ދަނޑުވެރިިންގެ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

17 ބާވަތެއްގެ މޭވާ އާއި ތަރުކާރީ ރާއްޖޭގައި ހައްދާ މިންވަރު އިތުރު ކުރަނީ

ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ހެއްދިދާނެ މޭވާ އާއި ތަރުކާރީގެ 17 ބާވަތެއް ރާއްޖެ އެތެރެކުރާ މިންވަރު މަދުކޮށް، އެ ބާވަތްތަކުން އިމްޕޯޓު ޑިއުޓީ ބޮޑު ކުރަން ވަނީ ނިންމާފައި.

ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ހެއްދޭނެ މޭވާ އާއި ތަރުކާރީ އެބަހުރި ކަމަށާއި އެގޮތަށް ހެއްދިދާނެ 17 ބާވަތެއްގެ މޭވާ އާއި ތަރުކާރީ ހައްދާނެ މިންވަރު އިތުރު ކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ކިހިނެއް؟ - ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ހެއްދިދާނެ މޭވާ އާއި ތަރުކާރީގެ 17 ބާވަތެއް އެގްރިކަލްޗާ މިނިސްޓްރީން ފާހަގަ ކޮށްފައިވާ ކަމަށާއި އެ ތަކެތި ރާއްޖެ އެތެރެކުރާ މިންވަރު މަދުކޮށް، އެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑު ކުރަން ނިންމާފައިވާ ކަމަށެެވެ.

އަދި ދަނޑުވެރިންގެ މަސައްކަތަށް ބޭނުންވާ ބިން ނުލިބޭ ކަމުގެ ކަންބޮޑުވުން އޮންނަ ކަމަށާއި، އެކަން ހައްލު ކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިންނަށް ފަސޭހަ އިން ބިން ލިބޭނެ ގޮތް ހަމަޖައްސައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

 ރައީސް ސޯލިހު އިތުރަށް ވިދާޅުވިގޮތުގައި:

  • ރާއްޖޭގެ ޖީޑީޕީގައި ދަނޑުވެރިކަން ހިއްސާ ކުރަނީ އެންމެ %1.7

  • ރާއްޖޭގައި މިހާރަށް ވުރެ ފުޅާކޮށް ދަނޑުވެރިކަން ކުރެވޭނެ

  • މަތީ ފަންތީގެ ރިސޯޓުތަކުގައި މޭވާ އާއި ތަރުކާރީއަށް ޑިމާންޑު އެބައޮތް

"ބޮޑެތި ރިސޯޓުތަކަށް ބޭނުންވާ މޭވާ އާއި ތަރުކާރީ ގިނަ. އެ ތަކެތި އެތެރެ ކުރަނީ ބޭރުން. ބައެއް ބާވަތްތަކަށް އަމާޒުކޮށްގެން އެކަން ކުރެއްވިޖެ ނަމަ، އާމްދަނީގެ، ޖީޑީޕީގެ ބޮޑު ބަޔެއް ދަނޑުވެރިކަމުގައި ހިއްސާ ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިސޯޓުތަކުން ބޭނުންވަނީ ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން އޮތުން ކަމަށެވެ.

ދަނޑުވެރިން ވެސް ބޭނުންވަނީ ތަކެތި ވިކޭނެ ގޮތެއް ހަމަޖެހިފައި ހުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެގްރޯނެޓު އުފެއްދުމުގެ ބޭނުމަކީ އެއީ. ދަނޑުވެރިޔާ އުފައްދާ ތަކެތި އެކަށޭނެ އަގެއްގައި ވިއްކޭނެ ކަމުގެ ޔަގީންކަން ދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިހާރު ވެސް 58 ދަނޑުވެރިއަކު އުފައްދާ ތަކެތި އެގްރޯނެޓުން ގަނެ މާކެޓަށް ނެރޭ ކަމަށެވެ.

އޯގަނިކް ފާމިންއަށް މާކެޓު އެބަ އޮތް

ރައީސް ވަނީ އޯގަނިކް ފާމިން އަށް ސަމާލުކަން ދިނުމަށާއި ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރުން ހުއްޓާލުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"އޭގައި [އޯގަނިކް އުފެއްދުންތަކަށް] މާކެޓު އެބަ އޮތް. އުފައްދާ ތަކެތީގެ އަގު ބޮޑުވިޔަސް ރާއްޖޭގައި މާކެޓު އެބަ އޮތް،" ރައީސް ވިދާޅުވި އެވެ.

ދަނޑުވެރިންގެ އުފެއްދުންތަކަކީ އޯގަނިކް ތަކެތިކަން ޔަގީންކޮށްދޭ ނަމަ ބޮޑު އަގުގައި އެ ތަކެތި ވިކޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް