އައިޓީބީ ފެއާގައި ނެށުން ހުށަހަޅައިދިން ގުރޫޕާ އެކު ރައީސްގެ ދެކަނބަލުން ފޮޓޯއަކަށް ހުއްޓިގެން. (ފޮޓޯ/ފަޒްނާ އަހުމަދު ފޭސްބުކް
ފާޑުކިޔުން އަމާޒުވި ނެށުން ފަސްޓްލޭޑީއަށް ކަމުހިނގައްޖެ
މިދިޔަ ހަފުތާގައި ޖަރުމަނުގައި ކުރިއަށް ގެންދިޔަ ޓޫރިޒަމް ފެއާ 'އައިޓީބީ ބާލިން 2023'ގައި ރާއްޖެ ތަމްސީލުކުރުމަށް ހުށަހެޅި ނެށުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ފަސްޓްލޭޑީ ފަޒްނާ އަހުމަދަށް އެ ނެށުން ކަމުހިނގައްޖެ އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދިޔަ އެ ފެއާގައި ދިވެހި ނަށާ ގުރޫޕު 'ޑައިނިސިއެކްސް'އިން ނެށުން ހުށަހަޅައިދިނީ، ސަގާފީ ލަވަ އަކަށެވެ. ގުރޫޕުގައި ހިމެނޭ ތިން އަންހެނުންނާއި ފިރިހެނުން ވެސް ތިބީ ދިވެހި ސަގާފީ ހެދުމުގަ އެވެ. އެކަމަކު ގިނަ މީހުންނަށް ކަމު ނުދިޔައީ ނެށުން ހުށަހެޅި ގޮތެވެ.
ފާޑުކީ މީހުން ބުނި ގޮތުގައި، އެއީ ސަގާފީ ނެށުމެއް ނޫނެވެ. އަދި ދިވެހި ލަވައަކަށް، ދިވެހި ހެދުމުގައި ތިބި ނެށުން ހުށަހަޅައިދޭން ޖެހޭނެ ގޮތެއް ވެސް ނޫނެވެ.
ތަފްސީީލު - ވީޑިއޯ ބެލި ގިނަ މީހުންނަށް މި ހުށަހެޅުން ކަމުނުދިޔަ ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުންނަށް އެއީ ވަރަށް ކަމުދާ ނެށުމެކެވެ. ފަޒްނާ ދެކިވަޑައިގެންނެވި ގޮތުގައި، އެއީ ވަރަށް ހުނަރުވެރި ހުށަހެޅުމެކެވެ.
އައިޓީބީ ފެއާގައި ނެށުން ހުށަހެޅި އިރު، އެ މަންޒަރު ބައްލަވަން ރައީސްގެ ދެކަނބަލުން ތިއްބެވި އެވެ.
"މި ހުނަރުވެރި ހުށަހެޅުން ވަރަށް ކަމުގޮސްފި،" ނެށުން ހުށަހަޅައިދިން މީހުންނާ އެކު ނެންގެވި ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި ފަޒްނާ ވިދާޅުވި އެވެ.
އެ ނެށުން ގިނަ ބަޔަކަށް ކަމުނުދިޔައީ، މާ ގައިގޯޅިކޮށް ހުށަހަޅައިދިނުމުންނެވެ.
"ވަރަށް ލަދުގަނެއްޖެ މީތި ބަލާފައި،" ސޯޝަލް މީޑިއާގައި ވައިރަލްވި، އެ ވީޑިއޯ ބަލާފައި މީހަކު ބުންޏެވެ.
"މިއީ ދިވެހި އަންހެނުން ކުރިން ހަމަ އުޅުނު ގޮތްބާ؟ ކުރީގެ ދިވެހި އަންހެނުންނަކީ މިހާ ހުތުރުކޮށް އުޅޭ ބައެއް ނޫން ކަމަށް ތާރީހީ ފޮތްތަކުން އެނގެން އޮވޭ. ވަރަށް ވެސް ހުތުރު، ދިވެހި އަންހެނުންގެ އަގު ވައްޓާލައިފި،" މީހަކު ކުރި ޓުވީޓެއްގައި ބުންޏެވެ.
ގިނަ ބަޔަކަށް އެ ނެށުން ކަމުނުދިޔައަސް، ފެއާގައި ބޮޑު ތަރުހީބެއް އެ ހުށަހެޅުމަށް ލިބުނެވެ.