މަހުމޫދުގެ މަރު

ސާލިމްގެ އިއުތިރާފު ދަމަހައްޓައިފި؛ ވާރިސުން ބޭނުމީ މަރަށް މަރު

ސާލިމް ވަނީ ކުށަށް މައާފަށް އެދި، އިއުތިރާފު އެއްބަސްވުމެއް ހަދަން އެދިފައި. ނަމަވެސް ދައުލަތުން އެކަމާ ދެކޮޅު
19 ޖެނުއަރީ 2022

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި ކަމަށް ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ވީ އިއުތިރާފު މިއަދު ކްރިމިނަލް ކޯޓުގައި ވެސް އޭނާ ދަމަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އޮކްޓޯބަރު މަހުގެ 14ގައި މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ ދަނގެތީގެ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއިންނެވެ. އެ މައްސަލައިގައި ސާލިމް ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުން، އޮކްޓޯބަރު 16ގަ އެވެ.  

ފުލުހުން މީގެކުރިން ބުނީ މަހްމޫދު މަރާލި ކަމަށާ އަދި މަހްމޫދަށް ހަމަލާ ދިން ގޮތް ވެސް ސާލިމް ތަހުގީގަށް ކިޔައިދީފައިވާ ކަމަށެވެ.

އެ މައްސަލައިގައި އޭނާއަށް ދެ ދައުވާއެއް އުފުލި އެވެ. އެއީ:

  • ގަސްތުގައި މީހަކު މެރުމުގެ ދައުވާ 

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ

ތަފްސީލް - އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ސާލިމް ވާހަކަ ދެއްކި އެވެ. ތަރުޖަމާނެއްގެ އެހީގައި ވާހަކަދައްކަމުން ސާލިމް ވަނީ ތަހުގީގުގައި އޭނާ ވީ އިއުތިރާފު ދަމަހައްޓައިފަ އެވެ. އަދި އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ކަންކަމަށް ވެސް އެއްބަސްވި އެވެ.

އިއުތިރާފުގެ މައްސަލަތަކުގައި ކުރިއަށް ގެންދާނީ އަވަސްނިޔާގެ ޝަރީއަތެވެ. ނަމަވެސް މިއަދު ދައުލަތުން ވަނީ މިއީ މަރުގެ މައްސަލައަކަށް ވުމުން، ހެކި ހުށަހަޅައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.

ސާލިމް އަށް ދައުލަތުން ހަމަޖައްސައިދިން ދިފާއީ ވަކީލު މަޖީދު އަލީ ވަނީ އެކަމަށް އިއުތިރާޒުކުރައްވައިފަ އެވެ. ވަކީލް ވިދާޅުވީ އިއުތިރާފުގެ މައްސަލަތައް ކުރިއަށް ގެންދަން ގާނޫނުގައި އޮންނަނީ އަވަސް ނިޔާގެ ޝަރީއަތުން ކަމަށެވެ. ދިފާއީ ވަކީލުގެ ވާހަކަތަކަށް މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވެސް ތާއީދުކުރެއްވި އެވެ.

ގާޒީ ޝަކީލް މިއަދު ވިދާޅުވީ ދެން އޮންނާނީ އަވަސް ނިޔާގެ އަޑުއެހުމެއް ކަމަށެވެ. އެ އަޑުއެހުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 ގަ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު 'ދައުރު' އަށް ވިދާޅުވީ، ހެކި ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދަން ދައުލަތުން އަދިވެސް އެދޭނެ ކަމަށެވެ.

އދ. ދަނގެތީގައި 14 އޮކްޓޯބަރު 2021 ވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު، 57އ: އޭނާ އަކީ އެރަށުގެ ވިޔަފާރިވެރިއެއް

ސާލިމް މައާފަށް އެދި އިއުތިރާފު އެއްބަސްވުމެއް ހަދަން އެދުނު

މިއަދުގެ ޝަރީއަތުގައި ދިފާއީ ވަކީލް ވިދާޅުވީ ސާލިމް ވަނީ މަހްމޫދު މަރާލީ ޝައިތޯނާގެ ބަހަށް ހެއްލިގެން ކަމަށް ބުނެ، މައާފަށް އެދިފައިވާ ކަމަށެވެ. އަދި ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދަން ވެސް އެދުނެވެ.

މިއަދުގެ ޝަރީއަތުގައި މަހްމޫދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުން ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެހެންކަމުން އިއުތިރާފު އެއްބަސްވުމެއް ހަދަން ދައުލަތުން ދެކޮޅު ހެދި އެވެ. ވާރިސުންގެ ބަސް ޝަރީއަތަށް ނެގުން އޮންނާނީ، ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު، ހުކުމް ކުރުމުގެ ކުރިންނެވެ.

އެނގުން މުހިންމު - ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާލިމްގެ މައްޗަށް ކުރަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްހި ގެންގުޅުން މަނާކުުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މައްދާގެ (ނ)ގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ:

  • ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހައްގަކާ ނުލައި މީހަކު މަރައިފިނަމަ ގަސްދުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެ 

  • އެ އަމަލު ކުރި މީހެއްގެ ކުށުގެ އަދަބަކީ މަރުގެ އަދަބު

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކުރަނީ، ގާނޫނުލް އުގޫބާތުގެ 636 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުންނެވެ. އެ މައްދާގައި ބުނަނީ:

  • ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ހިންގާ އަމަލު ފިޔަވައި، މައްޔިތާއާމެދު މީހަކު ހިންގާ އަމަލަކުން އެ މައްޔިތާ ނިސްބަތްވާ އާއިލާގެ މީހުންގެ ތެރޭގައި ނަފްރަތު އުފެދޭނެކަމަށްވާ ނަމަ، އެ މީހާ އެކުރަނީ ކުށެށް 

  • އެއީ ޖުނަހުގެ ދެ ވަނަ ދަރަޖައިގެ ކުށެއް 

  • އަސާސީ މިންގަނޑުން ބަލާނަމަ ކުށުގެ އަދަބަކީ، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް