ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާއެއް. (ޓުވިޓާ ފޮޓޯ/ޕީޕީއެމް)

ޔޫޓީއެފް އެއްބަސްވުން ދިރާސާ ކުރާކަށް ނުދޭ؛ އެއީ ގާނޫނުއަސާސީއާ ހިލާފު ބާތިލު އެއްޗެއް: އިދިކޮޅު

އެއްބަސްވުމުގައިވާ ގޮތުން، އުތުރު ތިލަފަޅުގައި އިންޑިއާ އިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށް އޮތް 15 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ތިބެވޭނެ

އިންޑިއާއާ އެކު މި ސަރުކާރުން ހެދި އުތުރު ތިލަފަޅު (ޔޫޓީއެފް) އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދިރާސާ ކުރަން ނުދިނުމަކީ ކަންބޮޑުވުމެއް ކަމަށާއި އެއީ ގާނޫނުއަސާސީއާ ހިލާފު، ބާތިލު އެއްބަސްވުމެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ކުރީ ސަރުކާރުތަކުން މަޝްވަރާތައް ފަށައި އުތުރު ތިލަފަަޅުގައި ސިފައިންނަށް ހާއްސަ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއާ އެކު ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ 21ގަ އެވެ. މި އެއްބަސްވުމަކީ، ގައުމުގެ މިނިވަންކަމަށް އަސަރުކުރާ އެއްބަސްވުމެއް ކަމަށް ބުނެ، އެ ހާމަކުރަން އިދިކޮޅުން ދިޔައީ ގޮވާލަމުންނެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޑިފެންސް މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށް، ކޮމިޓީގައި އެއްބަސްވުން ދެއްކި އެވެ.

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުން. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ބުނީ ކީކޭ؟ - ކޮމިޓީ ބައްދަލުވުމާ ގުޅޭ ގޮތުން މިއަދު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ޔޫޓީއެފް "އެގްރިމަންޓް ކަމަށް ބުނާ ލިޔުމެއް ސްކްރީނަކުން ކޮމިޓީއަށް ދައްކާލުމުގެ ބަދަލުގައި" އޭގައި ހުރި މައްދާތައް ވަކިވަކިން ދިރާސާކުރަން ޖެހޭ ކަމަށެވެ. އެއީ ކޮމިޓީގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާއެއް ހޯދައިދިނުމުގައި "ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ފެއިލްވެފައިވާކަން ހާމަވާ" ކަމަށެވެ. 

"އެގްރީމަންޓް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރެއްވުމަށް، އެ ކޮމިޓީއަށް ނުދެއްވުމަކީ އަދި އެ ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.

މަޖިލީހުގެ ރުހުން ހޯދަން ޖެހޭ

އިއްޔެ ކޮމިޓީގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ވަނީ ކޮމިޓީއަށް އެއްބަސްވުމާ ގުޅޭ ޕްރެޒެންޓޭޝަނެއް ދައްކައިފަ އެވެ. ބަޔާނުގައި ބުނީ، އޭގައިވާ ގޮތުން އުތުރު ތިލަފަޅުގައި އިންޑިއާ އިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށް އޮތް 15 އަހަރަށް ވުރެ ގިނަ ދުވަސްތަކަކަށް ތިބެވޭނެ އެވެ. 

އެގޮތަށް ގެންނަ މީހުންގެ ތެރޭގައި "އިންޑިއާގެ ސިފައިން ނުހިމެނޭ ކަމަށް" އެ ޕްރެޒެންޓޭޝަންގައި ބުނެފައި ނުވާ ކަމަށް ބަޔާނުގައި ބުނެެ އެވެ. އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބުމަށް މަގުފައިވާ ގޮތަށް ހަދާފައިވާ އެ އެއްބަސްވުމަކީ މަޖިލީހުން ރުހުން ހޯދަން ޖެހޭ އެއްބަސްވުމެއްގެ ގޮތުގައި އިދިކޮޅުން ދެކެ އެވެ. އަދި މަޖިލީހުން ރުހުން ހޯދުމެއް ނެތި މި ސަރުކާރުން އޭގައި ސޮއި ކުރަމަކީ "ގާނޫނުއަސީގެ115 ވަނަ މާއްދާގެ (ފ)ގެ (2) ވަނަ ނަންބަރާ ހިލާފު ކަމެއް"ގެ ގޮތުގައި އިދިކޮޅުން ގަބޫލު ކުރެ އެވެ.

"އެއީ އެގްރީމެންޓްގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަން ހާމަވާ ކަމެކެވެ. މިއީ މިކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަންކަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

"އުތުރުތިލަފަޅު ހިންގާނީ އިންޑިއާގެ ހައިކޮމިޝަނަރުގެ އިތުރުން އިންޑިއާގެ އިތުރު މީހުން ހިމެނޭ ކޮމިޓީއަކުންނެވެ. މިހެންވުމުން، ރާއްޖޭގެ ދިފާއީ ބާރުގެ ފުރިހަމަ ބާރު އުތުރުތިލަފަޅަކަށް ނުހިނގާނެ އެވެ. އުތުރުތިލަފަޅަކީ އަސްކަރީ މަރުކަޒަކަށްވާއިރު، އެތަން ހިންގުމުގައި އިންޑިއާގެ ދައުރެއް ބޭއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ."

އުތުރު ތިލަފަޅު އެއްބަސްވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ (ކ-2) އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު (ވ-2) އެ އެއްބަސްވުން ބަދަލުކުރައްވަނީ. (ފޮޓޯ/ޑިފެންސް މިނިސްޓްރީ)

"ސޮއިކޮށްފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފަށް، ދިވެހި ގައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލޭ ގޮތަށް ހަދާފައިވާ، އޭގެ ޒާތުގައި ބާތިލު އެގްރީމަންޓެކެވެ."

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ)ގެ (2):

  • ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ އެކު ރާއްޖެއިން ވާ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ޖެހޭ ބާވަތުގެ މުއާހަދާތަކާއި އެ ނޫން ވެސް އެއްބަސްވުންތަކުގައި ސޮއިކުރެވޭނީ މަޖިލީހުގެ ރުހުމާ އެކު ރައީސް ތަސްދީގު ކުުރުމުން

ޔާމީންގެ ސަރުކާރުގައި ސޮއި ނުކުރީ ސިޔާދަތަށް ގެއްލުންވާތީ؛ ސިޔާސީ ނުުކުރޭ

އިއްޔެ ކޮމިޓީގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ޔޫޓީއެފް އެގްރިމަންޓަކީ 2016ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާ އެކު އެކުލަވާލާފައިވާ އެކްޝަން ޕްލޭން އެއްބަސްވުމެއްގެ ދަށުން ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި އޭރުގެ ސަރުކާރުން އެއްބަސްވެފައިވަނީ އިންޑިއާގެ ބާރު ވަރަށް ބޮޑަށް އޮންނަ ގޮތަށް ކަމަށާއި އެ ބާރުތައް ހަނި ކުރީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީން ކޮމިޓީއަށް ހުށަހެޅި ޕްރެޒެންޓޭޝަންގައި ވެސް އެގޮތަށް ފާހަގަކޮށްފައިވެ އެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނީ، ޔޫޓީއެފް އެއްބަސްވުމަކީ ޔާމީންގެ ވެރިކަމުގައި ސޮއިކޮށްފައިވާ އެގްރީމަންޓެއް ކަމަށް ދެއްކުމަށް ޑިފެންސް މިނިސްޓްރީގެ ފަރާތުން އިއްޔެގެ ކޮމިޓީގައި ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އަދި ކުރީގެ ސަރުކާރާ ގުޅުވައި ކޮމިޓީގައި ދެއްކި ވާހަކަތައް ބަޔާނުގައި ދޮގުކޮށްފައިވެ އެވެ.

"މިކަމުން ދޭހަވަނީ ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރުވަމުންދާ ކަމެވެ. ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުމަކީ އިއާދަ ނުކުރެވޭ ފަދަ ގެއްލުން ޤައުމަށް ލިބިދާނެ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ، އޭރު ހަދާފައިވާ އެކްޝަން ޕްލޭންގައި "އެއްވެސް ގައުމެއްގެ ސިފައިން ޔޫޓީއެފްގައި ތިބުމަށް އެއްބަސްވެފައި ނުވާނެ" ކަމަށެވެ. އަދި ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭ ގޮތަށް އެފަދަ އެއްބަސްވުމެއްގައި ޔާމީން ސޮއި ނުކުރެއްވީ އެއީ ގައުމުގެ ސިޔާދަތަށް ނުރައްކާވާ ކަމަކަށް ވަތީ ކަމަށް ބަޔާނުގައި ބުނެ އެވެ.

"އުތުރު ތިލަފަޅު ތަރައްގީ ކުރެއްވުމަށް ރައީސް ޔާމީން ނިންމަވާފައި ވަނީ ދިވެހި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން،" ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ހުރި ކަންކަން:

  • އިންޑިގެ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން އާ ނުކޮށް، ދެ ހެލިކޮޕްޓަރާ އެކު އައިސް ތިބި އިންޑިއާ ސިފައިންގެ ވިސާ ވެސް އާ ނުކޮށްދިނީ ޔާމީންގެ ސަރުކާރުން

  • އެ ދެ ހެލިކޮޕްޓަރާއި ސިފައިން ގެންދިއުމަށް އިންޑިއާ ސަރުކާރުގައި ޔާމީންގެ ސަރުކާރުން އެދުނު

  • އެއްބަސްވުން އުވާލުމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައން ފޮނުވާލުމަށް އިދިކޮޅުން ގޮވާލާ ގޮވާލުން ތަކުރާރު ކުރި

  • އެއްބަސްވުމުގައި ސޮއި ކުރުމުގައި ޝާމިލުވާ ހުރިހާ އެންމެންގެ އިސްތިއުފާއަށް ގޮވާލި

  • އެއްބަސްވުމުގައި ވާހަކަދައްކާ މީހުންނަކީ ގައުމަށް ހިޔާނާތްތެރިވެ، ގައްދާރުވެފައިވާ ހާއިނުންތަކެއްގެ ގޮތުގައި ސިފަކުރި

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް