ލަންކާގައި އީދު ނަމާދަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދި އިބްރާހިމް އަލީ.
ލަންކާއިން ގެއްލުނު ދިވެހި މީހާ ފެނިއްޖެ، ހުރީ ހޮސްޕިޓަލެއްގައި
ސްރީ ލަންކާގައި މީގެ ނުވަ ދުވަސް ކުރިން ގެއްލިގެން ހޯދަމުން ދިޔަ ދިވެހި ފިރިހެން މީހާ މިއަދު ފެނިއްޖެ އެވެ.
އެނގުން މުހިއްމު - އުމުރުން 62 އަހަރުގެ އިބްރާހީމް އަލީ ގެއްލުނީ މިދިޔަ އީދު ދުވަހު، އީދު ނަމާދަށް ދިޔަ ފަހުންނެވެ. އަދި އެކަން އާއިލާއިން ރިޕޯޓު ކުރުމާއެކު، ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނާއި އެ ގައުމުގެ ފުލުހުން ދިޔައީ އިބްރާހިމް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ވީ ކިހިނެއް؟ - ފޮރިން މިނިސްޓްރީން ބުނިގޮތުގައި ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހާ މިއަދު ފެނުނީ، ކޮލަމްބޯ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
"އަޅުގަނޑުމެންގެ ކޮންސިއުލާ ސްޓާފަކަށް އޭނާ ފެނުނީ ހޮސްޕިޓަލުގެ ތެރެއިން. އޭރު އެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލަކަށް ފޮޓޯ ފޮނުވައިގެން އޭނާ ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުން،" ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވި އެވެ.
ހޮސްޕިޓަލަށް އޭނާ ދިޔައީ ކިހިނެއްކަމެއް އަދި ހޯދަމުން ދިޔައީ ކޮން ފަރުވާއެއް ކަމެއް މިއުވާން ވިދާޅެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ވޭތުވެ ދިޔަ ދުވަސްތަކުގައި އިބްރާހިމް އުޅުނީ އެކި ތަންތަނުގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ފެނުނު އިރު، އިބްރާހިމަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
ބުނީ ކީކޭ؟ - އިބްރާހިމް އަލީގެ އާއިލާއިން ވާހަަކަ ދެއްކި އަބްދުއްރަހުމާން 'ދައުރު' އަށް ކުރިން ކިޔައިދިން ގޮތުގައި އޭނާ ލަންކާއަށް ދިޔައީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. އަދި އިބްރާހީމް އެ ގައުމުގައި ހުއްޓާ ކިޑްނީ މައްސަލައެއް ހުންނަކަން އެނގި އެ ބައްޔަށް ދިޔައީ ބޭސް ކަމުން ކަމަށް އަބްދުއްރަހުމާން ބުންޏެވެ.
އޭނާ އުޅެމުން ދިޔައީ ލަންކާގައި ހުންނަ ރަހުމަތްތެރި ދިވެހި އާއިލާއެއް ކައިރީގައި ކަމަށް ވެސް އެނގިފައި ވެ އެވެ.