ޕީއެންސީގެ ކެމްޕޭނު ހަރަކާތެއްގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ
ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރެއް ނުދައްކާ: ޕީއެންސީ
ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ނުދައްކާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަން އުޅޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަނީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ވެރިކަން ކުރާ ޕީއެންސީ އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޕީއެންސީގެ ފަރާތުން ޅ. ހިންނަވަރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާއެއްގައި ސަރުކާރު މުވައްޒަފުންނާއި ވަކިން ހާއްސަކޮށް ފެލިވަރު ކާރުހާނާގައި މަސައްކަތްކުރާ މުވައްޒަފުން 'ކޮންޓްރޯލް' ކުރުމަށާއި އެއްބާރުލުން ނުދީފި ނަމަ އެ މީހުންނާ މެދު ފިޔަވަޅު އަޅަން ގޮވާލާ ދެއްކި ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެމްޑީޕީގެ ބަޔާން؟ - އެ ވާހަކަތައް އާންމުވުމާ އެކު އިދިކޮޅު އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެމްޑީޕީގެ ބަޔާނުގައި ވަނީ އެ ވާހަކަތަކުގެ މައްސަލަ ބަލަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފަ އެވެ.
"މި އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުން ދަނީ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭ މީހުން ނުހައްގުން ވަޒީފާތަކުން ވަކިކޮށް ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދޭނެ މީހުން ވަޒީފާތަކަށް ނަގަމުންނެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެމްޑީޕީން ތުހުމަތުކުރި ގޮތުގައި ސަރުކާރުން ދަނީ ކެމްޕޭނުގެ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ވަރަށް ފާޅުގައި ނަހަމަ ގޮތުގައި ބޭނުންކުރަމުންނެވެ.
ޕީއެންސީގެ ރައްދު - އެމްޑީޕީގެ ބަޔާނަށް ރައްދު ދީ ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ، ވަކި ފަރުދަކު ފާޅުކުރާ ހިޔާލަކީ އެ ޕާޓީގެ ސިޔާސަތު ނޫން ކަމަށެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާ އެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންގޮސް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީގެން ކުރިއަށް ދިޔުން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"އަޅުގަނޑުމެން ރައްޔިތުންގެ ތާއީދާއި ލޯބި ހޯދާނީ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދީގެން އަދި ރައްޔިތުންގެ އަޑު އަހައިގެން ކަމަށް ވެސް ދަންނަވަމެވެ،" ޕީއެންސީ އިން ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ އެމްޑީޕީގެ ވެރިން ކުރާ ދަތުރުތަކުގައި ސަރުކާރު ވަޒީފާތަކުގައި ތިބި މީހުން ބައިވެރިވާ ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ސިޔާސީ ފިކުރަށް ބަލާ ވަޒީފާތަކުން މީހުން ވަކިކޮށް ބިރު ދެއްކި ގޮތަށް ކަންތައް ކުރުމަކީ ޕީޕީއެމް/ޕީއެންސީގެ ފިކުރެއް އަދި ސިޔާސަތެއް ނޫން ކަމަށް ވެސް ބުންޏެވެ.