ނ. ތޮޅެންދޫ: ކުރިން މީހުން ދިރިއުޅުނު އެ ރަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަން އެގްރިކަލްޗާ މިނިސްޓްރީން މަސައްކަތް ފެށުމުން އަތޮޅު ކައުންސިލުން ނިންމީ 'ސިންގަލް ޕާސަލް' އުސޫލުން މުޅި ރަށާއި އެންމެހާ ވަސީލަތްތައް ދިނުމާ ދެކޮޅު ކަމަށް. (ފޮޓޯ/ މުހައްމަދު މިފްޒާލް)

އަތޮޅުތައް

ނ. އަތޮޅުގެ ފަޅުރަށެއް އާއްމުންނަށް ބަންދުވާ ގޮތަށް ނެގުމާ ދެކޮޅުކަން ކައުންސިލުން އަންގައިފި

ނ. ތޮޅެންދޫ 21 އަހަރަށް ކުއްޔަށް ދޫކުރަން ސަރުކާރުން އުޅޭތީ އަތޮޅު ކައުންސިލުން އެންގީ މަދު ބަޔަކަށް ފައިދާވާ ގޮތަށް އެ އަތޮޅުގެ ތަންތަން ދޭން އުޅޭ ނަމަ "ގައުމީ އަދި ބައިނަލްއަގުވާމީ އިދާރާތަކުގެ ކުރިމަށްޗަށް ތެދުވާނަން" ކަމަށް.

ނ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ތޮޅެންދޫ 21 އަހަރަށް ކުއްޔަށް ދޭން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މަސައްކަތް ފެށުމުން، އަތޮޅު ކައުންސިލުން އެކަމާ ދެކޮޅުކަން މިއަދު އަންގައިފި އެވެ.

ފެށުނު ގޮތް - ކެނދިކުޅުދު އާއި މާޅެންދުއާ ދެމެދު އޮންނަ ތޮޅެންދޫ ކުއްޔަށް ދިނުމާ މެދު ކައުންސިލްގެ މަޝްވަރާއަކަށް އެދި އެގްރިކަލްޗާ މިނިސްޓްރީން މި މަހު9ގައި ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި ބުނީ ތޮޅެންދުއަކީ ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ރަށެއްގެ ގޮތުގައި އިކޮނޮމިކް ކައުންސިލުން ކަނޑައަޅާފައި ވާތީ އެ ރަށް "ބިޑަށް ހުޅުވާލުމުގެ ގޮތުން މިނިސްޓްރީ އިން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް" ކުރަމުން ގެންދާ ކަމަށެވެ.

އެގްރިކަލްޗާ މިނިސްޓްރީގެ ސިޓީއާ ގުޅިގެން ނ. އަތޮޅު ކައުންސިލުން އިއްޔެ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.

ކައުންސިލްގެ ނިންމުން - ކައުންސިލްގެ 14 މެމްބަރުންގެ އިއްތިފާގުން ފާސްކުރި ގަރާރުގައި ބުނިގޮތުގައި "... އެއް ބަޔަކަށް 'ސިންގަލް ޕާސަލް' އުސޫލުން މުޅި ރަށާއި އެންމެހާ ވަސީލަތްތައް 21 އަހަރުގެ ދިގު މުއްދަތަށް ދީ، ދެން ތިބި އެންމެނަށް އެ ތަންތަން ބަންދުވާނޭ ގޮތަށް ދިނުމާ މި ކައުންސިލުން ދެކޮޅެވެ." 

ތަފްސީލް - ކައުންސިލުން ފާސްކޮށްފައިވާ  ނ. އަތޮޅުގެ 'ތަރައްގީގެ މިސްރާބާ'އި ނ. އަތޮޅުގެ ފަޅުރަށްތަކާއި ފަޅުފަޅާއި ފަރުތައް ބޭނުންކުރާނެ ގޮތުގެ ޕްލޭނާ އެއްގޮތަށް، ވިޔަފާރީގެ ފުރުސަތުތައް ހަމަހަމަ ގޮތެއްގައި އެންމެންނަށް ލިބޭނެހެން މެނުވީ، ތޮޅެންދޫގެ ބިން ބޭނުންކުރުމާ ދެކޮޅު ކަމަށް ވެސް ގަރާރުގައި ބުންޏެވެ. އަދި އެއާހިލާފަށް އަމަލުކުރާ ނަމަ، ދެކޮޅަށް ނުކުންނާނެކަން ވެސް، އެގްރިކަލްޗާ މިނިސްޓްރީއަށް ފޮނުވި ގަރާރުގައި ވަނީ އަންގައިފަ އެވެ.

"އިސްވެ ދެންނެވުނު މިސްރާބާއި ޕްލޭނާ ޚިލާފަށް ވަކި އެންމެ މީހަކަށް ނުވަތަ މަދު ބަޔަކަށް ފައިދާވާނެ ގޮތަށް ދެން ތިބި އެންމެންގެ އާއްމު ހައްގުތަކުން މަހުރޫމުކުރެވިދާނެ ގޮތަކަށް ނޫނު އަތޮޅުގެ ފަޅުރަށްތަކާއި ފަޅުފަޅާއި ފަރެއް ނުވަތަ ފަރުތައް ބޭނުންކުރުމާ ދެކޮޅަށް މި ކައުންސިލުން ގައުމީ އަދި ބައިނަލްއަގުވާމީ އިދާރާތަކުގެ ކުރިމަށްޗަށް ތެދުވާނަމެވެ،" ގަރާރުގައިވެ އެވެ.

ނ. އަތޮޅު ކައުންސިލުން ދެކޮޅު ހެދި ސަބަބުތަކުގެ ގޮތުގައި ގަރާރުގައި ވަނީ:

  • 1-

    ރާއްޖޭގައި އިހުޒަމާނުގައި ވެސް، ރަށްރަށް ނަގައި މިސްކިތު ވަގުފްގެ ގޮތުގައި ހާއްސަކުރުމާއި ރަސްރަސްކަލުންގެ އަމިއްލަ ބޭނުމަށް ނުވަތަ އަރިސް ބޭފުޅުންނަށް ދިނުން އޮތީ ނުހައްގުން، ރަސްރަސްކަލުން "އަތްޕުޅުގަދަގޮތުގައި އިސްކުރައްވައިގެން" ކަމަށް އެޗް.ސީ.ޕީ.ބެލްގެ މޮނޮގްރާފްގައި ލިޔެފައިވޭ.

  • 2-

    "އެތައް ޒަމާނަކުއްސުރެ، މި އަތޮޅުގެ ރައްޔިތުން ބަލަހައްޓަމުން މުއްސަނދިކުރަމުން އައި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިމިވާ ގުދުރަތީ ދިރޭ މުދަލުގެ އާއްމު ހައްގުން ރައްޔިތުން ނިޒާމީގޮތެއްގައި މަހުރޫމްކުރެވިފައި މިވާ ވުމަކީ އަދުލުވެރިކަމުގެ ބޭރުން ހިނގާފައިވާ ބޮޑު ބޭއިންސާފެއް ކަމަށް" ވާތީ އެ މައްސަލަ ތަހުގީގުކުރުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ކައުންސިލުން ވަނީ ހުށަހަޅާފައި.

  • 3-

    ރައްޔިތުންގެ ވޯޓެއް ނަގައިގެން މެނުވީ ދިގު މުއްދަތަށް ރަށްރަށާއި ފަޅު ދޫނުކުރުމަށާއި އެކަން ކުރިޔަ ނުދޭން ކައުންސިލުން ވަނީ ފާސްކޮށްފައި.

  • 4-

    ތޮޅެންދުއަކީ ކުރިން މީހުން ދިރިއުޅުނު، އެކަމަކު ސަރުކާރުގެ ސިޔާސަތުތަކަށް ދެ ފަހަރަކު ގެނައި ބަދަލުތަކަކާ ގުޅިގެން، ވަޒަންވެރިން އަތޮޅުގެ އެހެން ރަށްރަށަށް ބަދަލުކޮށް ފަޅުކޮށްފައިވާ ރަށެއް: އެއީ "މުހިއްމު ތާރީހީ ހާދިސާތަކެއް ހިނގާފައިވާ، ތާރީހީގޮތުން ރައްކާތެރިކުރުމުގެ އަގާއި އިސްކަން ނުހަނު ބޮޑު، އެތަކެއް ބިނާއަކާއި ހަނދާނެއް އެކުވެފައިވާ" ރަށެއް.

  • 5-

    ނެތިހިނގައިދާނެ ދިރުންތަކެއް ހިމެނޭ ކުޅިއެއް ނުވަތަ "ވެށީގެ ދިރުމުގެ ގޮތުން މުއްސަނދި އަގުހުރި ތަނެއް" ތޮޅެންދޫގައި އެބައޮތް.

  • 6-

    ތޮޅެންދުއަކީ ރާއްޖޭގެ އެހެން މަޝްހޫރު ސާފް ބްރޭކްތަކަށް ރާޅު ނުލިބޭ ދުވަސްތަކެއްގައި ރާޅު ލިބޭ އަދި ދަތުރުދިޔުމަށާއި އަންހެނުން ފަނާއި އޮށްކެޔޮ ހޮވުމަށާއި އެ ނޫން ވެސް އިގްތިސާދީ މަންފާއަށް ބޭނުންކުރާ ރަށެއް.

  • 7-

    ނ. އަތޮޅުން މިހާތަނަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށަށް އާއްމުން އަރާފޭބުން މަނާކޮށް، "މަދު ބައެއްގެ ވިޔަފާރި އާއި އުފާވެރިކަމުގެ ބޭނުމަށް ގިނަ ބައެއް މަންފާ އިން މަހޫރުމްކުރެވިފައި" ވުން.

  • 8-

    މޫސުމީ ވިލުންވެރިކަން އިތުރުކުރުމަށް ކޮމިއުނިޓީ ފާމިންއަށް ދިޔުމަކީ ފައިދާކުރަނިވި ކަމެއްކަން ދިރާސާތަކުން ދައްކާ. އަދި ދަނޑުވެރިކަމުން ރައްޔިތުންނަށް ބޮޑު މަންފާއެއް ހޯދޭކަން، މީހުން ދިރިއުޅޭ ރަށްރަށުން ފެނޭ.

  • 9-

    ރައްޔިތުންގެ ރުހުމެއް، ހާމަކަމެއް ނެތި އަތޮޅުގެ ގުދުރަތީ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ އިންވެސްޓަރުންގެ އިތުބާރަށް ނާޒުކު މައްސަލައެއް.

ނ. ތޮޅެންދޫ: މިއީ "ވެށީގެ ދިރުމުގެ ގޮތުން މުއްސަނދި އަގުހުރި ތަނެއް" އޮތް ރަށެއް ކަމަށް އަތޮޅު ކައުންސިލުން ބުނޭ. (ފޮޓޯ/ މުހައްމަދު މިފްޒާލް)
ނ. ތޮޅެންދޫ: އަތޮޅު ކައުންސިލުން ބުނަނީ މިއީ ތާރީހީގޮތުން "އެތަކެއް ބިނާއަކާއި ހަނދާނެއް އެކުވާފައިވާ" ރަށެއް ކަމަށް. (ފޮޓޯ/ މުހައްމަދު މިފްޒާލް)

އިތުރު އާޓިކަލް

އިތުރު އާޓިކަލް