މާލޭގައި ބަހައްޓާފައި ހުރި ޅ. އަތޮޅު ވޯޓުފޮށި ކައިރީ ހަމަނުޖެހުން ހިންގި މީހަކު ހައްޔަރުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ޕްރައިމަރީގެ ހަމަނުޖެހުންތަކުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެގެ ޕްރައިމަރީގައި ބައެއް ރަށްރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ފަޅާލި މައްސަލާގައި ތިން މީހަކު ހައްޔަރު ކުރި އެވެ. އެއީ:
-
ގދ. ތިނަދޫން އެކަކު
-
އެ އަތޮޅު ރަތަފަންދޫން ދެ މީހެއް
މީގެ އިތުރުން، މާލޭގައި ބަހައްޓާފައި ހުރި ޅ. އަތޮޅު ދާއިރާތަކުގެ ވޯޓު ފޮށި ގުނުމުގެ މައްސަަކަތް ކުރަމުން ދަނިކޮށް ވޯޓު ފޮށީގަައި ހުރި ކަރުދާސްތައް އުކާލި ދެ މީހަކު ވެސް ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.
ވޯޓު ފޮށިތައް ކައިރީ އިއްޔެ އެންމެ ބޮޑަށް މައްސަލަ ޖެހުނީ ލިސްޓުގައި ނަން ނެތް މީހުން ފޮއްޓަށް ވޯޓުލީ ކަމަށް ބުނެ އެވެ.
ފުލުހުންގެ ބަސް - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އިއްޔެ ހައްޔަރުކުރި އެންމެން ވެސް އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސިލެއް އޭނާ ނުދެއްވަ އެވެ.
އެނގުން މުހިއްމު - އިއްޔެ ބޭއްވި ވާދަވެރި ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް ސޯލިހު އެވެ.
ރައީސް ސޯލިހު ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބުކުރެއްވި ނަމަވެސް، ނަޝީދު މިހާތަނަށް ބަލި ގަބޫލުކުރައްވާފައެއް ނުވެ އެވެ.