ރާއްޖޭގެ ރަށެއްގެ މަގުމަތީގައި ބަޔަކު މަޑުކޮށްލައިގެން: އޭޕްރީލް މަހަކީ އާއްމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު. (ދައުރު ފޮޓޯ)

މޫސުން

އިންތިހާއަށް ހޫނުގަދަހެން ހީވިޔަސް، މިއީ ހަމަ އާއްމު މިންގަނޑު

މިދިޔަ ދެތިން ދުވަހު ވަރަށް ހޫނު ގަދަވި ނަމަވެސް، މިއީ އޭޕްރީލް މަހު އާއްމުކޮށް ފިނިހޫނުމިން ހުންނަ ވަރު ކަމަށް މެޓުން ބުނޭ

ރާއްޖޭގެ ގިނަ ހިސާބުތަކަށް މިދިޔަ ދެތިން ދުވަހު 40 ޑިގްރީއަށް ވުރެ މައްޗަށް ހޫނުމިން އިހުސާސް ކުރެވުނެވެ. އެކަމަކު މި އަހަރު ކިތަންމެ ހޫނު ގަދަހެން ހީވިޔަސް، މިއީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް ހޫނުމިން ހުރި މިންގަނޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެ އެވެ.

އެނގުން މުހިއްމު - މެޓު އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އާދިއްތަ ދުވަހަކީ މި އަހަރުގެ އެންމެ ހޫނު ގަދަ އެއް ދުވަހެވެ. އެ ދުވަހު މާލެ ސަރަހައްދުގައި ފިނިހޫނުމިން އިހުސާސްކުރެވޭ ވަރު ނުވަތަ "ފީލްސް ލައިކް ޓެމްޕަރޭޗާ" ހުރި ކަމަށް ދެއްކީ 43.3 ޑިގްރީގަ ސެލްސިއަސްގަ އެވެ.

ވީ ކިހިނެއް؟ - ފިނިހޫނުމިން އިހުސާސް ކުރެވޭ ވަރު މަތިވި ނަމަވެސް، އާއްމުކޮށް ރާއްޖޭގައި ހޫނުމިން އުޅޭނީ 30-32 ޑިގްރީ ސެލްސިއަސްގަ އެވެ. އެންމެ ހޫނު ގަދަ ދުވަސް ދުވަހު އުޅޭނީ 32.5 ޑިގްރީ ސެލްސިއަސްގަ އެވެ.

މިއަދު ރާއްޖެ މަތިން ނަގާފައިވާ ސެޓަލައިޓް ފޮޓޯއެއް.

ބުނީ ކީކޭ؟ - މެޓު އޮފީހުގެ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް މިއަދު ވިދާޅުވި ގޮތުގައި، މިހާރު ވެސް އެ މިންގަނޑަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. މިދިޔަ އަހަރު ވެސް އެންމެ ހޫނު ގަދަ ދުވަސްވަރު ފިނިހޫނުމިން އިހުސާސް ކުރެވޭ މިންވަރު 40 ޑިގްރީއަށް ވުރެ މައްޗަށް ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ހަމަ އޭޕްރީލް މަހުގެ ނޯމަލް ޓެމްޕަރޭޗާ. އެހެން އަހަރުތަކާ ބަލާއިރު މާ އާދަޔާހިލާފަށް މި އަހަރު ވަކި ހޫނެއް ނުވޭ،" އަލީ ޝަރީފް ވިދާޅުވި އެވެ.

އޭޕްރީލް މަހަކީ އެންމެ ހޫނު ގަދަ މަސް ވިޔަސް، މި މަހު ބައެއް ދުވަސް ދުވަހު ވާރޭ ވެހޭނެ އެވެ. އެކަމަކު އެކަން ދެމިގެންދާނީ ކުޑަ ދުވަސްކޮޅަކަށެވެ. މިއީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ދުވަސްވަރު ކަމަށް ވުމުން، މޫސުމަށް ބަދަލުތަކެއް އާދެ އެވެ. 

މިދިޔަ ދެ އަހަރަށް ބަލާއިރު، މި އަހަރު ވާރޭ ވެހުނު މިންވަރު ވެސް މަދެއް ނޫނެވެ. އެގޮތުން:

  • މިދިޔަ އަހަރުގެ އޭޕްރީލްގައި ވެހުނީ 124 މިލިމީޓަރުގެ ވާރޭ

  • މި މަހުގެ މިހާތަނަށް 70 މިލިމީޓަރަށް ވާރޭ ވެހިފައިވޭ

މި ފަހުން ފިނިހޫނުމިނަށް މާ ބޮޑު ތަފާތުތަކެއް ނައި ނަމަވެސް، ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު ކޮންމެ އަހަރަކު ވެސް ވަރަށް ކުޑަކޮށް ހޫނުމިން މައްޗަށް ގޮސްފައިވެ އެވެ. އެއީ، ތަފާސްހިސާބުތަކުން ބަލާއިރު، 0.02 ޑިގްރީ ސެލްސިއަސް އެވެ.

މިއަދުގެ މޫސުން:

  • އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާ އެކު ކެރީގެ އަސަރު ކުރާނެ

  • އެކަމަކު އާއްމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ

  • މިއަދު 2 ޖެހިއިރުގެ ފިނިހޫނުމިނަށް ބަލާއިރު، އެންމެ ހޫނު ގަދައީ އައްޑުއަށް

  • އައްޑޫ ގަމުގެ ފިނިހޫނުމިން 32 ޑިގްރީ ސެލްސިއަސްއަށް އެރިއިރު، އެ ސަރަހައްދުގައި ފިނިހޫނުމިން އިހުސާސްކުރެވޭ މިންވަރު ހުރީ 40.8 ޑިގްރީ ސެލްސިއަސްގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް