ތައުލީމު

ޝަހީމްގެ އިލްމީ ދަތުރު: ފާސްނުވެގެން ސްކޫލުން ކަނޑާލި ދަރިވަރުގެ ހިތުގައި އުފެދުނީ މާ ބޮޑު އަޒުމެއް

އަރަބިއްޔާއިން ކަނޑާލުމުން އޭނާ އުޅުއްވީ ފިހާރައެއްގައި ފޮޅާސާފުކުރުމުގެ މަސައްކަތުގައި. އަލުން ކިޔެވުމުގެ ތެރެއަށް ވައްދަނީ އެ ފިހާރައާ ޖެހިގެން ހުރި މިސްކިތުން ދިމާވި ބަޔަކު
27 އޭޕްރީލު 2023
4

މުހިންމު ނުކުތާތައް

ޕާކިސްތާނަށް ވަަޑައިގަތީ ގާރީ ކޯސް ހަދަން، އެކަމަކު ފެއްޓެވީ ޤުރުއާން ހިތުދަސްކުރަން

އޭނާގެ ބަހުން ނަމަ ﷲ ދެއްވި އެންމެ ބޮޑު ހަދިޔާއަކީ ޤުރުއާން ކިޔެވުމުގެ ހުނަރު

ދިވެހިންގެ ތެރޭގައި އޭނާ ފުރަތަމަ މަޝްހޫރުވީ ވެސް ރީތިކޮށް ޤުރުއާން ކިޔަވާ އިމާމެއްގެ ގޮތުގައި

ކަން ދިމާކުރި ގޮތުން އެ ވަގުތު އޭނާގެ ބައްޕަ ހުރީ މާލޭގަ އެވެ. ޖެހިޖެހިގެން ދެ އަހަރު ފާސްނުވުމުން އަރަބިއްޔާ ސްކޫލުން އޭނާ ކަނޑާލީ އެވެ. ދީނީ ތައުލީމު ހޯދައިދޭން ބައްޕަ ދުށް ހުވަފެން ވިއްސިވިހާލިވީ އެވެ.

"އަޅުގަނޑު ދުށިން ބައްޕަ ރުއިތަން،" އޭނާ ވިދާޅުވި އެވެ.

ފާސްނުވެގެން ސްކޫލުން ކަނޑާލުމަކީ އޭރު ވަރަށް ހުތުރު ކަމެކެވެ. ތައުލީމީ ދަރިން އުފެއްދުމުގެ ހުވަފެނުގައި ތިބޭ ބެލެނިވެރިން މާޔޫސްވެ، ހިތާމަކޮށް، ކަރުނުން ދެ ލޯ ފުރިގެން ދާ ވަގުތެކެވެ. ނަމަވެސް ތައުލީމީ ގޮތުން އެވަރުގެ ނާކާމިޔާބީއެއް ލިބުނު ދަރިވަރަށް، ބެލެނިވެރިން ހިތްހަމަޖައްސައިދޭން ކުރެވޭނެ ކަމެއް ވެސް ނޯންނާނެ އެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އުމުރުން އޭރު ގާތްގަނޑަކަށް 15 އަހަރެވެ. ބައްޕަގެ އުއްމީދު ފެނަށް ވުމުގެ ޒިންމާ އޭނާ ނެންގެވި އެވެ. ކިޔެވުން މަތިން ފޫހިވެ، ފާސްނުވާ ހިސާބަށް ދާން ޖެހުނު ސަބަބުތައް ވެސް ހުއްޓެވެ. އެކަމަކު އިތުރަށް ކިޔެވުމުގެ ބަދަލުގައި އޭނާ ހިޔާރުކުރެއްވީ އާދައިގެ ވަޒީފާއެކެވެ. ބައްޕަ އެނބުރި ދިޔައީ، އަމިއްލަ ރަށް، ގއ. މާމެންދުއަށް، މަންމަ އާއި ކޮއްކޮމެން ކައިރިއަށެވެ.

ޝަހީމް ވެންނެވީ ގަލޮޅު ދަނޑު ފިހާރަބަރި ކުރިމަތިން މަޖީދީ މަގުގައި ހުންނަ ދެ ބުރި މިސްކިތާ އިންވެގެން އޭރު ހިންގި 'ހޯލި' ފިހާރައިގެ މަސައްކަތު މީހަކަށެވެ. އެއީ ތަން ފޮޅާ ސާފުކުރުމުގެ ފުލްޓައިމް ވަޒީފާއެކެވެ.

ޝަހީމް 1990ގައި އަރަބިއްޔާގައި އުޅުއްވި އިރު ގައުމީ ޖަލްސާއެއްގައި ޤުރުއާން ކިޔަވަނީ

އަރަބިއްޔާއިން ކަނޑާލި އިރު އެއް ދާއިރާއަކުން އޭނާ ހުންނެވީ ނިސްބަތުން ރަނގަޅު ފެންވަރެއްގަ އެވެ؛ ރީތިކޮށް ޤުރުއާން ކިޔެވުމެވެ. މުބާރާތްތަކުން ވަނަ ހޯއްދެވި އެވެ. ބޮޑެތި ބައެއް ޖަލްސާތަކުގައި، އެހާ ކުޑަ އިރު ވެސް ޤުރުއާން ކިޔަވާ ވިދާޅުވި އެވެ.

އޭނާގެ ހަޔާތުގެ މަގު އަލުން ތައުލީމީ ދާއިރާއަށް ކޮށުނީ އެ ކުޑަ މިސްކިތުން ދިމާވި ގާރީ ކޯހުގެ ދަރިވަރުންތަކެއްގެ ސަބަބުންނެވެ. އެ މީހުން ޝަހީމަށް ބާރުއެޅީ ފިހާރައިގައި އުޅެމުން ހަވީރު ގަޑީގައި ގާރީ ކޯހަށް ދާށެވެ. އެ ފުރުސަތު، ފިހާރައިގެ ވެރިޔާ އިބްރާހިމް އަޒީޒު (ހޯލި އަޒީ) ދެއްވި އެވެ.

"އަޒީބެ ކައިރީގައި ބުނެފިން ގާރީ ކްލާހަށް ދާން ބޭނުމޭ، ގޮސް ނިންމާފައި އަންނާނަމޭ. ދެން ބުނެފި ކްލާސް ނިންމާފައި ބަރާބަރަށް ގަޑިއަށް އަންނަން ޖެހޭނޭ. ދެން އެގޮތަށް އެއްބަސްވެ ފެށީ،" ޝަހީމް ވިދާޅުވި އެވެ.

ދެން އުފެދުނީ އާ އަޒުމެއް

އާންމުކޮށް ތިން އަހަރުން ނިންމޭ ގާރީ ކޯސް އޭނާ ފުރިހަމަކުރެއްވީ ދޮޅު އަހަރުންނެވެ. ކިޔެވުން މަތިން ފޫހިވުމަކީ ބޭކާރުކޮށްލެވުނު ދުވަސްތަކެއްކަމުގެ އިހުސާސް ކުރެއްވުނެވެ. އޭނާގެ ހިތުގައި އުފެދުނީ އާ އަޒުމެކެވެ. ޤުރުއާން ކިޔެވުމުގެ ދާއިރާއިން ރާއްޖެއިން ލިބެން ނެތް ތައުލީމު ހޯއްދަވަން ޕާކިސްތާނަށް ވަޑައިގަތުމެވެ. އެއީ ފަސޭހައިން ލިބެން އޮތް ފުރުސަތެއް ނޫނެވެ. އެކަމަކު ގޮތްދޫކުރެއްވުމެއް އޭނާގެ ނެތެވެ. އެހެންވެ އެކަނިމާއެކަނި ވަޑައިގަތީ އެޑިޔުކޭޝަން މިނިސްޓްރީއަށެވެ. މުވައްޒަފުން ކައިރީގައި ވިދާޅުވީ 'މިނިސްޓަރާ ބައްދަލުކުރަން ބޭނުން' ކަމަށެވެ. ޖަވާބަކީ، މިނިސްޓަރާ ބައްދަލުކުރެވޭނީ ކުރިން އެޕޮއިންޓްމަންޓް ހަދައިގެން ކަމެވެ.

"ތިން ވަނަ ދުވަހު އަޅުގަނޑު ބުނެފިން، މިނިސްޓަރަށް ދަންނަވާށޭ، ކިޔަވަން ބޭނުންވެގެން އުޅޭ ނިކަމެތި ކުއްޖަކު އެބަ ހުއްޓޭ ބައްދަލުކުރަން އައިސް. ދެން އެމީހުން ނުބުނަން އުޅެފައި އަޅުގަނޑު ވަރަށް ބާރު އަަޅައިގެން ދަންނަވައިފި،" ޝަހީމް ކިޔައިދެއްވި އެވެ. 

 އަރަބިއްޔާގައި އުޅުނު އިރު ޝަހީމް ޤުރުއާން ކިޔަވަނީ، އޭނާގެ ކައިރީގައި އެ ހުންނެވީ އަރަބިއްޔާގެ މުދީރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ

މިނިސްޓަރު ޑރ. މުހައްމަދު ލަތީފު އޭނާއާ ބައްދަލުކުރެއްވި އެވެ. އަމިއްލަ ހަރަދުގައި ދާ ގޮތަށް ޕާކިސްތާނުން ލިބެން ހުރި ފުރުސަތުތައް ބައްލަވާނެކަމަށް ވިދާޅުވި އެވެ. އެ ފުރުސަތު އެންމެ ފަހުން ހޯއްދަވައިދެއްވި އެވެ. ޕާކިސްތާނަށް ދާން 6،000ރ. ބޭނުންވި އެވެ. އޭނާގެ އަތުގައި އެހާ ވަރަށް ފައިސާއެއް ނެތެވެ. އެހެންވެ ކިޔަވައިގެން ވަޑައިގެންނެވި ދުވަހަކުން އަނބުރާ ދެއްވާ ގޮތަށް، ދެބެންގެ ދެދަރި މީހެއްގެ އަތުން ދަރަންޏަށް ނެންގެވީ އެވެ. ގާރީކަމުގެ ދާއިރާއިން ކިޔަވަން ބޭނުންވި އިތުރު ފަސް ދިވެހިންނާ އެކު، އޭނާ ޕާކިސްތާނަށް، 1994ގައި، ވަޑައިގަތެވެ.

ގާރީ ކޯހުގެ ބަދަލުގައި ޤުރުއާން ހިތުދަސް

ޝަހީމްގެ އުމުރުން އޭރު އަދި 17 އަހަރު ނުވެ އެވެ. ޕާކިސްތާނުން އޭނާއާ ދިމާވަނީ ކުރިން އަރަބިއްޔާގައި އުޅުނު އޭނާގެ ޓީޗަރެކެވެ.

"އިމާދު ޓީޗަރު ބުނުއްވީ ޝަހީމް އަދި ވަރަށް ކުޑައެއް ނޫންހޭ، ގާރީ ކޯސް ހަދާނެ ކަމެއް ނެތޭ، ވަންނަންވީ ޤުރުއާން ހިތުދަސްކުރާށޭ،" އޭރު ޤުރުއާން ހިތުދަސްކުރުމުގެ އެއްވެސް ހިޔާލެއް ނެތް ޝަހީމް ވިދާޅުވި އެވެ.

"ދެން މަހެއްހާ ދުވަސް ވަންދެން ހުއްޓާނުލައި ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް އަޅުގަނޑާ އެވާހަކަ [އިމާދު] ދައްކައި ހެދި. ދެން އޭނާގެ އުނދަގޫ ބޮޑުވެގެން ބުނެފިން އެންމެ ރަނގަޅޭ ދާނަމޭ."

އިންސާނާގެ ހަޔާތުގެ މަގު ބަދަލުވަނީ އެކި ގޮތަށެވެ. ޝަހީމްގެ މައިންބަފައިންގެ ދުއާއަކީ ދީނީ އިލްމުވެރިޔަކަށް އޭނާ ވުމެވެ. ނަމަވެސް އޭގެ ފުރަތަމަ ބިންގާ މާލޭގައި އެޅި، އެ ބިންގާ ފުނޑުވީ އެވެ. ޝަހީމަށް އެ މަގަށް އަލުން މިސްރާބު ޖެހުނީ، ޤުރުއާން ހިތުދަސްކުރުމުގެ ތެރެއިންނެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި އެއީ މައިންބަފައިންގެ ހުއްޓުމެއް ނެތް ހެޔޮ ދުއާގެ ނަތީޖާ އެވެ.

ބާލީހެއް ނުލިބޭނެ. ބައެއް ރޭރޭ އަޅުގަނޑުގެ ބޮޑުބޭބެ ޝާކިރު އޮންނާނެ އަތް ދިއްކޮށްލައިގެން އަޅުގަނޑު ބޯ އަޅަން. ވަރަށް ހެޔޮ ބޭބޭ.

ޑރ. ޝަހީމް، މާލޭގައި ކުޑައިރު އުޅުއްވި ގޮތުގެ ތަޖުރިބާއެއް

ޤުރުއާން ހިތުދަސްކުރާ މަރުކަޒުގައި ފާތިހާ ސޫރަތުން މަސައްކަތް ފެއްޓެވި އެވެ. އެކަމަކު ދެން ހިތުދަސްކުރަން އޮތް އެތައް ސަތޭކަ ސަފުހާއެއް ފެނިވަޑައިގަތުމުން، މާޔޫސްވި އެވެ. އެކަން ހާސިލްކުރެއްވިދާނެކަމާ މެދު ހިތްޕުޅުގައި ޝައްކާއި ވަހުމް ވެސް އުފެދުނެވެ. ނަމަވެސް ފެއްޓެވި މަސައްކަތް ދިޔައީ ކުރިއަށެވެ. އޭނާއަށް ޤުރުއާންގެ ތެރެއަށް ފަސޭހަކަމާ އެކު ވަދެވުނެވެ. ޤުރުއާނަކީ އޭގެ ޒާތުގައި ވެސް ފަސޭހައެއް ގޮތުގައި ލެއްވެވުމުގެ މަގުސަދަކީ، އެ ދަސްކުރަން އުޅޭ މީހުންނަށް ފަސޭހަވުންކަން، ސާބިތުވި އެވެ.

ހޭދަވީ އެއް އަހަރާއި ތިން މަހެވެ. ޝަހީމް ހުންނެވީ ހާފިޒަކަށް ވެވަޑައިގެންފަ އެވެ. އެއީ ޕާކިސްތާނަށް ވަޑައިގެންނެވި އިރު އޮތް މަގުސަދަށް ވުރެ މާ މަތީ ނަތީޖާއެކެވެ.

"އަޅުގަނޑު މިއަދު ވެސް ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ މި ހަޔާތުގައި ﷲ އަޅުގަނޑަށް ދެއްވި އެންމެ ބޮޑު ހަދިޔާއަކީ ޤުރުއާން ކިޔެވުމުގެ ހަދިޔާ،" ޝަހީމް ވިދާޅުވި އެވެ.

ޕާކިސްތާނުގައި ދެ ވަނަ ދަތުރު

ޤުރުއާންގެ ދާއިރާއިން 'މީހަކަށް' ވުމަށް ފަހު އޭނާގެ ހިތްޕުޅުގައި އުތުރުއަރަމުން ދިޔައީ، ރާއްޖޭގައި ހާސިލްނުކުރެއްވުނު، އަރަބި ތައުލީމު ހޯއްދެވުމުގެ އެދުންތަކެވެ. ޕާކިސްތާނުގެ ރައްޓެއްސަކު އޭނާއަށް އެ މަގު ދެއްކި އެވެ. ސައުދީ އަރަބިއްޔާގެ މާލީ އެހީގައި ހިންގާ ދީނީ ތައުލީމު ދޭ މައުހަދެއްގެ ވާހަކަ އެ ރަހުމަތްތެރިޔާ ކިޔައިދިނެވެ. އެތަން ހުންނަނީ ޝަހީމް އޭރު ދިރިއުޅުއްވި ސަރަހައްދުން ބަހުގައި 12 ގަޑިއިރުން ދެވޭ ހިސާބެއްގަ އެވެ. އެހީއަކަށް ބޭނުންވެއްޖެ ނަމަ ގުޅުއްވާނެ މީހެއްގެ ނަންބަރު ވެސް ރަހުމަތްތެރިޔާ ދިނެވެ.

ބަހުގައި ދަތުރުކުރައްވައި، އެ މައުހަދަށް ވަޑައިގަތް އިރު ކުރިއަށް އޮތް ސެމިސްޓާއަށް ދަރިވަރުން ނަގާ އޮތީ ނިމިފަ އެވެ. ރަހުމަތްތެރިޔާ ދިން ނަންބަރަށް ގުޅުއްވަން ޖެހޭ ހާލަތު އައީ އެވެ. އެއީ އިރާގަށް ނިސްބަތްވާ މީހެއްގެ ނަންބަރެވެ. އޭނާއާ ބައްދަލުކުރައްވައި، ކަން ވީ ގޮތް ކިޔައިދެއްވުމުން، ދިއްކޮށްލީ މައުހަދުގެ މުދީރަށް ލިއުނު ނޯޓެކެވެ. 

ޑރ. މުހައްމަދު ޝަހީމް، ކަނާތް ފަރާތުން ދެވަނައަށް، ބޭރުގައި ކިޔަވާ ވިދާޅުވި އިރު ދިވެހި ބައެއް ދަރިވަރުންނާ އެކު

އަނެއް ދުވަހުގެ ހެނދުނު ހެނދުނާ ޝަހީމް މައުހަދަށް ވަޑައިގަތެވެ. އަށެއް ޖެހުމާ އެކު މުދީރު ވަޑައިގަތުމުން އެ ނޯޓު އޭނާއާ ހަވާލުކުރެއްވި އެވެ. މުދީރު ހިންގަވައިގަތީ އޭނާގެ އޮފީހަށެވެ. މާ ގިނަ އިރެއް ނުވެ ޝަހީމްގެ ނަމުން ގޮވަމުން އެތަނުގެ އިސް މުވައްޒަފަކު އަ އެވެ. އެ މީހާ ބުނީ ތިއީ "މިއަދުން ފެށިގެން މިތަނުގެ ދަރިވަރެކޭ" އެވެ.

ދީނީ ތައުލީމު އުނގެނުމުގެ އަމަލީ ދެވަނަ ދަތުރު އެހާ ހިސާބުން ފެއްޓެވީ އެވެ. އޭރު އޭނާ ހުންނެވީ ކިޔެވުމުގެ އަޒުމުގައި ކުރިއަށް ހިތްވަރުނެރުއްވައިގެންނެވެ. މާ ގިނަ ދުވަހެއް ނުވެ، އޭނާގެ ރީތި ޤުރުއާން ކިޔެވުމުގެ ހުނަރާ އެކު މައުހަދުގެ އިމާމުކަން ލިބިވަޑައިގަތެވެ. ކޮންމެ ސެމިސްޓާއެއްގައި މުޅި ކްލާހުން އެއްވަނަ އެވެ. ހަތަރު އަހަރުގެ ކިޔެވުން ނިންމާލެއްވީ، މުޅި މައުހަދުން އެއްވަނަ ހޯއްދަވައިގެންނެވެ.

"އެތަނުގެ ގަވާއިދު އޮންނަ ގޮތުން އެއްވަނައަށް ހޮވޭ ކުއްޖާއަށް ޓިކެޓް ދޭ ގައުމަށް ދާން،" ޕާކިސްތާނަށް ވަޑައިގެންނެވި ގޮތަށް ރާއްޖެއަށް އެނބުރި ވަޑައިނުގެން ފަސް އަހަރެއްހާ ދުވަސް ހޭދަކުރެއްވި ޝަހީމް ވިދާޅުވި އެވެ.

މައިންބަފައިން އޭނާއާ މެދު ދުށް ހުވަފެންތަކުގައި ރަނގަޅަށް ކުލަ ޖެހުނީ އެވެ. އުފާވެރިކަމާ އެކު އޭނާ ވަޑައިގަތީ ރާއްޖެއަށެވެ. 

އަރަބިއްޔާއަށް ފުރަތަމަ ޒިޔާރަތް

ޝަހީމް 1992ގައި ކަނޑާލި އަރަބިއްޔާ ސްކޫލް އޭނާއަށް ޚާއްސަ އެވެ. އެތަނުގެ މުދީރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއަކީ ކިޔެވުމަށް ހިތްވަރުދެއްވި ބޭފުޅެކެވެ. ޖެހިޖެހިގެން ދެ އަހަރު ފާސްނުވެއްޖެ ނަމަ ސަރުކާރުގެ ސްކޫލްތަކުން ވަކިކުރުމަކީ އޭރު އެޑިޔުކޭޝަން މިނިސްޓްރީން ގެންގުޅުނު އުސޫލެކެވެ. އެއީ ސްކޫލްގެ އަމިއްލަ ނިންމުމެއް ނޫނެވެ.

ޑރ. ޒަކަރިއްޔާގެ ހިތްވަރުދެއްވުމާއި އެހީތެރިކަން ޝަހީމްގެ ހަނދާނުން ފިލައިގެން ނުދެ އެވެ. އެހެންކަމުން އޭނާ ބޭނުންވީ އަރަބިއްޔާއަށް ޒިޔާރަތްކުރައްވާށެވެ.

"އަޅުގަނޑު އެ ބޭފުޅާއާ ބައްދަލުވީމާ ހުރީ ވަރަށް ހައިރާންވެފައި. އެހާ ގިނަ ދުވަހު ނުފެނި [ދިޔައީ]، އަޅުގަނޑު އުޅުނު ތަނެއް ވެސް ނޭނގޭނެ. 1992ގައި ކަނޑާލީ 1999ގއި މި ފެނުނީ،" އެ ހަނދާންތައް އާކުރައްވަމުން ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ބުނެފިން މިއަދު އަޅުގަނޑު ބޭނުންވަނީ ސީދާ އަރަބި ބަހުންނޭ ވާހަކަ ދައްކާލަން. ބުނެފި ހިނގާށޭ އަވަހަށް. ދެން ބުނެފި ވަރަށް އުފާ ވެއްޖޭ، ތިމަންނަ ބޭނުމޭ މިތަނުގެ ޓީޗަރުކަން ދޭން."

ސަރުކާރުގައި ޝަހީމްގެ ފުރަތަމަ ވަޒީފާއަކީ އަރަބިއްޔާގެ ޓީޗަރުކަމެވެ. މިއީ ހަޔާތުގައި ވަރަށް މަދުން ނޫނީ ދިމާނުވާނެ އިއްތިފާގެކެވެ.

ފުރަތަމަ ޑިގްރީން، މާސްޓާސް އިން ޕީއެޗު.ޑީއަށް

މަދީނާ ޔުނިވަސިޓީއަކީ އޭރު ޝަހީމްގެ އެންމެ ބޮޑު ހުވަފެނެވެ. އެ ޔުނިވަސިޓީއަށް ދިވެހި ދަރިވަރުން ހޮވަން އައި އޮފިޝަލުންތަކަކާ އިސްލާމީ މަރުކަޒުން ބައްދަލުވި އެވެ. މަދީނާއަށް ކިޔަވަން ދާން ބޭނުން ދަރިވަރުންކޮޅެއް ހޯދައިދޭން އެމީހުން އެދުނެވެ. ޝަހީމް މެދުވެރިވެގެން ދަރިވަރުންތަކެއް އެއްކުރި އެވެ. އެ ދަރިވަރުންނާ އިންޓަވިއުކޮށް ނިމުމަށް ފަހު، އެ އޮފިޝަލުން ބުނީ، ޝަހީމް ވިދާޅުވި ގޮތުގައި، އޭނާ ވެސް ޔުނިވަސިޓީއަށް ގެންދަން ބޭނުން ވާހަކަ އެވެ.

އެކަމަކު މަދީނާ ޔުނިވަސިޓީން ޖާގަ ލިބުން ލަސްވެގެން ވަޑައިގަތީ މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީއަށެވެ. އެތަނުގައި އަހަރެއްހާ ދުވަސް ހޭދަކުރެއްވި އެވެ. މަދީނާ ޔުނިވަސިޓީން ޖާގަ ލިބުނުކަމުގެ ސިޓީ އައީ، ޗުއްޓީއެއްގައި ރާއްޖޭގައި ހުންނަވަނިކޮށެވެ. އަޒްހަރަށް އެނބުރި ވަޑައިގަތުމުގެ ބަދަލުގައި އޭނާ މިސްރާބު ޖެއްސެވީ މަދީނާއަށެވެ.

ޝަހީމް މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީގެ ޖަލްސާއެއްގައި: އެ ޔުނިވަސިޓީ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި

ޝަހީމްގެ ކުރިން ވެސް މަދީނާ ޔުނިވަސިޓީގައި ދިވެހި އެތައް ދަރިވަރުންނެއް ތައުލީމް ހާސިލްކުރި އެވެ. އެކަމަކު އެއިން އެއްވެސް ދަރިވަރަކަށް ނުލިބޭ ފުރުސަތު އޭނާ ހޯއްދެވި އެވެ؛ އެ ޔުނިވަސިޓީގެ މިސްކިތުގެ އިމާމުކަމެވެ. މިއަދު ވެސް އެ ހަނދާންތަކުން އޭނާއަށް އޮތީ ވަރަށް ހާއްސަ އުފަލެކެވެ.

"އެއީ މަދީނާގެ މިސްކިތްތަކުގެ ތެރެއިން ބޮޑު މިސްކިތެއް. އެތަނުގައި އަޅުގަނޑު ހުރިން ދެ އަހަރަށް ވުރެ ގިނަ ދުވަހު އިމާމަކަށް،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ފުރަތަމަ ޑިގްރީއަށް ކިޔަވާވިދާޅުވީ އުސޫލުލް ފިގުހުގެ ދާއިރާއިންނެވެ. އޭގެ ފަހުން މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީގައި މާސްޓާޒް ޑިގްރީ އާއި ޕީއެޗު.ޑީ ނެންގެވީ ވެސް އެ ދާއިރާއިންނެވެ. ޕީއެޗު.ޑީގައި އޭނާ ހާއްސަވީ ޒަކާތުގެ ބައިންނެވެ. 

ދިރިއުޅުމަކީ ފިލާވަޅެއް، ތަޖުރިބާއެއް

ދިވެހިންގެ ތެރޭގައި ޝަހީމް ފުރަތަމަ މަޝްހޫރުކަން ހޯއްދެވީ މާފަންނުގައި ހުންނަ ތޮއިބާ މިސްކިތުގެ އިމާމަކަށް ހުންނެވި އިރު އެވެ. އޭނާގެ ޤުރުއާން ކިޔެވުން ރީތިވެގެން ވަރަށް ގިނަ ބަޔަކު އެ މިސްކިތަށް، ނަމާދަށް ދިޔަ އެވެ. ހާއްސަކޮށް ތަރާވީހު ނަމާދާއި ދަމު ނަމާދެވެ.

އެއީ ފުރަތަމަ ޑިގްރީއަށް ފަހު ރާއްޖެ ވަޑައިގެން ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި ވަޒީފާ އަދާކުރައްވަމުން އޭނާ ނެންގެވި ޒިންމާއެކެވެ.

އެ ދުވަސްވަރު ސިޔާސީ ގޮތުން ވެސް، އަދާލަތު ޕާޓީގައި ޝަހީމް ފެނުނީ ޒުވާން، ހީވާގި ބޭފުޅެއްގެ ގޮތުގަ އެވެ. އެމްޑީޕީ ފުރަތަމަ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތެވެ.

ޝަހީމް އޭނާގެ ތައުލީމީ ދަތުރުގެ ވާހަކަ 'ދައުރު'އަށް ކިޔައިދެއްވަނީ -- ދައުރު ފޮޓޯ | މުޒައްޔިން ނާޒިމް

ފަހުން އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވައިފަ އެވެ. ޔާމީން ސަރުކާރުގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން އޭނާއަށް ލިބިވަޑައިގަތީ އަލަށް ހެދި އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރުގެ މަގާމެވެ. އެ ޔުނިވަސިޓީ އުފެއްދުމުގައި ވެސް އޭނާގެ ޒިންމާ ވަރަށް ބޮޑެވެ.

މިހާރު އޭނާ ގެންދަވަނީ އަމިއްލައަށް ޕްރީ ސްކޫލާއި ޤުރުއާން ހިތުދަސްކޮށްދޭ މަރުކަޒެއް ހިންގަވަމުންނެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކީ އިންޓަނޭޝަނަލް އިސްލާމިކް ސްކޫލެއް ރާއްޖޭގައި އުފެއްދެވުމެވެ.

އުމުރުން 46 އަހަރުގެ ޝަހީމްގެ ކައިވެންޏަށް ތިން ބޭފުޅުން ލިބިވަޑައިގަތެވެ. ކާފަ ދަރިކަލަކު ވެސް މިހާރު އެބަ ހުއްޓެވެ. އެކަމަކު މިހާ ހިސާބަށް އޭނާ އެ ވަޑައިގަތީ ވަރަށް ދަތި، އުނދަގޫތަކެއް ތަޖުރިބާކުރައްވައިފަ އެވެ. އުއްމީދު ގެއްލުނު ވަގުތުތަކެވެ. އަލުން އަޒުމް އާކުރެއްވި ދަނޑިވަޅުތަކެވެ. އޮތީ ކުރިއަށް ދިއުންކަން ގަބޫލުކުރެއްވި ދުވަސްތަކެވެ.

މަރުހަލާއެއްގައި ފެއިލްވުމަކީ އަދި ނިމުމެއް ނޫން. ހިތްވަރާއި އަޒުމާ އެއްކޮށް މަސައްކަތްކުރަން ޖެހޭނެ

ޑރ. ޝަހީމް، މިހާރުގެ ކުދިންނާއި ޒުވާނުންނަށް ދެއްވި މެސެޖެއް

ރަށުން މާލެއަށް ގެނައުމުގެ ކުރިން ޝަހީމް ދިރިއުޅުއްވަމުން ގެންދެވީ މައިންބަފައިންނާއި ކޮއްކޮމެންނާ އެކު އުފަލުގަ އެވެ. ނަމަވެސް އުމުރުން އެހާ ހަގު އިރު އާއިލާގެ އެ ގުޅުމާއި ލޯބިން ނެއްޓި މާލެއަށް އައިސް އުޅެން ޖެހުނީ ހިތްވަރު ލިބޭ ކަހަލަ ގޮތަކަށެއް ނޫނެވެ. އޭނާ ބެހެއްޓީ މާލޭގައި ޕިކަޕެއް ދުއްވަމުން އައި އޭނާގެ ބޮޑުބޭބެއެއް ކަމަށްވާ ޝާކިރު ހުސެއިން ކައިރީގަ އެވެ. އުޅެން ޖެހުނީ 10 މީހުންނާ އެކު ކުޑަކުޑަ ކޮޓަރިއެއްގަ އެވެ.

"ނިދަން ޖެހެނީ ތަޅުންގަނޑު މަތީގައި. އެތާ ހުރޭ ޑަބަލް ބެޑެއް ވެސް، އެކަމަކު ކުރިން ގޮސް ނިދާ މީހަކަށް [ލިބޭނީ]. އެހެން ނޫނީ ތަޅުންގަނޑުގައި ކުނާ އަޅައިގެން ނިދަން ޖެހޭނީ،" ޝަހީމް ވިދާޅުވި އެވެ.

"ބާލީހެއް ނުލިބޭނެ. ބައެއް ރޭރޭ  އަޅުގަނޑުގެ ބޮޑުބޭބެ ޝާކިރު އޮންނާނެ އަތް ދިއްކޮށްލައިގެން އަޅުގަނޑު ބޯ އަޅަން. ވަރަށް ހެޔޮ ބޭބެއެއް."

"އަމިއްލައަށް އެއްޗެހި ދޮންނާނީ. އޭރު ފެން ބަލާ ދާން ޖެހޭނީ މިސްކިތަށް ބާލިދީ ހިފައިގެން. ފެން ހިފައިގެން އައިސް އެންމެން ގުޅިގެން އެއްޗެހި ދޮންނާނީ. ގޭގެ ކުނި އުކުން، ޖަންކްޝަން ސާފުކުރަން، ބާޒާރުން އެއްޗެހި ގަތުން، މި ހުރިހާ ކަމެއް ކުރަން."

މާލޭގައި އެ އުޅުއްވި ދުވަސްވަރު އެހެން ބޮޑުބޭބެއެއް ކަމަށްވާ މުހައްމަދު ތައުފީގުގެ އެހީތެރިކަން ވެސް ލިބިވަޑައިގަތެވެ. ނަމަވެސް މި އެންމެން ވެސް އޭރު މާލޭގައި، ވަޒީފާ އަދާކުރަން އުޅުނީ ދަތި ހާލުގަ އެވެ. އެހެންކަމުން ރަށުގައި އަމިއްލަ ގޭގައި އޮތް ހިތްހަމަޖެހުމެއް، ޝަހީމުގެ ނެތެވެ. ކިޔެވުމުގެ މަތިން ފޫހިވެ، ހިތްވަރުކުރުމުގެ ތެރެއިން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް، ނަފުސު ބޭރުވީ، އެ ހާލަތުގެ ސަބަބުންނެވެ.

ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އޭނާއަށް އަލި މަގު ފެނިވަޑައިގަތެވެ. ޤުރުއާން ކިޔެވުމުގައި އެޅުއްވި ފިޔަވަޅު އޭނާ ގެންގޮސް ވެއްދީ އިލްމުގެ ތެރެއަށެވެ. މިއަދު ޝަހީމް އެ ހުންނެވީ ޕީއެޗު.ޑީ ނަންގަވައިގެންނެވެ. މާތްﷲ އަށާއި މައިންބަފައިންނަށް އޭނާގެ ހިތްޕުޅުގައި އޮތީ ޝުކުރެވެ. ލޯތްބެވެ.

އެހެން މީހުންނަށް މިއީ އިބުރަތެވެ. ހިތްވަރެވެ. މިސާލެވެ.

"މަރުހަލާއެއްގައި ފެއިލްވުމަކީ އަދި ނިމުމެއް ނޫން. ހިތްވަރާއި އަޒުމާ އެއްކޮށް މަސައްކަތްކުރަން ޖެހޭނެ،" މިހާރުގެ ކުދިންނާއި ޒުވާނުންނަށް ނަސޭހަތެއްގެ ގޮތުން ޝަހީމް ވިދާޅުވި އެވެ.

"އަސްލު ހުރިހާ އެއްޗަކީ ފައިސާއެއް ނޫން. އެމީހާގެ އަޒުމާއި އެމީހާގެ އިހުލާސްތެރިކަމާއި އެމީހާ ކުރާ ދުއާ އާއި އެމީހުންނަށް ހެޔޮ އެދޭ މީހުންގެ އިރުޝާދު އެއީ އެމީހާ ކާމިޔާބު މަންޒިލަށް ގެންގޮސްދޭނެ ކަންތައް."

ކޮމެންޓް (4)

އިއްޒައްދީން

29 އޭޕްރީލު 2023
ޝަހީމު ސޯ ފުރަތަމަ އުޅުނީ ލާހޯރުގެ އަޝްރަފިއްޔާ ކިޔާތަނެއްގައި . ދެން އެބުނާ 12 ގަޑިއިރުން ދެވޭ ހިސާބަކީވެސް ބޮޑު ސަހަރެއް. އެސަހަރަށް ކިޔަނީ ޕިޝާވަރު އެއީ ތޯލިބާނުން ގިނަ ސަރަހައްދެއް. ޕިޝާވަރުގައި އުުޅުނީ މައުހަދު އިމާމު އަބޫ ހަނީފާ ގައި. އެއީ ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތު ގެ ދަށުން ހިންގި އަރަބީ މީޑިއަމަށް ކިޔވައިދޭ ތަނެއް
0 1

އިއްސެ

29 އޭޕްރީލު 2023
ރޯދަމަހު ދަމު ނަމާދުގަ ވަރަށް މިސްވޭ މި ގާރީ - ރީތި އަޑުއަހާހިތްވާ ކަހަލަ އަޑަކާއި ކިޔެވުމެއް ލިބިފައިވާ ބޭފުޅެއް
1 0

احمد

29 އޭޕްރީލު 2023
ރީތި އަޑުން ތާފާތު ރާގުތަކަށް ޤުރްއާން ކިޔަވާ މީހުން ވަރަށް ގިނައެވެ. އަދި އެ ޤުރްއާނުގެ މާނަ އެނގޭ ޙާލުވެސް ޢަމަލުކުރާ މީހުން ކިތައްމެ ހާވެސް މަދެވެ!
3 0

ގުޑް

28 އޭޕްރީލު 2023
ހިތްވަރު ގަދަ ބޭފުޅެއް. އަޒުމް، ދުޢާ، ހެޔޮ އެދޭ މީހުންގެ ލަފާ. މިއީ މި ލިޔުމުން ދަސްވި ފިލާވަޅަަކީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް