ރާއްޖޭގެ ކަނޑުގެ ދިރުންތައް ދައްކައިދޭ ފޮޓޯއެއް. (ފޮޓޯ/ ނޫ ރާއްޖެ)
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބޭނުންކުރާ ގޮތް ދެނެގަންނަން ކުރާ ފުރަތަމަ ސާވޭ ފަށައިފި
މަސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާ އިން އަދި އާންމު ފަރުދުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާ ގޮތާއި އެ ފަރާތްތަކަށް މުހިންމުވާ ސަރަހައްދުތައް ދެނެގަތުމަށް، 'ނޫ ރާއްޖެ' ޕްރޮގްރާމްގެ ދަށުން ހަ މަސްދުވަހުގެ ސާވޭއެއް މިއަދު ފަށައިފި އެވެ. މިއީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ވަކިވަކި ސަރަހައްދުތައް ބޭނުންކުރެވޭ ގޮތް ދެނެގަތުމަށް ހިންގާ ފުރަތަމަ ސާވޭ އެވެ.
އެނގުން މުހިންމު - ނޫ ރާއްޖެ އަކީ ރައީސް އޮފީހާއި ފިޝަރީޒް މިނިސްޓްރީން އިސްނެގައިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދެން ހިމެނެނީ:
-
އެންވަޔަރަމަންޓް މިނިސްޓްރީ
-
ޕްލޭނިން މިނިސްޓްރީ
-
އިކޮނޮމިކް މިނިސްޓްރީ
-
ޔޫތު މިނިސްޓްރީ
-
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)
-
މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް
ބުނީ ކީކޭ؟ - ނޫ ރާއްޖެ އިން ބުނީ އޯޝަން ޔޫސް ސާވޭގެ ބޭނުމަކީ، އިގްތިސޯދީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން ދިވެހިންނާއި ކަނޑުތަކާ އޮންނަ ގުޅުން އިތުރަށް ދެނެގަތުން ކަމަށެވެ. އެގޮތުން، މި ސާވޭގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ އެކިއެކި ފަރާތްތަކަށް މުހިއްމު ސަރަހައްދުތައް ފާހަގަވެ، ކަނޑުގެ ދިރުން ހިމާޔަތްކޮށް މެނޭޖުކުރާނެ ގޮތްތައް ހޯދައި ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ފަރާތްތަކުގެ ބަހެއް އޮތުން މުހިއްމު. މި ފަރާތްތަކުން އެކި ސަރަހައްދުތައް ބޭނުންކުރަނީ ކިހިނެއްތޯ އެނގެން އަޅުގަނޑުމެން ބޭނުން.
ތަފްސީލް - މި ސާވޭގެ މަގުސަދަކީ ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލާއިރު ކަނޑުގެ ވަސީލަތްތައް ބޭނުންކުރާ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުން ކަމަށެވެ. އޯޝަން ޔޫސް ސާވޭ ޓީމުގެ އަމާޒަކީ:
-
އެކި ފަރާތްތަކުން ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާ ގޮތް ދެނެގަތުން
-
އެ ފަރާތްތަކަށް މުހިއްމުވާ ސަރަހައްދުތައް ވަޒަންކުރުން
-
މަސްވެރިކަމާއި ފަތުރުވެރިކަމާއި އުމްރާނީ މަސައްކަތްތައް ކުރާ ފަރާތްތަކާއި މަޝްވަރާކޮށް، އެ ފަރާތްތައް ކަނޑުފަޅުތައް ބޭނުންކުރާ ގޮތާއި އެ ތަންތަން އަގު ވަޒަންކުރާ ގޮތް ދެނެގަތުން
-
ވަކިވަކި ސާވޭތަކުގެ ނަތީޖާ އެއްކުރުމަށް ފަހު މަސްވެރިކަމާއި ފަތުރުވެރިކަމާއި މުނިފޫހިފިލުވުމާއި އެހެނިހެން ކަންކަމަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައް ފާހަގަކޮށް ހީޓްމެޕްތަކެއް އެކުލަވާލުން
އެ މެޕްތައް އުފައްދަނީ ސްޓޭކް ހޯލްޑަރުންނާއި މުޖުތަމައުގެ ހިޔާލާއި މަޝްވަރާތައް އެއްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަ ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ސަންޓާ ބާބަރާގެ މެކްލިންޓޮކް ލެބް އިން ތައްޔާރުކޮށްފައިވާ 'ސީސްކެޗް' ޓޫލް މެދުވެރިކޮށް ކަމަށް ނޫ ރާއްޖޭން ބުންޏެވެ.
ހިމާޔަތް ކުރެވިދާނެ ކަނޑުފަޅުގެ ސަރަހައްދުތައް ދެނެގަނެވޭނެ
ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލައި، ސަރުކާރުގެ 'ނޫ އިގުތިސާދު'ގެ ސިޔާސަތުގެ ތެރެއިން ދެމެހެއްޓެނިވި މަސްވެރިކަން އަދި ފަތުރުވެރިކަން ކުރިއެރުވުމަށް، ސާވޭގެ ހޯދުންތައް އެހީތެރިވާނެ ކަމަށް ނޫ ރާއްޖޭން ގަބޫލުކުރެ އެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގެ %20 އަކީ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުތަކަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް، ހިމާޔަތް ކުރެވިދާނެ ކަނޑުފަޅުގެ ސަރަހައްދުތައް ދެނެގަތުމަށް ވެސް ސާވޭގެ ނަތީޖާ ބޭނުންކުރެވޭނެ ކަމަށް އެ ޕްރޮގްރާމުން ގަބޫލުކުރެ އެވެ.
"ހިމާޔަތްކުރަން ޖެހޭ ސަރަހައްދުތައް ދެނެގަތުމުގައި އަޅުގަނޑުމެންގެ އަމާޒަކީ އެއީ ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ސަރަހައްދުތަކެއްތޯ ބެލުން،" ނޫ ރާއްޖޭގެ ސައިޓް މެނޭޖަރު ފާތިމަތު ނިސްތަރަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަރުތަކުގެ ދިރުން ރަނގަޅު ސަރަހައްދުތައް ނުވަތަ ވަކި ދުވަސްވަރެއްގައި ބައެއް ބާވަތުގެ މަސް ބިސް ދޫކުރުމަށް ޖަމާވާ ސަރަހައްދުތަކަކީ ހިމާޔަތް ކުރެވިއްޖެ ނަމަ އޭގެ ސަބަބުން ވަށައިގެންވާ ސަރަހައްދުތަކަށް އެކަމުގެ ފައިދާ ކުރާނެ ތަންތަން ކަމަށެވެ.
"އެހެން ނަމަވެސް، މި މަސައްކަތުގައި ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ފަރާތްތަކުގެ ބަހެއް އޮތުން މުހިއްމު. މި ފަރާތްތަކުން އެކި ސަރަހައްދުތައް ބޭނުންކުރަނީ ކިހިނެއްތޯ އެނގެން އަޅުގަނޑުމެން ބޭނުން،" ފާތިމަތު ނިސްތަރަން ވިދާޅުވި އެވެ.
މިނިސްޓަރުގެ ބަސް - ސާވޭ އާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މިއީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ވަކިވަކި ސަރަހައްދުތައް ބޭނުންކުރެވޭ ގޮތް ދެނެގަތުމަށް ހިންގާ ފުރަތަމަ ސާވޭ ކަމަށް ވާތީ، ސާވޭގައި ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މި ސާވޭ އިން ލިބޭ މައުލޫމާތަކީ ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދިނުމަށް ވަރަށް މުހިންމު މައުލޫމާތުތަކަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އާންމު ފަރާތްތަކުން ސާވޭގައި ބައިވެރިވެ، ހިޔާލު ހުށަހެޅުމަށް ނޫ ރާއްޖޭން ވަނީ އެދިފަ އެވެ. އެގޮތުން: