ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު. (ފޮޓޯ/މަޖިލީސް)
އާ މަގާމުތައް ނުއުފައްދައި ހަރަދު ކުޑަކުރަން އޮފީސްތަކަށް އަންގައިފި
ހަރަދު ކުޑަކުރުމަށާއި ދައުލަތުގެ ބަޖެޓުން ހޭދަކުރާ ގޮތަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އާ މަގާމުތައް ނުއުފެއްދުމަށް އެ މިނިސްޓްރީން އިއްޔެ ދައުލަތުގެ އިދާރާތަކަށް އަންގައިފި އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނީ، މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ތައްޔާރުކޮށްފައިވާ ވިސްނުންތަކާ އެއްގޮތަށް ބަޖެޓު ތަންފީޒުކުރުމަށާއި ހަރަދުތައް ކުރެވޭ ގޮތް ރަނގަޅުކުރުމަށް، ފިިިޔަވަޅުތައް އަޅަން އަންގާ ކަމަށެވެ.
ތަފްސީލް - ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ފޮނުއްވި އެ ސާކިއުލާގައި ވަނީ، ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނަށް ކުރާ ހަރަދާއި ދަތުރު ހަރަދު އަދި އޮފީސް ހިންގުމުގެ ހަރަދުތައް ވެސް ކުޑަކުރަން އަންގައިފަ އެވެ.
އެގޮތުން، އަޅަން އަންގާފައިވާ ފިޔަވަޅުތަކަކީ:
-
ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެއްވެސް އާ މަގާމެއް ނުއުފެއްދުން
-
ޕޭ ކޮމިޝަނުން ދިރާސާކޮށް، ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑަށް ބަދަލުނުގެނައުން
-
ބަޖެޓުގައި ހިމަނާފައިވާ އެލަވެންސްތައް ވެސް މިހާރު ދޭން ފަށާފައި ނުވާ ނަމަ، މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ދޭން ނުފެށުން
-
ފިނޭންސްގެ ހުއްދަ ލިބިގެން ނޫނީ، މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ މަގާމުގެ ރޭންކަށް އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ކަންތައްތައް ކުރިއަށް ނުގެންދިއުން
-
ރަސްމީ ގަޑީގައި މަސައްކަތް ނިމޭނެހެން އޮފީސްތަކުގެ މަސައްކަތްތައް ރާވައި އިތުރު ގަޑީގެ މަސައްކަތްތައް މަދު ކުރުން
މީގެ އިތުރުން، ސްޓަޑީ ޓުއާތަކާއި ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ކުރާ ދަތުރުތައް ވެސް ހިމެނޭހެން ރާއްޖެއިން ބޭރަށް ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ވެސް ވަނީ އަންގައިފަ އެވެ. ހަމަ އެއާ އެކު، ގައުމީ ސްކޮލާޝިޕް ސްކީމުތަކުގެ ބޭރުން އެއްވެސް އިތުރު އާ ސްކޯލާޝިޕެއް ނުދިނުމަށް ވެސް އެ ސާކިއުލާގައި އަންގާފައި ވެއެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފަށާ އެ ސާކިއުލާގައި ވަނީ، ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާ އަދި ކައުންސިލްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ އިން ހަރަދުކުރުމުގައި ވެސް އެ ސާކިއުލާގައިވާ ކަންކަމާ އެއްގޮތަށް އަމަލުކުރަން އަންގައިފަ އެވެ.
އެނގުން މުހިއްމު - ހަރަދު ކުޑަކުރަން އަންގާފައި ވާއިރު، މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން:
-
އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާ
-
މި އަހަރުގެ ބަޖެޓް ދަރަނި ބުވަތަ ޑެފިސިޓް ހުންނާނީ 8.6 ބިލިއަން ރުފިޔާގައި