ހުޅުމާލޭ ދެވަނަ ފިޔަވަހި މަތިން ނަގާފައިވާ ފޮޓޯއެއް. (ދައުރު ފޮޓޯ/އަލީ ރަފީގް)

މަކަރާއި ހީލަތް

އިތުރު ސްކޭމް ކޯލުތަކެއް؛ މިފަހަރު ގޯއްޗަށް ކުރިމަތިލީ މީހުންނަށް

ސްކޭމް ކޯލު ކުރާ މީހުންނަށް ގޯއްޗަށް ކުރިމަތިލި މީހާގެ ނަމާއި ކޯ-އެޕްލިކެންޓް ފަދަ މުހިންމު މައުލޫމާތު އެނގޭއިރު، ގޯއްޗަށް ކުރިމަތިލި މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާންމުކޮށްފައެއް ނުވޭ
22 ޖެނުއަރީ 2023

މާލޭ މީހުންނަށް ގޯތި ދިނުމަށް މި ސަރުކާރުން ހިންގާ 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލި މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އަދި އާންމުކޮށްފައި ނުވިޔަސް، އެ ސްކީމަށް ފޯމު ހުށަހެޅި މީހުންނަށް ސްކޭމް ކޯލުތަކެއް ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިފަަދަ ފޯނު ކޯލެއް ލިބުނު މީހަކު މިއަދު 'ދައުރު'އަށް ކިޔައިދިން ގޮތުގައި، އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނިޔަތުގައި މީހަކު އޭނާއަށް ގުޅީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެެވެ.

ތަފްސީލް - އޭނާ ބުނި ގޮތުގައި، އެ ފޯނު ކޯލުގައި އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުނީ:

  • ފޯމުގައި ހިމެނޭ މައުލޫމާތުގެ މައްސަލައެއް އުޅޭ ކަމަށް

  • އީމެއިލް އެޑްރެސް ހިއްސާކުރުމުން ސީދާ ފޯމު ހުޅުވޭ ލިންކެއް ފޮނުވާނެ ކަމަށް

  • އެ ލިންކުން ފޯމު ހުޅުވުމަށް ފަހު އެ ބުނާ މައުލޫމާތެއް ރަނގަޅުކުރުމަށް ފަހު ފޯމު ސޭވް ކުރަން

އޭނާ ބުނި ގޮތުގައި، ޖެހިގެން އައި ހުކުރު ދުވަހު އެ ގޭގައި ދިރިއުޅޭ އިތުރު މީހަކަށް ވެސް ހަމަ އެ ފޯނު ކޯލު ލިބުނެވެ. އޭގެ އިތުރުން، ސްކޭމް ހިންގާ މީހުން، މަކަރު ނުހަދާ ކަމަށް ދައްކަންވެގެން ގޯއްޗަށް ކުރިމަތިލި މީހާގެ ނަމާއި ކޯ-އެޕްލިކެންޓް ފަދަ، ފޯމުގައި ހިމެނޭ މައުލޫމާތުތައް ވެސް ހިއްސާކުރި ކަމަށް އޭނާ ބުންޏެވެ.

ގޯއްޗަށް ކުރިމަތިލި މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އަދި މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ. އަދި އެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީވެސް އޮންލައިންކޮށް، އެ މިނިސްޓްރީން އެ ކަމަށް ހާއްސަކޮށް އުފެއްދި 'ގެދޮރުވެރިން ޕޯޓަލް' މެދުވެރިކޮށެވެ.

ހައުސިންގެ ބަސް - މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު 'ދައުރު'އަށް ވިދާޅުވި ގޯއްޗާއި ފްލެޓުގެ ކަންކަމުގައި އެ މިނިސްޓްރީން ނުގުޅާނެ ކަމަށެވެ.

"އެއްވެސް އިތުރު ފަރާތެއްގެ އަތުގައި ލިސްޓެއް ނޯންނާނެ. އެއްވެސް ބަޔަކަށް ޕޯޓަލް މެދުވެރިކޮށް ލިސްޓެއް ނުނެގޭނެ،" އިތުރު ތަފްސީލު ދެއްވުމެއް ނެތި އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ބިންވެރިޔާ ސްކީމަކީ:

  • މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ސަރުކާރުން މިދިޔަ އަހަރު ހުޅުވާލި ފުރުސަތެއް 

  • އެ ސްކީމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި މާލެ ސަރަހައްދުން ގޯއްޗަށް އެދި ޖުމްލަ 15،164 މީހުން ވަނީ ކުރިމަތިލާފައި

ގޯއްޗަށް ކުރިމަތިލި މީހުންނަށް ސްކޭމް ކޯލުތަކެއް ކުރަމުން އަންނަ މި ދަނޑިވަޅުގައި މިނިސްޓްރީން ވެސް ކުރަމުން އަންނަނީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އަކުރަމް މީގެ ކުރިން 'ދައުރު'އަށް ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް