެނުން އަބަދުވެސް ވިސްނަންވީ ތިމަންނަމެން އަންހެނުންނޭ ވަރުގަދަ މީހުންނަކީ
ޝީލާ ނަޖީބު
ފިލްމީ ތަރި
އަންހެނުންނަކީ ވަރަށް ބުރަކޮށް އެކި ރޮނގު ރޮނގުން މަސައްކަތް ކުރާ ބައެއް. އެކި ދާއިރާތަކުން ބަލާ އިރު ވެސް. ފިޓްނަސް ދާއިރާއިން ވަރަށް ބަލަން ހީޓްގަައި އުޅޭ މަރީ އިންސްޕިރޭޝަންއަކަށް. އަންހެނުން އެކި ދާއިރާތަކުން ކުރިއަރައިގެން މިހާރު އެބަތިބި ވަރަށް ބޮޑެތި މަގާމުތަކުގައި ވެސް. ވަރަށް ބޮޑު ހިތްވަރެކޭ އެއީ ދެން ތިބި މީހުންނަށް ލިބޭ. ބުނެވޭނީ ވަރަށް އުފާވެރި ދުވަހެކޭ މިއީ. ހެޕީ ވިމަންސް ޑޭ ޝީލާގެ ފަރާތުން.
ހައްވާ މުހައްމަދު
ޑިރެކްޓަ އޮފް ކޮމިއުނިކޭޝަން/ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް
އަންހެނުންގެ ދުވަހު ކުރެވޭ އިހްސާސްތަަކަކީ ވަރަށް އުފާވެރި އިހްސާސްތަކެއް. މިފަހަރުގެ އަންހެނުންގެ ދުވަހު އެހެން ފަހަރުތަކާ ހިލާފަށް ވަރަށް އުފާވެރި އިހްސާސް ކުރެވުނު. ވަކި ގޮތަކަށް ވަކި ކުލައެއް ލާފަ ފާހަގަނުކުރަން ނިންމި ނިންމުން އެއީ އުފާވި ކަމެއް. އަންހެނުން ދުވަހު ބޭނުންވަނީ ވަކި ކުލައެއް ލައިގެން މާބޮނޑިއެއް ދީގެން ނޫނީ ކޭކެއް ނޫން. އަންހެނުންގެ ހައްގުތަކަށް ނުވަތަ އަންހެނުންނަށް މިހާރުވެސް ދިމާވާ ކަންކަމަށް ހައްލެއް ހޯދައިދޭން. އެއީ ކަންނޭނގެ އަންހެނުންގެ ދުވަހުގެ މުހިއްމު ކަމަކީ.
މަރިޔަމް އަބްދުލް ކަރީމް
ފިޓްނަސް ޓްރެއިނަރު/ ދުވުންތެރިޔާ
ކޮންމެ ދުވަހަކީ ވެސް އަންހެނުންގެ ދުވަހެއް.
ސާޒިޔާ ސައިދު
ޑައިވް އިންސްޓްރަކްޓަރު
މިއަދު ހިތަށްއެރި ވަރަށް ވުރެ މަދުން މީހުން އައީ ވީކްޑޭ އަކަށް ވީމަ. ގަބޫލު ވެސް ކުރެވޭ ވަރަށް މަދު މީހުންނަށްކަން އާދެވޭނީ. ވިމަންސް ޑޭ އޭ ކިޔާފައި ގޭގެ ހުރިހާ މަސައްކަތްތަކެއް ބަހައްޓާފައި ނާދެވޭނެ ކަން. އެހެންވީމަ ވިމަންސްޑޭ ފާހަގަކުރާނީ މީހުންނަށް ހަމަހަމަކޮށް މިކަހަލަ ދުވަސް ދުވަހު ވެސް އާދެވޭ ގޮތަށް. އެގޮތަށް އަސްލު ފާހަގަކުރަން ޖެހެނީ.
އާމިނަތު ޒޫނާ
ސްވިމް އިންސްޓްރަކްޓަ/ކޯޗު
އުފާވޭ ކޮންމެވެސް އެއް ދުވަހެއް މިގޮތަށް ފާހަގަކުރާތީ. ކޮންމެވެސް އެއް ދުވަހެއް ފާހަގަކުރާތީ އެބަ ލިބޭ ވަރަށް ބޮޑަށް އަނގައިން ނުބުނެވިފައި ތިބޭ މީހުންނަށް ވެސް އެއްޗެކޭ ބުނަން ޗާންސެއް.